ރަށުގެ ކުޑަކުދިންގެ ޕާކުގައި އޮންނަ ބޮޑު މަސްފެންގަނޑަކީ މުޅި އަތޮޅުގެ އެންމެ ގިނަބަޔަކު ހިތަގައިމުކަން ހޯދަން ޒިޔާރަތްކުރާ އެއްތަނެވެ. އޭގެތެރޭގައި ފަތާފައި އުޅޭ ކުލަކުލައިގެ ރީތި މަސްތަކަކީ ހަވީރު ފިނިކޮށްލަން ނުކުންނަ ކުޑަކުދިންގެ އެންމެ ބޮޑު އުފަލެވެ. ނަމަވެސް، މަސްފެންގަޑު ހެދިތާ ދުވަސްތަކެއް ފަހުން މި މަސްތައް ބެލެހެއްޓުމާއި، ކާނާ ދިނުމުގެ ހަރަދު ބޮޑުވެ، ރަށު އޮފީހުގެ ބަޖެޓަށް ކެތްނުވާވަރު ވެއްޖެއެވެ. އެންމެ ފަހުން ކަތީބު ނިންމީ އެ މަސްތައް ނީލަންކިޔައި އެކަމުން ސަލާމަތްވުމަށެވެ.
މި ހަބަރު ރަށުތެރެއަށް ފެތުރުމާއެކު، ރަށުގެ ބައެއް މީހުންގެ ހިތްތަކުގައި ނުރުހުމުގެ އަލިފާން ރޯވިއެވެ. ހާއްސަކޮށް، ކުޑަކުދިންގެ މައިންބަފައިން ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. “މިއީ ކުޑަކުދިންގެ ހައްގަކަށް އަރައިގަތުން،” އެމީހުން ބުނެއެވެ. “ޕާކުން އެ މަސްތައް ނެގުމުން ކުދިންގެ ހިތްތަކުން އުފާވެރިކަން ގެއްލިގެންދާނެ!” މިފަދަ ހިތްހަމަނުޖެހުންތަކެއް ހުރުމުގެ ސަބަބުން، ރަށު އޮފީހުން ކުރި އިޢުލާނަށް އެންމެންވެސް ދިނީ ބީރު ކަންފަތެކެވެ.
ރަށު އޮފީހުން ލައްކަ މަސައްކަތް ކުރިއެވެ. މައިކުން ގޮވައި، ބޮޑު ނީލަމެއް ބާއްވަން ތައްޔާރުވިއެވެ. ނަމަވެސް، ނީލަން ފެށުނުއިރު ބައިވެރިވާނެ އެކަކުވެސް ނައެވެ. ރަށުގެ ރައްޔިތުން ތިބީ ނުރުހުމުގައި ނީލަން ބޮއިކަޓް ކޮށްގެންނެވެ. އެއް ދުވަސް، ދެދުވަސް، ތިންދުވަސް ވީއިރުވެސް މަސްކޮޅު ގަންނާނެ މީހެއްގެ ހިލަމެއް ނުވިއެވެ. ކަތީބު ހުންނެވީ ކުރާނެ އިތުރު ކަމެއް ނޭނގި، މާޔޫސްވެފައެވެ.
މި މަންޒަރު ބަލަން ހުރި ޖުހާ، އޭނާގެ ހިމާރުގެ ލަގަނަށް ބާރުކޮށްލަމުން، ހިނިތުންވުމަކާއެކު ކަތީބު ގާތަށް ހިނގައިގަތެވެ.
“ބޮޑު ކަތީބު! ތިޔަ ކުރައްވަނީ ބޮޑު އަދި ބުރަ މަސައްކަތެއް. އެކަމަކު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނުރުހުން، ޝައުގުވެރިކަމަށް ބަދަލުކޮށްލާނެ އުކުޅެއް ތިޔަބޭފުޅުންނަށް އެނގިވަޑައެއް ނުގަތެވެ،” ޖުހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
ކަތީބު މާޔޫސްކަމާއެކު ވިދާޅުވިއެވެ. “ޖުހާއެވެ! ރައްޔިތުން ތިބީ މިކަމާ ރުޅިގަދަވެފައެވެ. މަސްތައް ގަންނާނެ މީހަކު ނުވިއިރު، މިއީ ކުދިންގެ އުފާ ފޭރިގަތުންކަމަށް ބުނެ އެންމެން އެތިބީ ޝަކުވާގައެވެ. ދެން މިކަން ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟” އަމުދުން ގޭގައި މަސްފެންގަނޑެއް ހުރި މީހަކު މިރަށަކުމިހާރު ނެތް ވިއްޔާއެވެ.
ޖުހާ ބޯޖަހާލަމުން ބުންޏެވެ. “އަހަރެން ތިޔަ ނީލަން ފަސް މިނެޓު ތެރޭގައި ކާމިޔާބުކޮށްދީފާނަމެވެ. އަދި ކުރިން ޝަކުވާކުރި މީހުން، އެ މަސްތައް ހޯދަން ވާދަކުރާ ތަންވެސް ދައްކާފާނަމެވެ. އެކަމަކު ނީލަން ކިޔާ އިބާރާތް ބަދަލުކުރަން ވާނެއެވެ.”
އެހެން ގޮތެއް ނެތުމުން ކަތީބު ޖުހާއަށް މައިކު ހަވާލުކުރިއެވެ. ޖުހާ ވަގުތުން ރަށުތެރެއަށް އަޑުއިވޭނޭހެން، ރީތި ރާގަކަށް ގޮވާލިއެވެ.
“ރަށުގެ އެންމެހާ އަހުލުވެރިންނޭވެ! ރަށު އޮފީހުން މި ބާއްވަނީ އާދައިގެ ނީލަމެއް ނޫން. ޕާކުގައި އެތިބި ރަންމަސްތަކަކީ ތިޔަބައިމީހުންގެ ދަރިންގެ ނަސީބު ބަދަލުކޮށްލާނެ ހާއްސަ މަސްތަކެއް! އެ މަސްތައް ގޭގައި ގެންގުޅުމުން، ކުދިންގެ ސިކުނޑި ތޫނުވެ، ކިޔެވުމުގެ ނަތީޖާ ރަނގަޅުވާނެ. އަދި އެ މަސްފެންގަނޑުގެ ފެން ގޭގެ މިރުސްގަސްތަކަށް ޖެހުމުން، ގަސްތައް ގަދަޔަށް ހެދި، މިރުސް އަޅާ ބަރާވާނެ! މި ހާއްސަ ފުރުސަތު ބޭނުންކުރައްވާ!”
ޖުހާގެ މި ޖާދޫވީ އިބާރާތްތައް އިވުމާއެކު، ރަށުތެރެއަށް ބޮޑު ލޮޅުމެއް އަޔެވެ. ރަށުތެރެ ހަލަބޮލި ވެއްޖެއެވެ. ކުރިން ޕާކުގެ މަސްތައް ވިއްކާތީ ހިތްހަމަނުޖެހިގެން ތިބި މައިންބަފައިން، އެ މަސްތައް އެހެން ބަޔަކަށް ލިބިދާނެތީ ސިހި ކަޅި އެރިއެވެ. “މިހާރު އެއީ ހަމައެކަނި ޕާކުގެ މަހެއް ނޫން، އެއީ މަގޭ ދަރިފުޅުގެ ކިޔެވުމުގެ ނަސީބު،” ހިތަށްއަރާ، އެންމެން ދުވެފައި ޕާކު ކުރިމައްޗަށް އެއްވާން ފެށިއެވެ.
ކުޑަކުދިންވެސް “ނަސީބުގަދަ މަސް” ބޭނުންވެގެން މައިންބަފައިންގެ ހެދުމުގައި ހިފާ ދަމަން ފެށިއެވެ. ކުރިން ފަޅަށްއޮތް ޕާކުގެ ގޯތިތެރެ، ހިނދުކޮޅެއްގެ ތެރޭގައި މީހުންނައިގެން ފުރި ތޮއްޖެހުނެވެ. ނީލަން ފެށުމާއެކު، ކުރިން ޝަކުވާކުރި މީހުން، އެކަކަށްވުރެ އަނެކަކު ކުރިން ބޮޑު އަގުކިޔައި، މަސްތައް ގަންނަން ފޯރި ހިފިއެވެ. އެތައް ހާސް ރުފިޔާއަކަށް ނީލަންއަރާ، އިސާހހިތަކު ހުރިހާ މަހެއް ހުސްވެއްޖެއެވެ.
ނީލަން ނިމުމުން، ކަތީބު އުފަލުން ގޮސް ޖުހާއަށް ސާބަސް ދިނެވެ. އަދި މަޑުމަޑުން އަހާލިއެވެ. “ޖުހާއެވެ! ތިޔައީ ހާދަ އަޖައިބެއްފަދަ ވިސްނުމެކެވެ. އެކަމަކު… ތިޔަ މަސްތަކުން ހަމަ ހަގީގަތުގައިވެސް ކިޔެވުން މޮޅުވެ، މިރުސް ގަސްތަކުގައި މިރުސް ގިނަވާނެބާއެވެ؟”
ޖުހާ އޭނާގެ ހިމާރުގެ މައްޗަށް ސަވާރުވަމުން، ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ. “ކަތީބެވެ! މަސްތައް ބެލެހެއްޓުމުގެ ބުރައިން ކައުންސިލް ސަލާމަތްވެއްޖެއެވެ. ކުރިން ޝަކުވާކުރި ރައްޔިތުން މިހާރު ތިބީ އުފަލުންނެވެ. މަސްތަކަށް ގޭގޭގައި ރަނގަޅަށް ކާނާދީ ބަލާނެއެވެ. ދެން ވާނެގޮތެއް ބަލަން ތިބެމާ ހިނގާށެވެ!”
މިހެން ބުނެ ޖުހާ ހިނިގަނޑެއް ޖަހާލާފައި، މަގުން ކުރިއަށް ހިނގައިގަތެވެ. ކަތީބު އަތުގައި އޮތް ފައިސާ ފައިސާ ބޮނޑިޔަށް ބަލަހައްޓައިގެން، ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ. އެހެން ހުރިއިރު ކަތީބު ހިތައް އަރައެވެ. މަސްފެންގަޑުގެ ބުރައިން ސަލާމަތްވީއެވެ. ޖުހާ ވައުދުވި ޖާދޫ ވިއްކި މަސްތަކަށް ނުދެއްކިއްޖެނަމަ އާމުންކުރާ ޝަކުވާއަށް ފަރުވާ ހޯދަން އެދުވަހަކުން އެނެއްކާވެސް ޖުހާ ގެންނާނީއެވެ.