އިއްޔެ ހަވީރު އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅުނު 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްމެޗު ކާމިޔާބުކޮށް، ކޯޗް ހަމްޒާ މައިކަޕުގެ ތަށި ޖެހިޖެހިގެން ދެފަހަރު ހޯދައި ނަފުސު ވަޔަށްކެހޭ (އެންވީކޭ) ޓީމުން މައިކަޕުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފި އެވެ.
އިއްޔެގެ ފައިނަލް މެޗުގައި ފަސޭހަ ކަމާއެކު 3-0 ން އިރުވެލި ފުޓުބޯޅަ ޓީމުގެ މައްޗަށް ނަފުސު ވަޔަށްކެހޭ ކުރި ހޯދިއިރު އެޓީމުގެ 3 ލަނޑުވެސް ޖަހާދީފައިވަނީ ޤައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިޔެއް ކަމަށްވާ މަޝްހޫރު އަސްއަދު ޢަލީ (އަޑުބަރޭ) އެވެ. އެގޮތުން އެންވީކޭގެ ފުރަތަމަ ލަނޑު އަޑުބަރޭ ޖަހާދީފައިވަނީ މެޗުގެ ކުރީކޮޅު އިރުވެލި ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހިގެން އެންވީކޭ އަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެލަނޑާއެކު ދެޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި 1 ލަނޑުގެ ތަފާތަކުން އެންވީކޭ ކުރީގައި އޮވެގެންނެނެވެ. ދެވަނަ ހާފު ފެށިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ އެންވީކޭ އިންނެވެ. ނަތީޖާއެއްގެ ގޮތުން އަޑުބަރޭ ލަނޑެއްޖަހައި އެޓީމުގެ ލީޑުވަނީ ފުޅާކޮށްފަ އެވެ. މިލަނޑަށްފަހު އެންވީކޭގެ ފޯވާޑު އާދަމް ޒާހިރަށް ލަނޑުޖަހާނެ ހުސް ފުރުސަތުތަކެއްލިބި ވަނީ ބޭކާރުވެގެން ގޮހެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ތަޖުރިބާކާރު ކުޅުންތެރިޔާ އެންވީކޭ ގެ ޢަލީ އިރުޝާދު މުޅިން ހުސްކޮށްލާފައި އަޑުބަރޭއަށް ދިން ބޯޅައަކުން އޭނާވަނީ މެޗުގެ ތިންވަނަ ލަނޑު ޖަހައި އެންވީކޭގެ ސަޕޯޓަރުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދީފަ އެވެ. މިލަނޑަށްފަހު އިތުރު ލަނޑެއް ނުފެނި ނިމިގެންދިޔަ މިމެޗުގައި އިރުވެލި ޓީމުގެ ފަރާތުން ފެނިފައިވަނީ މުބާރާތުގައި އެޓީމުން ދެއްކި ކުޅުމަށްވުރެއް ދަށް ކުޅުމެކެވެ.
އިއްޔެގެ މެޗަށްފަހު އެންވީކޭ ގެ އިސް ސަޕޯޓަރ ޢަބުދުއްރައްޒާޤު ބުނީ ވޭތުވެދިޔަ 5 އަހަރު މުބާރާތުގައި ކުޅެ ތައްޓެއް ނުލިބި މިމުބާރާތުން ތަށި ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި އަންނަ އަހަރުވެސް ހަމްޒާ ކޯޗާއެކު ވަރުގަދަ ޓީމެއްނެރެ މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. މެޗަށްފަހު ކޯޗު ހަމްޒާ ބުނީ ކުރިން 3 ފަހަރު ފައިނަލް ކުޅެ ތައްޓެއް ނުލިބިއޮތް އެންވީކޭ ޓީމަށް ތަށި ހޯދައި ދެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި މިއީ ކުޅުންތެރިންކުރި ބުރަ މަސައްކަތުން ހޯދުނު ތައްޓެއް ކަމަށެވެ.