މާނޭވައި ލަމުން އަވަސްއަވަހަށް ލޯ ހުޅުވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. ލޯހުޅުވޭ ގޮތެއް ނުވިއެވެ. ހީވަނީ އެސްފިޔަތަކުގައި ތެރަސްއަޅާ ތަތްކޮށްފައިވާހެންނެވެ. ނޭނގޭ ބާރަކުން ލޮލުގައި އަތްއަޅާ އޮބައިކަމުގެ އިޙްސާސެއް ކުރެވުނީވެސް އެއަށްފަހުގައެވެ. އަވަސް އަވަހަށް ދެއަތް ނަގައި މޫނުގައި ފިރުމާލަން ހިއްލައިލީމެވެ. ނުހިއްލުނެވެ. ހިސާބަކުން ހުއްޓުނީއެވެ. ދެންބެލީ ލޯ ހުޅުވާލެވޭތޯއެވެ. އެހެނަސް ލޯ ހުޅުވާ ނުލެވުނެވެ. ލޯހުޅުވާލަން ކުރާ މަސައްކަތްތައް ވަނީ ނާކާމިޔާބެވެ. މަޑުމަޑުން އޯގާތެރި ކަމާއެކު މީހަކު ފިރުމާލިހެން ހީވިއެވެ. ބޭއިޚްތިޔާރުގައި އަހައިލެވުނެވެ. “ކާކު؟… ކާކު؟ އަހަންނަށް މި ވަނީ ކީއް؟” ޖަވާބު ސާދާވެފައި ކުރެވެ. “އެއްވެސް ކަމެއް ނުވޭ! ތީ ނަޒީރަށް ހީވާގޮތެއް!” އޯގާތެރިކަމާއެކު މަޑުމަޑުން އަނެއްކާވެސް އަހަރެން ބޮލުގައި އެމީހަކު ފިރުމައިލި އެވެ. “ބުނެބަލަ އަހަރެންގެ ލޮލަށް ނުފެންނަނީ ކީއްވެ؟… ކީއްވެ އެސްފިޔަތައް ތަތްލަވާފަ މި ހުންނަނީ! އަހަންނަށް ފެންނަނީ ކަޅުކަން… އަނދިރިކަން… ކީއް؟” އަހަރެންގެ ވާހަކަ ނުނިމެނީސް އެމީހާ ފެށިއެވެ.
“އިރާދުކުރެއްވިއްޔާ އަދި ރަނގަޅުވާނެ! ނަޒީރަށް ނުވިސްނުނީމަ ވީގޮތެއް ތިޔައީ! ނުފެންނަނީ ބެންޑޭޖް އޮޅާފަ ބޭސް އަޅާފަ އޮތީމަ… އަހަރުމެން މިތިބީ މާލޭގަ! ސަރ ގޮވައިގެން އިންޑިޔާއަށް ފުރައިފި!” އަހަރެންގެ ހިތުގައި ސުވާލު އައިންވަރެއް އުތުރު އެރިއެވެ. “ކޮން ސަރ އެއް! ކީއްވެ މާލޭ! ކީއްވީ… ތީ ކާކު! ކާކުތީ!” އަހަންނަށް ތެދުވަށް މަސައްކަތްކުރެވުނެވެ. ބާރުބާރަށް ހަޅޭއްލަވަން ބޭނުންވިއެވެ. އެކަމަކު އަޑު ނުކުންނަނީ މަޑުމަޑުންނެވެ. އަތްފައި ގުޑުވާލަން ކުރާ މަސައްކަތްތައް ކާމިޔާބުވަނީވެސް މަދު ފަހަރެއްގައެވެ. އަހަންނަށް ޔަޤީންވަނީ އެންމެ ކަމެކެވެ. ކޮންމެވެސް ނޭގޭ ބާރެއް އަހަރެން ހިފަހައްޓާކަމެވެ. އެހެންޏާ ހަލަބޮލިކޮށް އުޅުނު ހަށްޓަށް ކޮންމެވެސް ބަރުހެލި ކަމެއްވެރިވެ ރަސްކަން ކުރަމުންދާކަމެވެ.
“މީ އާދަމްބޭ! ނަޒީރުގެ ބޮޑުބޭބެ! ނަޒީރަށް ބޭބެވެސް ނޭނގޭތަ!” ކުރިން ދަންނަ އަޑެއްހެންހީވާގޮތްވިއެވެ. އަހަރެން ބުނަން ބޭނުންވި ވަރަށް ގިނަ ވާހަކަތައް އެއްފަހަރާ ސިކުނޑިއަށް އަންނަންފެށިއެވެ. އެހެންވެ އަވަސްއަވަހަށް އަނގަތަޅުވާލެވުނުކަން އެނގެއެވެ. ކިޔުނު ނުކިޔުނު އެއްޗެއް ނޭގުނަސް ކޮންމެވެސް ވާހަކައެއް ދެއްކުނުކަން ހަނދާންވެއެވެ. “ކޮބައި އަހަރެން ބޭނިމަސް… އެ މަސްކޮބައި… ކޮބައި އެއްކަލަ ސިނގިރޭޓް… ކަލޯ އައްޔާ … މަށަކަށް އާކަމެއްނޫނޭތިޔާ… ޓީޗަރަށް އަލަކަސް ތި އަހަރުމެން އަބަދުވެސް ކިޔާ އެއްޗެހި… ދައްކާ އެންމެނަށް ދައްކާ… ދައްކާ މަ ލަދެއް ނުގަންނާނަން… ހީވަނީތަ ލަދުގަންނާނޭ… ކަލޭ.. ކަލޭ…” ރޯލް އަވަސްވެފައިވާ މަންޒަރުތައް ތަކުރާރުވަމުން ދިޔަކަހަލަ ގޮތްތަކެއް ވާންފެށީ އެހައި ހިސާބުންނެވެ. އޭރުވެސް ނޭވައި އަވަސްވެ މީހާ ދާހިތްލާކަން އިޙްސާސްކުރެވުނެވެ. ކަރުހިއްކައިގެން ކުޑަދޫ ބޭރަށް ނުކުންނަން އުޅޭހެން ހީވާގޮތްވަމުން ދިޔައެވެ. އަރުތެރެ ބެދެމުން ދެލޯ ބޮޑުވަމުންދާކަމުގެ އިޙްސާހްކުރެވެން ފެށުނެވެ. މަޑުމަޑު ތުރުތުރެއް ބާރުވަމުންދިޔަހެން ހީވަމުންދިޔައެވެ. އާދަމްބޭގެ އިތުރުން އިތުރު ބަޔަކު އަހަރެންގެ ވަށައިގެން އުޅޭހެން ހީވެއެވެ. ހަރަކާތްތައް އަވަސްވެފައިވާ ބަޔަކު ވާހަކަތަކެއް ދައްކާއަޑު އިވެމުން ދިޔައެވެ. އިރުކޮޅަކުން ތޫނު ހިމަ އެއްޗެއް ހަށިގަނޑުގެ ތެރެއަށް ހަރައިލެވުނުހެން ހީވިއެވެ. ދެންވީގޮތެއް ނޭނގުނެވެ. ލޯމަރައިލެވުނީކަމެއް އަމިއްލައަށް ލޯމެރުނީކަމެއް ނޭގުނެވެ.
މަޑުމަޑުން މާބުރެއް ބުންއަޅާހެން އަޑުތަކެއް އިވެމުންދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑުބާރުވަމުންދިޔައެވެ. އިވެމުން ދިޔަ އަޑުތައް ސާފުވަމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް މީހުންގެ އަޑު ދެނެގަންނަންވެސް އެނގޭވަރުވިއެވެ. ކުރިން އާދަމްބޭކަމަށް ބުނި އަޑުގެ އިތުރުން އެހެން ދެ މީހެއްގެ އަޑުވެސް އިވެމުން ދިޔައެވެ. މުސްކުޅި އަންހެނަކު ގިސްލުމުގެ އަޑުޖެހުމުން ހިތަށް ފުން އަސަރުތަކެއް ވެރިވި އެވެ. ހަނދާންތަކެއް ތަކުރާރުވަމުން ދިޔައެވެ. އެ އަޑުގެތެރެއިން ހަނދާންތައް ފޭދިގެން ދިޔައީ އަޑުގެ ވަށައިގެން ގިސްލުމުގެ ރާގުތައް ގުގުމަމުންނެވެ. މަންޒަރުތައް ސިކުނޑީގެ ސްކްރީނުން ފެންނަމުންދިޔައީ ހުދުކުލައިގެން އަލިންނެވެ. މުސްކުޅި އަންހެނެއްގެ މޫނެވެ. ރޫޖެހިފައިވާ ދެ ކޯތާފަތެވެ. ރޫބަރި ޖަހައިލެވި ދޫވެ އެލިފައިވާ ހަންގަނޑެކެވެ. އަނގައިގެ ދެމިޔަކަން ވަނީ ތިރިއަށް ސޮހިފައެވެ. ބުމައިގެ އިސްތަށިތަކާއި އެސްފިޔަތައް ހުރީ ހުދުކުލައިން ފެވިފައެވެ. އެމީހާ ރޮމުން ގިސްލަމުންދިޔައެވެ. ރޮއިރޮއިފާ ގޮވަނީ އެއް ގޮވެލި ފައްޗެކެވެ. ގިސްލަމުން ދެމުންދިޔައީ އެއް ނަސޭހަތެކެވެ. “ދަރިފުޅާ! މަންމަގެ ދެލޯ ފަދަ ދަރިފުޅާ! ދަރިފުޅު ތީ މަންމަގެ އުއްމީދު! މަންމަ މިއަދު މުސްކުޅިވެ ގައިބާރުދެރަވީ ދުވަހު މަންމައަށް ހޭހަންކޮށްދީ މަންމައަށް އަޅައިލަން ހުރީ ހަމައެކަނިދަރިފުޅު! މަންމަ އަބަދުވެސް ދޭ ނަސޭހަތަކީ ދަރިފުޅު ކިޔަވައިގެން މޮޅުމީހަކަށްވާން ދޭ ނަސޭހަތް! ދަރިފުޅަށް އެނގޭތަ! ދަރިފުޅު ކޮންމެވެސް އެއްޗެއް ފަޅައިލައިގެން، ކޮންމެވެސް ކަމެއްގަ ބެދިގެން މަދަރުސާއަށް މަންމަ ގެންދާ ކޮންމެ ދުވަހަކު ގެއަށް އައިސް މަންމަ ރޯވަރު…ގިސްލާވަރު… އެފަދަ ކޮންމެ ދުވަހަކު މަންމަގެ ހިތް އެތައް ތަނަކުން ފޮތިފޮތިވެ ހަލާކުވެގެންދާވަރު އިޙްސާސްކުރެވޭތަ… ދަރިފުޅު ގޯސްކުދިންނާއެކުވެ ގޯސްމަގުންދާން ފެށީމަ މަންމަ ހިތަށްވަމުންދިޔަގޮތް ވަޒަންކުރެވޭތަ؟ މަންމަގެ މި މުސްކުޅި ހިތަށް ކުރާ އަސަރު ދަރިފުޅަށް އެނގޭނަމަ… އެކަން އިޙްސާސްކުރެވޭ ނަމަ ޔަޤީން ދަރިފުޅު ތިޔަހެން… ތިޔަހެން ނޫޅޭނެ! ދަރިފުޅަށް މަންމަދިން ތަރުބިއްޔަތަކީ ތިއީތަ؟ މުސްކުޅިންނަށް ޖެއްސުންކުރުމާ، ގޭގެއިން ވައްކަންކުރުމުން ކުލާހުގައި ހިތަށްއެރި ގޮތަކަށް ހިތަށްއެރި ކަމެއް ކޮށްލައިގެން ތިޔައުޅެނީ މަންމައަށް ކުރާއަސަރު… މަންމަގެ ހިތަށް ތަސައްލީ… ކެތްވާނެތަ؟ މަންމަގެ ހިތުގައި އަނދަމުންދާ ދިލަކަނިތައް ދަރިފުޅަށް އިޙްސާސް… މި ނިކަމެތި މަންމައަށްޓަކައި… ދަރިފުޅާ… ދަރިފުޅާ…” އެ މުސްކުޅި އަންހެނާއަށް ކެތް ނުކުރެވިގެން ހިނދުނެވެ. ވާހަކަތައް ހުސްނުވަނީސް އެމީހާ ހުއްޓުން އެރިއެވެ.
އަހަންނަށް އިތުރުއަޑުތަކެއް އިވުނުކަހަލައެވެ. ސިކުނޑިއަށް ފެންނަމުންދިޔަ މަންޒަރުން އިވުނު އަޑު މަޑުމަޑުން ކަންފަތް ބުޑުން އިވެން ފެށިއެވެ. މިފަހަރު އޯގާތެރިކަމާއެކުއެވެ. “ދަރިފުޅާ ނަޒީރު! މީ މަންމައޭ! ވާހަކަދައްކަބަލަ! ދަރިފުޅަށް މަންމަވެސް ނޭގެނީތަ!” މަޑުމަޑުން އަޑުގެ ލުއިކަން ބަރުވަމުން ގިސްލެވެމުން ދިޔަކަން އަހަރެންނަށް އިޙްސާސްކުރެވުނެވެ. ރައްދުގައި އަހަރެން ތުންފަތް ތަޅުވައިލީމެވެ. “މަންމާ އަހަންނަށް މާފް!” މަންމަގެ އާދޭސްތަކާއި އެ ނަސޭހަތްތައް ހަނދާނަށް އަންނަންފެށީ އެހައިހިސާބުންނެވެ. މަންމައަށް ހަދައިލެވުނު ގޮތްތަކެވެ. އެ މުސްކުޅި މައިމީހާ އާދޭސްކޮށްކޮށް އޮއްވާ މަދަރުސާއަށް ނުގޮސް މަސްބާނަން ދިޔަދުވަސްތަކެވެ. އެ މޫނުމަތީ ޖައްސާލެވުނު ވައްތަރުތަކެވެ. ނާތަހުޒީބު ވިސްނުން ހުންނަކަމަށް ބުނެ މަންމައަށް ހަދައިލެވުނު ގޮތްތަކެވެ. ކިޔެވުމަށް އެ މަންމަ ކުރި އާދޭސްތަކެވެ. ކުއްލިއަކަށް ހަނދާނުގެ ދުރުމިން ކުރިން ނުފެންނަ މަންޒަރުތަކެއ ފެންނަން ފެށުމުން އަހައިލެވުނެވެ. “ކުލާސް ކުދިންނަށް ކަމެއްވިތަ؟ އަހަރެން ގަސްތަކުނޫން އެހެން ހެދީ! ސަރ ނަސޭހަތްދިނީމަ ހިތްހަމަ ނުޖެހިގެން އައި ރުޅީގައި ސަރ ކޮށްޕާލީމަ.. ސަރ ގޮސް ކެމިކަލްތަކުގައި ޖެހުނީ… ބަންޑުންވީ! އަހަރެންވެސް ސަރ އާއެކު ކެމިސްޓްރީ ލެބުތެރެއަށް ވެއްޓުނީ!” މަޑުމަޑު އާޙަކާއެކު ފުންނޭވާއެއް ލެވުނެވެ.
“އާނ! ނަޒީރު، މިއަދު ނަޒީރުގެ ސަބަބުން، ނަޒީރުއަށް ކަންތައް ކުރެވުނު ގޮތުން އެތައް ބަޔަކަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބިގެން އެދިޔައީ! ޕްރިންސިޕަލް ދެންމެ ގުޅާފަ އެ ވިދާޅުވީ ތިޔަކުދިންގެ ކެމިސްޓްރީ ސަރ ނިޔާވިވާހަކަ! އަނެއްކޮޅުން އެކޮޅަށް ގެންދިޔަ ކުއްޖާ، ޒާނިޙް އެދަނީ މަރާ ހަނގުރާމަކުރަމުން، އޭނަގެ އެތެރެހައްޓަށް ކެމިކަލްގެ އަސަރުކުރުމުން… ދެން ތިއޮތީ ނަޒީރު، ޑޮކްޓަރުން ބުނާގޮތުން ނަޒީރުގެ ފެނުންވެސް ދެން އަނބުރާ…” އާދަމްބެ އަޑުގައި ވޭނީ ކެކުޅުމެއް އުތުރިގަތެވެ. އިވެމުންދިޔަ އަޑުތަކުން އަހަރެންގެ ހިތް ފަޅަފަޅައިގެން ދިޔަކަހަލައެވެ. ތޫނު ހަންޖަރަކުން ހިތުގެ އެތަންމިތަނުގައި ވަކިއަޅަމުން ތޮރުފަމުން ދިޔަކަހަލަ އިޙްސާސެއް ކުރެވުނެވެ. “ދެންވެސް މި ހުރިހާ ކަމަކުންވެސް އަހަރުމެން ޢިބްރަތެއް ލިބިގަންނަންވީ… ދަރިވަރެއްގެ ޢަމަލުތަކުން މުދައްރިސެއް ދުނިޔެއަޅާ ދިޔުމަކީ އޭގެ ސަބަބުން އެހެން ހުރިހާކުދިންނަށް ލިބުނު ގެއްލުމެއް! ކިހިނެއް ދުނިޔެ އަޅައި އެ ދިޔަ މުދައްރިސްގެ ކިބައިން ނަޒީރު މަޢާފަށްއެދޭނީ! އޭނަ ނަޒީރަށް ކިހާވިސްނައިދިން… ކިހާ އޯގާތެރި މުދައްރިސެއްއެއީ! މިއަދު ނަޒީރުގެ މައިންބަފައިން މުސްކުޅިވި ދުވަހު ނަޒީރުގެ މައިން ބަފައިންނަށް މިޖެހުނީ ލޯއަނދިރި ނުކުޅެދޭ ހާލުގައި ނަޒީރު ބަލާކަށްނު! ކިހައިދެރަ! މިއީ އަމިއްލައަށް ލިބިގަތް ދަތިހާލެއް! އަމިއްލައަށް ލިބިގަތް ދަތިވޭނެއް!” އާދަމްބޭގެ ބަސްތަކުން އަހަންނަށް ކެތެއް ނުކުރެވުނެވެ. އެހެނަސް އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. މަޑުމަޑުން އޮތުން ފިޔަވައި ކުރާނެކަމެއް ނެތެވެ. މިއީ އަމިއްލަށް ލިބިގަތް އަނިޔާ އެވެ. އިއްޔެ ކޮޅުފައިން ޖަހައި އެބައެއްގެ އަޑުތައް ނާހައި ދިޔަ މައިންބަފައިންނަށް މިއަދު އަހަރެން މިވީ ބުރައަކަށެވެ. ދަތިވޭނަކަށެވެ.