މިއަދު ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު، ރައީސް ޔާމީންގެ ވެރިކަމުގައި އިހަވަންދޫގައި 14 މަޝްރޫއެއް ހިންގެވިކަމަށް ބުނުމުން ބައެއްމީހުންނަށް އެކަންވީ އަޖައިބުކުރުވަނިވި ވާހަކަޔަކަށެވެ. އަނެއްބަޔަކު، އެއީ އިހަވަންދޫ ރައްޔިތުންނަށްކުރި ފުރައްސާރައެއްކަމަށް ބުނެ ސޯސިލްމީޑިއާގައި ޝުއޫރު ފާޅުކުރަންފެށިއެވެ.
ހީނާ ވަލީދު އެބުނި ވާހަކައިގެ ތެދު ދޮގު ބަލައިލުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ ހިތުގައިވެސް އުފެދުނެވެ. 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގެ ދައުލަތުގެ ބަޖެޓްފޮތް ބަލައިބަލާވެސް އެބުނާ އަދަދަކަށް މަޝްރޫޢުތަކަށް ބަޖެޓް ކޮށްފައިވާތީ ނުފެނުނެވެ. ގިނަ އަހަރުތަކުގައި ބަޖެޓް ކޮށްފައިވަނީ ތަކުރާރުކޮށް އެއް މަޝްރޫއުތަކަކަށްވެފައި ބައެއް މަޝްރޫޢުތައް ބަޖެޓުން ގެއްލިފައިވަތީ، އެއްގޮތަކަށްވެސް މަޝްރޫޢު ތަކުކުގެ އަދަދު 14 އިން އަދަދުކުރެވޭގޮތެއް ނުވިއެވެ.
ގައިމު އެކަމަނާވެސް ރޯމަރު ދޮގެއް ނަހަދާނޭ ހިތާ އެކަމަނާގެ ވާހަކަޔަށް ވާގިދޭ ލިޔުމެއް ފެނޭތޯ ހާވަން ފެށީމެވެ. މާކަގިނަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން “ރަށްވެހި ތަރައްޤީ” ގެ ނަމުގައި ޝާއިއުކޮށްފައިވާ ފޮތެއް އަތުޖެހިއްޖެއެވެ. ހިނާ އެބުނީ ހަމަ ރަނގަޅަށެވެ. މިފޮތުގައި މިވާގޮތުން ރައީސް ޔާމީންގެ ދައުރުގައި އިހަވަންދޫގައި 14 މަޝްރޫޢުއެއް ވަނީ ހިންގާފައެވެ. އަދި އެމަޝްރޫއުތަކަށް ގާތްގަނޑަކަށް 138 މިލިއަން ރުފިޔާވެސް ވަނީ ހަރަދުކޮށްފައެވެ.
ރައީސް ޔާމީންގެ ދައުރުގައި އިހަވަންދޫގައި ހިންގިކަމަށް “ރަށްވެހި ތަރައްޤީ” ފޮތުގައި ވާ މަޝްރޫޢުތަކަކީ:
| # | މަޝްރޫޢު | އަގު (ރ) |
| 1 | ޞިއްޙީ މަރުކަޒުގެ އައު އިމާރާތް. | 1305338.70 |
| 2 | ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ފިނިޝިންގ މަސައްކަތްކުރުން | 1444100.94 |
| 3 | ޞިއްޙީ މަރުކަޒު ކަނެކްޝަން ބިލްޑިންގއެއް އެޅުން | 1070295 |
| 4 | ސްކޫލަށް 12 ކްލާސްރޫމް، 3 ބުރި އިމާރާތް | 12794472.59 |
| 5 | މަގު ބައްތިޖެހުން. | 449834.24 |
| 6 | ފެނުގެ ނިޒާމު ޤާއިމުކުރުން. | 36533363.30 |
| 7 | ނަރުދަމާ ނިޒާމު ޤާއިމުކުރުން. | 62806797.77 |
| 8 | ޑަސްޓްބިނާއި ގަސް ކާނާ އުފައްދާ ތަކެތި ފޯރުކޮށްދިނުން | 116614.8 |
| 9 | ސްޕޯޓްސް އެރީނާ (ފުޓްސަލްދަނޑު، ބަށިކޯޓު) | 1331889.38 |
| 10 | ހުރަވީ ފުޓްބޯޅަދަނޑު، ޣާޒީ ފުޓްބޯޅަދަނޑު. | 758823 |
| 11 | 350 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދިނުން. | 1104269.84 |
| 12 | ސޯލަރ ޕީ.ވީ. ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން | 12222175.3 |
| 13 | 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޯރުކޮށްދިނުން | 2951040 |
| 14 | ޖީ.ޕީ.އާރު. ފެން ޓޭންކް ބެހެއްޓުން | 3504768.27 |
| މި 14 މަޝްރޫއުގެ ޖުމްލަ އަގު | 138393783.1 | |
ރައީސް ޔާމީންގެ ދައުރުގައި އިހަވަންދޫގައި 14 މަޝްރޫއު ހިންގެވިކަމަށް ހީނާ ބުނުމުން، ޖޯކްޖެހި މީހުންވެސް އެއްބަސްވާންޖެހޭ ކަމަކީ މިމަޝްރޫޢުތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި އިހަވަންދޫގައި ހިންގި ކަންކަންކަމެވެ.
ބައެއް މީހުން ބުނެފާނެއެވެ. ތިހާކުދިކުދި ކަންކަމަކީ މަޝްރޫޢު ހެއްޔެވެ؟ އެއް މަޝްރޫޢެއްގެތެރޭން ތިން ހަތަރު މަޝްރޫޢު ހިންގިކަމަށް ބުނެވޭނެ ހެއްޔެވެ؟ އާދޭހެވެ! ދިވެހި ބަހުގެ ރަދީފުގައި މަޝްރޫޢު މާނަކޮށްފައިވަނީ “ވަކި މުއްދަތެއްގެ ތެރޭގައި ވަކި މަގުސަދުތަކެއް ޙާސިލު ކުރުމަށް ރާވާ ރޭވުން.” ކަމުގައެވެ. އެއީ ބޮޑު ކަމެއް ނުވަތަ ކުޑަކަމެއް ކަމާއިމެދު މިންކުރާން ޖެހޭނެކަމަކަށް ބުނެފައެއްނެތެވެ. އަދި ހަމައެހެންމެ ތިބާ ގެއެއް އިމާރާތްކުރާއިރު ކޮންމެ ކޮޓަރިއެއް ނުވަތަ ކޮންމެ ދޮރެއްޖެހުންވެސް ވަކި މަޝްރޫއެއްގެ ގޮތުގައި ގެންދެވިދާނެއްނޫންހެއްޔެވެ! ރައީސް ޔާމިންގެ ސަރުކާރުން ރިޔާސީ ކެމްޕެއިނާ ދިމާކޮށް ނުރުނު މިފޮތުގައި މިމަޝްރޫއުތައް ހިންގިކަމަށް ލިޔާނީ އެމަޝްރޫޢު ތަކަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ހިންގުނު އަދި ރައްޔިތުންގެ ސަޕޯޓް ލިބޭނެ ކަންކަންކަން ހުދު އެމަނިކުފާނުވެސް ޤަބޫލުކުރައްވާތީކަން ޔަޤީނެވެ.
ފާޑުކިޔާ މީހުން ބުނާނެއެވެ. ރައީސް ވަހީދު ސަރުކާރުން ސޮއެކުރި ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ ބައެއް މަޝްރޫޢުތަކުގެ ކްރެޑިޓް ޔާމީނަށް ނެގޭހެއްޔެވެ؟ ނުނެގޭންވީ ކީއްވެހެއްޔެވެ؟ އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ރައީސް ޔާމީންގެ ޒައާންމަތުގައި ހިންގެވިވީއްޔާއެވެ.
އަޅުގަނޑަށް ފެންނަތާގައި ރައީސް ޔާމިންގެ ފޮތުގައި މަޝްރޫއުތައް ލިޔެފައިވާ އުސްލޫބަށް ބަލާއިރު ބައެއް މަޝްރޫއުތައް އަދި މަދެވެ. ނެށުމުގެ ފަރި ހަރަކާތްތަކާއިއެކު ރަށަށް އެރުވި ސްކޭން މެޝިނާއި، ބޭންކް ބްރާންޗްގެ މަތިން ހަނދާން ނެތުނީވެސް ތޯއްޗެކެވެ. އަދި ހަމަ އެހެންމެ ރައީސް ޔާމީންގެ ދައުރުގައި އިހަވަންދޫ ކައުންސިލް އިރުއިރުކޮޅާ ސަސްޕެންޑް ކުރުމަކީވެސް ވަރަށް ރޭވުންތެރިކަމާއިއެކު ހިންގެވި މަޝްރޫޢުއެއްކަމަށް ކިޔާތީ އަހަމެވެ.
ސިޔާސީ ވެރިން މަޝްރޫޢު މާނަކުރާގޮތް މިހިރީ ފެންނާށެވެ. މިއުސްލޫބުން މިނާނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވާ އެމަނިކުފާނުގެ މަޝްރޫޢު ތަކުގެ ލިސްޓް މިއަށްވުރެ ދިގުވާނެކަމަށް ފެނެއެވެ. ހަމައެކަނި ފެނަކަ އިންޖީނުގެއިންވެސް 14 ހަމަކުރާނެކަން ޔަޤީނެވެ! ފަހަރުގައި ރައްޔިތުމީހާ މަޝްރޫއު މާނަކުރާގޮތް ތަފާތުވެދާނެއެވެ. ގޮތް ނިންމާނީ ރައްޔިތުމީހާއެވެ!