ވައިޓޫކޭ ބަލިކޮށް، ޖޭ ސްޕޯޓްސް އެކަޑަމީ ކުއާޓަރ ފައިނަލަށް!

މުޙައްމަދު އަކުރަމް

ބިބީ ޓިކިޓަކާ ފުޓްސަލް ސުޕަރ ކަޕް 2025 ގެ ކުއާޓަރ ފައިނަލަށް ޖޭ ސްޕޯޓްސް އެކަޑަމީ ދަތުރުކޮށްފި އެވެ. ޖޭ ސްޕޯރޓްސް އެކަޑަމީން މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގައެއް ކަށަވަރުކުރީ މިރޭ ކުޅުނު ގަދަ 16 އިގެ ނޮކްއައުޓް ބުރުގައި ވައިޓޫކޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިރޭގެ މެޗުން އެޓީމް މޮޅުވީ 4-2 ގެ ނަތީޖާ އަކުންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ  ޖޭ ސްޕޯރޓްސް އެކަޑަމީގެ އަލީ ނާއިޝް އެވެ. ހުޅުމާލެ ފޭސް 2 ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރެއިން ޖާގައެއް ކަށަވަރުކުރުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

ޖޭ ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި އެޓީމުން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، ހއ. އިހަވަންދޫގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފުޓްބޯޅައަށް ޝައުގުހުރި އަދި ހުނަރުހުރި ކުދިންނަށް ވާދަވެރި އަދި ރަނގަޅު ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މި ފުރުސަތުގެ ތެރެއިން އެ ކުދިންނަށް ތަޖުރިބާ ހޯދައިދިނުމަކީވެސް އެކަޑަމީގެ އެދުމެކެވެ. އެކަޑަމީގެ މި މަސައްކަތުން ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އެކަޑަމީން ފާހަގަކުރެ އެވެ.

މި މުބާރާތުގައި ބައިވެރިވާ 24 ޓީމު ވަނީ 6 ގްރޫޕަކަށް ބަހާލެވިފަ އެވެ.  ޖޭ ސްޕޯޓްސް އެކަޑަމީ މިހާރު ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު، އެޓީމުގެ އެންމެ ބޮޑު އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައި، ކުރިއަށް ދިއުމެވެ.