އައި. ކްލަބްގެ ވަންޑޭކަޕް މިމަހުގެ 5 ގައި ފަށަނީ؛ މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ ސާރކްއާ ގުޅިގެން!

މުޙައްމަދު އަކުރަމް

މާލޭގައި ދިރިއުޅޭ ހއ. އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮންނަ އިޖުތިމާޢީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި އައި. ކްލަބުން އިންތިޒާމުކުރާ “ވަންޑޭ ކަޕް” މިމަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތަކީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި މަޤްބޫލު، ދިގު ތާރީޚެއް އޮތް މުބާރާތެކެވެ. އެގޮތުން މި މުބާރާތް ބާއްވާތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ސާރކް” އާއި ގުޅިގެންނެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މުބާރާތުގެ ގަވާއިދަށް ބައެއް ބަދަލުތައް ގެނެސްފައިވާއިރު، މިފަހަރުގެ މުބާރާތް ވަނީ މާލެ ސަރަހައްދުގައި އުޅޭ އިހަވަންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޚާއްޞަކޮށްފައެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ ލިސްޓުގައިވެސް، އިހަވަންދޫ ނުވަތަ ހއ. އަތޮޅަށް ނިސްބަތްނުވާ ހިމެނޭނީ އެންމެ ކުޅުންތެރިއަކަށެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އެންވީކޭ (NVK) އެވެ. އައި. ކްލަބުން އުންމީދު ކުރަނީ މި މުބާރާތުގެ ސަބަބުން މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.