ނިޒްމާ: ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދި އެދި

.

ށ. ކަނޑިތީމް އަޅިވިލާގޭ އިބްރާހީމް އަޒީއަކީ ހީވާގި ޒުވާނެކެވެ. އެމްއެންޑީއެފްގައި ވަޒީފާއަދާކުރަމުން އަންނަ މުރާލި މުވައްޒަފެކެވެ. ނަމަވެސް އަޒީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ވެއެވެ. އެއީ، އޭނާގެ އަންހެނުންގެ ބައްޔަށް ފަރުވާ ކުރާނެ ގޮތެކެވެ. މީގެ 7 ވަރަކަށް އަހަރު ކުރިން އަޒީ ކައިވެނީގެ ގޮތުން އެރަށު ޗާންދަނީގޭ މަރިޔަމް ނިޒްމާ (29) އާ ގުޅުނެވެ. އުފާވެރި ފާގަތި މުސްތަޤްބަލެއް ހޯދުމުގެ އުއްމީދުގައެވެ.

ކައިވެންޏަށްފަހު، އެދެމަފިރިންނަށް ލޯބި ލޯބި އަންހެން ކުއްޖަކުވެސް ލިބުނެވެ. ދަރިފުޅު ލިބުމަށްފަހު މާ ގިނަ ދުވަހެއް ނުވެ އަންހެނުން ބަލިވެއްޖެއެވެ. އެއީ ރާއްޖެއަށް ޗިކުންގުންޔާގެ ކަންތައް ވެސް ޖެހިގެން އުޅުނު ދުވަސްވަރެވެ. ފައިގެ ކުޑަހުޅެއްގައި މާބޮޑަށް ރިއްސާތީ އެންމެފަހުން ބަލި ބޮޑުވެގެން މާލެވެސް އަތުވެއްޖެއެވެ.

މާލެ ގެނެސް ދެއްކީ ޑރ. ޖޮލީއަށެވެ. ޑޮކްޓަރ ވިދާޅުވީ ޔޫރިންގައި ޕްރޮޓީންސް މަދުވަނީ ކަމަށެވެ. އެހެންކަމުން ޑޮކްޓަރ ލިޔެދެއްވި ބޭސް 2 މަސްދުވަސް ވަންދެން ޤަވާޢިދުން ބޭނުންކުރަމުން ގެންދިޔައެވެ. ބައްޔަށް މާބޮޑު ލުޔެއް ނުލިބޭތީ އަނެއްކާވެސް ޑޮކްޓަރަށް ދެއްކިއެވެ. މިފަހަރު ބެއްލެވީ ޑޮކްޓަރ ޢަލީ ލަޠީފެވެ. ޑޮކްޓަރ ލަފާދެއްވީ ޔޫރިންގައި ޕްރޮޓީންސް މަދުވުމަށް ވަރަށް ގިނަ ސަބަބުތަކެއް ހުންނާނެތީ، އެއީ ކިޑްނީގެ މައްސަލައެއްތޯ ބެލުމަށެވެ. އަދި ރާއްޖެއިން ބޭރަށް ދިޔުމަށް ލަފާދެއްވިއެވެ. ވޭނާއި ތަދު އިޙްސާސްކުރަމުންދިޔަ ނިޒްމާގެ ޙާލަތު އެންމެ ރަނގަޅަށް އެނގިހުރެމެ އަޒީ ނިންމީ ވީހާ އަވަހަކަށް ބޭރަށް ގޮސްގެން ނަމަވެސް އެލިބެމުންދާ ރިހުންތަކަށް ނިމުމެއް އައުމެވެ. އެހެންކަމުން ޑޮކްޓަރ ލަފާދެއްވިތާ 2 ދުވަސް ތެރޭގައި ރާއްޖެއިން ބޭރަށް ގޮސް ބައޮޕްސީ ހެއްދިއެވެ. ޓެސްޓްތަކުން ދެއްކީ ނިޒްމާއަކީ ދާއިމީ ފަރުވާއެއް ނެތް ކިޑްނީގެ ބައްޔެއް ހުރި ބަލިމީހެއްކަމަށެވެ. އަދި ކެއުމުންނާއި ބޭހުން އެބަލި ކޮންޓްރޯލް ކުރެވިދާނެކަމަށް ބުންޏެވެ. 10 އަހަރުވަންދެން އެގޮތަށް ބޭސްކުރެވެމުންދާނެނަމަ، އެބަލިން ރަނގަޅު ވެދާނެކަމުގެ ފުރުޞަތު އޮތްކަމަށް ޑޮކްޓަރ ބުނުއްވިއެވެ.

އެދުވަހަށްފަހު، މިއަދާ ހަމައަށް ކޮންމެ އަހަރަކު 2 ފަހަރު ބޭރަށް ގޮސް ހަދަން ޖެހޭ ޓެސްޓްތައް އަންނަނީ ހަދަމުންނެވެ. ޤަވާޢިދުން ބޭސް ބޭނުންކޮށްގެން ބަލި ކޮންޓްރޯލް ކުރެވެމުން އައެވެ. ނަމަވެސް ނިމިދިޔަ 2012 ވަނަ އަހަރުގެ ފަހުކޮޅު ކުރި ދަތުރުން އެނގުނީ ހާލަތު ވަރަށް ސީރިޔަސް ވެފައިވާކަމެވެ. އެހާލަތު އިތުރަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، ވަރަށް ގޯސްވެދާނެކަމަށް ޑޮކްޓަރުން ބުންޏެވެ. އޭގެ ފަހުން ބޭހުން މާބޮޑު ކުރިއެރުމެއް ނުލިބެއެވެ.

އެންމެފަހުން މިއަހަރު ކުރީކޮޅު ބޭރަށް ކުރި ދަތުރުގައި ޑައިލަސިސް ހައްދަން ވަނީ ލަފާދީފައެވެ. އެކޮޅުގައި މަޑުކޮށްގެން ޑައިލަސިސް ހެއްދުމުގެ މާލީ ޤާބިލްކަމެއް ނެތުމުގެ ސަބަބުން ރާއްޖެއިން ހެއްދޭ ގޮތަށް އިންތިޒާމްތައް ހަމަޖެހުނެވެ. އެގޮތުން އަތަށް ކަށިގުޅުވައިގެން އައިސް މާލެއިން ޑައިލަސިސް ހެއްދިއެވެ. މިހާރުވެސް ކޮންމެ ހަފްތާއަކު 2 ފަހަރު ޑައިލަސިސް ހައްދަން ޖެހެއެވެ. ހަފްތާއަކު 2 ފަހަރު ޑައިލަސިސް ހައްދަން ޖެހުމަކީ ލިބޭ ވަރަށް ބޮޑު ވޭނަކަށް ވިޔަސް، ބައްޔަށް އޮތް ފަރުވާއަކީ އެއީ ކަމުގައިވާތީ އެގޮތަށް ޢަމަލުކުރަމުން ދަނީއެވެ. އެކަމުގެ ސަބަބުން ބުރަ މަސައްކަތްކުރުމާއި އަތުގެ ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަތިވެސް ވޭމެއެވެ. ކިޑްނީގެ މަސައްކަތް ހިފެހެއްޓުމަށްޓަކާ ކޮންމެ ހަފްތާއަކު ހިމޯޑައިލަސިސް ހައްދަމުންދާން ޖެހެއެވެ. އޭގެ އިތުރުން ހައިޕަރޓެންޝަނަށާއި ޑައިސްލިޕިޑީމިއާއަށް ރައްކާތެރިކަމުގެ ފަރުވާކުރެވެމުންދެއެވެ.

އެންމެފަހުން، އަޒީއަށް ކުރިމަތިވާނެކަމަށް އޭނާ ފިކުރުކުރަމުންދިޔަ ދުވަސް ކުރިމަތި ވެއްޖެއެވެ. ނިޒްމާގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޑޮކްޓަރުން ލަފާ ދެއްވައިފިއެވެ. ދާދި ފަހުން ކާމިޔާބު ކިޑްނީގެ އޮޕްރޭޝަނެއް ކުރެއްވި ޑރ. އަފީފްވެސް އެގޮތަށް ލަފާ ދެއްވިއެވެ. އަދި ޑރ. އަފީފް މިއަންނަ އޮގަސްޓް 14 ވަނަ ދުވަހު ރިވިއު ހައްދަން ވަޑައިގަންނަވާއިރު، އެބޭފުޅާއާ އެކު ވަޑއިގަތުމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޑރ. އަފީފް ހުންނެވީ އެފަދަ ހުރިހާ ވެސް އެހީތެރިކަމެއް ދެއްވުމަށް ތައްޔާރުގައެވެ. ނިޒްމާއަށްވެސް ވަނީ ކިޑްނީ ހަދިޔާކުރާނެ ޑޯނަރ އެއްވެސް ލިބިފައެވެ. އެއީ އޭނާގެ ބޭބެއެވެ. ނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް 25000 އެމެރިކާ ޑޮލަރު ބޭނުންވެއެވެ. އަޒީގެ ހުރިހާވެސް ކަންބޮޑުވުމަކީ އޮގަސްޓް 14 ވާން ވާއިރަށް އެހާ ގިނަ ފައިސާ ހޯދާނެ ގޮތެކެވެ. މިއާއިލާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުން ހައްލުކުރެވެން އޮތީ މި ފައިސާ ކޮންމެވެސް ގޮތަކުން ހޯދިގެންނެވެ.

ކައިވެންޏަށް ފަހު މިއަދާ ހަމައަށް ކޮންމެ އަހަރަކު 2 ފަހަރު ބޭރަށް ކުރަން ޖެހޭ ދަތުރުތަކަށާއި އެހެނިހެން ބޭހަށް ކުރަން ޖެހޭ ޚަރަދުތައް ޤަވާޢިދުން ކުރަމުން ދިޔުމުގެ ސަބަބުން އަޒީގެ މާ ބޮޑު ސޭވިންގްސް އެއް ނެތެވެ. އޮތީ އެންމެ ހާހަކަށް ޑޮލަރެވެ. އޭގެ އިތުރުން އެމްއެންޑީއެފްގެ ފަރާތުން ވަނީ 2000 ޑޮލަރު ދެއްވާފައެވެ. އެހެނަސް ގާތްގަނޑަކަށް ލިބިފައިމިވާ 3000 ޑޮލަރަށް އަދި އިތުރުވާނެ ފައިސާގެ މަގެއް ނެތެވެ. މިހާތަނަށް 12 ވަރަކަށް މުއައްސަސާއަށާއި ތަންތަނަށް އެހީއަށް އެދި ސިޓީ ލުމުން އެއްވެސް ތާކުން އަދި އެދެވޭ ޖަވާބެއް ލިބިފައިނުވެއެވެ. އާސަންދައިން ލިބިފައިވަނީ ކިޑްނީ ކްރޮސްމެޗްކުރުމަށް ދީފައިވާ 10000 ރުފިޔާއާއި ދެކޮޅު ޓިކެޓެވެ.

މިކުޑަކުޑަ އާއިލާގެ ކަންބޮޑު ވުމަކީ މިއީއެވެ. މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އަންހެނުން ދާއިމީ ބަލިމީހަކަށް ވެފައިވުމެވެ. ކުޑަކުޑަ ދަރިއެއްގެ މަންމައެއް ބަލިއެނދުގައި އޮންނާން ޖެހިފައިވުމެވެ. މިއަދު މިއާއިލާއަށް ވަނީ ތިޔަ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ. ތިޔަ ބޭފުޅުން ދެއްވާ ކޮންމެ އެހީއަކީ މިއަދު މިޢާއިލާއަށް ނުހަނު ބޭނުންވެފައިވާ އެއްޗެކެވެ. ކުޑަ އަންހެންކުއްޖެއްގެ މަންމައަށް އެހީތެރިވެދެއްވާށެވެ. ހީވާގި ޒުވާނެއްގެ އަންހެނުންނަށް އެހީތެރިވެދެއްވާށެވެ. ތިޔަބޭފުޅުންގެ އުޚްތަކަށް އެހީތެރިވެދެއްވާށެވެ. އޮގަސްޓް 14 އަށް ވާންވާއިރަށް އެއާއިލާއަށް ބޭސްކުރުމަށް ބޭނުންވާ 25000 ޑޮލަރު ހަމަކުރަން ތިޔަ ބޭފުޅުން ދެއްވާ ބައިރުފިޔާއަކީވެސް އިތުރުވާނެ ފައިސާކޮޅެކެވެ.

ތިޔަ ބޭފުޅުންނަށް މިއޮތީ މަގެއް ހުޅުވިފައެވެ. މިބަރަކާތްތެރި ރަމަޟާން މަހު ﷲގެ މަގުގައި ހޭދަކުރަން އެދޭ ފަރާތްތަކަށްވެސް މިއޮތީ ބޭނުން ޖެހިފައިވާ މުސްލިމް ޢާއިލާއަކަށް އެހީވުމުގެ ފުރުޞަތެއް ހުޅުވިފައެވެ. ﷲގެ މަގުގައި އެކަލާނގެ ދަރުމައަށް އެދި ކުރާ ހޭދައަކީ ބޭކާރު ވެގެންދާނެ އެއްޗެއް ނޫނެވެ. ތިޔަ ބޭފުޅުންނަށް އެއަށް އެންމެ ބޭނުންޖެހިގެންވާ ދުވަހު އެތައް ގުނައަކަށް އިތުރުވެގެންވާ ޙާލު އެ އަނބުރާ ލިބޭނެއެވެ. ހޭދަކުރައްވާށެވެ. ކުރެއްވުނު މިންވަރަކުން ކުރައްވާށެވެ. މިއާއިލާއަށް ކުރިމަތިވެފައިވާ ހިތާމަ ފިއްލެވޭތޯ އެހީތެރިވެލައްވާށެވެ.

އިތުރު މައުލޫމާތު ސާފުކުރެއް ވުމަށް ނިޒްމާގެ ފިރިކަލުން އިބްރާހީމް އަޒީ (9949517) އަށް ގުޅުއްވާ ސާފްކުރެއްވުން އެދެމެވެ. އަދި ފައިސާގެ ދީލަތި އެހީ ދެއްވަން ބޭނުންވާ ފަރާތަކުން މަރިޔަމް ނިޒުމާގެ ބޭންކް އޮފް މޯލްޑިވްސްގެ 7704509709001 ނަމްބަރު އެކައުންޓަށް ޖަމާއާކުރެއް ވުން އެދެމެވެ.