އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމްގައި، ހއ. އިހަވަންދޫ، ގިގުނިގޭ/ އަލީ ޝިފާޒް ހޭދަކުރި މުއްދަތަށް ހައްގުވާ މުސާރަ ދިނުމަށް، ސިވިލް ސަރވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އިން އެންގުމުންވެސް އޭނާއަށް މުސާރަނުދީ އިހަވަންދޫކައުންސިލުން ހިފަހައްޓައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް، ސިވިލް ސަރވިސް ކޮމިޝަނުން އަލީ ޝިފާޒް އައްޔަންކުރީ 15 ޖެނުއަރީ 2023 ގައެވެ. އަލީ އޭރުހުރީ އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސަރވިސަސްގެ މަޤާމުގައެވެ. ނަމަވެސް އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވުމުން އޭނާ، އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސަރވިސަސްގެ މަޤާމުން 9 ޖެނުއަރީ 2023 ގައި އިސްތިއުފާ ދިނީއެވެ. ނަމަވެސް އިހަވަންދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން މަސައްކަތްކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުވެފައިނުވާތީ، 03 އޭޕްރީލް 2023 ގައި އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން އޭނާ އިސްތިއުފާދިނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމުއްދަތުގައި އަލީވަނީ އިހަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި ތަފާތުއެކި ޕްލެޓްފޯމްތަކުގައި ތަމްސީލުކޮށްފައެވެ.
ސިވިލް ސަރވިސް ކޮމިޝަނުންވެސްވަނީ، އަލީއަށް ހައްގުވާ މުސާރަ ދިނުމަށް 20 ފެބުރުވަރީ 2024 ގައި އިހަވަންދޫ ކައުންސިލަށް އަންގާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ އެންގުމަށް އިހަވަންދޫ ކައުންސިލުން އަމަލުނުކުރުމުން، ފިނޭންސް މިނިސްޓްރީއިންވަނީ 29 އޭޕްރިލް 2024 ގައި، މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އަލީއަށް ހައްގުވާ 43،330.66ރ ދެއްކުމަށް އަންގާފައެވެ. އެކަމާގުޅިގެން ފިނޭންސް މިނިސްޓްރީއިން އިހަވަންދޫ ކައުންސިލަށް ފޮނުވި ސިޓީގައިވަނީ، ކައުންސިލްތަކަށް އައްޔަންކުރާ ސެކްރެޓަރީ ޖެނެރަލްއަކީ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ދައުލަތުން މުސާރަދޭން ޖެހޭ ފަރާތަކަށްވާތީ، އެފަރާތުން މަސައްކަތްކޮށްފައިވާ މުއްދަތަށް ހައްގުވާ ޖުމުލަ 43330.66ރ 15 މޭ 2024 ކުރިން އަލީ އަށް ދައްކާ އެކަން އެމިނިސްޓްރީއަށް އެންގުމަށާއި، އެފަދައިން އަމަލުނުކޮށްފިނަމަ ކުރިޔަށްއޮތް މަހުގެ ބްލޮކް ގްރާންޓް އިހަވަންދޫ ކައުންސިލަށް ދޫކުރެވޭނީ އެފައިސާ އުނިކުރުމަށްފަހު ކަމުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ފިނޭންސް މިނިސްޓްރީއިން އަންގާފައިވާ މުއްދަތުގައި އިހަވަންދޫ ކައުންސިލުން އަލީއަށް މުސާރަ ދީފައެއްނުވެއެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމާއި ގުޅިގެން އިހަވަންދޫ ކައުންސިލްގެ ވިސްނުހުރިގޮތެއް ސާފުކުރުމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއާ މިނޫހުން ސުވާލުކުރިނަމަވެސް އެބޭފުޅާ އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.