ކަރަންޓް ބިލް ބޮޑުވާ ސަބަބު މިއޮތީ؟ ސަރުކާރުތަކުން ބޮލަށް ޗިޕު ޖެހިޔަނުދީ!

ޒިޔާޢު އަހްމަދު

މި ދުވަސްވަރަކީ ދިވެހިންގެ އެންމެ ބޮޑު ޝަކުވާއަކަށް ކަރަންޓު ބިލް ބޮޑުވުން ވެފައިވާ ދުވަސްވަރެކެވެ. ރަމަޟާން މަހު ސަރުކާރުން ދިން ހާއްސަ ސަބްސިޑީއަށްފަހު، މިމަހު ލިބުނު ބިލްތައް ދެގުނަ ނުވަތަ ތިންގުނަ ބޮޑުވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. 1000ރ އަރާ ބިލްތަކަށް 3000ރ އެރުމުން، އާންމުންގެ ސުވާލަކީ “ދިން އެތިކޮޅު އަނބުރާ އަތުލީ ހެއްޔެވެ؟” ނުވަތަ މީގެ ފަހަތުގައި އެހެން ސަބަބުތަކެއް އެބަހުރި ހެއްޔެވެ؟

ކޮންމެ އަހަރެއްގެވެސް ކަރަންޓް ބިލް ބޮޑުވާ ދުވަސްވަރު ސަރުކާރުން ނުވަތަ ކަރަންޓް ކުންފުނިން ބުނަނީ ބިލް ބޮޑުވަނީ ހޫނު ގަދަވުމުގެ ސަބަބުން، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމުގައެވެ. އެއީ ދޮގެކޭ ބުނެވޭކަށްނެތެވެ. މި ރިޕޯޓްގެ ބޭނުމަށް އަޅުގަނޑުމެން އަޅާކީ 10 ވަރަކަށް ބިލުން ފެނުނީ ގަދަ ހޫނާއިއެކު ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވެފައިވާ ކަމެވެ. އާނމުކޮށް %25 އާއި %70 ގެ އިތުރުވުމެއް އައިސްފައިވެއެވެ.

ނަމަވެސް އާމުން ކަންބޮޑުމިވަނީ ކަރަންޓް ބިލް ބައެއް ގޭގެއިން %200 ބޮޑުވެފައި ވާތީއެވެ. ވީމާ މީގެން ބުނެމިދެނީ ކަރަންޓް ބޭނުންކުރާވަރު އިތުރުވާ ނިސްބަތާއި ކަރަންޓް ބިލް ބޮޑުވާ ނިސްބަތާއި ހާސްބައި ތަފާތުހުރި ކަމެވެ. ވީމާ ކަރަންޓް ކުންފުނިން ބުނާވާހަކައިގެ އަޑާއި މަންޒަރު ދިމާނުވާ ސަބަބުގެ އަސްލަށް ޖެހިލާއިރު މިއީ އެކުންފުނިތަކަށް އަދި ސަރުކާރަށްވެސް ދައްކަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ.

“ޕްރޮގްރެސިވް ޓެރިފް”: ބިލް ބޮޑުވާ އަސްލު ސަބަބު

ކަރަންޓު ބިލް ބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ކަރަންޓަށް އަގު ނަގަން ބޭނުންކުރާ “ޕްރޮގްރެސިވް ޓެރިފް” ނިޒާމެވެ. މިއީ ބޭނުންކުރާ ޔުނިޓް ގިނަވާވަރަކަށް، ކޮންމެ ޔުނިޓަކަށް ޖެހޭ އަގު ބޮޑުވަމުންދާ ނިޒާމެކެވެ.  މިސާލަކަށް ބަލަމާ ހިނގާށެވެ. ގޭގައި 400 ޔުނިޓް ބޭނުންކުރާނަމަ، ޖެހޭނީ ގާތްގަނޑަކަށް 575.00ރ އެވެ. ނަމަވެސް، ހޫނުގަދަވުމުގެ ސަބަބުން އިތުރަށް 400 ޔުނިޓް (ޖުމްލަ 800 ޔުނިޓް) ބޭނުންކުރެވިއްޖެނަމަ، ބިލް 1927ރ އިން މައްޗަށް އަރާނެއެވެ. ބައްލަވާށެވެ! ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވީ %100 އެވެ. ނަމަވެސް ބިލުގެ އަގު މިވަނީ %235 އިތުރުވެފައެވެ. މީގެ ސަބަބަކީ ބޭންޑްތަކަށް އަގު ކަނޑައެޅިފައިވާ ގޮތެވެ:

  • 0 – 400 ޔުނިޓަށް: ޔުނިޓަކަށް 1.50ރ.

  • 401 – 500 ޔުނިޓަށް: ޔުނިޓަކަށް 2.66ރ. (%77 ބޮޑުވުމެއް)

  • 501 – 600 ޔުނިޓަށް: ޔުނިޓަކަށް 3.20ރ.

  • 601 ޔުނިޓުން މައްޗަށް: ޔުނިޓަކަށް 3.83ރ.

ވީމާ، ހޫނުވުމުގެ ސަބަބުން ކުޑަކޮށް އިތުރަށް އޭސީ ޖެއްސުމުން، ތިބާގެ ބިލް އެންމެ އަގުބޮޑު ބޭންޑަށް ފުންމާލަނީއެވެ. މިހެންވެ، ބޭނުންކުރާ މިންވަރު ކުޑަކޮށް އިތުރުވިޔަސް، މަތީ ބޭންޑްތަކުގެ އަގު ބޮޑުކަމުން ބިލް ބޮޑުވާ ނިސްބަތް އިންތިހާއަށް މަތިވެގެންދެއެވެ.

މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރެވެ. މިކަމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރަށް ބޮޑު ބަދަލެއް އާދެއެވެ. އިންވާޓަރު އޭސީއަކީ އާންމުކޮށް ކަރަންޓު ސަލާމަތްކުރާ އެއްޗެކެވެ. ނަމަވެސް، ބޭރުގެ ފިނިހޫނުމިން ވަރަށް މަތިވުމުން (39-34 ޑިގްރީ ސެލްސިއަސް)، އޭސީގެ ކޮމްޕްރެސަރަށް ކޮޓަރި ފިނިކުރަން “ފުލް ޕަވަރުގައި” މެދުނުކެނޑި މަސައްކަތްކުރަން ޖެހެއެވެ. ކޮމްޕްރެސަރު ނުކެނޑި ހިނގުމުން، އިންވާޓަރުގެ ފައިދާ ކެނޑި، އާދައިގެ އޭސީއަށްވުރެ ގިނައިންވެސް ކަރަންޓު ދަމާފާނެއެވެ. ބޭރުގެ ހޫނުމިން މަތިވުމުން ފްރިޖްގެ އެތެރެ ފިނިކޮށް ބެހެއްޓުމަށްޓަކައި މޮޓަރު ގިނައިރު ހިންގަންޖެހެއެވެ. މިއީވެސް ބިލަށް އިތުރުވާ ޔުނިޓްތަކެކެވެ.

ރަމަޟާން މަހު ސަރުކާރުން ދިން ލުޔަކީ ބިލް 400ރ އަށްވުރެ ބޮޑުނުވާނެ ގޮތަށް ހެދުމެވެ. ނަމަވެސް އޭގެ މާނައަކީ އެމަހު ކަރަންޓު ބޭނުންކުރި މިންވަރު މަދީއެއް ނޫނެވެ. ރަމަޟާން މަހު ގޭގޭގައި ކެއްކުމާއި، އޭސީ ބޭނުންކުރުން އާންމު މަސްމަހަށްވުރެ ގިނަވެއެވެ. އެމަހުގެ ބިލުން ދެއްކީ ހަމައެކަނި 400ރ ކަމަށްވިޔަސް، ހަގީގަތުގައި ބޭނުންކުރެވުނު ޔުނިޓްގެ އަދަދު ހުރީ ވަރަށް މަތީގައެވެ. މިމަހުގެ ބިލް ލިބުނުއިރު ސަބްސިޑީ ކެނޑި، އަސްލު ބޭނުންކުރި ޔުނިޓަށް ބިލްކުރުމުން، ކުއްލިއަކަށް ބޮޑު ބަދަލެއް އައިހެން އިހުސާސްވަނީއެވެ.

މީގެ އިތުރުންވެސް ކަރަންޓް ބިލް ބޮޑުވުމަށް މަގުފަހިވާ ކަންކަންހުރެއެވެ. ވައިރިން ދޯހަޅި ވުމުގެ ސަބަބުން ނުވަތަ “އާތު ލީކް” ވުމުގެ ސަބަބުން ކަރަންޓު އިސްރާފުވެ ބިލް ބޮޑުވެދާނެއެވެ. އަދި ވަޔަރިން ކޮށްފައި ހުންނައިރު ކަރަންޓް ނަރަށް ހޫނުވާގޮތަށް ނަރު އަޅާފައި ހުރުމުން ކަރަންޓްގެ ހަރަދު ބޮޑުވާނެއެވެ. ވަރަށް މަދުން ނަމަވެސް މީޓަރުގައި މައްސަލަ ޖެހިގެން ރީޑިންގް ނުބައިކޮށް ދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.

ކަރަންޓު ބިލް ބޮޑުވުމަކީ ހަމައެކަނި އަގަށް އައި ބަދަލެއް ނޫނެވެ. މިއީ މޫސުމީ ހޫނުގަދަވުމާއި، އަގު ކަނޑައެޅިފައިވާ “ބޭންޑް” ތަކުގެ އުސޫލާއި، އަދި ރަމަޟާން މަހުގެ ސަބްސިޑީއަށްފަހު އައި ބަދަލުގެ ނަތީޖާއެވެ. މި ދުވަސްވަރު ކަރަންޓު އިސްރާފު ކުޑަކުރުމަކީ ބޮޑު ބިލަކުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގެވެ.

ސަރުކާރުން އަދި ކަރަންޓް ކުންފުނިންވެސް ކަރަންޓްގެ އަގު އަތްނުފޯރާވަރުވާ އަސްލު ސަބަބުގެ ވާހާކައެއް ނުދައްކައެވެ. އެއީ ޓެރިފް ރޭޓުތައް އެއްހަމަކުރުން ނުވަތަ ބެއިސިލް ބޭސް ލައިން ބޮޑުކުރުމަކީ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ ކަރަންޓް ކުންފުނިތައް ބަނގުރޫޓްވާނެ ކަމަކަށް ވާތީއެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ހާހުން އެކުންފުނިތަކަށް މުވައްޒަފުންނަގައި ހާހުން މުވައްޒަފުންނަށް ޕްރޮމޯޝަން ދިންނަމަވެސް އެކަން ނުކޮށް ޕްރޮގްރެސިވް ޓެރިފް ރޭޓްތަކުގައި އަތްލަން ކެރުނު ވެރިއަކު އަދި މިޤައުމު ނުދެކެވެ. އެއީ ކަރަންޓް ބިލްތައް ބޮޑުވުން ނުހުއްޓުވިގެން އުޅޭ އަސްލު ސަބަބެވެ.

ވީމާ ކަރަންޓު ބިލް ބޮޑުވުމަކީ ހަމައެކަނި މޫސުމީ ކަމެއް ނޫނެވެ. އެއީ މޫސުމާއި، ބޭންޑްތަކަށް އަގު ކަނޑައެޅިފައިވާ “ބޭއިންސާފު” އުސޫލާއި، އަދި ކުންފުނިތަކުގެ އިދާރީ ހިންގުމާ ގުޅިފައިވާ ކަމެކެވެ. މި ނިޒާމަށް ބަދަލެއް ނައިސް، ކޮންމެ އަހަރަކުވެސް ރައްޔިތުން ޖެހޭނީ “ހޫނުގަދަވީމާ” އޭ ބުނާ ބުނުމަށް ހިތްހަމަޖައްސާލައިގެން ތިބޭށެވެ.