އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2024، ގެ ފައިނަލަށް އިހަވަންދޫ ކައުންސިލް އަދި ޕޮލިސް ދަތުރު ކޮށްފިއެވެ. މިމުބާރާތުގެ ފައިނަލް ކުޅޭނީ މާދަމާރޭ، 20:00 ގައެވެ.
ފައިނަލްގެ ފުރަތަމަ ޖާގަ ކައުންސިލްގެ ޓީމް ކަށަވަރު ކުރީ ސެމީފައިނަލް ފުރަތަމަ މެޗްގައި ފެނަކަ ބަލިކޮށްގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް 0-0 އިން އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކައުންސިލްގެ ޓީމް ފެނަކައިގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާ އަކުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، ކައުންސިލް ޓީމްގެ ގޯލްކީޕަރު ނައްސާނެވެ.
މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ ޕޮލިސް ޓީމް، ފައިނަލަށް ދަތުރުކުރީ ފަސޭހަ ކަމާއިއެކު އާރު.އާރު.ސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗް އެޓީމް ކާމިޔާބުކުރީ 6-2 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޕޮލިސް ޓީމްގެ މޮޑްރިޗް އެވެ.
މިއީ މިމުބާރާތް ބާއްވާ 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިހަވަންދޫ ފުލުހުންގެ ޓީމެވެ. އެޓީމް 3 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު، ފެނަކަ އިހަވަންދޫ ބުރާންޗުންވަނީ 2 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 7 ޓީމަކުން ވާދަކުރެއެވެ. އެއީ އާރު.އާރު.ސީ، ފެނަކަ އިހަވަންދޫ ބްރާންޗް، ބީ.ބީ.ސީ.އެފް.އެމް ލިންކޭޖް، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ ސްކޫލް، އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނެވެ.