އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ވޯޓްލުން މާދަމާ 14:30 އިން 20:30 އަށް

މުޙައްމަދު އަކުރަމް

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ހުސްވެފައިވާ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން މާދަމާ މެންދުރުފަހު 14:30 އިން ފެށިގެން ކުރިއަށް ގެންދަން އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ކުރިން ވޯޓުލުން ނިންމުމަށް ހަމަޖައްސާފައި އޮތީ ރޭގަނޑު 20:00 ގައި ކަމަށް ވީނަމަވެސް، މިހާރު އެ ވަގުތު 20:30 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން އަވަށްޓެރި ސްރީލަންކާގައި ވެސް ކުރިއަށްދާނެއެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒް އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު ޗެއަރޕާސަންގެ މަޤާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވަނީ ތިން ބޭފުޅުންނެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އަދި އިބްރާހިމް މުޙައްމަދުއެވެ.

ރާއްޖޭގައި މިވަގުތު އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ މި އިންތިޚާބުގައި ޖުމްލަ 48,912 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ ޕާޓީގެ ދާއިމީ ވޯޓާސް ލިސްޓުން ދައްކައެވެ.

މި އިންތިޚާބުގެ ވޯޓުލުން ހއ. އިހަވަންދޫގައި ކުރިއަށްދާނީ އިހަވަންދޫ ސްކޫލްގައެވެ. އިހަވަންދޫއަށް ނިސްބަތްވާ ޖުމްލަ 457 މީހަކަށް މިއިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

އެމްޑީޕީން ދަނީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިއީ އެ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.