ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025: ޖޭ ސްޕޯޓްސް އެކަޑަމީގެ ދެވަނަ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަޔާ ދިމާލަށް!

މުޙައްމަދު އަކުރަމް

ބިބީ ޓިކިޓަކާ ފުޓްސަލް ސްޕަރ ކަޕް 2025 ގައި ވާދަކުރަމުންދާ ޖޭ ސްޕޯޓްސް އެކަޑަމީން، އެ މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ލަޔަންއާ ދެކޮޅަށް 2-0 ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕްގެ އެއްވަނަ މަގާމް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މި މެޗު ކުރިއަށް ދިޔައީ ވާދަވެރި ކުޅުމެއްގެ ތެރެއިންނެވެ. ޖޭ ސްޕޯޓްސް އެކަޑަމީގެ އަލީ ނާއިޝް ވަނީ މި މެޗުގައި ފެނިގެންދިޔަ ދެ ގޯލުވެސް ކާމިޔާބުކޮށް، އެކަޑަމީއަށް މޮޅު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ މޮޅު ކުޅުމާއެކު މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބުނެވެ.

މި މުބާރާތުގައި ޖޭ ސްޕޯޓްސް އެކަޑަމީން ދެން ކުޅޭ މެޗުގައި ނުކުންނާނީ ބްލޫ ސްޕޯރޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ ގްރޫޕްގެ އެއްވަނަ ހޯދުމަށް މުހިންމު މެޗަކަށެވެ.

ޖޭ ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، އިހަވަންދޫގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފުޓްބޯޅައަށް ޝައުގުހުރި އަދި ހުނަރުހުރި ކުދިންނަށް ވާދަވެރި އަދި ރަނގަޅު ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މި ފުރުސަތުގެ ތެރެއިން އެ ކުދިންނަށް ތަޖުރިބާ ހޯދައިދިނުމަކީވެސް އެކަޑަމީގެ އެދުމެކެވެ.

މި މުބާރާތުގައި މެޗުތައް ކުރިއަށް ގެންދަނީ ބައިވެރިވާ ޓީމުތައް 6 ގްރޫޕަކަށް ބަހާލައިގެންނެވެ. މުޅިއެކު 24 ޓީމު ވާދަކުރާ މި މުބާރާތަކީ ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް މަގުފަހިކޮށްދޭނެ މުބާރާތެކެވެ. ޖޭ ސްޕޯޓްސް އެކަޑަމީ ހިމެނޭ ގްރޫޕްގައި ދެން އޮތީ އޮނި ސްޕޯރޓްސް ކްލަބް، ލައަންސް އަދި ބްލޫ ސްޕޯރޓްސް ކްލަބެވެ.