ނުބުނެވުނަސް

ފަތުޙުﷲ އަޙުމަދު ރަޝީދު

ގިސްލެވެން ފެށުނީ ބޭއިޚްތިޔާރުގަ އެވެ. އޮހެމުން ދިޔަ ކަރުނަތިކިތަކުން ކޯތާފަތް ފުރި ބަންޑުންވަމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. މޫނުމަތި ރަތްވެ ދެލޯ ދުޅަވަމުންދާކަމުގެ އިޙްސާސްކުރެވެމުންދިޔަ އެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތަކާއި އެކުވެ ނޭފަތުން ނިކުންނަމުންދިޔަ ދަވަތައް، މަތީ ތުންފަތުގެ ކައިރިއަށް އެޅެމުން އަނގައިގެ ތެރެއަށް ފޭދެމުންދިޔަ އެވެ. ހިންދިރުވާލެވޭ ކޮންމެ ފަހަރަކުން މޭނުބައި ކުރުމުގެ އިޙްސާސްތައް ކުރެވެމުން ދިޔައީ އެހެންވީމަ އެވެ. އޭރުވެސް އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. މާނޭވައިލެވި މީހާ ގުނބުހިލި ލޮޑުކަން ހަށިން ހާމަވަމުން ދިޔުމުން މަޑުމަޑުން ދެ ކަކޫ ގަޔާގާތްކޮށްލަމުން ހިމޭންވެލީމެވެ. މީހެއްގެ ހިލަން ވުމުންނެވެ.

އަހަރެންގެ ހިތާހިތާ ކިޔާލެވުނެވެ. “އެއަންނަނީ އެމީހާ އެވެ. މިފަހަރު ސަލާމަތްވާނެބާ އެވެ. މީހުން ބުނާތީ އަހަމެވެ. ވަގަކަށް ހާސްދުވަހެވެ. ވެރިޔަކަށް އެއްދުވަހެވެ. މިއަދު މިއީ އަނެއްކާ އެބުނާ ދުވަސްބާވަ އެވެ.”

ފިޔަވަޅުތަކެއްގެ އަޑު ދުރުން ކައިރިވަމުން ދިޔަ އެވެ. މަޑުމަޑުން ފަހަތަށް އަނދިރި ގަނޑުގެ ތެރެއިން ހިމާޔަތްހޯދަމުން ދޮންކެޔޮ ގަހުގެ ނިވަލަށް ޖެހިލީ ދުވަމުން ދިޔަ ކަޅު ހިނިތަކަށްވެސް ސިއްރުވާނެހާ ސިއްރުންނެވެ. މަޑުމަޑުންދެފައި ކައިރިކޮށް ކަކޫގެނެސް މޭގައި ޖައްސައިލަމުން ނޭވާލުން ވަންހަނާކޮށްލީމެވެ. އޭރު ފިޔަވަޅުތަކުގެ އަޑު ހިނދިއްޖެ އެވެ. ލޯމަރައިފައި އިނދެވުމުން އެއްވެސް މަންޒަރެއް ނުފެނެ އެވެ. ގޯހެއް ވެދާނެތީ އަވަސްއަވަހަށް ލޯ ހުޅުވާމުން ބަލައިލީމެވެ. އަނދިރިކަމުން ތަންދޮރު ވަކިވާވަރުވަނީ ހަމަ ކިރިޔާ އެވެ. އެތަނުގައި އިށީނދެއިންތާ ފަސްވަރަކަށް މިނެޓްވެފައިވާތީ ލޮލުގެ ފެނުން ހުރީ އެ ކަނުއަނދިރިކަމަށް ހޭނި އެކަމަށް ފައްކާވެފަ އެވެ.

ފުންކޮށް ނަޒަރު ހުއްޓައިލީ ފިޔަވަޅުތަކުގެ އަޑެއްބަޑެއް ނީވުމުންނެވެ. ކަމަކުދާކަށް ނެތެވެ. އަހަރެން އިށީނދެއިން ފަތްކެޔޮގަހުގެ ކުރިމަތީ އެހުރީ އެ ޒުވާނާ އެވެ. އަހަރެން ފަހައި ދުވަމުން އައި މީހާ އެވެ. އެހެނަސް ފެންނަނީ ކަކުލުން ތިރި އެވެ. އަތުގައި ހެޔޮވަރުގެ ލަކުޑި ފަތިގަނޑެއް އެލުވައިލެވިފައި އޮތެވެ. ހިސާބަކަށް ކެޔޮގަސްތަކަށް ނަޒަރު ހުއްޓައިލައިގެން ބަލަން ސިކުންތުކޮޅެއް ވަންދެން މަޑުކޮށްލައިގެން އެ ޒުވާނާ ހުރި އިރު ހީވަނީ އަހަރެން ފެނިގެން ބަލަން ހުރިހެންނެވެ. އަހަރެންގެ ނޭވައި ނަގައިޖެހެމުން ދިޔަ ނަމަވެސް އަނގަޔާއި ނޭފަތްމަތީ ދެއަތް އަޅައި ބާރުކޮށްގެން ނޭވާ އެތެރެއަށް ހިފަހައްޓާލައިގެން އިނދެވުނީ ހަމަ ކިރިޔާ އެވެ. ދެލޯ ބޮޑުވަމުން ނޭވާ ހާސްވަމުން ދިޔަ އެވެ. ލޮލަށް ބާރުވަމުން ކަރުނަތައް ފައިބަމުން ދިޔަ އެވެ.

އޭނާގެ ވިސްނުން ބަދަލުވީ ކަމެއް، އަހަރެން ނުފެނުނީ ކަމެއް ނޭނގެ އެވެ. އޭނާ ފަސް އެނބުރިލާ އައިކޮޅަށް މިސްރާބު ޖެހި އެވެ. އެހިނދު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނޭވާ ހިފަހައްޓައިގެން އިނުމުގެ ސަބަބުން ކަރުތެރޭގައި އެފެދިފައިވާ ދަވަތަކާއެކު ބާރު ކެއްސުމެއް އައީ އެއްވެސް ވަރަކަށް ނުވިސްނާ އިންދަ އެވެ. ބާރުބާރަށް ކިނބިއްސެއް އެޅުނެވެ. އެއީ ނަސީބުކަމެއް ބަދުނަސީބުކަމެއް ނުވިސްނުނެވެ.

އަޑުޖެހުނުހެން ހީނުވެ އެއްކަލަ ޒުވާނާ އަޑުއައި ދިމާލަށް އެނބުރިލި އެވެ. ސަލާމަތް ނުވާނެކަމަށް ނިންމަން މަޖުބޫރުވީ ކެއްސުން މައިތިރި ނުކުރެވުމުންނެވެ. އަވަސް ފިޔަވަޅުތަކަކާއެކު ޒުވާނާ އަންނަތަން ފެނުމުން އަހަރެން ދުއްވައިގަންނަން ތެދުވީމެވެ. ގައިގައި ހުރި ބާރެއް ލުމަށްފަހު ކުރިއަށް ދެވޭތޯ އެވެ. ކުރިމަތިވާނެ ލަދުވެތި ބަސްތަކުން މިންޖުވުމަށެވެ. ޒުވާނާގެ އަތުގައި ޖެހިއްޖެ ނަމަ ވާނެ ގޮތް ހަމަ ރަނގަޅަށް ވަޒަން ކުރެވޭތީ އެވެ. ކަންތައްވީ އަހަރެން ހީކުރި ގޮތަކަށްނޫނެވެ. ކެޔޮވަލުން އަރައި ދުއްވާގަނެ ފޫޓެއްހާ ހިސާބަށް ނުދެވެނީސް އަހަރެން ބަނޑުވަތަށް ގުޅަވި އެވެ. ދެންވީގޮތެއް ނޭނގުނެވެ.

ލޯހުޅުވައިލެވުނު އިރު، ކައިރީ އިނީ ގޭގެ ކުރިމަތީގޭގައި އުޅޭ ހައްވާފުޅާއި އެގޭ ކަތްދާފުޅެވެ. ކަތްދާފުޅު އިނީ މަޑުމަޑުން އަހަރެންގެ ބޮލުގައި އަތްފިރުމާލަ ފިރުމާލަ އެވެ. އަހަރެންނަށް ވެދުންކުރެވުނީ ލުއި ހިނިތުންވުމެކެވެ. އެއްޗެކޭ ބުނަން ތުންފަތް ތަޅުވާލަން މަސައްކަތްކުރިއިރަށް ވީގޮތް ހައްވާފުޅު ބުނެދިނެވެ.

“އެކޮއި، ކަނބުލޯ ދެން އެކަމާ ނުވިސްނާ… ދައްތައަށް އެނގޭ އެކޮޔަށް ތިހެން ދިމާވީ ކީއްވެކަން… ދެން ދެރަ ނުވޭ…” ހައްވާފުޅުގެ ވާހަކައެއް އަހަރެންނަކަށް ދޭހައެއް ނުވި އެވެ. އެހެންވެ މޫނުމަތިން ސުވާލުމާކުތައް ދައުރާނާވަމުންދިޔަ އެވެ. މިފަހަރު ޖަވާބު ލިބުނީ ކަތްދައިތަގެ ފަރާތުންނެވެ. “އާނ! ދައްތަމެންގެވެސް އިޙްމާލު މިކަމުގައި އެބައޮތް! އެކޮއިގެ މަންމަ ދުނިޔޭގަ އެކޮއިމެންނަކީ ތިޔަ ޒާތަށް އުޅުނު ބައެއް ނޫން! މަންމަ ނިޔާވުން އެއީ އެކޮއިމެންނަށް ތިޔަ ހާލު ޖެހުނު ސަބަބު… ކޮއިގެ ދޮންބޭބެ އިނދެގެން އެއުޅޭ މަރީނާގެ މަދުވަނީ ދަޅަކާ ނަގުލެއް! އަޅެ ކީއްތަވާނީ މި ކުދިންނަށް އެ މަރީނާ އަޅައިލާ އޯގާވެލިއްޔާ! ގައިމު ފާފަ އެއް ނުވާނެ!”

“މިއިން ކޮންމެ ކުއްޖަކަށް ސަރުކާރުން އެދެނީ ލާރި… ދެން އެހުރި މަންޖެގެ އެހެން ތިބި ދަރިންނަށްވެސް ސަރުކާރުން އެ ލާރިދެނީ… ލާރި ނުދޭނަމަތާ މިހެންކަންކުރަންވާނީ… ވަކި ކޮއިގެ ބައްޕަވެސް ސަހަލެއް ނޫން… ކޮއިގެ އަމާ ނިޔާވާއިރަށް ދޮންދައިތަ އެއުޅޭ ތިމަރަފުށީ މީހަކާ އިންގޮތަށް ބައްޕަވެސް އެތަނުގައި ތަންހަރުވީ!” ހައްވާފުޅުވެސް ތުންގުޅުވައިލީ ކަތްދާފުޅާ އެވެ. ވާނުވާ ނޭނގި އަހަރެން މަޑުމަޑުން އޮތީ ވާހަކައަޑުއަހާށެވެ. ބޮލަށް އުނދަގޫވާވަރުންނެވެ. މޫނުމައްޗަށް ޒާތެއްގެ އުނދަގުލެއްވެސް ވާތީ އެވެ. ބޮލުގައި ބެންޑޭޖެއް އޮޅައިލާފައި އޮތްކަން އިޙްސާސްކުރެވެން ފެށީ އެހާހިސާބުންނެވެ. މަޑުމަޑުން އަތްހިއްލައިލީމެވެ. ނަމަވެސް އެކަން މަނާކުރީ ކަތްދާފުޅެވެ.

“އާނ! ކޮއިގެ ބޯ ތިވަނީ ފަޅައިގެންގޮސް! ރޭ އަހަރުމެން ގެއިން ވަގަށް ބަތްކާން އިންދަ ސަމަދުބެއަށް ފެނިގެން ކޮއި ފިލަން އުޅެނިކޮށް ކެޔޮވަޅު ކައިރީ ކޮނެފަ ހުރި ވަޅުތެރެއަށް ވެއްޓުނީ… ހޭނާރައިގެން މަރުކަޒަށް ގެނެސް ގަޑިއެއްހާއިރު ވީއިރަށް ހޭއެރީމަ ނިންދަވާ އިންޖެކްޝަންޖެހީ… މިހާރު ގަޑިން އެހެރެ އަށެއް ޖަހަނީ… ދެން އެގާރަޖަހާއިރަށް މި ފުޅި ހުސްވީމަ ދޫކޮށްލާނީ” ހައްވާފުޅު ކަންހިނގިގޮތް ކިޔައިދިނެވެ. އަހަރެންނަށް ބަލައިލެވުނީ ކަނާއަތަށެވެ. އައިވީ ގުޅާފައި ހުރިކަން އިޙްސާސްކުރެވުނީވެސް އެހައި ހިސާބުންނެވެ. މަޑުމަޑުން ދެލޯ މަރައިލެވުނީ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތުމުންނެވެ.

“ދެން ނުރޮއި… ކޮއި ދޫކޮށްލީމަ ދާނީ ދައްތަމެން ގެއަށް… ތިޔަ ހާލުގައި ޔަތީމުކުއްޖެއް އުޅޭކަށް ދެން ދައްތައަކަށް ދުލެއް ނުކުރެވޭނެ… ދައްތައަކަށްނޭނގެ ކައިރި ގޭގެއިން ދަންވަރު ވަގަށް އެއްޗެހި ގެއްލޭވާހަކަ ކީމަވެސް އެއީ ކޮއިމެންގެ ކަމެއްކަމެއް… ހުރިހާ ދުވަހު ހީކޮށްގެން މިހުންނަނީ އެ ބުނާ ނުބައި ސޮރުމެން ކުރާކަމެކޭ… ނަސީބެއްނު ދައްތަގެ ގެއިން ތިކަހަލަ ކަމަކުން އެނގުނުކަން… ދެން ދެރަނުވޭ… މި ވާހަކަ ދައްތަ އެއްވެސް މީހަކު ކައިރީ ނުބުނާނަން… ދައްތަގެ ގޭގައި ކޮއި އުޅެންވީ.. ކިޔަވައިގެން މޮޅުމީހަކަށްވީމަ ގެއަށް ބަދަލުވަންވީ…” ހައްވާފުޅުގެ ވާހަކަތަކުން ފޮތިޖެހެމުންދިޔަ އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނެވެ. ޝުކުރުވެރި ނަޒަރަކުން އެ މައިވަންތަ ދެ ލޮލަށް ބަލައިލެވުނެވެ. އެ އުނގުގެ ހިޔަލަށް ފެން ބޮވައިގެންފައިވާ މީހެއްފަދައިންނެވެ. މަންމަ ނިޔާވި ފަހުން އުޅެންޖެހުނު ދަތި ހާލާއި ކާއެތި ކޮޅެއް ނުލިބިގެން ބަނޑަށް ހޫނު އެރުމުން ކައިރި އަވަށްޓެރިން ނިދުމުން ބަދިގެތަކަށްވަދެ އުޅެވުނު ގޮތްތައް ހިތަށް އެރުމުން ލޮލުން ކަރުނަ ނީރައިލި އެވެ. އެހެނަސް މިފަހަރު އުފާވެރިކަމުގެ ކަރުނަ އެވެ.  ހަމަ އެހިނދު، އަވަށްޓެރިންނަށް ކުރެވުނު ތުރާތަށް ހިތަށްވަނުމުން ދެރަވި އެވެ. އެވާހަކަތައް ނުބުނެވުނަސް ލޮލުން އެކަން ހާމަކޮށްދިނީމެވެ. ދުލުން ބަޔާންނުކުރެވުނަސް މޫނުމަތިން ދައްކައިދިނީމެވެ. އެކަން ހައްވާފުޅާއި ކަތްދާފުޅު ބަލައިގަތެވެ. ދެމީހުން އެކުގައި ބުނެލި އެވެ. “އަހަރުމެންނަށް އަވަށްޓެރިކަމުގެ ގުޅުން ނުބޭއްވުނީތީ މި އަދު ދެރަވަން… އަހަރުމެންނަށްވެސް އެނގެންޖެހޭނެ ހުރިހާ ވާހަކައަކީ ބުނަން އުނދަގޫ ވާހަކަތަކެއްކަން… އެއްވެސް މީހަކު އެމީހެއްގެ ނިކަމެތިކަމުގެ ވާހަކަ އެހެން މީހުންނާ ހިއްސާކުރާކަށް ބޭނުމެއް ނުވާނެ… އެހެނަސް އަހަރުމެން ބޮޑެތި މީހުން ޖެހޭނެ އެވާހަކަތައް ނުބުނެވުނަސް ދެނެގަންނަން” (ނިމުނީ)