އިހަވަންދޫގައި ވޮލީއަށް ހާއްސަ ފުރަތަމަ އެކަޑަމީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫގައި ވޮލީބޯޅައިގެ ހުނަރު ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިވާ ކުދިން ތަމްރީން ކުރުމަށްޓަކައި  އުފެއްދި އިހަވަންދޫ ޔޫތް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“އިހަވަންދޫ ޔޫތް އެކަޑަމީ” ގެ ނަމުގައި ހިންގާ މި އެކަޑަމީއަކީ 2025 ވަނަ އަހަރުގެ މާރިޗް މަހުގެ 13 ވަނަ ދުވަހު ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އެކަޑަމީއެކެވެ. މިއީ އިހަވަންދޫގައި ވޮލީބޯޅައަށް  ހާއްސަކޮށްގެން ހުޅުވުނު މިފަދަ ފުރަތަމަ އެކަޑަމީއެވެ.

އިހަވަންދޫ ޔޫތް އެކަޑަމީގެ އެއް ފައުންޑިންގ މެމްބަރު ކަމަށްވާ، ތަޖްރިބާކާރު ކުޅުންތެރިޔާ އަދި ކޯޗް އަހްމަދު އަބުދުއްސަމަދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އެކަޑަމީ އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީ އިހަވަންދޫގައި ވޮލީބޯޅަ ކުރިއެރުވުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިހަވަންދޫގައި ވޮލީބޯޅައިގެ ފޯރި އާއި ހާލަތު މިހާރު އޮތީ ވަރަށް ދަށް ފެންވަރެއްގައެވެ.

މި އެކަޑަމީގެ ތަމްރީންތައް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ  އިހަވަންދޫގެ އެހެން އެކަޑަމީ ތަކާއި ތަފާތު ގޮތަކަށެވެ. އެގޮތުން ރާއްޖޭން ބޭރުގެ ޕްރޮފެޝަނަލް ކޯޗެއްގެ އިރުޝާދުގެ ދަށުން ތަމްރީންތައް ކުރިއަށްގެންދާއިރު، ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުންގެ އެހީތެރިކަންވެސް ތަމްރީން ޕްރޮގްރާމްތަކުގައި ހޯދުމަށް ވަނީ ނިންމާފައެވެ.

އިހަވަންދޫ ޔޫތް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު 10 އަހަރުން މަތީގެ ދެ ޖިންސްގެ ކުދިންނަށްވެސް ވަނީ ހުޅުވާލާފައެވެ. މި އެކަޑަމީގެ ތަމްރީންތަކުގައި ބައިވެރިވާ ކުދިންގެ އަތުން މަހު ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 200 ރުފިޔާއެވެ. މި އެކަޑަމީގައި ރަޖިސްޓްރީވުމަށް ޖެހެނީ 7928180 ނަންބަރު ފޯނާއި ގުޅައިގެން ރަޖިސްޓްރީވުމުގެ މަރުހަލާ ފުރިހަމަކުރާށެވެ.

އިހަވަންދޫގައި މިހާރުވެސް ފުޓްބޯޅަ އަދި ހެންޑް ބޯޅައަށް ހާއްސަކޮށްގެން 3 އެކަޑަމީއެއް ހިންގައެވެ.