މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބް (ސާކް) އިން އިންތިޒާމުކޮށްގެން  ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސަލް މުބާރާތް، “އިހަވަން ފުޓުސަލް ޗެލެންޖް” މިއަހަރު ނޯންނާނެކަން އެ ކުލަބުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދީފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި މުބާރާތް ބާއްވާނެކަމަށް ސާކުން ކުރިން އިއުލާންކޮށްފައިވީ ނަމަވެސް، މުބާރާތް މިއަހަރު ނުބާއްވާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ. ސާކްގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، މި ނިންމުން ނިންމީ މުބާރާތް މިހާރަށްވުރެ ރަނގަޅަށް އިންތިޒާމުކޮށް، ފެންވަރު ރަނގަޅުކޮށް ކުރިއަށް ގެންދިއުމުގެ މަގްސަދުގައެވެ.

“މަސައްކަތް ކުރަނީ އަންނަ އަހަރު މި މުބާރާތް ބޭއްވުމަށް. ރަނގަޅަށް އިންތިޒާމްކުރެވި، ފެންވަރު ރަނގަޅަށް ގެންދެވޭނެ ގޮތްތައް ފަހިވީމާ މުބާރާތް އިއުލާންކުރަން ގަސްތުކުރަނީ،” ސާކްގެ އޮފިޝަލް ވިދާޅުވިއެވެ.

އިހަވަން ފުޓްސަލް ޗެލެންޖަކީ 2023 ވަނަ އަހަރުން ފެށިގެން ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބާއްވަމުން އައި “ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް” ރިބްރޭންޑްކޮށްގެން މިދިޔަ އަހަރު ބޭއްވި މުބާރާތެކެވެ. ކުރިން ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތް ރިބްރޭންޑް ކުރުމަށްފަހު، މިހާރު ޚާއްސަކޮށްފައިވަނީ ހއ. އަތޮޅުގެ ރަށްތަކަށެވެ.

މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ފޯރިގަދަ ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އެންވީކޭ އެވެ. އެ އަހަރުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 7،000 ރުފިޔާ ދީފައެވެ.

ފަހުގެ ތާރީޚެއްގައި އިހަވަންދޫގައި އެންމެ އިންތިޒާމުތައް ފުރިހަމަކޮށް ބާއްވަމުން އައި މި މުބާރާތް މިއަހަރު ނޯންނާނެކަން އެނގުމަކީ، އިހަވަންދޫގެ އިތުރުން މުޅި އަތޮޅުގެ ފުޓްސަލް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.