ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެއިންތިހާބުގައި “ރައްޔިތުންގެ ޓީމް” ގެ ނަމުގައި އަމިއްލަގޮތުން ވާދަކުރި ޓީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ ޓީމެއް ކަމަށް، އެ ޓީމް ލީޑްކުރައްވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.
ސޮބާހް ވިދާޅުވި ގޮތުގައި، ސަރުކާރާ ގުޅިގެން ކުރިއަށްދިއުމަށް ނިންމާފައިވާ މި ޓީމުގެ ފަރާތުން ޕީއެންސީގެ ދެ ޖަގަހަ ވަރަށް އަވަހަށް އިހަވަންދޫގައި ހުޅުވާނެއެވެ. މިހާރުވެސް “ރައްޔިތުންގެ ޓީމް” ގެ ޖަގަހައެއް އިހަވަންދޫ ނޫރުމަންޒިލްގޭގައި ހިންގަމުންދާއިރު، އިންތިޚާބަށްފަހުވެސް ބައެއް ރޭރޭ އެތަނުގައި ސިޔާސީ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
މީގެ އިތުރުން، އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙްމަދު ނަސީރު އިސްވެ ހިންގަވާ ޕީއެންސީ “ބޮޑުތަކުރުފާނު މާލަމު” ގައިވެސް ކޮންމެ ރެޔަކުހެން ސިޔާސީ އެކި ހަރަކާތްތަކާއި ބައްދަލުވުންތައް ބާއްވަމުންދާކަން ފާހަގަކުރެވެއެވެ.
ސޮބާހް އިތުރަށް ވިދާޅުވީ، “ރައްޔިތުންގެ ޓީމް” ގެ ފަރާތުން އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވި ތިން މެންބަރުންވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރާއެކު މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު ވަރަށް އަވަހަށް ވެރިކަންކުރާ ޕީއެންސީއާ ރަސްމީކޮށް ގުޅޭނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދެއްވާފައެވެ.