ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!

މުޙައްމަދު އަކުރަމް

ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިޔޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން ސީޒަން 7” ގެ ފަޚުރުވެރި އެއްވަނަ ހޯދި ހއ. އިހަވަންދޫ، ޝަހާމާ މުޙައްމަދު މިއަދު އެ ރަށަށް އައުމަށް ހަމަޖެހިއްޖެއެވެ. ޝަހާމާ އިހަވަންދޫއަށް ލަފާނެކަމަށް ބެލެވެނީ މިއަދު ހަވީރު 16:45 ހާއިރުއެވެ.

މި ކާމިޔާބީއާ ގުޅިގެން ޝަހާމާއަށް ހޫނު މަރުޙަބާއެއް ކިޔުމަށްޓަކައި، އިހަވަންދޫގެ އެންމެހައި ރައްޔިތުން މިއަދު ހަވީރު ބަނދަރު ސަރަޙައްދަށް ނުކުމެދިނުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ.

މި މަހުގެ 16 ވަނަ ދުވަހު ބޭއްވި މި މުބާރާތުގެ ފިނާލޭގައި ޝަހާމާ އެއްވަނަ ހޯދުމާ ގުޅިގެން، އޭނާއަށް ވަނީ 50,000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމާއި، “ފަރީ ޙައްޖު އުމްރާ” ގްރޫޕުގެ ފަރާތުން ހުށަހެޅި ހިލޭ ޢުމްރާ ދަތުރެއް ލިބިފައެވެ. މީގެ އިތުރުން، މި މުބާރާތުގެ އެންމެ ޚާއްޞަ އެއް އިނާމެއްގެ ގޮތުން ދިވެހިރާއްޖޭގެ އަޑުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ރޭޑިއޯ ޕްރެޒެންޓަރެއްގެ ގޮތުގައި ވަޒީފާ އަދާކުރުމުގެ ރަން ފުރުޞަތުވެސް ވަނީ ލިބިފައެވެ.

މި އިނާމުތައް ޝަހާމާއާ ހަވާލުކޮށްދެއްވީ ފިނާލޭ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ދިވެހިބަހާއި ތަރިކައާއި ކަލާސީނާއާ ބެހޭ ވަޒީރު ހީނާ ވަލީދުއެވެ.