ވީ ވައުދާއި އެއްގޮތަށް، އިހަވަންދޫ ކައުންސިލުގެ ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމަށް ފާސްކޮށްފި...

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ކައުންސިލުގެ  ލޯކަލް އޮތޯރިޓީ ކުންފުންޏެއް ވުޖޫދުކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 6 ވަނަ އާންމު ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބަޔާންކުރާ ގޮތުން، ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި، ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ޓަކައި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި ހިންގުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބިދެއެވެ. ގާނޫނުގައިވާ ގޮތުން ރަށު ކައުންސިލަކުން މިފަދަ ކުންފުންޏެއް އުފެއްދުމަށް ހުށަހަޅަންޖެހެނީ، އެ ކައުންސިލެއްގެ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރަކުންނެވެ.

ކައުންސިލް ކުންފުނި ވުޖޫދުކުރުމަކީ އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ކެނޑިޑޭޓުން ނިމިދިޔަ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދެކެވެ. އެގޮތުން އެ ބޭފުޅުން ވައުދުވެފައިވަނީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް ކުންފުނި މެދުވެރިކޮށް ހިންގުމަށާއި، ރަށާއި ކައުންސިލްގެ އިޤްތިސާދު ފަހިކުރުމަށް ބޭނުންވާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށެވެ. މީގެ އިތުރުން އިހަވަންދޫ ވަކި ބްރޭންޑެއްގެ ގޮތުގައި އިސްތިހާރު ކުރުމާއި، ރަށުގެ ޕަބްލިކް ވޯކް ފޯސްއެއް އުފައްދައި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުން ވެސް މި ކުންފުނީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރު ވެރިކަމަށް އައުމާއެކު، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ސްކޯޕް ނުވަތަ މަސައްކަތް ކުރެވޭނެ ދާއިރާ ވަރަށް ބޮޑަށް ހަނިކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ބަދަލުތަކާއެކު މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، އިހަވަންދޫ ކައުންސިލުން އަންނަނީ  ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ޓަކައި މި ކުންފުނި އުފެއްދުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދަމުންކަން ފާހަގަކުރެވެއެވެ.