ހއ. އިހަވަންދޫ އިންޖީނުގޭގެ ހަތަރު މުވައްޒަފަކު 16 އޮކްޓޫބަރ 2012 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފި އެވެ. މި ހަތަރު މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ “ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ” ކަމަށް، މި ހަތަރު މީހުން ވަޒީފާއިން ވަކިކުރިކަން އެންގި ޗިޓްގައި ބަޔާންކޮށްފައިވެ އެވެ.
ވަޒީފާއިން ވަކި ކުރި ހަތަރު ފަރާތަކީ އިންޖީނު ގޭގެ އެސިސްޓެންޓް ފީލްޑް އެއިޑްގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ ޖަވާހިރުމާގެ، ޢަބްދުލްއަލީމް ހަސަން އާއި، ކެއާރޓޭކާރގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ އަތަމާގެ، ހައްވާ މޫސާ އާއި، މެކޭނިކް ޓްރޭނީގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ މާވަޑިގެ، މުޙައްމަދު މަފާޒު އަދި ސީނިޔާ އޮފިސާރގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ ރަހްމާނިއްޔާ، އަޙްމަދު ޝާހިދެވެ.
މި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކުރުމަށް 24 ސެޕްޓެމްބަރ 2012 ވަނަ ދުވަހު އަންގާފައިވެ އެވެ. މި އެންގުމުގައި އޮންނަނީ “(މިފަރާތްތަކާ ގުޅޭގޮތުން) ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ފުރިހަމަ އަށް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީވެ، މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި 25 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން މެނޭޖްމެންޓުން ވަކިގޮތެއް އަންގަންދެން ވަޒީފާ އަށް ނުނިކުތުމަށް އަންގާ” ކަމަށެވެ.
މި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން 1 އޮކްޓޫބަރ 2012 ވަނަ ދުވަހު، މި މަގާމުތަކަށް މީހުން ހޯދުމަށް އަޕާރ ނޯތު ޔޫޓިލިޓީޒް ލިމިޓެޑުން ވަނީ އިޢުލާނު ކޮށްފަ އެވެ.
މީގެ އިތުރުން ހއ. އިހަވަންދޫ ކައުންސިލް އިދާރާގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުރި، ހއ. އިހަވަންދޫ އަންބަރީގެ ޙުސައިން މުޙައްމަދު ވެސް ވަނީ މިދިޔަ ހަފްތާގައި ވަޒީފާއިން ވަކިކޮށްފައި ކަމަށް އިހަވަންދޫ ޑޮޓް އަށް މައުލޫމާތު ލިބިފައިވެ އެވެ.