ކްލަބް އިރަމާއޭ ބުނުމުން ފަހަރުގައި ނޭގިދާނެއެވެ. އެކަމަކު 2017 ވަނަ އަހަރު މައިކަޕްގައި ކުޅުނު އެންމެ ޒުވާން ޓީމަކީ ކޮބައިކަން އެނގޭނެއެވެ. ބޮޑުމަގު ޖޫނިއަރގެ ނަމުގައި ނިކުމެ ޒުވާން ކުދި ބަޔަކު ކުރި ހިތްވަރުގެ ހަނދާންތައް މިހާހިސާބުން އައުވެގެންދާނެއެވެ.
މައިކަޕަށް މިފަހަރު މުޅިން އަލަށް ތަޢާރަފްވާ އެއްޓީމަކީ ކްލަބް އިރަމާއެވެ. ޓީމްގެ އެވްރެޖް އުމުރަކީ 20 އަހަރެވެ. ޅަޒުވާން ކުދިންކޮޅަކާއެކު ކްލަބް އިރަމާ ނިކުންނަނީ ހަށިގަނޑުން ފެންނަމުންދާ ޒުވާންކަމުގެ ފުރިހަމަކަން ފުޓްބޯޅައިގެ ދަނޑުގައިވެސް ދެއްކުމަށެވެ. ކިތަންމެ ކުޑަ ނަމަވެސް ކިތަންމެ ޒުވާން ނަމަވެސް ނަތީޖާ ނެރެ ތަފާތު ދައްކާދޭށެވެ.
ކްލަބް އިރަމާ ނިކުންނަނީ ރަށާއި އަތޮޅާއި ޤައުމީ ފެންވަރުގައިވެސް ފުޓްބޯޅައިގެ ޖާދޫ ދައްކާފައިވާ ޒުވާން ކޯޗް މުހައްމަދު އަރީބްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދެއްކުމަށެވެ. މިފަހަރުގެ މުބާރާތުގައި ދަނޑުގެ އެތެރެއާއި ބޭރުންވެސް ކޯޗެއްގެ އިރުޝާދުތައް މުޅިން އަލަށް މައިކަޕްގައި ފެނިގެންދާނެއެވެ. އަރީބް މިހާރު ގެންދަނީ މިޒުވާން ޓީމް އިތުރަށް ހުނަރުވެރިކުރުމުގެ އެންމެހާ މަސައްކަތްތައް ކުރަމުންނެވެ.
މައިކަޕްގެ ތަޖުރިބާކާރު މެނޭޖަރުންނާއި ޗެލެންޖްކުރުމަށް، ކްލަބް އިރަމާގެ ޒުވާން ޓީމާއެކު ނިކުންނަނީ އުއްމީދީ ޒުވާން މެނޭޖަރ ޝުއާދު އިބްރާހިމް (ބުއްޗު) އެވެ. އޭނާގެ ނަމަކީވެސް ފުޓްބޯޅައަށް އައު ނަމެއް ނޫނެވެ. ދަރުމަވަންތަ ސްކޫލާއި ސީއެޗްއެސްއީގެ ޓީމްތައް ތަމްސީލްކުރުމަށް އޭނާވަނީ ގިނަ މެޗްތަކެއް ކުޅެފައެވެ.
ކްލަބް އިރަމާ ވުޖޫދުކޮށް މައިކަޕްގައި އެޓީމު ވާދަކުރަނީ ޝުއާދުގެ ހިތްވަރުންނެވެ. ޝުއާދުވެސް ބުނަނީ “ބޯޅަ އޮތީ ވައްކޮށް ކަމަށްވާއިރު ތަފާތު ނުދެއްކެންވީ ސަބަބެއް ނެތް” ކަމަށެވެ. މަދު ތަޖުރިބާގެ އަލީގައި ހިތްވަރާއެކު މޮޅު ކުޅުމެއް ކްލަބް އިރަމާއިން މިފަހަރުގެ މައިކަޕްގައި ދައްކާނެކަމަށް އޭނާ ޔަގީން ކުރެއެވެ.
ކްލަބް އިރަމާގެ ޓީމުން ފެނިގެންދާނީ އުއްމީދީ ޒުވާން މޫނުތަކެކެވެ. 2019ގެ މުބާރާތަށް އަގު އަރައިގެންދާނެ ހިތްވަރުގަދަ ކުޅުންތެެރިންތަކެކެވެ. ފުޓްބޯޅައިގެ ފުރިހަމަ ވައްޓަފާޅި ނެއްޓުމާއި ކޮއްޓުމުގައިވެސް ދައްކަމުންދާ ހުނަރުވެރި މިޑްފީލްޑަރ މޫސަ (ކުޑަ މޫސަ) ގެ ނަން ފާހަގަކޮށްލެވެއެވެ. މޫސަގެ ޖާދޫ މިފަހަރު ފެންނާނީ ކްލަބް އިރަމާއިންނެވެ. ދެންވެސް ތިބީ އާދައިގެ ކުޅިންތެރިންނެއް ނޫނެވެ.
ކުޅަދާނަ ޑިފެންޑަރ އަޖްއަދު (ކޮކީ) އާއެކު، އަރަމުން އަންނަ ޖޯރުހުރި ޑިފެންޑަރ އަހްމަދު ޒަހީން (ބޮއި) ވެސް ކްލަބް އިރަމާގެ ޑިފެންސް ލައިން އިން ފެނިގެންދާނެއެވެ. ހުނަރުވެރި މިޑްފިލްޑަރ އިސްހާގް (ބޮބީ) ގެ ޖާދޫވެސް ދުވަސްތަކަކަށްފަހު މައިކަޕްގައި މިއަހަރު ފެންނާނީ ކްލަބް އިރަމާއާއެކުއެވެ. ޓީމްގެ އެޓޭކިންގގައި އަލީ ޒިހުނީ (އަލިއްކޮ) ގެ އިތުރުން ދެން ބައިވެރިވާނީ އަހްޝަމް (ބެޓެރި) އެވެ. މިއީ މައިކަޕް މުބާރާތުގައި ފެންނާނެ އެންމެ ހަލުއި އެންމެ ޒުވާން އެޓޭކިންގ ޕެއަރއަށް ވެގެންދާނެއެވެ.
ހުނަރުން ފުރިގެންވާ ޒުވާން ޓީމާއެކު، ކްލަބް އިރަމާގެ ޒުވާން ޓީމް ދެނީ މާނައިން ފުރިގެންވާ ވަރަށް ކުރު މެސެޖެކެވެ. “އަހަރެމެންގެ އިސްކޮޅާއި ރޫފައަށް ނުބަލާށެވެ. ތަފާތު ދައްކާނަމެވެ. ނަތީޖާ ނެރޭނަމެވެ”