އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ މަޤާމްތަކަށް މެމްބަރުން އިންތިހާބު ކުރުމަށްއިއްޔަ ބޭއްވި ޖަލްސާގައި، އެ ކޮމިޓީގެ ރައީސްގެ މަޤާމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް އިންތިހާބުކޮށްފިއެވެ. ސޮބާހް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ މަޤާމަށް ވާދަކޮށްފައި ނުވާއިރު،ސޮބާހް މި މަޤާމަށް އިންތިހާބުވީ 11 ވޯޓުންނެވެ.
މި ޖަލްސާއަށް ޖުމްލަ 12 މެމްބަރުން ހާޒިރުވި ނަމަވެސް، އޭގެ ތެރެއިން އެއް މެމްބަރަކު އެއްވެސް ވޯޓެއްގައި ބައިވެރިވެފައެއް ނުވެއެވެ.
ސްޓިއަރިންގ ކޮމިޓީގެ ނައިބް ރައީސްގެ މަޤާމަށް ދެ ބޭފުޅަކު ވާދަކުރެއްވި އިންތިހާބު 9 ވޯޓާއެކު ކާމިޔާބުކުރެއްވީ އަޙްމަދު ރިޟްވާންއެވެ. އޭނާއާ ވާދަކުރެއްވި މުހައްމަދު ސިރާޖްއަށް ލިބިވަޑައިގަތީ 2 ވޯޓެވެ. މީގެ އިތުރުން، ސެކްރެޓަރީ އަދި ހަޒާންދާރުގެ މަޤާމަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ކެނޑިޑޭޓެކެވެ. އެގޮތުން 11 ވޯޓާއެކު ސެކްރެޓަރީގެ މަޤާމަށް މުހައްމަދު ފިރާގު އިންތިހާބުވިއިރު، ހަޒާންދާރުގެ މަޤާމަށް ނައުފަލް އިންތިހާބުވީ ވެސް 11 ވޯޓު ލިބިގެންނެވެ.
އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީގައި މިހާރު އަގުލަބިއްޔަތު އޮތީ، އެއްޓީމެއްގެ ގޮތުގައި އަމިއްލަގޮތުން ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވާދަކުރި “ރައްޔިތުންގެ ޓީމް” އަށް ނިސްބަތްވާ ފަރާތްތަކުގެ މެދުގައިކަން ފާހަގަކުރެވެއެވެ.