%30 ގެ ފީން ސަލާމަތްވެ، ޓެމޫ އާއި އެމެޒޯނުން ހަމަޖެހިލައިގެން ވިޔަފާރިކޮށްލެވޭނެ ސަޅި މަގުތައް މިއޮތީ!

ޒިޔާޢު އަހްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުން ބޮޑެތި ފީތަކެއް ނަގަން ފެށުމާއެކު، އޮންލައިންކޮށް ވިޔަފާރިކުރާ އެތައް ހާސް ދިވެހިންނެއްގެ ރުޅިގަނޑު މިވަނީ ފަޅައިގެން ގޮސްފައެވެ. ހާއްސަކޮށް، ބޭންކަށް ބޮޑު އަހަރީ ފީއެއް ދައްކައިގެން، ބޭރުގެ ވިޔަފާރިތަކަށް ފަސޭހަކުރަން ކްރެޑިޓް ކާޑު ހެދި ކަސްޓަމަރުން ތިބީ އިންތިހާއަށް މާޔޫސްވެ، ނުހަނު ކަންބޮޑުވެފައެވެ.

ބޮޑު ފީ ދައްކައިގެން ގިނަބަޔަކު ކްރެޑިޓް ކާޑުތައް ހެއްދީ ޓެމޫ (Temu)، އަލީއެކްސްޕްރެސް (AliExpress)، އީބޭ (eBay) އަދި އެމެޒޯން (Amazon) ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ސައިޓްތަކުން އެއްވެސް ޓްރާންސެކްޝަން ފީއެއް ނުވަތަ ކުރޮސް-ބޯޑާ ފީއަކާ ނުލައި، މަހަކު 750 ޑޮލަރާ ހަމައަށް ހަމަޖެހިލައިގެން ވިޔަފާރިކުރެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް، މި ޖޫން މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން އަމަލުކުރަން ފެށި އާ ފީ ޝެޑިއުލާއެކު އެ ހުރިހާ އުންމީދުތަކެއް މިވަނީ ފެނަށްވެގެން ގޮސްފައެވެ. ބޭންކުން ކަނޑައަޅާފައިވާ ވަކި ޚާއްޞަ އީ-ކޮމާސް ވިޔަފާރިތަކުން ކުރާ މުއާމަލާތްތަކަށް %30 ގެ ބޮޑު ފީއެއް މިވަނީ ނަގަން ފަށާފައެވެ.

މި ބޮޑު ފީތަކުގެ ބުރައިގެ މައްޗަށް، ބޭންކުން ކަނޑައަޅާފައިވާ ދުވާލެއްގެ ‘ޑެއިލީ ޓްރާންސެކްޝަން ލިމިޓް’ (Daily Transaction Limit) ގެ ސަބަބުން ކަސްޓަމަރުން މިވަނީ އިންތިހާއަށް ބާކީވެ، މާޔޫސްވެފައެވެ. ސައިޓްތަކުން އެއްޗެއް ގަންނަންވެގެން ‘އޯޑަރު ބަޓަން’ އަށް އޮބައި އޮބައި، ‘ލިމިޓް ހަމަވެއްޖެ’ ކަމުގެ ރެޑް މެސެޖު ފެނުމުން ބީއެމްއެލްގެ ކަސްޓަމަރުން މިހާރު ތިބީ މުޅިން ފޫހިވެފައެވެ.

އެއްބަޔަކަށް މިކަމާހެދި ހަމަ ނިދިކޮޅުވެސް ނުލިބޭއިރު، ރޭގަނޑު ބާރަޖަހާ ފަސްވާއިރަށް ލިމިޓް އާވިތޯ ބަލަން ހޭލާ ތިބުން މިއީ ދިވެހިންގެ އާދައަކަށް މިވަނީ ވެފައެވެ. ފަތިސް ނަމާދަށް ނުހޭލެވޭ މީހާވެސް، ފަތިހު ފޯނު ނަގައި ކާޑުގެ ލިމިޓް ‘ރިފްރެޝް’ ވިތޯ ކެތްތެރިކަމެއް ނެތި ޗެކްކުރާނެ ކަމީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ. އޮންލައިން ޝޮޕިންގްގެ މި ފޯރި، މިހާރު މިވަނީ ހާސްކަމާއި ނުތަނަވަސްކަމުގެ ބޮޑު ހަނގުރާމަޔަކަށް ބަދަލުވެފައެވެ. ގިނަ މީހުންނަށް އޯޑަރެއްޖެހެނީ ޔަހުޔާ ކާޅުހިފާ އުސޫލުންނެވެ.

ބީއެމްއެލްގެ އާ ފީގެ ތަފްސީލު: ކުރެޑިޓް ކާޑުވެސް އިސްތިސްނާއެއްނުވޭ!

ބޭންކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ރާއްޖޭގައި ބޭރު ފައިސާގެ ޑިމާންޑް ކޮންޓްރޯލް ކުރުމަށާއި، ބޭންކަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުން ސަލާމަތްވުމަށް އެޅި ފިޔަވަޅެކެވެ. އާ އުސޫލުގެ ދަށުން ބޭރުގެ ހުރިހާ މުއާމަލާތްތަކުން %4 އާއި %30 އާ ދެމެދުގެ އަދަދަކަށް ފީ ނަގާނެއެވެ.

  • %10  އާއި ހަމަޔަށް ނަގާފީ: ޔޫއެސް ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުއާމަލާތްތަކާއި، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ކުރާ އާންމު މުއާމަލާތްތަކުންނެވެ.
  • %30  އާއި ހަމަޔަށް ނަގާފީ: ބޭންކުން ކަނޑައަޅާފައިވާ ވަކި ޚާއްޞަ އީ-ކޮމާސް ވިޔަފާރިތަކުން (މާޗަންޓުން) ކުރާ ވިޔަފާރިތަކުންނެވެ. މީގެ ތެރޭގައި ޓެމޫ، ޝީއިން، އަލީބާބާ، ލަޒާޑާ އަދި އީބޭ ފަދަ ސައިޓްތައް ހިމެނެއެވެ.

މިއީ މީގެ ކުރިން ގެނައި ބަދަލަށްވުރެ މާ ފުޅާ ބަދަލެކެވެ. ވޭތުވެދިޔަ އަހަރު ބީއެމްއެލް އިން %30 ގެ ފީއެއް ނަގަން ފެށީ ހަމައެކަނި ޑެބިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކުންނެވެ. އެދުވަސްވަރު ކްރެޑިޓް ކާޑުތަކުން މި ފީއެއް ނުނަގައެވެ.

ޑޮލަރުގެ އަގު ބްލެކް މާކެޓަށް!

މި ބަދަލާއެކު، ބީއެމްއެލްގެ ކާޑުތަކުން ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު، ކުރިން 15.42 ރުފިޔާގައި ހުރި ބޭންކް ރޭޓް، %30 ގެ ޗާޖާއެކު މިވަނީ 20.046 ރުފިޔާ އަށް އަރާފައެވެ. މިއީ ރާއްޖޭގެ ކަޅު ބާޒާރުގައި ނުވަތަ ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ އަގާ ދާދި އެއްވަރުގެ ބޮޑު އަދަދެކެވެ. މީގެ މާނައަކީ ބޭންކުން ރަސްމީ ރޭޓުގައި ޑޮލަރު ގަންނަން ލިބުނު ޒަމާން ނިމި، އާންމު ރައްޔިތުންނަށް ބޮޑު ބުރައަކާ ކުރިމަތިލާން ޖެހުމެވެ.

މިއީ ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބޭންކުން އެޅި ފިޔަވަޅެއް ކަމަށް ބުންޏަސް، އާންމު ކަސްޓަމަރުންގެ ޖީބަށް މިއިން ކުރާނެ އަސަރު ވަރަށް ބޮޑެވެ. އެހެންނަމަވެސް، މާޔޫސްނުވާށެވެ! ބީއެމްއެލް ނޫނަސް، ދިވެހި ރުފިޔާގެ އެކައުންޓުން ބޭރުގެ އީ-ކޮމާސް ވެބްސައިޓްތަކުން %30 ގެ މި ބޮޑު ފީއާ ނުލައި ވިޔަފާރިކުރެވޭނެ އެހެން ފުރުސަތުތަކެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އަދިވެސް އެބަހުއްޓެވެ.

ބީއެމްއެލް ނޫން އެހެން ފުރުސަތުތައް އެބަހުރިތަ؟

މި ސުވާލުގެ ޖަވާބަކީ “އާނއެކޭ” އެވެ. ބީއެމްއެލްއިން ކަންކަން ހަރުކަށި ކުރި ނަމަވެސް، ރާއްޖޭގެ އެހެން ބޭންކުތަކުން އަދިވެސް ދިވެހި ރުފިޔާގެ އެކައުންޓުން %30 ގެ މި ބޮޑު ފީއާ ނުލައި ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރުމުގެ ފުރުސަތު އެބަދެއެވެ. ބޭންކިންގް ހަބް ބަދަލުކޮށްލަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ފަހި ދެ ފުރުސަތަކީ:

މޯލްޑިވްސް އިސްލާމިކް ބޭންކް (MIB)

އެމްއައިބީ އަކީ މިވަގުތު އާންމުކޮށް ކުދިކުދި އޯޑަރުތައް ޖަހާލައިގެން އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އޮތް ވަރަށް ފައްކާ ފުރުސަތެކެވެ.

  • ޑޮލަރު ލިމިޓް: މަހަކު 250  ޑޮލަރު ގެ މުއާމަލާތް ކުރުމުގެ ފުރުސަތު ރުފިޔާ އެކައުންޓާ ގުޅިފައިވާ ކާޑުތަކަށް ލިބެއެވެ. ޓެމޫ ނުވަތަ ޝީއިން ފަދަ ސައިޓްތަކުން އާންމު ދިރިއުޅުމަށް ބޭނުންވާ އެއްޗެހި ގަންނަން މިއީ އެކަށީގެންވާ އަދަދެކެވެ.
  • ޝަރުތު: މި ޚިދުމަތް ލިބޭނީ އެ ބޭންކަށް މުސާރަ ޖަމާކުރާ ފަރާތްތަކަށެވެ. މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެންވެސް ކާޑަށް މި ލިމިޓް އެކްޓިވްވެގެންދާނެއެވެ.
  • ލިމިޓް އާވާ ދުވަސް: އެމްއައިބީގެ ކާޑުތަކުގެ ޑޮލަރު ލިމިޓް ކޮންމެ މަހަކުވެސް އާވަނީ އެ މަހެއްގެ 15 ވަނަ ދުވަހުއެވެ. މިއީ މަސް ނިމޭކޮޅު ވިޔަފާރިކޮށްލަން ބޭނުންވާ މީހުންނަށް ލިބޭ ރަނގަޅު ލުޔެކެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (CBM)

ސީބީއެމް އަކީ ބޮޑެތި އަދަދުތަކުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަދި ވިޔަފާރިވެރިންނަށް ހާއްސަ، ވަރަށް ފްލެކްސިބަލް އުސޫލުތަކެއް ގެންގުޅޭ ބޭންކެކެވެ.

  • ޑޮލަރު ލިމިޓް: މަހަކު 750  ޑޮލަރާ ހަމައަށް ވިޔަފާރިކުރުމުގެ ފުރުސަތު ރުފިޔާ އެކައުންޓާ ގުޅިފައިވާ ކުރެޑިޓް ކާޑުތަކަށް ލިބެއެވެ.
  • ޝަރުތު: މިއީ 15,000 ރުފިޔާއަށްވުރެ މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކަށް އެ ބޭންކުން ދޫކުރާ ވިސާ ކްރެޑިޓް ކާޑެކެވެ. މި ފުރުސަތުވެސް ލިބޭނީ ސީބީއެމްއަށް މުސާރަ ޖަމާކުރާ ނަމައެވެ.
  • ޚާއްޞަ އުސޫލު (ލިމިޓް ހަމަވުން): ސީބީއެމްގެ އެންމެ ބޮޑު ތަފާތަކީ، އެހެން ބޭންކުތަކާ ހިލާފަށް ކޮންމެ މަހެއްގެ 1 ވަނަ ދުވަހު ނުވަތަ ވަކި ތާރީޚެއްގައި އެއްކޮށް ލިމިޓް އާނުވުމެވެ. އޭގެ ބަދަލުގައި، ކޮންމެ ޓްރާންސެކްޝަނެއް ހަދާ ދުވަހުން ފެށިގެން ކުރިއަށް އޮތް 30 ދުވަސް ހަމަވުމުން އެ މުއާމަލާތެއްގެ ލިމިޓް ދާނީ ވަކިވަކިން އާވަމުންނެވެ. މީގެ ސަބަބުން މަސް ފެށޭއިރު ލިމިޓް ހުސްވެދާނެތީ ބިރުގަންނާކަށް ނުޖެހޭނެއެވެ.

ބީއެމްއެލްގެ ކާޑުތަކުން %30 ގެ ފީއެއް ނަގައި، ޑޮލަރުގެ ރޭޓް 20 ރުފިޔާއަށްވުރެ މައްޗަށް ޖައްސާލާފައިވީ ނަމަވެސް، މަތީގައިވާ ބޭންކުތަކުގެ ބޭނުން ހިފައިގެން ބޮޑު ޚަރަދަކާ ނުލައި އަދިވެސް ޓެމޫ އާއި އެމަޒޯން ފަދަ ސައިޓްތަކުން އޯޑަރު ކުރެވޭނެ މަގު އެބައޮތެވެ. އެހެންކަމުން، ބޭންކިންގް ހަބް ބަދަލުކޮށްލަން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ވެދާނެއެވެ!

ސަބްސްކްރިޕްޝަންތަކަށް ވާނީ ކިހިނެއް؟

ގިނަ ބައެއްގެ އަނެއް ކަންބޮޑުވުމަކީ މަހުން މަހަށް ފައިސާ ދައްކަންޖެހޭ ނެޓްފްލިކްސް (Netflix)، ސްޕޮޓިފައި (Spotify)، އައިކްލައުޑް (iCloud) އަދި ގޫގަލް ޑްރައިވް ފަދަ ސަބްސްކްރިޕްޝަންތަކަށް ވާނެ ގޮތެކެވެ. ބީއެމްއެލްއިން ވަނީ މިފަދަ ޚިދުމަތްތައް ޑެއިލީ ލިމިޓްތަކުގެ ތެރޭގައި ނުހިމެނޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ނަމަވެސް، ކަސްޓަމަރުންގެ ޝަކުވާތަކަށް ބަލާއިރު، ބައެއް ޕޭމަންޓްތައް މިހާރުވެސް ރީޖެކްޓްވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ބޭންކުން ބުނެފައިވަނީ އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ދަތިތަކާ ދިމާވާ ކަސްޓަމަރުން ބޭންކާ ގުޅުމަށެވެ. ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަދި އެމްއައިބީ ގެ ކާޑުތަކަށް އެފަދަ ޑެއިލީ ލިމިޓެއް ނޯވެއެވެ.

ސިޔާސީ ފަރާތްތައް ދައްކާ ވާހަކަޔާ މަންޒަރު ދިމާނުވޭ!

މި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ބީއެމްއެލްއަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް، މި މަހުގެ ނިޔަލަށް ދިވެހި ރުފިޔާ ކާޑުތަކުން ކުރާ ޑޮލަރުގެ މުއާމަލާތްތަކަށް ބޮޑެތި ލުއިތަކެއް ތަޢާރަފްކުރާނެ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް، ރައީސް އެހެން ވިދާޅުވިތާ ސައުވީސް ގަޑިއިރުވެސް ނުވަނީސް ބޭންކުން މިވަނީ އުސޫލުތައް އިތުރަށް ހަރުކަށިކޮށް، އާންމުން ސިއްސުވާލާފައެވެ.

އެހެންކަމުން، ބީއެމްއެލްގެ ލުޔަކަށް އިންތިޒާރުކޮށްގެން ތިބުމުގެ ބަދަލުގައި، %30 ގެ ބޮޑު ފީތަކާއި ޑެއިލީ ލިމިޓުން ސަލާމަތްވެ، ހަމަޖެހިލައިގެން އޮންލައިން ޝޮޕިންގްގެ ފޯރި ހިފަހައްޓަން ބޭނުންނަމަ، އެމްއައިބީ ނުވަތަ ސީބީއެމްއަށް މުސާރަ ބަދަލުކޮށްލަން މިއީ އެންމެ އެކަށީގެންވާ ވަގުތެވެ! ނަމަވެސް ސަމާލުވާށެވެ! ރާއްޖެއަށް ދިމާވެފައިވާ ބޭރުފައިސާގެ ދަތިކަމާއިހުރެ މިބޭންކްތަކުގެ ޕޮލިސީއަށްވެސް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ލިޔުންތެރިޔާގެ ނޯޓް: މި އާޓިކަލްއަކީ އެއްވެސް ފަރާތެއްގެ އިސްތިހާރެއް ނޫނެވެ.އަދި ވަކި ބޭންކެއްގެ އަގުވައްޓައި، އަނެއް ބޭންކެއްގެ އަގުރުވައި ޖަހާފައިވާ ‘ޕްރޮމޯޝަނަލް’ އިސްތިހާރެއްވެސް ނޫނެވެ. މިނޫހަކީ ބޮޑެތި ކުންފުނިތަކުގެ ‘ކޯޕަރޭޓް ސްޕޮންސާޝިޕް’ ތަކުގެ މައްޗަށް ބަރޯސާވެ، އެފަރާތްތަކުގެ މާލީ ނުފޫޒުގެ ދަށުވެފައިވާ ނޫހަކަށް ނުވާތީ، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކޮށް ހަގީގަތް ފޮރުވުމުގެ އެއްވެސް މަޖުބޫރުކަމެއްނެތެވެ.

ތެދަށް ދަންނަވާނަމަ، މި ލިޔުން ލިޔަން އަޅުގަނޑަށް މަޖުބޫރުވީ ހަމަ އަމިއްލަ ތަޖުރިބާއަކުން ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ބީއެމްއެލްގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން އަޅުގަނޑު ކުރި އޮންލައިން އޯޑަރަކަށް، އަޅުގަނޑަށް ނޭގި މި ގެނައި ކުއްލި ބަދަލާއެކު ހީވެސް ނުކުރާ ފަދަ ބޮޑު ޗާޖެއް އެރުމުން ލިބުނު ސިހުމާ އެކުގައެވެ. މިއީ އެ ހިތްހަމަނުޖެހުމުގެ ތެރެއިން ނުކުމެ، ރާއްޖޭގެ މާލީ ބާޒާރުގައި ހުރި އެހެން ފުރުސަތުތައް ހޯދައި ބަލައި، އަޅުގަނޑު ކުރި ފުޅާ ދިރާސާގެ އަލީގައި ތައްޔާރުކުރި ލިޔުމެކެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ބޮޑެތި މީޑިއާތަކުގައި މިލިއަނުން ޚަރަދުކޮށްގެން ސްޕޮންސާޝިޕްތަކާއި ފަލަ ސުރުޚީތައް ގަންނަމުންދާއިރު، އާންމު ރައްޔިތުންގެ ޖީބަށް މިފަދަ ބޮޑެތި ލޮޅުންތައް އަރާ ކުއްލި ބަދަލުތަކުގެ މަޢުލޫމާތު ދީ، ކަސްޓަމަރުން ހޭލުންތެރިކުރުމަށް އެ ބޭންކުން ކުރާ މަސައްކަތް އިންތިހާއަށް ކުޑަކަން ހިތާމައާއެކު ފާހަގަކުރަންޖެހެއެވެ. އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ކޯޕަރޭޓް ނުފޫޒުތަކުން އެއްކިބާވެ، އާންމު ރައްޔިތުންގެ ހައްގުގައެވެ. މިއީ އޮންލައިން ވިޔަފާރިކުރާ ދިވެހިންގެ ފައިދާއަށްޓަކައި ލިޔެފައިވާ މިނިވަން ލިޔުމެކެވެ.

ޚިޔާލު ފައުޅުކުރުން

ވަރަށް މުހިއްމު ބޭނުންތެރި ލިޔުމެއް.