މިއަހަރުގެ އަޟްޙާ ޢީދުގައި ހއ. އިހަވަންދޫގައި ބޭއްވުނު އީދު ކުޅިވަރުތަކަކީ ފަހުގެ ތާރީޚެއްގައި އިހަވަންދޫގައި އެންމެ ރޭވުންތެރިކޮށް، އަދި އެންމެ އެއްބައެއްގެ ގޮތުގައި ރައްޔިތުން ބައިވެރިވި ފުރިހަމަ އީދު ކަމަށާއި، މި ކާމިޔާބީއާއެކު އިހަވަންދޫގެ އައު ކައުންސިލްގެ ފެށުން ބޮޑުތަނުން ރަނގަޅު ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިހެން ވިދާޅުވި ދާދި ދެންމެ އަކު ސޯޝަލްމީޑިއާގައި ޖެއްސެވި ޕޯސްޓެއްގައެވެ.
މިއަހަރުގެ ބޮޑުއީދުގެ ހަރަކާތްތަކާ ގުޅޭގޮތުން މެންބަރު ޝިފާއު ވިދާޅުވީ، މިފަހަރުގެ އީދަކީ އިހަވަންދޫގެ ތާރީޚުގައިވެސް ރަށުގެ ރައްޔިތުން އެންމެ އެއްބައެއްގެ ގޮތުގައި ފެނިގެންދިޔަ، އަދި އެންމެ ބަދަހި އެއްބައިވަންތަކަމެއް ދެއްކި އުފާވެރި އީދު ކަމަށެވެ. “އައު ކައުންސިލްގެ ފެށުން ބޮޑުތަނުންވެސް ރަނގަޅު” ޝިފާއު ލިއުއްވާފައިވެއެވެ.
މިކަމާ ބެހޭގޮތުން ސުވާލުކުރުމުން، ކުރީގެ މެންބަރު ޝިފާއު އެންމެ ބޮޑަށް ފާހަގަކުރެއްވީ އިހަވަންދޫގެ އައު ކައުންސިލުން އީދު ފާހަގަކުރުމަށް އިސްނަގައިގެން ކުރި ހިންގުންތެރި މަސައްކަތްތަކެވެ. ޝިފާއު ވިދާޅުވީ، ކައުންސިލުން ރަށުގެ ރައްޔިތުން ގޮވައިގެން ނިކުމެ ދެއްކީ ނަމޫނާ މަސައްކަތްތަކެއް ކަމަށާއި، އައު ކައުންސިލްގެ ފެށުން މިވަނީ ބޮޑުތަނުން ރަނގަޅުވެފައިކަން މި އީދުގެ ތަރުތީބުން އެކަނިވެސް ސާބިތުވެއްޖެ ކަމަށެވެ.
“އައު ކައުންސިލުން ވަގުތު އޮއްވައި ރައްޔިތުންނާ ގާތުން، ވަރަށް ރޭވުންތެރިކޮށް ކުރި މަސައްކަތުގެ ނަތީޖާ މިއަދު މި ފެނުނީ. މިއީ ފަހުގެ ތާރީޚެއްގައި މި ރަށުގައި އެންމެ އިންތިޒާމުވެގެން ބޭއްވުނު އީދު ކުޅިވަރު،” މެންބަރު ޝިފާއު ފާހަގަކުރެއްވިއެވެ.
ޝިފާއު އިތުރަށް ވިދާޅުވި ގޮތުގައި، ސަގާފީ ކުޅިވަރުތަކާއި ޒަމާނީ އެކި ހަރަކާތްތައް ރާވާ ހިންގުމުގައި ރަށުގެ ޒުވާނުންނާއި، އިސްރަށްވެހިން އަދި އެކި މުއައްސަސާތަކުން ދެއްކި އެއްބާރުލުމުގެ ސަބަބުން ރަށުގެ އިޖުތިމާއީ ރޫހަށް ބޮޑު ދިރުމެއް ވަނީ ލިބިފައެވެ. އަދި އީދަށް ރަށަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ މީހުންނާއެކު ރަށުގެ ވިޔަފާރިތަކަށާއި އިގްތިސާދަށްވެސް މީގެ ފައިދާ ކުރިކަން މެންބަރު ފާހަގަކުރެއްވިއެވެ.
ޝިފާއު ވަނީ، އިހަވަންދޫއަށް މިފަދަ ފުރިހަމަ އަދި އުފާވެރި އީދެއް ހޯދައިދިނުމަށް ކައުންސިލުން ކުރި ބުރަ މަސައްކަތަށާއި، މުޅި ރަށް އެކަތިގަނޑަކަށް ވެގެން ރައްޔިތުން ދެއްކި ނަމޫނާ އެއްބައިވަންތަކަމަށްޓަކައި ކައުންސިލަށާއި ރަށުގެ އެންމެހާ ރައްޔިތުންނަށް ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.
މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އިހަވަންދޫގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ހަރަކާތްތައް ބަދަލުގެނެސް ފަސްކުރަން ޖެހުނުނަމަވެސް ކުރިޔަށްގެންދިޔަ ހަރަކާތްތަކުގައި ގިނަބަޔަކު ބައިވެރިވިއެވެ. އީދު ވެދުމާ ދިއުމާއި ހުޅުރޯކުރުމުން އީދުގެ ހަރަކާތްތައް ފެށިއިރު، އިހަވަންދޫގެ ދެ ޖަމިއްޔާ ކަމަށްވާ އިމަގު އަދި ޕޯލްސްޓަރ އިން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔައެވެ. އަދި އިހަވަންދޫގެ މުއައްސަސާތަކާއި ކުންފުނިތަކުންވެސް ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވިއެވެ.