ބީރުބަލްގެ ބުއްދި: ކާޅު ގުނުން!

އައިމިނަތު ޔޫލީ

މޫގަލް ރަސްކަމުގެ އެންމެ ވަރުގަދަ ދުވަސްވަރެވެ. އަކްބަރު ރަސްގެފާނުގެ،  ވަޒީރުންނާއި އޮފިޝަލުން ތިއްބެވީ ގަނޑުވަރުގެ ދަރުބާރަށް ހާޒިރުވެ ރަސްގެފާނުގެ އަރިހުގައެވެ. ދަރުބާރުގެ ވަށައިގެންވާ ބަގީޗާގެ ގަސްތަކުގައިވާ މާގަސްތަކުގެ މީރުވަހާއި، ފެންއަރުވާ ވަޑާންތަކުގެ އަޑުން މުޅި މާހައުލަށް ދިރުން ގެނެސްދެއެވެ.

ކުއްލިއަކަށް ރަސްގެފާނުގެ ނަޒަރު ހުއްޓުނީ  ދަރުބާރުގެ ވަށައިގެންހުރި ގަސްތަކުގެ މަތީގައި އުދުހެމުންދިޔަ ކާޅުތަކަށެވެ. ރަސްގެފާނުގެ ހިތްޕުޅަށް އަނެއްކާވެސް އައީ މަޖާ ސުވާލެކެވެ. ރަސްގެފާނު ވަޒީރުންނަށް ބައްލަވާލެއްވުމަށްފަހު ވިދާޅުވިއެވެ.

“މި ޝަހަރުގައި (ސިޓީގައި) އުޅެނީ ޖުމްލަ ކިތައް ކާޅުކަން ތިޔައިގެ ތެރެއިން ބުނެދެވޭނީ ކާކަށް ހެއްޔެވެ؟”

ވަޒީރުން އެކަކު އަނެކަކަށް ބަލާލީ ހައިރާންކަމާއެކުގައެވެ. މުޅި ސިޓީގައި އުޅޭ ކާޅުތައް ގުނުމަކީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ އެންމެން ތިބީ ބަސްހުއްޓިފައެވެ. އެވަގުތު ބީރުބަލް ހިނިތުންވެލާފައި ކުރިއަށް ޖެހިލިއެވެ.

“މާތް ރަސްގެފާނެވެ! ތިޔަ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. މި ސިޓީގައި ސާޅީސް ތިންހާސް، ހަސަތޭކަ ނުވަދިހަ ދެ ކާޅު އެބައުޅެއެވެ.” ބީރުބަލް ވަރަށް އިތުބާރާއެކު ދެންނެވިއެވެ.

އަކްބަރު ރަސްގެފާނު ހައިރާންވެވަޑައިގެން ސުވާލުކުރެއްވިއެވެ. “ބީރުބަލްއެވެ! ތިހާ ޔަގީންކަމާއެކު ތި އަދަދު ތި ބުނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެން ގޮސް ގުނާއިރު ތި އަދަދަށްވުރެ ގިނަވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟”

ބީރުބަލް އަދަބުވެރިކަމާއެކު ޖަވާބު ދިނެވެ. “ރަސްގެފާނެވެ! ގުނާއިރު އަދަދު ގިނަވެއްޖެނަމަ، އޭގެ މާނައަކީ ރަށުން ބޭރުގައި އުޅޭ ކާޅުތަކުގެ ތެރެއިން ބައެއް ކާޅުތައް އެމީހުންގެ ތިމާގެ މީހުންނާ ބައްދަލުކުރަން މި ސިޓީއަށް އައީއެވެ. އަދި އަދަދު މަދުވެއްޖެނަމަ، އޭގެ މާނައަކީ މި ސިޓީގެ ބައެއް ކާޅުތައް ރަށުން ބޭރުގައި ތިބި އެމީހުންގެ ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތަކަށް ދިޔައީއެވެ.”

އަކްބަރު ރަސްގެފާނު ބީރުބަލްގެ މި ހުޝިޔާރު ޖަވާބާ މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހި، ބާރަށް ހިނިފުޅުވަޑުވައި ގިނަ އިނާމުތަކެއް ބީރުބަލްއަށް ދެއްވިއެވެ.


ވާހަކައިގެ އިބުރަތް:

މި ވާހަކައިން ވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދެއެވެ.

  • ވިސްނުންތެރިކަމާއެކު ޖަވާބުދާރީވުން: ކޮންމެ ސުވާލަކީ ނުވަތަ މައްސަލައަކީ އޭގެ ސީދާ ހިސާބީ ޖަވާބު ހޯދަންޖެހޭ ކަމެއް ނޫނެވެ. ބައެއް ފަހަރު ބޭނުންވަނީ ހާލަތާ ގުޅޭ، ބުއްދިވެރި “ލޮޖިކަލް” ޖަވާބެކެވެ.

  • ހާސްނުވެ ހައްލު ހޯދުން: އެހެން ވަޒީރުން ކާޅު ގުނާނެ ގޮތަކާ މެދު ހާސްވެ، އިސްޖަހާލައިގެން ތިބިއިރު، ބީރުބަލް ދެއްކީ މައްސަލައަށް ފަސޭހަ ނަޒަރަކުން ބަލާނެ ގޮތެވެ.

  • ކޮންމެ ކަމަކަށްވެސް ސަބަބެއް އޮންނާނެކަން ގަބޫލުކުރުން: ދިރިއުޅުމުގައި ކަންކަން ބަދަލުވާ ހާލަތްތަކުގައި (އަދަދު ގިނަވުން ނުވަތަ މަދުވުން ފަދަ)، އެކަމުގެ ފަހަތުގައި އޮތް ސަބަބު ދެނެގަނެ، އެއަށް ތައްޔާރުވެ ހުރުމުގެ މުހިންމުކަން މިއިން އެނގެއެވެ.