ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުނަގައިފި

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2024” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި ހއ ކެލާ ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ގުރު ނަގައިފިއެވެ.

ޖުމުލަ 10 ޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ގުރުއަތުލުމުގެ ޙަފްލާ ބާއްވާފައިވަނީ މިރޭ ހއ. ކެލާގައެވެ. އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން  އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިމުބާރާތުގައި ގްރޫޕް 1 ގައި ހިމެނެނީ ވަށަފަރު، މުރައިދޫ، ދިއްދޫ، ބާރަށް އަދި ފިއްލަދޫއެވެ. ގްރޫޕް 2 ގައި ހިމެނެނީ ތުރާކުނު، އުތީމް، އުލިގަން، ކެލާ އަދި އިހަވަންދޫއެވެ.

ކުރީ އަހަރުތަކާ އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިވެވެނީ ކޮންމެ ރަށަކުންވެސް އެއް ޓީމަށެވެ. މުބާރާތުގެ ބޭނުމަށް އެރަށެއްގެ ރަށްވެއްސެއްކަމަށް ބަލަނީ 1 ޖެނުއަރީ 2024 ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.

މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2023 ކުރިޔަށް ގެންދިޔައީ މާރަންދޫ ކައުންސިލާއި ގުޅިގެން މާރަންދޫގައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހއ އަތޮޅު ކައުންސިލާއި ކެލާ ކައުންސިލާއި ގުޅިގެން ކެލާގައެވެ.

މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 3 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ދެވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރު ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.