ވާދަވެރި ޕޮލިހާއި ފެނަކައިގެ މެޗުން އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް މާދަމަރޭ ފަށަނީ...

އަޔާން

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ކުޅޭ “އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026” މާދަމާ ރޭ ފަށާނެއެވެ.

މި މަހުގެ 10 އިން 18 އަށް ކުރިއަށްދާ މި މުބާރާތުގެ  ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ވާދަވެރި ދެ ބާރު ކަމަށްވާ، އިހަވަންދޫ ޕޮލިސް ޓީމާއި ފެނަކަ އިހަވަންދޫ ބްރާންޗުގެ ޓީމެވެ. މިއީ މި މުބާރާތް ބާއްވާ 8 ވަނަ ފަހަރު ކަމަށްވާއިރު، މާދަމާ ރޭގެ ކުރިމަތިލުމަކީ މުޅި މުބާރާތުގެވެސް އެންމެ ފޯރިގަދަ އެއް މެޗަށް ވާނެކަމަށް ބެލެވެއެވެ. ސަބަބަކީ މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ދެ ޓީމަކީވެސް މި ދެ ޓީމަށް ވުމެވެ. އެގޮތުން އިހަވަންދޫ ފުލުހުންގެ ޓީމު 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްގެން ތާރީޚުގެ އެންމެ ކުރީގައި އޮތްއިރު، ފެނަކަ އިހަވަންދޫ ބްރާންޗުން ވަނީ 3 ފަހަރު މި މުބާރާތުގެ ތަށި އުފުލާލާފައެވެ.

މި މުބާރާތުގެ އެންމެ ފަހުގެ (2025 ގެ) ޗެމްޕިއަން ޓީމަކީ ފެނަކައެވެ. ފެނަކައިން އެ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި 3-2 ގެ ފޯރިގަދަ ނަތީޖާއަކުން އާރު.އާރު.ސީ އިހަވަންދޫ ބަލިކޮށްގެންނެވެ. އެހެންކަމުން، މާދަމާ ރޭގެ މެޗަކީ ފެނަކައިން ތަށި ދިފާޢުކުރުމުގެ އަޒުމުގައި ނިކުންނަ މެޗަކަށް ވާއިރު، ޕޮލިހުން ނިކުންނާނީ އެމީހުންގެ ރެކޯޑު ދަމަހައްޓައި ފެނަކައަށް ހުރަސްއެޅުމަށެވެ.

މިއަހަރުގެ މުބާރާތަކީ އިންޓަރ އޮފީސް ފުޓްސަލް މުބާރާތެއްގައި އެންމެ ގިނަ ޓީމު ވާދަކުރާ ފަހަރުވެސް މެއެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ކައުންސިލުން  ތަރައްޤީކޮށްފައިވާ “ހިންނަ ފުޓްސަލް ދަނޑު” ގައެވެ.