ހއ. އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަޤްޞަދުގައި، “އިންޓަރ އޮފީސް ހޭންޑްބޯލް ޓޯރނަމެންޓް 2026” ގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން ހުޅުވާލައިފިއެވެ. މިއީ އިހަވަންދޫގެ މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން މިފަދަ ހޭންޑްބޯލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އޮފީސްތަކާއި ކުންފުނިތަކުގެ ކަނބަލުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، އެކަނބަލުންގެ މެދުގައި އިޖްތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙް ދިރުވާ އާލާކުރުމަކީވެސް މި މުބާރާތުގެ ބޮޑު ބޭނުމެކެވެ.
އަންނަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލެވިފައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، 20 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތުދެއެވެ.