ނަމާދަށް ފަރުވާތެރިވުމަށާއި ފޮތްތައް މުޠާލިއާކުރުމަށް ނަސޭހަތްތެރިވަން: މަރްޔަމް ޙަސަން

ފާތުމަތު ޝާއިރާ

އެމީހުންގެ ހުނަރުގެ މިފަހަރުގެ މެހުމާނަކީ ހއ. އިހަވަންދޫ ވައިލެޓްގެ މަރިޔަމް ހަސަނެވެ. މަރިޔަމް ހަސަން ފާހަގަ ކުރެވެނީ އިޖުތިމާޢީ ގޮތުން އޭރު އިހަވަންދޫގައި އުފެދުނު މޯރނިންގް ކުލަބު، އިމަގު ޖަމިއްޔާ އަދި ޖުމުލަކޮށް އިހަވަންދޫގެ ތަރައްޤީއަށް ކުރެވުނު ކަންކަމުގައި  އަންހެނުން ކުރިއަށްނެރެ ޢަމަލީގޮތުން ހަރަކާތްތަކުގައި ބައިވެރިވެ ޖޯޝާއި ފޯރީގައި، އަންހެނުން ބާރުވެރި ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި އިޖުތިމާޢީ ޙިދުމަތްތެރިއެއްގެ ގޮތުގައެވެ. އިހަވަންދޫ އަކީ ޒަމާނުންސުރެ އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާރަށަކަށް ވީހިނދު އޮޑި ދޯނި ފަހަރު ގިނަރަށެކެވެ. އެޒަމާނުގައި އޮޑިދޯނިފަހަރު އެހެލަން އަންހެންވެރިންނެރެ މުޖުތަމައުގައި އަންހެނުންގެ ހިއްސާ އޮތުމަކީ މުހިއްމުކަމެއްކަން ސާބިތކޮއްދިނުމަށް ނުހަނު ގިނަމަސައްކަތް ކޮށްދިނުމުގެ އިތުރުން މަރިޔަމް ހަސަންވަނީ އިހަވަންދޫ އަންހެނުންގެ ކޮމެޓީގައި ގިނަ މުއްދަތެއްގައި ޙިދުމަތް ކޮއްދެއްވާފައެވެ. އިމަގު ޖަމިއްޔާއިން ދެމުންގެންދާ ޢިޖުތިމާޢީ ޙިދުމަތުގެ ޝަރަފުވެރި އެވާރޑް 2009 ވަނަ އަހަރު މަރިޔަމް ހަސަން އަށް ލިބިފައިވެއެވެ. މަރިޔަމް ހަސަން ފާހަގަ ކުރެވެނީ މީހުންނާގުޅޭ، ހިތްހެޔޮ ކަނބަލެއްގެ ގޮތުގައެވެ. އަންހެނުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކޮންމެކަމެއްގައި އިސް ސަފުގައިހުރެ ދައްކުވައިދިން ރިވެތި ނަމޫނާ އިހަވަންދޫގެ ކޮންމެ ދަރިއަކުމެ ފަޙުރުވެރި ކަމާއެކު ބަލައިގަންނާނެކަމީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. މިހާރު އުމުރުން 83 އަހަރުވެ މުސްކުޅިވުމާ ގުޅިގެން މަރިޔަމް ހަސަން  އިޖުތިމާއީ ހަރަކާތްތަކުން ގިނައިން ނުފެނުނު ކަމުގައިވިޔަސް މަރިޔަމް ހަސަންގެ ހިތުގައި އިހަވަންދޫއަށް ޓަކައި އޮތް ލޯތްބަށް އެއްވެސް ފަނޑުކަމެއް ނާންނަކަން މަރިޔަމް ހަސަން ގެ ވާހަކަތަކުން ހާމަވެއެވެ.

  •  އާއިލާގެ ކުރުތަޢާރަފެއް ދީފާނަންތޯ؟

     އާއިލާ އަކީ ކެޔޮޅު ހަސަނުގެ އާއިލާ، މިއާއިލާ އަކީ ކެޔޮޅުކަންކުރުމުން މިރަށުގަ އެއްވަނަ ހޯދައިގެން އެކަމުގެ އެވާރޑް ލިބިފައިވާ އާއިލާއެއް.

  • އިޖުތިމާޢީގޮތުން އޭރު ފެނިގެންދިޔައީ ވަރަށް ހަރަކާތްތެރި ކަނބަލެއްގެ ގޮތުގައި، ކިހިނެއްތޯ އެކަންކަމުގެ ތެރެއަށް ވަދެވުނީ؟

ރައްޓެހިންގެ އެދުމުގެމަތިން، ދެން ދައްތަ ހިތުގަ އެކަމަށް އޮތް ޝައުޤެއްގެ ބޮޑުކަމުން.

  • އޭރު ރަށުގަ ޢީދުކުޅިވަރުތަކާއި އާދަކާދަ މިހާރާ ވަރަށް ބޮޑަށް ތަފާތު ދޮއްތޮ؟ އަވަށުން ކިހިނެއްތޯ ތައްޔާރުވަނީ އެކަހަލަ ދުވަސްތަކަށް؟

ތަފާތު ކޮންމެވެސްވަރަކަށް، އޭރުގަ ރަށުތެރެ ކުނިކަހާ ސާފުކުރަން އަވަށްތަކުގެ މީހުން ނިކުމެ އެބައިމިހުންގެ އަވަށް ސާފުކުރާނީ. ޢީދުގަވެސް ބޮޑުބެރު ޖެހުމާ، ބަނޑިޔާޖެހުން، ދިގުމަގުދަނޑިއާއި މާފަތި ޖެހުން ވަރަށް ފޯރީގަ ކުރިޔަށްދޭ. އަދި ވަރަށް ފާހަގަކޮށްލެވޭ ކަމެއް، އޭރުގަ މީހުން ކައިވެނިކުރާ އަންހެންމީހައަށް ފިރިމީހާގެ ފަރާތުން ތިންގަނޑެތި ( ނަމާދުފޮށާއެއް، ބުރުގާއެއް، ހެދުންފަހާނެ ފޮތިގަނޑެއް) ދޭނެ.

މަރްޔަމް ޙަސަން… ފޮޓޯ: އަޙްމަދު ލަޔާން

  • އާމްދަނީ ހޯދަން ކުރީ ކޮން މަސައްކަތެއްތޯ؟

ބޮނބިތަޅާ ރޯނުވެށުން، މަސްކައްކާ ހިއްކުން.

  • ރަށުތެރެ ސާފުކުރަން އަންހެންވެރިން ނިކުތުން އެއީ އޭރު ފެންނަ ވަރަށް ހިއްގައިމު މަންޒަރެއް، ކިހިނެއް އެކަން އޮންނަނީ؟

ދައްތަމެން ދަނީ ގޭގެއަށް އަންހެންވެރިން ނެރެން. ދެން އެންމެން އެއްވެ އިލޮށިފަތިތައް ހިފައިގެން ގޮސް ކުނިކަހާ މުޅިއަވަށް ސާފުކުރަނީ.

  • މި ޖީލުގެ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބައިތޯ؟

ނަމާދަށް ފަރުވާބެހެއްޓުމާއި، ސްކޫލުން ދޭ ފިލާވަޅުތައް ހަދައި ފޮތްތައް މުތާލިއާ ކުރުމަށް ނަސޭހަތްތެރިވަން.

  • އެންމެކުރީގެ ހަނދާން ތަކަކީ ކޮބައިތޯ ؟

ދައްތަ އުޅުނީ ސީސަންމާގޭގަ. މައިންބަފައިން ދައްތަމެން ބަލާބޮޑުކުރީ ބޮނބިތަޅާ ރޯނުވަށައިގެން ލިބޭ އެއްޗަކުން. ދައްތަ ހަނދާން ހުރޭ ފިލާ ހިފައިގެން 3 އިރަށް އެދުރުގެއަށް ކިޔަވަން ދިޔަހަނދާން. ސުކޫލަށްވެސް ދިޔައިން ދެން ގޭގަ ދަސްކުރަނީ ތަޢުލީމުދިޔާނާ 1 އަދި 2

  • އޭރު އަވަށްޓެރިންނާ ގާތްތިމާގެ މިހުންނާވެސް މިހާރަށްވުރެ މާބަދަހި ގުޅުމެއް އޮވޭ ދޮއްތޮ؟ އޭރުގަ އެކަންކަން އޮންނަ ގޮތް ކިޔާލަ ދީފާނަންތޯ؟ އެކަކު އަނެއްކާއަށް އެހީތެރިވާގޮތް؟

ވަރަށް ގުޅުން ރަނގަޅު. ފާތިހާ އަކަށް ކެއްކިޔަސް އެހިސާބުގަނޑުގެ އެއްމެން ކެއްކުމުގެ ކަންކަމުގަ ބައިވެރިވާނެ. ގެއެއްރާނާ ހިޔާކުރާ އިރުވެސް ވަރަށް އެކުވެރިކޮށް ހިލޭސާބަހަށް ގޮސް އެކަކަށް ޖެހޭކަންކަން ކޮއްދޭނީ. ޖެހިގެން ހުންނަގެއިން ލައިގެން ކާނެ އެއްޗެހިވެސް ލިބޭނެ، އަވަށްޓެރިންނާ ހިސާބުގަނޑު އެންމެން ތިބޭނީ އެކަތިގަނޑެއްހެން.

  • އޭރު ކުޅެއުޅުނީ ކޮންކަހަލަ ކުޅިވަރު ތަކެއްތޯ؟  

ބަށިކުޅުން، (އޭރު ބަށިވެސް ކުޅޭނީ ފިލާގަނޑަކުން ފޮތިން ބޯޅަހަދައިގެން) ބާސާމަޑޭ، ފިއްލަފިލާ، ބާބަލާއާއި ވާދެމުން މިއީއޭރު އިހަވަންދޫގަ ދައްތަމެން ކުޅެ އުޅުނު ކުޅިވަރުތައް، މިކުޅިވަރުތައް ޢީދު ދުވަސް ދުވަހު އެންމެން ނިކުމެގެން ކުޅެއުޅޭނެ..

މަރްޔަމް ޙަސަން… ފޮޓޯ: އަޙްމަދު ލަޔާން

އަޅުގަނޑުމެންގެ ބަހުރުވައިންނަމަ ކަނބުލޮދައިތައަކީ ކެރޭ ، ހީވާގި، ކެތްތެރި އަދި މަޑުމައިތެރި، މީހުންނާ ގުޅިގެން މަސައްކަތްކުރާ އަދި ކުރުވާ ކަނބަލެއް ، އަޅުގަނޑު އިމަގު ޖަމިއްޔާ ހިންގިއިރުވެސް ކުރާ ކޮންމެ މަސައްކަތެއްގަ ،އިސްސަފުގަ ހުންނަވައިގެން ރަށުވަންތަ ލޯތްބާއި އެކު ސާބިތުވެ ހުންނެވި ލާމަސީލު މިސާލެއް”

– އިމަގު ޖަމިއްޔާގެ ކުރީގެ ރައީސް އަލްފާޟިލް ޢަދުނާނު މުޙައްމަދު  –

މަރިޔަމް ހަސަން އަށް މާތްﷲ ފުރިހަމަ ސިއްޙަތެއް ދެއްވާ، އުފާވެރި ކަމާ ފާގަތި ދެއްވާށި އެވެ. އާމީން!

އެމީހުންގެ ހުނަރުގެ މި ސެގްމެންޓް ނިންމާލަނީ  މަރިޔަމް ހަސަން ފަދައިން މުޖުތަމަޢު އަށް ބޭނުން ހިފޭ، މިރަށާ، ޤައުމު ފަހުރުވެރިވާ ފަދަ މީހަކަށް ތިބާއަށްވެސް ވެވިދާނެ ކަމަށް ހަނދާން ކޮށްދެމުންނެވެ.