ހއ. އިހަވަންދޫ ސްކޫލް މަލްޓި-ޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫއުގެ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކުރެވިފައިވާ މަސައްކަތްތައް ނިމިފައިވާކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ހޯލްގެ މަސައްކަތުގެ ވޭރިއޭޝަންއެއްގެ ގޮތުގައި އިތުރުކޮށްފައިވަނީ ސްކޫލްގެ އޭ ބްލޮކް އަދި ބީ ބްލޮކް އޯވަރ ހެޑް ބްރިޖަކުން ގުޅާލުމުގެ މަސައްކަތެވެ. މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2022 ވަނައަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުއެވެ. އެމްޓީސީސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 8.08 މިލިއަން ރުފިޔާގެ އަގަކަށެވެ.
ފުރަތަމަ މިމަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން ހަވާލުކުރީ އެސްކޮން ބިލްޑަރސްއާއެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ނަމަވެސް ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށްބުނެ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލީއެވެ.
އިހަވަންދޫ ސްކޫލްގައި ހަދާފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.