ހޯރަފުށި ހިމެނޭހެން 13 ރަށެއްގައި ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ!

މުޙައްމަދު އަކުރަމް

“ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން، ރާއްޖޭގެ 13 ރަށެއްގައި ޖުމްލަ 2,100 ހައުސިންގ ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 17 ވަނަ ދުވަހު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ %100 ދިވެހި ކުންފުނިތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މިއީ ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްޤީކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން ހިންގާ ހާއްސަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ޔުނިޓްތައް އެޅުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރު، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. އެގޮތުން މި ހަތަރު ސަރަހައްދުގެ ކޮންމެ ރަށެއްގައި  300 ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ލ. ގަމާއި އައްޑޫ ސިޓީ ފޭދޫގައި ކޮންމެ ރަށަކު 200 ޔުނިޓް އިމާރާތްކުރާނެއެވެ. ހއ. ހޯރަފުށި، ރ. އުނގޫފާރު، މ. މުލި އަދި ދ. މީދޫގެ ކޮންމެ ރަށެއްގައި 100 ޔުނިޓް އެޅުމަށް ކަނޑައަޅާފައިވާއިރު، ބ. ތުޅާދޫގައި 50 ޔުނިޓް އަދި އައްޑޫ ސިޓީގެ މަރަދޫއާއި މަރަދޫފޭދޫގެ ކޮންމެ ރަށެއްގައި 25 ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ބައިވެރިވާ ޑިވެލޮޕަރުންނަށް އެއް މަޝްރޫއަށްވުރެ ގިނަ މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

މި ސްކީމްގެ ދަށުން ތަރައްޤީކުރާ ކޮންމެ ޕެކޭޖެއްގެ މަދުވެގެން %60 ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައެވެ. މަދުވެގެން 900 އަކަފޫޓުގެ ބޮޑުމިން ހުންނަންޖެހޭ މި އެޕާޓްމަންޓްތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.5 މިލިޔަން ރުފިޔާއެވެ. އަދި ބާކީ ހުރި %40 ޔުނިޓް ބާޒާރުގެ ޔަގީން ރޭޓުގައި (މާކެޓް ރޭޓް) ވިއްކުމުގެ މިނިވަންކަން ޑިވެލޮޕަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލް ޕާކުކުރާނެ ހިލޭ ޖާގައެއް ފޯރުކޮށްދޭންޖެހޭއިރު، ކާރު ޕާކިންގް ޖާގަ ވަކިން ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވެއެވެ.

މި ބިޔަ މަޝްރޫއުގައި ދިވެހި ޑިވެލޮޕަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސަރުކާރުން ވަނީ ހިތްވަރުދިނުމުގެ ގޮތުން ގިނަ އިނާޔަތްތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، އަލަށް ގެދޮރު ގަންނަ ފަރާތްތަކުން ގަންނަ ސޯޝަލް ހައުސިންގ ޔުނިޓްތަކާއި މާކެޓް ރޭޓް ޔުނިޓްތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެއެވެ. އަދި މަޝްރޫއަށް ބޭނުންވާ ސާމާނާއި މެޝިނަރީ އެތެރެކުރުމުގައި އިމްޕޯޓް ޑިއުޓީއިން އިސްތިސްނާކޮށްދިނުމުގެ ހާއްސަ ލުޔެއް ވެސް ވަނީ ދީފައެވެ. މީގެ އިތުރުން، މަޝްރޫއުގެ %20 މަސައްކަތް ނިމުމާއެކު، ވުޒާރާގެ ހުއްދައާއެކު ފައިނޭންސް ހޯދުމަށްޓަކައި ތަރައްޤީކުރުމާއި ވިއްކުމުގެ ހައްގުތައް ރަހުނުކުރުމުގެ ފުރުސަތު ވެސް ޑިވެލޮޕަރުންނަށް ފަހިވެގެންދާނެއެވެ.