ކްރެޑިޓް ކާޑުން ޓެމޫއިން އޯޑަރު ޖެހުމުގެ ކުރިން މިއަށް ސަމާލުވެލައްވާ! ބީއެމްއެލްގެ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑަކުން ކުރާ ބޭރުގެ މުއާމަލާތްތަކުން މިހާރު ފީ ނަގަން ފަށައިފި!

ޒިޔާޢު އަހްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާގެ ޑިމާންޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭން ބޭރުގެ މުއާމަލާތްތަކުން ނަގާ ފީ ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަކަށް ފުޅާކޮށްފިއެވެ.

މި ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ބީއެމްއެލްގެ އާ ފީ ޝެޑިއުލްގައިވާ ގޮތުން، ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ކުރާ ބޭރުގެ ހުރިހާ މުއާމަލާތްތަކުން %4 އާއި %30 އާ ދެމެދުގެ އަދަދަކަށް ފީ ނަގާނެއެވެ. މި ފީގެ ބޮޑުމިން ބިނާވަނީ ކުރާ މުއާމަލާތެއްގެ ބާވަތުގެ މައްޗަށެވެ.

އެގޮތުން، ޔޫއެސް ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތްތަކާއި، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކުން %10 އާ ހަމައަށް ފީ ނަގާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ބޭންކުން ކަނޑައަޅާފައިވާ ވަކި ޚާއްޞަ ވިޔަފާރިތަކަކުން ވިޔަފާރިކުރާ ނަމަ، މި ފީ %30 އަށް ބޮޑުވެގެންދާނެއެވެ. އެހެންކަމުން ކްރެޑިޓް ކާޑް ބޭނުންކޮށްގެން ޓެމޫ، އަލީ އެކްޕްރެސް އަދި  އީބޭ ފަދަ ވެބްސައިޓްތަކުން ކުރާ ވިޔަފާރިތަކަށްވެސް ދެން ފީނަގާނެއެވެ. މިމަހުގެ 2 ކުރިން  ކުރެޑިޓް ކާޑް މެދުވެރިކޮށް ކުރި އެމުއާމަލާތަކަށް ފީއެއް ނުނަގައެވެ.

މިއީ މީގެ ކުރިން ގެނައި ބަދަލަށްވުރެ މާ ފުޅާ ބަދަލެކެވެ. މިދިޔަ އަހަރު ބީއެމްއެލް އިން %30 ގެ ފީއެއް ނަގަން ފެށީ ހަމައެކަނި ޓެމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ބޭރުގެ އޮންލައިން ވިޔަފާރި ސައިޓްތަކުން ޑެބިޓް ކާޑްތަކުން ކުރާ ވިޔަފާރިތަކުންނެވެ. އޭރު  ކްރެޑިޓް ކާޑުތަކުން މި ފީއެއް ނުނަގައެވެ. ނަމަވެސް އާ އުސޫލުގެ ދަށުން، ބީއެމްއެލްގެ އެއްވެސް ކާޑެއް މި ފީން އިސްތިސްނާއެއް ނުވެއެވެ.

ބޭރު ފައިސާ ލިބުމުގެ ދަތިކަމާ ހުރެ، ބީއެމްއެލް އިން ވަނީ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް އީ-ކޮމާސް ސައިޓްތަކަށް ފައިސާ ދެއްކޭނެ ލިމިޓްތަކެއްވެސް ދާދިފަހުން ކަނޑައަޅާފައެވެ.

މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ސަބްސްކްރިޕްޝަން ޚިދުމަތްތަކަށް (މަހުން މަހަށް ފައިސާ ދައްކާ ޚިދުމަތްތައް) ފައިސާ ދެއްކުން މި ލިމިޓްތަކުގެ ތެރޭގައި ނުހިމެނޭނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ކަސްޓަމަރުންނަށް ދީފައެވެ. އަދި ބައެއް ކަސްޓަމަރުންގެ ސަބްސްކްރިޕްޝަން ޕޭމަންޓްތައް ފެއިލްވަމުންދާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަދަ ދަތިތަކާ ދިމާވާ ކަސްޓަމަރުން ބޭންކާ ގުޅުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ. ކަސްޓަމަރުން މިކަމާ ޝަކުވާ ކުރަން ފެށީ، ސަބްސްކްރިޕްޝަންތަކަށް ހުރަހެއް ނެތް ކަމަށް ބޭންކުން ބުންްޏަސް، ބައެއް ޕޭމަންޓްތައް ރީޖެކްޓްވަމުންދިއުމާ ގުޅިގެންނެވެ.

ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް މި މަހުގެ ނިޔަލަށް ލުޔެއް ލިބޭނެ ކަމަށް، މި މަހުގެ އެއްވަނަ ދުވަހު ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ބޭންކުން މިވަނީ އުސޫލުތައް އިތުރަށް ހަރުކަށިކޮށްފައެވެ. “ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ހުރެ، މިހާރު ބައެއް ލިމިޓްތައް އެބަ ހިފަހައްޓާ. ނަމަވެސް އިއްޔެ ރައީސް އޮފީހުން ބޭންކުގެ މަޢުލޫމާތު ސާފުކުރުމުން، މި މަހުގެ ނިޔަލަށް ބޮޑެތި ލުއިތަކެއް ތަޢާރަފްކުރާނެ ކަމަށް ބޭންކުން ވަނީ ބުނެފައި،” އެދުވަހު ރައީސް ވިދާޅުވިއެވެ.