ކްލަބު ޕޯލްސްޓަރގެ ސަގާފީ ހަރަކާތްތަކަށް ބޮޑު ސަމާލުކަމެއް ...

.

މިއަހަރުގެ އަޟްހާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ހއ. އިހަވަންދޫގައި ކުރިއަށްދިޔަ “ބަދަހި ޢީދު” ހަރަކާތުގެ ތެރެއިން،  ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ހުށަހަޅައިދިން ފޯރިގަދަ ސަގާފީ ހަރަކާތްތަކަށް މުޅި ރާއްޖޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އިހަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، އަތޮޅުގެ އެކި ރަށްރަށުން ޢީދު ބަންދަށް ޒިޔާރަތްކުރި ފަރާތްތަކުގެ ބޮޑު ތަރުހީބަކާއެކު ކުރިއަށްދިޔަ މި ހަރަކާތްތަކަކީ، ދިވެހިންގެ ތެރެއިން އުވެމުންދާ ސަގާފީ ކުޅިވަރުތައް އާލާކޮށް، އަންނަން އޮތް ޖީލުތަކަށް އެ ކަންކަން ދަސްކޮށްދިނުމުގެ މަގުސަދުގައި އިހަވަންދޫ ކައުންސިލުން އިންތިޒާމުކުރި ހަރަކާތްތަކެކެވެ.

މި ހަރަކާތްތަކުގެ ތެރެއިން އެންމެ ހޫނު ތަރުހީބެއް ލިބިގެން ދިޔައީ ފިރިހެން ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ ދަފިނެގުމުގެ ހަރަކާތަށެވެ. ބެރުގެ ފޯރިގަދަ ހަމަތަކަށް، ފިރިހެންވެރިންގެ ފިސާރި ކުޅަދާނަކަން ދައްކުވައިދިން މި ހުށަހެޅުން ފެނިގެންދިޔައީ މުޅި މައިދާން ގުގުމާލި، ބެލުންތެރިންގެ ލޭ ކައްކުވާލި ފޯރިގަދަ ހުށައެޅުމެއްގެ ގޮތުގައެވެ. ދަފިނެގުމުގެ އިތުރުން، ފިރިހެނުންގެ ކުރުދަނޑި ޖެހުމާއި، މާފަތި ނެށުން ވެސް ކުރިއަށްދިޔައީ ވަރަށް ފުރިހަމައަށެވެ.

މީގެ އިތުރުން، ސީޕީއެސްގެ ކަނބަލުންގެ ހުށަހެޅުންތައް ވެގެންދިޔައީ ފަރިފަރި އަދި އެހާމެ ނަލަނަލަ ހުށައެޅުންތަކަކަށެވެ. އެކަނބަލުން ބަނޑިޔާ އާއި މާފަތީގެ ހަރަކާތުން ސިފަވެގެން ދިޔައީ އުދަރެހުގައި އުދުހޭ ދޫނިތަކެއް ފަދަ ލުއި، ފަރި،  ހިތްގައިމު ހަރަކާތްތަކެއްގެ ގޮތުގައެވެ. ކަނބަލުންގެ ކުރުދަނޑީގެ ހަރަކާތުގައި އެކަނބަލުން ބެރުގެ މަޑު ހަމަތަކަށް ފައި ހަމަކުރަމުންދިޔަ އެ ފަރިގޮތްތަކުން ބެލުންތެރިންގެ ހިތްތަކަށް ފިނިކަން ގެނުވިއެވެ.

މީގެއިތުރުން އަންހެނުންނާއި ފިރިހެނުން އެކުވެގެން ހުށަހަޅައިދިން “މާކޯޅި” ހަރަކާތް ވެގެން ދިޔައީ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަމާއި ބަދަހިކަން ރަމްޒުކޮށްދިން، އިހަވަންދޫގެ މި ފަހަރުގެ އީދުގައި ފެނިގެންދިޔަ އެންމެ ތަފާތު އެއް ހުށަހެޅުމަށެވެ. ސީ.ޕީ.އެސް އިން ހުށަހަޅާދިން ސަގާފީ ހުށަހެޅުންތަކުގެ އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ހުރިހާ ހުށަހެޅުންތަކެއްގެ ޅެންތައް ހަދާފައިވަނީ އިހަވަންދޫގެ ދަރިންކަމެވެ.

މި ހަރަކާތްތައް މީޑިއާގައި އިޝްތިހާރުވެގެން ދިއުމާއެކު، އިހަވަންދޫގެ ޢީދު ފޯރި ވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ.  ސޯޝަލް މީޑިއާގައާއި އިހަވަންދޫގައި ކުރިއަށް ދިޔަ މި ހަރަކާތްތަކުގެ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުންދާއިރު، ގިނަ ބަޔަކު އަންނަނީ ކްލަބް ޕޯލްސްޓާގެ މި މަސައްކަތަށް ތަޢުރީފު ކުރަމުންނެވެ.

ކުލަބު ޕޯލްސްޓަރގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ މި ހަރަކާތްތަކަށް ލިބުނު ބޮޑު ތަރުހީބަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަސައްކަތްތަކެއް ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ޢީދުގައި މިއަށްވުރެވެސް ކުލަގަދަ، އަދި މުޅި ރާއްޖެ ސިއްސުވާލާފަދަ ތަފާތު ސަގާފީ ހަރަކާތްތަކަކާއެކު ކްލަބް ޕޯލްސްޓަރ އިހަވަންދޫގެ ޢީދު މަޖަލުން ފެނިގެންދިއުން ކަމަށް ވިދާޅުވިއެވެ.