އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އެދީނަކީ ހުރިހާ ކަމެއް ޝާމިލްވެގެންވާ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނެވެ. އެހެންކަމުން އިސްލާމީ ޝަރިޢަތުގައިވަނީ އިންސާނާ ދިރިއުޅެންވީ ހުރިހާ ގޮތެއް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އިންސާނެއްގެ ދިރިއުޅުމުގައި ހިނގާ ކޮންމެ ކަމަކަށްވަނީ އުޞޫލުތަކެއް ނުވަތަ އަދަބުތަކެއް ބަޔާންކުރައްވާފައެވެ. އެގޮތުން ނިދުމުގެ އަދަބު، ހެދުން އެޅުމުގެ އަދަބު، ފާހަނާކުރުމުގެ އަދަބު، މަގުމަތީގެ އަދަބު، ވާހަކަދެއްކުމުގެ އަދަބު، ސާފުތާރިރުކަމުގެ ރިވެތި އުޞޫލުތައްފަދަ އިންސާނީ ދިރިއުޅުމާ ގުޅޭ ހުރިހާ އަދަބުތަކެއް ވަނީ އިސްމްލާމްދީނުގައި ބަޔާން ކުރައްވައިފައެވެ.
މިޒަމާނުގެ ސައިންސު ހެކިދޭގޮތުގައި އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ބަލި ޖައްސުވާ ޖަރާސީމުތައް މައިގަނޑު ގޮތެއްގައި ވަންނަނީ އަނގަޔާއި ނޭފަތާއި ލޮލުގެ ތެރެއިން ލައިފައެވެ. މިގޮތަށް ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަންނަން ދިމާވަނީ ބަލީގެ ޖަރާސީމު އަތުގައި އުނގުޅި އަތް ދޮވުމުގެ ކުރިން އަނގަ ނުވަތަ ނޭފަތުގައި ނުވަތަ ލޮލުގައި ހޭކުމުގެ ސަބަބުންނެވެ. މިހާރު ކުރިމަތި ވެގެން އުޅޭ ކޯވިޑް 19 ޖެހުމަށް މަގުފަހިވާ އެއްސަބަބަކީވެސް މީއެވެ. ކޯވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ހެލްތު ޕުރޮޓެކްޝަން އެޖެންސީން ކޮންމެ ދުވަހަކު ދެމުން ގެންދާ އެއް އިރުޝާދަކީވެސް ގިނަގިނައިން އަތް ދޮވުމެވެ. މީގެ 1400 އެތައް އަހަރެއް ކުރިން ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ އަލައިހި ވަސައްލަމަ ވަނީ އަތް ދޮވުމުގެ އިރުޝާދު ދެއްވާފައެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ތިޔަބައިމީހުންގެ ތެރެއިން މީހަކު ނިދިން ތެދުވެފައި އަތް ދޮވުމުގެ ކުރިން ފެންހުރި ކަންވާރެއްގެ ތެރެއަށް އަތް ނުގަންބާށެވެ. އެހެނީ ނިދާފައި އޮތް މީހަކަށް އޭނާގެ އަތްއޮތީ ކޮންތަނެއްގައި ކަމެއް ނޭނގެއެވެ.” (ޞަހީޙު މުސްލިމް) މިބަސްފުޅުން ދަލީލު ކުރާ ގޮތުގައި ފެންބޭނުން ކުރުމަށްޓަކައި އަތް އޭގެ ތެރެއަށް ލާންވާނީ އަތް ދޮވެގެން ކަމާއި އެހެންނޫންނަމަ ފެންބޭނުންކުރުން ކަމުނުދާނެއެވެ. އަދި ހަމައެހެންމެ ނިދިން ހޭލުމަށްފަހު އާއްމު ދިރިއުޅުމަށް ފެށުމުގެ ކުރިން އަތްދޮވުމުގެ މުހިންމުކަން މިޙަދީޘުން ހާމަވެގެން ދެއެވެ. ހަމައެގޮތަށް ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވުމުންވެސް ދަލީލުކޮށްދޭ އެއްކަމަކީ އަތް ނުދޮވެ ކައިފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ގެއްލުންތަކެއް ކުރިމަތިވެގެންދާކަމެވެ. ދެން ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ މުސްލިމުންނަށް ފަރުޟު ކުރައްވާފައިވާ ނަމާދު ކުރެވެނީ އޭނާ ވުޟޫ މަތީގައި ހުރެގެންކަމެވެ. ދުވާލެއްގެ މައްޗަށް 5 ނަމާދު މުސްލިމުންނަށް ވާޖިބު ކުރައްވާފައި ވެއެވެ. މި ނަމާދުތައް ވަނީ ދުވަހުގެ އެކި ވަގުތުގެ ތެރެއިން 5 ވަގުތަކަށް ބެހިގެންނެވެ. ދަންނަވަން މިއުޅެނީ މިއިން ކޮންމެ ނަމާދަކަށް އާމުގޮތެއްގައި މުސްލިމުން ވުޟޫކުރާނެއެވެ. އެއިން ކޮންމެ ވުޟޫއެއް ފުރިހަމަ ވުމުގައި 6 ފަހަރު އަތް ދޮވެއެވެ. އަދި ދުވާލެއްގެ މައްޗަށް ބަލާއިރު 30 ފަހަރު އަތް ދޮވެއެވެ. މިކަމުގައިވެސް ފޮރުވިގެންވާ ޚިކުމަތެއްވާނެކަން ކަށަވަރެވެ. ހަމަ ޔަގީނުންވެސް އެވަރަށް އަތް ދޮންނަ އިރު އެނާގެ އަތުގައި ހުރި ޖަރާސީމުތައް ދޮވެވިގެން ދިޔުމަކީ ކަށަވަރު ވެގެންވާ ކަމެކެވެ.
ކޯވިޑް 19 މީހުންނަށް ޖެހެން މެދުވެރިވާ އެއް ސަބަބަކީ ޑޮކްޓަރުން ފާހަގަ ކުރައްވާގޮތުގައި ކުޅެވެ. ކުޅުގެ ޒަރިއްޔާއިން ނުވަތަ އަރިދަފުހުގެ ޒަރިއްޔާއިން ނޮވިލްކޮރޯނާ ވައިރަސް އެކަކު ގައިން އަނެއްކަކުގެ ގަޔަށް އަރާކަމުގައި ޑޮކްޓަރުން ފާހަގަ ކުރައްވައެވެ. އެހެންކަމުން ކޯވިޑް 19 އިން ރައްކާތެރި ވުމަށްޓަކައި ނުކޮށް ހުއްޓާލުމަށް ތަކުރާރުކޮށް ހެލްތު ޕުރޮޓެކްޝަން އެޖެންސީން ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ އަނެއް މެސެޖަކީ މަގުމަގު މައްޗާއި މީހުން އެއްވެ އުޅޭ ތަންތަނަށް ކުޅު ނުޖެހުމެވެ. އެޗް.ޕީ.އީ.ން ދެމުން ގެންދިޔަ މި އިރުޝާދުވެސް މީގެ 1400 އަހަރު ކުރިން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީސްތަކުންނަށް ދެއްވާފައެވެ. ހަމައެކަނި ބައްޔެއް ފެތުރޭތީކީ ނޫނެވެ. އެހެންނަމަވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީސްތަކުންގެ އާއްމު ދިރިއުޅުމުގައި އެކަން އަބަދުވެސްކުރުން ނަހީ ކުރައްވާފައެވެ. މާސްކުއެޅުމަށް އެޗްޕީއީ އަންގާ ސަބަބަކީވެސް މުޢާމަލާތް ކުރުމުގެ ތެރެއިންވިޔަސް އަދި މިގޮތަށް ކުޅު ޖެހުމުގެ ތެރެއިން ވަޔާއެކުވެގެންވިޔަސް ނޮވިލްކޮރޯނާވައިރަސްގެ އަސަރު އަނެއް މީހާގެ ހަށިގަނޑަށް ގޮސްފާނެތީއެވެ.
ކޯވިޑް 19 އިން ރައްކާތެރިވެތިބުމަށް ކުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަ ކުރާ ކަމަކީ ސާފުތާހިރުކަންމަތީ ތިބުމެވެ. ތިމާގެ ހަށިގަނޑުގެ ސާފުތާހިރުކަންމަތީ ބެހެއްޓުމަށެވެ. ތިމާ ދިރިއުޅޭތަން ސާފުތާހިރުކަންމަތީ ބެހެއްޓުމަށެވެ. އެގޮތުން ބަލާއިރު ދަތް އުނގުޅުމާއި ނިޔަފަތި ކެނޑުމާއި ނަޖިހުން ޠާހިރުވުމަށާއި ޙަދަޘުން ޠާހިރުވުމަށް ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. ހަމައެހެންމެ ތިމާ ދިރިއުޅޭ މާހައުލު ސާފުކޮށް ބެހެއްޓުމަކީވެސް ރަސޫލާ މުޙައްމަދު ޞައްލަﷲ އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ތިޔަބައިމީހުންގެ ގެދޮރު ސާފުތާހިރު ކުރާށޭ!” އެވެ. (އައްތިރުމިޛީ) ހަމައެހެންމެ މީހުން އާމުކޮށް އެއްވެ އުޅޭތަންތަންވެސް ސާފުޠާހިރުކޮށް ބެހެއްޓުމަށް އެކަލޭގެފާނުވަނީ އަމުރުކުރައްވާފައެވެ. ” ލަޢުނަތް ލިބޭ ދެކަމަކުން ތިޔަބައިމީހުން ރައްކާތެރިވާށެވެ! ޞަހާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ލަޢުނަތް ލިބޭ ދެކަމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ މީސްތަކުން ހިނގާ މަގުތަކަށާއި ހިޔާ ގަންގަނޑަށް ގަޟާޙާޖާކުރުމެވެ. އެސްވެދިޔަ އިރުޝާދުތަކުން ހާމަވެގެން މިދަނީ އިސްލާމްދީނުގައި އަބަދުވެސް ސާފުޠާހިރުވުމަށް އަމުރު ކުރައްވާފައިވާ ކަމެވެ.
ކޯވިޑް 19 އިން ސަލާމަތްވުމަށްޓަކައި ކަމާބެހޭ އިދާރާތަކުންދޭ އަނެއް އިރުޝާދަކީ ގައިދުރުކަން ބެހެއްޓުމެވެ. ގައިންގަޔަށް އަރާބަލި ހުންނަނަމަ ގައިދުރުކަން ބެހެއްޓުމަށް ނުވަތަ ގައިގޯޅިވެ ބަލި ފެތުރޭ ތަންނަތަނަށް ނުދިޔުމަށް އިރުޝާދު ދެއްވާފައިވާ ކަން ހާމަވާ ރަސޫލާގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ” ޞިއްޙަތުގައިވާ ނަޢާމު ސޫފިތަކެއް ފެންބޯ ފެންގަނޑަށް ބަލި ނާޢާމް ސޫފިތަކެއް ނުގެންދާހުށިކަމެވެ.” މިޙަދީޘަށް ބަލާއިރު ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭނަމަ ގައިދުރުކަން ބެހެއްޓުމަކީ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ލާޒިމުކަމެކެވެ.
ކޯވިޑް 19 އަކީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. އެހެންކަމުން އޮތް ގޮތަކީ ބަލިން ރައްކާތެރިވުމަށް އެޅެން އޮތް ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ބަލިފެތުރޭ މުޖުތަމަޢުތަކުގައި އުޅޭމީހުންނަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކަރަންޓީނުވެގެން ތިބުމެވެ. މިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީގެ 14 ގަރުނު ކުރިން ބަޔާން ކޮށްދެއްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. “ތިޔަބައިމީހުންނަށް ބިމެއްގައި ޠާޢޫން ފެތުރިފައިވާ ކަމުގެ ޚަބަރު ލިބިއްޖެނަމަ، ފަހެ އެ ބިމަކަށް ތިޔަބައިމީހުން ނުފައިބާހުށިކަމެވެ! އަދި އެކަން ފެތުރިފައިވަނީ ތިޔަބައިމީހުން ދިރިއުޅޭ ބިމަށްކަމުގައި ވާނަމަ، އެއިން ފިލުމަށްޓަކައި ތިޔަބައިމީހުން އެބިމުން ނުނިކުންނާށެވެ! މިބަސްފުޅުން ދިރިއުޅޭ ބިމުގެ މުރާދުގެ ތެރޭގައި ނިސްބަތްވާ ޤައުމު، އަތޮޅު، ރަށް އަދި ގޯތީގެ ގޮތުގައި ދަލީލު ލިބެއެވެ. އެހެންކަމުން އަޅުގަނޑުމެންނަކީ ފުރިހަމަ މުސްލިމަކަށްވާހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދަށް ފުރިހަމައަށް ބޯލަނބަންޖެހެއެވެ.
ޝައްކެއްނެތި އެނގޭ ކަމަކީ އިންސާނުންނަށް ބަލިޖެހުމުން އެކަމުގެ ޝިފާ ދެއްވަނީ ﷲ ތަބާރަކަ ވަތަޢާލާކަމެވެ. ސޫރަތުއް ޝުއަރާ 80 ވަނަ އާޔަތުގެ މާނައިގައިވެއެވެ.”އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ ހަމަ އެކަލާނގެއެވެ.” އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ކަމަށްވީހިނދު މާޔޫސްނުވެ ﷲ އަށް ވަކީލުކޮށް އެކަލާނގެ ހަޟްރުތުގައި ދުޢާކުރުންމަތީ ދެމިތިބުމަކީ މިބަލިން ސަލާމަތްވެވެން އޮތްމަގެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައަހި ވަސައްލަމަގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އޭ ޙައްދަވާ ބޮޑުކުރެއްވި އިލާހު! ބަރަޞް ބަލިންނާއި، ބުއްދި ގޯސްވެ މޮޔަވުމުންނާއި، ޖުޒާމު ބަލިންނާއި، އަދިވެސް ނުރައްކާތެރި އެންމެހާ ބަލިތަކުން މިއަޅާ ސަލާމަތްކުރައްވާނދެއެވެ!