ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ފިރާގު، ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުމަށް ނިންމައިފިއެވެ.
ފިރާގު މިކަން ހާމަކުރެއްވީ މިއަދު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ނިންމުމަކީ އޭނާގެ ކެންޕެއިން ޓީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިއްތިފާގުން ނިންމި ނިންމުމެކެވެ. “އަޅުގަނޑަށް އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި ހަރަކާތްތެރިވި މުޅި ކެންޕެއިން ޓީމުގެ އިއްތިފާގުންނާއި އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ގިނަ ސަޕޯޓަރުންގެ އެދުމުގެ މަތިން، މިނިވަން މެންބަރެއްގެ ގޮތުގައި އަޅުގަނޑު ކައުންސިލަށް އިންތިހާބުވެފައި ވީނަމަވެސް، މުޅި އިންތިހާބުގެ ނަތީޖާއިން އިދިކޮޅު އެމްޑީޕީއަށް މެޖޯރިޓީލިބިފައިވާ ހިނދު، އަމިއްލަ ހައިސިއްޔަތުން ކުރިއަށް ދިއުމަށްވުރެ، މުޅި ރަށުގެ ތަރައްޤީ ހަލުވި ކުރުމަށް އަޅުގަނޑުގެ ފަރާތުން މަސައްކަތްތަކެއް ކޮށްދެވެން އޮތީ ސަރުކާރާއި ގުޅިގެން ކަމަށް ފެންނާތީ އަޅުގަނޑު ޕީއެންސީއާއި ގުޅިގެން ކުރިއަށް ދިއުމަށް ނިންމާފީމެވެ.” ފީރާގު ބުނެފައިވެއެވެ.
ފިރާގު އިންތިހާބުކުރީ 743 ވޯޓާއިއެކު ކައުންސިލް މެމްބަރު ކަމުގެ ގޮނޑިއަށް ވާދަކުރި 8 ކެނޑި ޑޭޓުންގެ ތެރެއިން 2 ވަނަ ހޯދައިގެންނެވެ. ފިރާގު އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރީ ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅުމުން އޭނާ ޝަރުތު ހަމަނުވާކަމަށް އެޕާޓީއިން ނިންމުމުންކަން ފާހަގަކުރެވެއެވެ.