ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025: ޖޭ ސްޕޯޓްސް އެކަޑަމީއަށް ފުރަތަމަ މެޗުން ބޮޑު މޮޅެއް!

މުޙައްމަދު އަކުރަމް

ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025 ގައި ޖޭ ސްޕޯޓްސް އެކަޑަމީ ކުޅުނު ފުރަތަމަ މެޗުން، އޮނި ސްޕޯޓްސް އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ. މިއަދު ކުޅެވުނު މި މެޗު ޖޭ ސްޕޯޓްސް އެކަޑަމީ ކާމިޔާބުކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުން، 6-0 އިންނެވެ.

މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޖޭ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ގިނަ ހަމަލާތަކެއް އޮނި ސްޕޯޓްސްގެ ގޯލަށް ފޮނުވާލާފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެ ޓީމުގެ ޒައިންއެވެ.

މި މުބާރާތުގައި ޖޭ ސްޕޯޓްސް އެކަޑަމީން ދެން މެޗެއް ކުޅޭނީ މާދަމާ، ލަޔަންސްއާ ދެކޮޅަށެވެ.

މެޗަށްފަހު ވާހަކަ ދައްކަވަމުން ޖޭ ސްޕޯޓްސް އެކަޑަމީގެ ކޯޗު ހުސައިން ފަޔާޒް ވިދާޅުވީ، މިއަދުގެ މެޗާއި އަޅާބަލާއިރު ޓީމުގެ ކުޅުން ވަރަށް ރަނގަޅުކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތު ލިބުނުކަމަށެވެ.

ޖޭ ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، އިހަވަންދޫގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފުޓްބޯޅައަށް ޝައުގުހުރި އަދި ހުނަރުހުރި ކުދިންނަށް ވާދަވެރި އަދި ރަނގަޅު ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މި ފުރުސަތުގެ ތެރެއިން އެ ކުދިންނަށް ތަޖުރިބާ ހޯދައިދިނުމަކީވެސް އެކަޑަމީގެ އެދުމެކެވެ.

މިމުބާރަތުގައި މެޗްތަށް ކުރިޔަށް ގެންދަނީ ބައިވެރިވާ ޓީމްތައް 6 ގްރޫޕަކަށް ބަހާލައިގެންނެވެ. މިމުބާރާތުގައި 24 ޓީމެއް ވާދަކުރެއެވެ. ޖޭ ސްޕޯރޓްސް އެކަޑަމީ ހިމެނޭ ގްރޫޕްގައި ދެން އޮތީ އޮނި ސްޕޯރޓްސް ކްލަބް، ލައަންސް އަދި ބްލޫ ސްޕޯރޓްސް ކްލަބެވެ.