އަދުގެ ކިޔަވާކުދިންނަކީ މާދަމާގެ މުސްތަޤުބަލެވެ. މިއީ އަބަދުވެސް އަޑުއަހާ ޖުމްލައެކެވެ. މިކަން އަޅުގަނޑުމެން ޤަބޫލުކުރާކަމުގެ ހެކިކަމުގައި އަޅުގަނޑުދެކެނީ، އެ ދަރިވަރުންނާ މެދުގައި އަޅުގަނޑުމެން ސަމާލުކަންދޭ ނިސްބަތެވެ. އެހެނީ، އަޅުގަނޑުމެންގެ މާދަމާގެ މުސްތަޤުބަލު މިއަދު ފުރިހަމައަށް ބައްޓަން ނުކޮށްފިނަމަ، މާދަމާ ފެންނަނީ ނުހަނު ބަނަކަމާ ނާމާންކަމުގައެވެ.
ދަރިވަރުންގެ ތަޢުލީމީ ހަޔާތް ބިނާކުރަމުންދާ ހިނދުގައި، ޤައުމުގެ ތަޢުލީމީ ދާއިރާއާއި މެދުގައި ވިސްނުމުން ފެންނަ ނުހަނު ފުރިހަމަ ކަންކަން ހުރިހިނދުގައި، ކަރުނަ އަޅަންޖެހޭފަދަ ނިކަމެތިކަންވެސް އެ ދާއިރާއިން ފެންނަމުން ދެއެވެ. އޭގެ ތެރެއިންވެސް، އެންމެ ހިތާމަވެރި މަންޒަރަކީ، ބައެއް ދަރިވަރުން ސްކޫލަށް ދިއުމަށް އުޒުރުވެރިވާ މަންޒަރެވެ. ނުވަތަ ކިޔެވުން ދޫކޮށްލާ މައްސަލައެވެ. މި ނާޒުކު މައްސަލާގެ ފުރަގަހުގައި ފޮރުވިފައިވަނީ ކޮންކޮން ސަބަބުތަކެއް ބާވައެވެ؟
އާދޭހެވެ. ދަރިވަރުން ސްކޫލަށް ދިއުން ހުއްޓާލާ، ނުވަތަ މެދުކަނޑާލާ ސަބަބުތަކާ ބެހޭގޮތުން ވާހަކަދައްކާލުމުގެ ކުރިން، ދަރިވަރުން، ސްކޫލަށް ދިއުން މުހިއްމުވާ ސަބަބުތަކަކަށްވެސް ބަލައިލުން މުހިމުކަމުގައި ދެކެމެވެ. ކޮންމެއަކަސް، ދަރިވަރުން، ސްކޫލަށް ދަނީ، މުޖުތަމަޢުގައި އުޅުމަށް ދަސްކުރާށެވެ. ފަރުދީ ގޮތުން ހަރަކާތްތެރިވުމަށް ދަސްކުރާށެވެ. ބޭނުންތެރި ފަރުދަކަށް ވާށެވެ. އެހެންކަމުން، މުޖުތަމަޢުއަށް ފުރިހަމަ ފަރުދަކު، ނެރުމަށް ބޭނުންވާނަމަ، ކޮންމެ މީހަކީވެސް ތަޢުލީމު ފުރިހަމަކޮށްފައިވާ ފަރުދަކަށް ވާންޖެހޭނެއެވެ.
އެހެންކަމުން، ދަރިވަރަކު ސްކޫލަށް ދިއުން ހުއްޓާލާ ހިސާބުން، އޭނާ ދިރިއުޅުމަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމު ބަޔަކަށް ހުއްޓުން އައީއެވެ. އެހާ ހިސާބުން، ދެން ކުރިމަތިވާނެ މައްސަލަތައްވެސް ތަފާތު ދިރާސާތަކުގެ އަލީގައި ފާހަގަކުރެވިފައިވެއެވެ.
ސްކޫލްތަކުން ހަމައެކަނި ކިޔަވައިދެނީ، އިލްމީ މަޢުލޫމާތުތައް އެކަންޏެއް ނޫނެވެ. ދިރިއުޅުމުގެ ތަފާތު ހުނަރުތައް ސީދާގޮތުންނާ ނުސީދާ ގޮތުން ދަރިވަރުންނަށް ދަސްކޮށް ދެއެވެ. ކެޑޭޓް، ސްކައުޓް އަދި ގާލްގައިޑް ފަދަ ހަރަކާތްތަކުގެ އެހީގައި ސީދާގޮތުން، ދަރިވަރުންނަށް ދިރިއުޅުމުގެ އަސާސީ ހުނަރުތައް ދަސްކޮއް ދެވެއެވެ. މިސާލަކަށް، ކެއްކުމާ، ދޮވެ އިސްތިރިކުރުމާއި، ތިމާއަށް ބޭނުންވާނޭ ބޯހިޔާވަހި ކަމެއް ތައްޔާރުކުރުންފަދަ މުހިއްމު ހުނަރުތައް ހިމެނެއެވެ.
ނުސީދާގޮތުންވެސް، ދަރިވަރުންނަށް ސްކޫލްތަކުގައި ދަސްކޮށްދެވޭ ހުނަރުތަކެއް ވެއެވެ. މިސާލަކަށް، ވަކި ތަރުތީބަކުން، ކަންކަން ކުރުމާއި، ގަޑިއަށް ފަރުވާތެރިވުމާއި، ޔުނީފޯމް ކޯޑަކަށް ތަބާވުންފަދަ ކަންކަން ހިމެނެއެވެ.
ސްކޫލް ދޫކޮށްލާ ކޮންމެ ކުއްޖަކީ، އަހުލާޤީ ގޮތުން، ދައްކުއްޖެއްކަމަށް ނުބުނެވޭނެއެވެ. އަދި ހަމައެހެންމެ، ސްކޫލް ފުރިހަމަކުރާ ކޮންމެ ކުއްޖަކީ، އަހުލާޤީގޮތުން، ފުރިހަމަ ކުއްޖެކޭވެސް ނުބުނެވޭނެއެވެ. ނަމަވެސް، ސްކޫލްގެ މާހައުލުން، ދަސްވާ އަދި ދަސްކުރާ ހަރުދަނާ ސިފަތަކުގެ ބޭނުން އެ ކުއްޖަކަށް ހިފިއްޖެނަމަ، އޭނާއަކީ، ހަރުދަނާ އަހުލާޤެއްގެ ވެރިއަކަށް ވެއެވެ. މިސާލަކަށް، އެކަކު އަނެއްކަކަށް އިޚްތިރާމް ކުރުމާ، އަދަބުވެރިވުމާއި، ކިޔަމަންތެރިކަމުގެ ސިފަތަކާއި، އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވުމާއި، އެކީގައި އުޅުންފަދަ މުހިއްމު ސިފަތައް ވެއެވެ.
ސްކޫލް މާހައުލުން ދަސްކުރާ އަނެއް ހާއްސަ ކަމަކީ، ކަންކަމުގައި އިސްނަގާ ހަރަކާތްތެރިވުމާއި، ލީޑަރޝިޕްގެ ހުނަރެވެ. މިސާލަކަށް، ގުރޫޕް ލީޑަރުކަމާއި، ކުލާސް މޮނިޓަރ ކަމާއި، ޕްރިފެކްޓް ކަމާއި، ކުލަބުތަކާއި، ހައުސްތަކުގެ ރައީސްކަމާއި ކެޕްޓަންކަން ފަދަ މަޤާމުތަކެވެ. ނަމަވެސް، ދަރިވަރުން، ސްކޫލް ދޫކޮށްލާ، ސްކޫލަށް ދިއުން ހުއްޓާލާނަމަ، މިފަދަ ސިފަތަކުން، ކުއްޖާ ދުރުވެ، އާއްމު މުޖުތަމައުގައި އޭނާގެ ކިބައިން މިފަދަ ސިފަތައް ފެނުން މަދުވެއެވެ.
ކިޔެވުމާ ދުރުވެ، ސްކޫލް ދޫކޮށްލާ ދަރިވަރުންގެ ތެރެއިން ބައެއް ކުދިން، ކުށުގެ ވެށިން ފެންނަތައް އަންނަނީ މަދެއްކޮށް ނޫނެވެ. ކުށުމުގެ މާހައުލުގައި ޚަރަކާތްތެރިވާ ގިނަކުދިންގެ ތަޢުލީމީ ފަސްބައި ރީތިނޫންކަމީ، ގިނަމީހުން ހެކިވާނެ ކަމެކެވެ. އެހެންކަމުން، ކުއްޖާ ސްކޫލްގެ ކިޔެވުމުގެ އުމުރުގައި، ކިޔެވުމާ ދުރުހެލިވާނަމަ، ކުއްކުރުމުގެ ވެއްޓަކާ ދިމާލަށް ދިއުމުގެ ފުރުޞަތު ނުހަނު ބޮޑެވެ.
އަމިއްލަ ދަރިފުޅަށް، ޢިލްމީ ގޮތުން، ފޯރުވާދޭންޖެހޭ އެހީތެރިކަން މިޒަމާނުގައި ނުހަނު ބޮޑެވެ. އެހެންކަމުން، ތިމާއަކީ، ކިޔަވައިގެންހުރި ހަރުދަނާ މީހަކަށް ވުމަކީ، އަމިއްލަ އާއިލާއާއި، ދަރިފުޅަށްވެސް، ފޯރުކޮށްދެވޭނެ އެހީތެރިކަމެކެވެ.
މިނޫނަސް، ތަފާތު މައްސަލަތަށް އެކިއެކި ދިރާސާތަކުގެ އަލީގައި، ހޯދާފައިވެއެވެ. މިހުރިހާ ކަމަކާ އެކުގައި، ތިމާއަކީ ހަރުދަނާ ޝަހުސަކަށް ވުމަށް އެހީތެރިވާ އެއްތަނަކީ، ސްކޫލްތަކެވެ. އަދި ހަމައެހެންމެ، ވަޒީފާހެ މާހައުލަށް ތިމާ ފައްކާކުރުމަށް، ބިންގާ އަޅާލެވޭ ތަނަކީވެސް މަދަރުސާތަކާއި، ސްކޫލްތަކެވެ. އެހެންކަމުން، ސްކޫލަށް ދިއުން ހުއްޓާލާ ކޮންމެ ކުއްޖަކާ، ތަފާތު ގޮންޖެހުންތަކާ، ކުރިމަތިލާން ޖެހުމަކީ، މަދު ހާލަތެއްގައި މެނުވީ ކުރިމަތިވާނެ ކަމެކެވެ.
ނުނިމޭ