އޭނާގެ ދިރިދިރި ހުރި ހަށިގަނޑަށް ކަރަންޓު ލިބުމުންވާ ކަހަލަ ގޮތްތަކެއްވާން ފެށި އެވެ. އައިޝަމް އަށް އިޙްސާސްކުރެވެމުން ދިޔައީ މުޅިމާހައުލު ކުދިކުދި ވަމުންދާ ކަމެވެ. ތަންކޮޅުކޮޅުން އިރައިރައިގެން ވީދިވީދި ގެންދާކަމެވެ. ބައެއް ތަންކޮޅުކޮޅުން ކުލަވެއްޓި ހަލާކުވަމުންދާ ކަމެވެ. އައިޝަމްގެ ކަނާތުފައިގައި ހިފަހައްޓައިގެން އޮވެ، އާދޭސްކުރަމުން އެފައިތިލައިގެ ހިޔަލަށް އެދި ކަރުނައަޅަމުން ދިޔަ ޒިދުނާ އިސްއުފުލާ ބަލާލީ އައިޝަމްގެ ހަރަކާތްތައް ހުއްޓުނުކަން ޔަޤީންވުމުންނެވެ. އައިޝަމް ހީވަނީ ކަނޑާފައި ވައްޓާލި ގަހެއްހެންނެވެ. ކުއްލިއަކަށް ބިމަށް ތިރިންވަން ފެށުމުން ޒިދުނާ ބިރުގަތެވެ. ހަދާނެގޮތް ހުސްވެ މީހާ ރޫރޫ އަޅަން ފެށި އެވެ. އޭނާއަށް އިނދެވުނީ ކުރާންވީކަމެއް ހަދާންވީގޮތެއް ވެސް ނޭގިފަ އެވެ.
“ހިމޭ… ހިމޭ…” ޒިދުނާއަށް ހަޅޭ ލަވައިގަނެވުނީ ހިމޭޝް އެދިމާއަށް އަންނަތަން ފެނުނީމަ އެވެ. އެއާ އެކު ބިންމައްޗަށް ވެއްޓިފައިވާ އައިޝަމްގެ މޫނާއި ގައިގެ އެތައްމިތަނުގައި އަތްފިރުމަމުން އަވަސް އަވަހަށް އައިޝަމްއަށް ގޮވަމުން ދިޔަ އެވެ.
“ޝަމް.. ޝަމް.. އަޅެ… ޝަމް ލޯ… ލޯ… ހުޅުވަބަ….” ހާސްވެ ކަންބޮޑުވެފައިވާ ޒިދުނާ އައިޝަމްގެ ބޯ ނަގާ އޭނާގެ އުނގަށް ލަމުން ގިސްލަމުން އަވަސް ހަރަކާތްތަކެއް ކުރަމުން ދިޔަ އެވެ.
“ޝަމް… ޝަމް… ޕްލީ… ޕްލީޒް… ލޯ… ލޯ…. ހުޅަވަ” ޒިދުނާ ފެންކަޅިވެ ގިސްލުން އަވަސްވެ އިތުރުވަމުން ދިޔަ އެވެ. ހިމޭޝް އެހާހިސާބަށް އާދެވުނީ އެވަގުތު އެވެ.
“ކިހިނެއްވީ…” އައިޝަމްގެ ކޮނޑުގައި ހިފާތަޅުވާލަމުން މާ ނޭވާލަމުން ހިމޭޝް އަހާލި އެވެ.
“ފެއިން… ފެއިންޓްވީ”
“ދޭބަ ފަރޭމެން ގާތުބުނަން އަވަހަށް… އަންނަމުން ފެންފުޅިއެއް ގެން…” ހިމޭޝްގެ ވާހަކަ ނުނިމެނީސް އައިޝަމްގެބޯ ޒިދުނާގެ އުނގުން ނަގާ ހިމޭޝްގެ އުނގަށް ލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ޒިދުނާ ދިޔަ އެވެ.
ޒިދުނާ ދިއުމާއެކު ހިމޭޝް ބޭނުންވީ އައިޝަމްގެ ފައިގައިވާ ލަކުނުގެ ހާލަތު ވަޒަންކޮށްލާށެވެ. އޭނާއަށް އެކަހަލަ އިޙްސާސެއް ކުރެވުނީ ކުއްލިއަކަށް އައިޝަމްއަށް އެހެންވުމުންނެވެ. މަޑުމަޑުން އައިޝަމްގެ ޖީންސްގެ ކަނާތު ފައިކުރި ހިއްލާލި އެވެ. އޭނާއަށް ހައިރާންކަން ލިބުނީ އެހާ ހިސާބުންނެވެ. އެލަކުނުތަކުގެ ކުލަ ބަދަލުވަމުން ދިއުމުންނެވެ. ކުރިން ކަޅުކުލައިން ފޭދިފައިވާ ދެ ލަކުނު ގަދަ ފެހިކުލައަކަށް ބަދަލުވަމުން ދިއުމުންނެވެ. ދަތުރު އައިސްގެ އުޅޭ އެ ގުރޫޕުގެ އެންމެން އެދިމާއަށް އަންނަތަން ފެނުމުން އަވަސް އަވަހަށް ޖީންސުގެ ފައިކުރި ތިރިކޮށްލި އެވެ. ޒިދުނާ އައުމުން އޭނާގެ އުނގުގައި އައިޝަމްގެ ބޯ ރަނގަޅަށް ބާއްވާލުމަށްފަހު މޫނަށް ފެންފޮދެއް ބުރުވާލި އެވެ. އަވަސް އަވަހަށް ފެން ބުރުވާލަމުން ދެތިން ފަހަރަކު ގޮވާވެސް ލިއެވެ. އައިޝަމްގެ ޚަބަރެއް ނުވިއެވެ. އެއާއެކު އެއްވެފައިވާ އެންމެ އެމީހަކަށް ފެންނަ ގޮތެއް ހެދުމަށް ލަފާދެމުން އައިޝަމްގެ ވަށާލި އެވެ.
“ފެއިންޓްވެފަ އޮންނަ މީހަކު ވަށާލާ ހާސްކޮށްލީމަ ފެއިންޓް ނުވެ އިންނަ މީހާވެސް ކަޑަވާނެ.. އިހަށް އެންމެން ދުރަށް ޖެހިބަލަ…” ފަރުހާން މަސައްކަތް ކުރަމުން ދިޔައީ އެއްވެފައި ތިބި މީހުން ގަނޑު ދުރަށް ޖެއްސޭތޯ އެވެ. ފަރުހާންގެ ލަފާގެ މަތިން ކަމާ ނުބެހޭ އެންމެ ކަހަލަ ގޮތަކަށް އެތަނުން ދުރަށް ޖެހިލި އެވެ. އެކި ޒާތްޒާތުގެ ހީތަކުން ފުރިފައިވާ އަނގަތައް ތަޅުވަމުންނެވެ. ކުސަމުސަ ކިޔަމުންނެވެ.
އައިޝަމްގެ ކަނާތްފަރާތުގައި ފަރުހާން އިނެވެ. ބޯކޮޅުގައި ޒިދުނާ ކަންބޮޑުވެފައި ހުއްޓުން އަރާފައިވާ ކަހަލަ ގޮތަކަށް އިނެވެ. ވާތްފަރާތުގައި ހައްވައްތަ ކުޑަކަކޫ ޖަހައިގެން ވާނުވާ ނޭނގި އިނެވެ. ހިމޭޝް އިނީ ކަނާތު އުނގަނޑާ ހިސާބުގަ އެވެ. ހަނީފު ހުރީ ފައިކޮޅާވީ ދިމާގަ އެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމާއި ހާސްކަމެވެ. ހިމޭޝް ގޮތްހުސްވަން ފެށި އެވެ. އޭނާ ދަންނަ ހުރިހާ ކަމެއް ކުރުމުން ވެސް އައިޝަމްގެ ޚަބަރެއް ނެތި އިރުގަނޑެއް ވުމުންނެވެ. އެނާ އެންމެ ފަހު ހަތިޔާރު ނެގި އެވެ. މަޑުމަޑުން ފަހަތަށް ޖެހިލުމަށްފަހު އައިޝަމްގެ ދެފައިގެ ފައިތިލައާ ހިސާބުގައި ލަކުނުތައް ހުރި ހިސާބުގައި ޖީންސްގެ މަތިން މަޑުމަޑުން ހިފަހައްޓާލި އެވެ. އައިޝަމްއަށް ތަދުވެދާނެކަމަށް ހީކޮށެވެ. ހިފާ ބާރާށް އޮބާލި އެވެ. ފަހަތަށް ދަމާކަމަށް ހަދާލަމުންނެވެ. އެއާ އެކު ކުއްލިއަށް އައިޝަމް ތެދުވި އެވެ. ހީވަނީ ފިލާގަނޑެއްގައި ހަރުކޮށްފައިވާ މޮހޮރެއް ނެއްޓިގެން އައިހެންނެވެ. ކަނޑާފައި ދޫކޮށްލި ވަލެއް ގަޔާދިމާއަށް އައިހެންނެވެ. އައިޝަމް ދެތުވެ އިށީނެވެ. ހިމޭޝް އިނީ އަދިވެސް އައިޝަމްގެ ފައިތިލާގައި ހިފަހައްޓައިގެންނެވެ. އޭނާގެ ހަށިގަނޑަށް ކުރެވުން ދިޔައީ އާދަޔާ ޚިލާފު ފިނިކަމެއްގެ އަސަރުތަކެވެ. ހަށިގަނޑުގައި ދައުރުވަމުން ދިޔަ ހޫނުލެޔަށް އާދަޔާ ޚިލާފު ގޮތްތަކެއް ވަމުން ދިޔަކަން ހިމޭޝްއަށް ޔަޤީންކުރެވުނެވެ. އޭނާގެ ގައިގެ އިސްތަށިތައް ކޮޅަށް ޖެހި ހަންގަނޑަށް ވާންވެ، ހިއްސުތަކުގެ ބާރު އިތުރުވަމުން ދިޔައެވެ. ކުރިން ދުރު ނުފެންނަ ހިމޭޝްއަށް ދުރެކޭ ކައިރިއެކޭ އެއް ހަމައަކަށް ބަދަލުވިއެވެ. ހިމޭޝް ހުއްޓުން އަރާފައި އިންތަން ފެނުމުން އައިޝަމް އެކަން ދެނެގަތެވެ. އަދި ކުއްލިއަކަށް އޭނާގެ ދެފައި ގަޔާގާތްކޮށްލި އެވެ. އައިޝަމްގެ ކުއްލި ހަރަކާތާއެކު ހިމޭޝް ކުރިމަށްޗަށް ވެއްޓެން އުޅުމުން ފަރުހާން ހިފަހައްޓާލި އެވެ.
ހިމޭޝްއަށް ހަމަހޭވެރިކަން ވެރިވުމުން ކޮޅަށް ތެދުވެ ދެކޮޅު ބަލާލި އެވެ. އޭނާ އަޖައިބުވީ މާދުރުން އޭނާއަށް ކަނޑު ފެނުނީމަ އެވެ. ގޮޑުދަށަށް ބީއްސަމުން ދިޔަ ރާޅުތަކުން އޮޅެމުން ދިޔަ ކަށިވެލި ފުއްތައް ވަކިވަކިން އެނގޭވަރުވުމުންނެވެ. ފަޅުތެރޭގައި ދުވަމުންދިޔަ ކޮރަކަލި ތަކާއި ވާލިތަކުގެ ހަރަކާތްތައް ނޫބިއްލޫރިގަނޑެއް ފަދަ މޫދުގެ ލޮނުގަނޑުން ހާމަވުމުންނެވެ. ވިލުދޮޅީގެ ބޭރުން ކުޅެ ސަމާސާކުރަމުން ދިޔަ ކޯމަސް އައިނުން ބުރަމުން ދިޔަ ފެންތިކިތައް ވަކިވަކިން ބުނެދޭން އެނގޭވަރުވުމުންނެވެ. ފެންނަމުން ދިޔަ މަންޒަރުތައް ހިމޭޝްއަށް ޤަބޫލު ނުކުރެވުނީ ކަންނޭނގެ އެވެ. އޭނާ ލޯ އުނގުޅާލާ ދެފަހަރަކު ބަލާލި އެވެ. ޔަޤީން ކޮށްލަން ބޭނުންވާ ފަދަ ގޮތަކަށެވެ. ހިމޭޝްގެ ކަޅިހިނގުން އަވަސްވި އެވެ. އެއްފަހަރު ކުރިމަތީ އިން އައިޝަމްގެ ލޮލަށެވެ. އަނެއް ފަހަރު ވިލުދޮޅިން ބޭރަށެވެ. އައިޝަމްއަށް ކަމެއް ފަޙުމުވީ އެހާ ހިސާބުންނެވެ. އައިޝަމްވެސް ފަހަތް ބަލާލި އެވެ. އެއާ އެކު ފެނިގެން ދިޔައީ އަޖައިބު ކުރުވަނިވި މަންޒަރު ތަކެކެވެ. ކޯމަސްތައް ފުންމަމުން ދިޔަ ދިމާ މޫދުން ހުދުކުލައިން އަލިވެފައިވާ މަންޒަރެވެ. ދުވާލުގެ މެންދުރުގެ ވަގުތުގައިވެސް ފާހަގަވާވަރަށް މުޅި މޫދުގެ އެސަރަހައްދު ހުދުވެފައިވާ މަންޒަރެވެ. ކަޅި ޖަހާނުލާ އެއްދިމާލަކަށް ބަލަހައްޓަން އައިޝަމް އާއި ހިމޭޝް ތިބިތަން ފެނުމުން އެއްވެ ތިބި އެންމެން އެދިމާއަށް ބަލަމުން ދިޔަ އެވެ.
“ކޮން އެއްޗެއް ތިބަލަނީ…” ފަރުހާނަށް މަޑަކުން ނީދެވުނެވެ.
“މޫދުން އެއްޗެއް ފެންނަނީތަ” ހައްވައްތަވެސް ފަރުހާނާ ބައިވެރިވީ ސުވާލަކުންނެވެ.
“ނޫނޭ ވިއްސާރަ އަންނަން އުޅޭހެން ހީވާތީ… ބުނެއެއްނު މިހާ ހޫނު ގަދައްޔާ ވާރޭ ނުވެހިއެއް ނުދާނޭ” ހިމޭޝް ޖަވާބުދިނީ ވިސްނާލުމަށް ފަހުގަ އެވެ.
“ހެއް މީ ހުޅަނގުމޫސުންތަ… ބަލަ މޮޔަ ނުގޮވާ… ޝަމް އޯކޭ ދޯ މިހާރު… އަހަރުން އެކޮޅަށް ދަނީ އިނގޭ” ހަނީފު ވާހަކަ ދެއްކީ އައިޝަމްއާ އެވެ. އެއާއެކު އައިޝަމް ބޯ ޖަހާލި އެވެ.
އެއްވެ ތިބި އެންމެ އެކުގައި އެކިތަންތަނަށް ގޮސް ތަން އަމާންވެއްޖެ އެވެ. އެހެނަސް އައިޝަމް އާ ޒިދުނާ އަދި ހިމޭޝް ބަހެއް ނުކިޔާ އެތަނުގައި ތިބި ގޮތަށް ތިބީ އެވެ.
“ސޮރީ ޝަމް… އަހަންނާ ހެދި ވީގޮތެއްދޯ…”
“ނޫނޭ… އެއީ ޝަމްއަށް މާގަދައަށް ކެވުނީމަ ވީގޮތެއް… މަ އޭރުވެސް ބުނި އެހާ ގިނައިން ކުކުޅު ނުކާށޭ… ކެއީ ތިބުނާ ވަރަކަށް ނޫންވިއްޔަ…” ހިމޭޝް ބޭނުންވީ ކަންވީގޮތް ސިއްރުކޮށް އެކަމާ އެހެންކަމެއް މަތިކުރާށެވެ. އައިޝަމް އެއްވެސް އެއްޗެއް ނުބުނުމުންނެވެ.
“ޒިދޫއަށް ޝަމް ޖަވާބުދީފިތަ މިހާރު…” ހިމޭޝް ބޭނުންވީ އައިޝަމް ގޮވައިގެން އެކަހެރިވެލާށެވެ. ހިތުގައި އުފެދެމުން ދިޔަ ވަހުމުތައް ހިއްސާކޮށްލަންވެސް ބޭނުން ވެގެންނެވެ.
“ހޫމު… ތޭންކްސް ހިމޭ…”
“ފޯ ވަޓް…”
“ހިމޭގެ ސަބަބުން ޝަމް ދެކޭގޮތް އެނގުނީތީ… ވިލް ޓްރި ޓު ގޯ އަވޭ…” ޒިދުނާ ހުއްޓާލީ އޭނާ އިތުރަށް ކުރިއަށް ގެން ގޮސްފި ނަމަ އަނެއްކާ ގޯސްވެދާނެ ކަމަށް ވިސްނާފަ އެވެ.
“އޯކޭ… ޖަސްޓް ވީ އަރ ގޮއިންޓް ރިލެކްސް ދެއަރ… ލެޓްސް ގޯ ޝަމް” ހިމޭޝް ކޮޅަށް ތެދުވީ އައިޝަމް އާ އެކު އެކީގަ އެވެ. ގޮނޑުދަށާ ދިމާ ހޭޅިގަނޑަށް ބޯދީގެން އޮތް ދިއްގާ ގަހުގެ ހިޔަލަށެވެ. އެތަނުގައި ތިބެ ކަންވީ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ބޭނުންވެގެންނެވެ. އެމަންޒަރުބަލަން ޒިދުނާ ޖެހި ބުދެއްހެން އިނެވެ. ހިތުގައި އާބާދުކުރެވެމުން ދިޔަ ޚިޔާލީ މަންޒިލު ގަނޑުވެފައިވާ ފެންތަކެއް ވިރި ފައިބަމުންދާހެން ބިމަށް ކުދިކުދިވަމުން ދާކަން ވަޒަންކުރެވި އެކަމާ ދެރަވެފަ އެވެ. ފެންކަޅިވެ ބަސްހުއްޓިފަ އެވެ. ހިތަށް ވެރިވަމުން ދިޔައީ އުފާވެރިކަމުގެ ދިވެހި ލަވައެއްގެ ތަންކޮޅެކެވެ. އެހެނަސް ހިތާމަޔާއި މޮޅިން ފުރިގެންވީ ރާގަކަށެވެ. ވޭނާއި ކެކުޅުން ގެނުވައިދޭ ފަދަ އުސްލޫބަކުންނެވެ.
“ލޯބި ނޫނީ އޮތީ ކޮން އަރާމެއް މިތާ…
ހިއްސުތައް ހޭލަނީ ފުން އަސަރުގާ މިތާ”
“ވަގުތުތައް ލޯބިލޯބިން ނޭގެޔޭ ހޭދަވާ
ލޯ އެދޭ ހުވަފެނޭ ފެންނަނީ ރޭދުވާ
ތާޒާމިހާރުވީމާ އަމުދުން ބަހާރު އައިމާ
ލޯބިން ފޮޅޭށެ މަލާ…
ތަރިތައް ވިދާ އުޑުން އަލިކަން ނުވޭ ފިލާ
އުދަރެސް މަތިން ބަލާށޭ އެސިފަކޮށްދެނީ ކަލާ
ދެފުރާނަ…”
“ހަލޯ… ކީކޭ ހިމޭ”
“އޭ ބަޑީ ހާދަ އަސަރު ގަދަ ލަވައެއް ވައްޓާލާފަ އޭ.. މިހާރު ޓޯނަށް ލަވަވެސް ލާންފެށީތަ…” ހިމޭޝް ވާހަކަދައްކަމުން ދިޔައީ ފޯނުން އައިޝަމް އާއެވެ.
“ސަޅި ދޯ… މީ ކުރިންވެސް މަށަށް ވަރަށް ހަބޭސް ލަވައެއް… ޓޯން އައިޑީ އެނގުނީމަ ވައްޓާލީ… އަދިވެސް އަލީ ރަމީޒުވަރެއް ނެތެއްނު… ނިކަން މިހާރުގެ ކުއްޖަކު މިކަހަލަ ލަވައެއް ކިޔާލަބަ… ނުވާނެ ހުސް ޗިޕުހުން މިއުޅެނީ”
“ހެއް… އާދެބަ ގާޑިޔަލަށް… މިއުޅެނީ ވަރަށް ވައިވެގެން އެއްކަލަ ގަޑިޔާ ކައިރީގައޭ”
“އެހެންތަ މަ ވެސް މި އިނީ ސުނާމީ ބިނާގަ… އާދެ… އަންނަމުން ބިލެތްގަނޑަކާ ފެންފުޅިއެއް ނަގައިގެން އަންނާތި”
ހިމޭޝް އައުމުން އައިޝަމް އަވަސްވެގަތީ އޭނާއަށް ވަމުންދާ ގޮތްތަކާ ލަކުނުގެ ވާހަކަތައް ހިއްސާކުރާށެވެ. އިއްޔެގެ ދަތުރަށްފަހު އެއްވެސް ބަދަލުތަކެއް ނާންކަން ހިމޭޝް އަށް ކިޔައިދޭށެވެ. މިހާރަކަށް އައިސް ހިމޭޝް ވެސް އައިޝަމްގެ ކަންތައްތަކަށް މާ ބޮޑަށް ސަމާލުކަންދީގެން ބަލަމުންދާ ކަން އައިޝަމް އަށް ޔަޤީންކުރެވެ އެވެ. އެކަމާ އޭނާ އުފާވި ނަމަވެސް ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދެ އެވެ.
“ޝަމް ކޮން އިރަކުން ގެއަށް ކަނޑާނީ… ލައްކަ އަނގަތެޅިއްޖެއްނު”
“ދެން ދާންވީ… އެކަމަކު އަދި އިރިކޮޅަކުން… ހިމޭ ދޭ.. މިހާރު ޑޭޑް ހުންނާނެ ލަސްވެފަ… އެއޮށް އެކެއް ޖަހަން އުޅެނީ…”
“އޯކޭ ބައި ސީ ޔޫ ބްރޯ… ޓޭކް ކެއަރ” ހިމޭޝް ސައިކަލަށް އަރާ ސްޓާޓްކޮށްލުމުން އައިޝަމް ސުނާމީ ބިނާގެ ކޮށިގަނޑުގެ އެތެރެއަށް އެނބުރިލި އެވެ. އަދިއެބިނާގެ ކޮށިގަނޑުގެ ވަށައިގެން ޖަހާފައިވާ ޗެންޗޭނުތަކުގައި އަތްއަޅުވައިލައިގެން މޫދާ ދިމާއަށް ނަޒަރު ހިންގާލި އެވެ.
މުޅި ތަނަށް ވެރިވަމުން ދިޔައީ ހަމަ ހިމޭންކަމެވެ. ދުވާލުގެ ހަލަބޮލިކަމުގެ ތެރެއިން ރޭގަނޑުގެ ތެތްފިނިކަމުގެ ތެރެއަށް ދުނިޔެ މަރުޙަބާ ކިޔަމުން ދިޔައީ ހުންއަންނާނެ ކަމަށް ރަޖާލާ ފަދަ ބީދައަކުންނެވެ. އެހާވެސް އެކަމަށް ތައްޔާރުވެގެން ވާފަދަ ގޮތަކަށެވެ. އައިޝަމްގެ ހިތަށް ވެރިވަމުން ދިޔައީ އެކަނިވެރިކަމުގެ އިޙްސާސްތަކަށްވުރެ ބޮޑަށް އިއްޔެގެ ދަތުރުގައި ކަންތައްވީގޮތްތަކެވެ. އޭނާގެ ފައިގައިވާ ދެ ލަކުނެވެ. އެ ތަނުގައި ޒިދުނާ އަތް ލުމުން ހޭނެތުނު ގޮތެވެ. ހިމޭޝް ކިޔައިދިން ވާހަކަތަކެވެ. ހިމޭޝްގެ ލޮލަށް އާދަޔާ ޚިލާފު ބާރުވެރިކަމެއް ލިބުމަށް އެލަކުނުތައް ފަދަ ނިޝާންތައް މެދުވެރިވި ސަބަބުތަކެވެ. އަޑި ނޭގޭ އެތައްކަމެއް ހިނގަމުންދާކަން ޚުދު އޭނާއަށްވެސް އެނގެ އެވެ. ކަންކަން ވަމުންދާގޮތުގެ ތަފުސީލު އޭނާގެ މަންމައަށް އެނގޭ ގޮތާމެދުވެސް އޭނާ އަޖައިބު އަންތަރީސްވެ އެވެ. ކުއްލިއަކަށް އައިޝަމްގެ ނަޒަރު ހުއްޓުނީ ކަނޑުގެ ލޮނުގަނޑަށެވެ. ކަނޑުގެ ސަތަހައިން އާދަޔާ ޚިލާފު އަލިކަމެއް ވާން ފެށުމުންނެވެ. އޭނާގެ ހަނދާނަށް އައީ އިއްޔެ މޫދުން ދިމާވި ހާދިސާ އެވެ. އެހެންވެ އިތުރަށް އޭނާ ސަމާލުވެ ހަމަޖެހިލި އެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަށް ވަނީ އެ އަލިކަމުގެ ތެރެއިން އާދަޔާ ޚިލާފު ކަންތައްތަކެއް ކުރެވިފަ އެވެ. އޭނާ އެއަލީގެ ހަޤީޤަތް ހޯދަން ބޭނުންވަނީ އެތަކެއް ސަބަބުތަކަކާ ހުރެ އެވެ.
މޫދު ހީވަނީ ހުދުކުލައިގެ ލޭޒަރ އަކުން ހިމަ ރޮނގެއް އަޅައިފައިވާހެންނެވެ. އެރޮނގު މަޑުމަޑުން ގާތްވަމުން ދިޔަ އެވެ. ރޮނގުގެ މިންވަރު ކުރުވަމުން ފަލަވަމުންނެވެ. ގާތަށް އަންނަމުން ދިޔަވަރަކަށް ހުދު ކުލަ މަޑުމަޑު ނޫކުލައަކަށް ބަދަލުވަމުން ދިޔަ އެވެ. ރޮނގު ދަތުރުކުރަމުން ދިޔަވަރަކަށް ކަނޑުގެ ސަތަޙައަށްވެސް އާދަޔާ ޚިލާފު ބާނީތަކެއް ވެރިވަމުން، އޮއިވަރު ގަދަވަމުން ދިޔައެވެ. ހީވަނީ ކެކެމުންދާ ފެންތެއްޔަކުން ބޮކި ބޮކި އަރަމުންދާހެންނެވެ. އިސާހިތަކުން ހުދު ނޫކުލައިން ދިއްލިފައިވާ ރޮނގު ކުކުޅުބިސްބުރަކަށް ބަދަލުވި އެވެ. ސުނާމީ ބިނާއާ ދިމާއަށް އައި ބިޔަ ރާޅަކާއެކު އައިޝަމްގެ ގަޔަށް ރާޅު މުގުރާލި އެވެ. އައިޝަމްއަށް ލިބުނު ކުއްލި ސިހުމާއެކު ބިނާގެ އެތެރެއަށް އިދިފުށަށް ވެއްޓުނެވެ. ހީވަނީ ރުކެއްކަނޑާ ބިމާ ހަމަކޮށްލި ހެންނެވެ. ނަމަވެސް އައިޝަމް އަށް އެއްވެސް ކަމެއް ނުވީ އޭނާ އެ ބިނާގެ ތަޅުމުގައި ޖެހުމުގެ ކުރިން ލޮނު ގަނޑު އެތެރެއަށް ވަދެގަތްގޮތުންނެވެ. އެހެނަސް ހިނދުކޮޅެއްގެ ތެރޭގައި ރާޅު ހިނދި މުޅިތަން އަމާންވެ އިހު އޮތްގޮތަށް ރުޖޫޢަވި އެވެ. މުޅި ތަންވަނީ ހުދު ނޫކުލައިން ދިއްލިފަ އެވެ. އައިޝަމް އަވަސް އަވަހަށް ތެދުވެ ބޯދިއްކޮށްލީ މޫދަށެވެ. ފާޑެއްގެ ނޭގޭ ބާރަކުން އޭނާ ދަމާ ގެންދާކަމުގެ އިހުސާސް ކުރުވުމުންނެވެ. ޖެހިލުމެއްނެތި މަޑުމަޑުން ސުނާމީ ބިނާއިން މޫދަށް އޭނާ ފުންމާލީ އެހެންވެގެންނެވެ. ގަލުންފުރިފައިވާ ތިލަ ތަނަކަށްވިޔަސް އައިޝަމް އަކަށް އެކަމެއް އިޙްސާސް ނުކުރެވެ އެވެ. އޭނާ ފަތަމުން ދިޔައީ ބިޔަ ކަނޑެއްގައި ފަތަމުންދާ ބީދައިންނެވެ. ސުނާމީ ބިނާގެ މަތީ ދަނގަޑާ ހަމައަށް ކަނޑުގެ ލޮނުގަނޑު ވަނީ އުފުލިފަ އެވެ.
އައިޝަމްއަށް ހޭވެރިކަން ވެރިވީ އިރުގެ ހޫނުކަން އިޙްސާސްކުރެވެން ފެށުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާލި އެވެ. އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން އިރުގެ ހާމަ ދޯދިތައް ލޮލުގެ ތެރެއަށް ވަދެގަތެވެ. އޭނާ ހައިރާންވެ އޮވެ ފުރަތަމަ ވެސް ބަލާލީ މައްޗަށެވެ. ނޫކުލައިން ވާ ސާފު އުޑެކެވެ. މަޑުޑުން ކަނާތަށް ބަލާލި އެވެ. ލޮލުގައި އަޅައިގަތީ ސުނާމީ ބިނާ އެވެ. އޭނާއަށް ވާނުވާ ނޭނގޭ ހާލު ތެދުވެ އިށީނދެވުނެވެ. އޮވެވުނީ ކޮންތާކުކަން ވެސް ރޭކާލީ އެހާ ހިސާބުންނެވެ. ކޮޅަށް ތެދުވުމުން ޖެހެމުން ދިޔަ ވައިރޯޅިތައް އެއްވެސް ހުރަހެއް ނެތި ބީހެމުން ދިޔަކަން އިޙްސާސް ކުރެވުނެވެ. އެހެންވެ އަމިއްލަ ހަށިގަނޑަށް ބަލާލެވުނެވެ. އޭނާގެ ޖީންސާއި ޓީޝާޓް ގަލެއްގެ މަތީގައި އޮއްވާ ފެނުމުން ލަދުގަތެވެ.
= ނުނިމޭ =