އޭނާގެ އަމިއްލަ ނަފުސު ދެކެ ރުޅިއަންނަ ލޯފަން އަންހެންކުއްޖެއް އުޅުނެވެ. އެއަންހެންކުއްޖާ އޭނާގެ ނަފުސަށް ނަފުރަތުކުރާ ހަމައެކަނި ސަބަބަކީ އޭނާއަކީ ލޯފަން ކުއްޖަކަށް ވުމެވެ. އޭނާ ރުޅިއަންނަނީ އޭނާގެ ނަފުސުދެކެ އެކަންޏެއް ނޫނެވެ. ހުރިހާ އެންމެން ދެކެވެސް އޭނާ ރުޅިއާދެއެވެ. ހަމައެކަނި އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާ ފިއަވައެވެ. އެފިރިހެންކުއްޖާ ފިޔަވާ ހުރިހާ އެންމެން ދެކެވެސް އޭނާ ރުޅިއާދެއެވެ. “އަހަންނަށް ދުނިޔެ ފެންނަނަމަ، ދުނިޔެ ފެނުމުގެ ނަސީބު ލިބޭނަމަ އަހަރެން ކަލެއާ ކައިވެނި ކުރާނަން” އެ ލޯފަން އަންހެންކުއްޖާ އޭނާގެ ރައްޓެހި ކުއްޖާ ކައިރީ ބުނެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އެއްދުވަހަކު، ކޮންމެވެސް މީހަކު އެލޯފަން އަންހެންކުއްޖާއަށް ދެލޯ ހަދިޔާކޮށްފިއެވެ. ލޯފަން އަންހެންކުއްޖާ އޮޕަރޭޝަން ކުރެވިއްޖެއެވެ. އޮޕަރޭޝަން ކޮށް ލޯ ބަދަލުކުރެވިއްޖެއެވެ.
ލޯމަތީގައި އަޅާފައިވާ ބެންޑޭޖު ނެގުމާއި އެކު އަންހެންކުއްޖާ އޭނާގެ ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. އޭނާއަށް ހުރިހާ އެއްޗެއްވެސް ފެނެއެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާވެސް ފެނުނެވެ. މިހާރު އެއަންހެންކުއްޖާ އަކީ ލޯފަން ކުއްޖެއް ނޫނެވެ. “މިހާރު ކަލެއަށް ދުނިޔެ ފެނުމުގެ ނަސީބު ލިބިއްޖެ. އަހަންނާ ކައިވެނި ކުރާނަންތަ؟ ފިރިހެންކުއްޖާ އަންހެންކުއްޖާ ގާތު އެހިއެވެ. އަންހެންކުއްޖާ އޭނާ ރައްޓެހިކުއްޖާއަށް ބަލާލިއެވެ. ފިރިހެންކުއްޖާގެ ލެއްޕިފައިވާ ލޮލުގެ ރަވަ ފެނުމާއި އެކު އޭނާ ސިހުނެވެ. ރައްޓެހިވެގެން މިއުޅެވެނީ ލޯފަން ކުއްޖަކާ ކަމެއް އަންހެންކުއްޖާއަށް ކުރިއަކުން ނޭގެއެވެ. މުޅިދިރިއުޅުން ލޯފަން މީހަކާއިއެކު އުޅެން ޖެހުނީކަމުގެ ހިޔާލުގައި ހުރެ އެއަންހެންކުއްޖާ އޭނާ ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖާއާ ކައިވެނި ކުރާކަށް އެއްބަހެއް ނުވިއެވެ. އެފިރިހެންކުއްޖާ ދެރަވެފައިހުރެ އަންހެންކުއްޖާ ދޫކޮށް ދިޔައެވެ.
ދުވަސްކޮޅެއް ފަހެވެ. އަންހެންކުއްޖާއަށް ލޯފަން ފިރިހެންކުއްޖާގެ ނޯޓެއް ލިބުނެވެ. ކުރު ނޯޓެކެވެ. “އަހަރެންގެލޯ ފަރުވާތެރިކަމާއި އެކު ބަލަހައްޓަދީ. އަހަރެން އަބަދުވެސް ކަލާދެކެ ލޯބިވާނަމެވެ”.
————– —————– —————
މިއީ އާއްމުކޮށް އިންސާނާގެ ހާލަތު ބަދަލުވުމާއިއެކު އޭނާގެ ސިކުނޑި މަސައްކަތް ކުރާގޮތެވެ. ހާލަތު ބަދަލުވުމާއި އެކު ކުރީގެ ދިރިއުޅުން ހަނދާން ހުންނަނީ ވަރަށް މަދުބައެކެވެ.
މީހެއްގެ ހިތް ކަތިލާލެވޭފަދަ ބަހެއް ބުނުމުގެ ކުރިން – ވާހަކަ ނުދެއްކޭ މީހަކާއި މެދު ވިސްނާލާށެވެ.
ސުފުރާމަތީގައި ހުރި ކާތަކެތީގެ ރަހައާއިމެދު ޝަކުވާ ކުރުމުގެ ކުރިން – ކާނޭ އެއްޗެއް ނުލިބިތިބި މީހުންނާއި މެދު ވިސްނާލާށެވެ.
އަނބިމީހާ / ފިރިމީހާ އާއި މެދު ޝަކުވާ ކުރުމުގެ ކުރިން – އަންބެއް / ފިރިއެއް ލިބިފައި ނުވާ މީހަކާއިމެދު ވިސްނާލާށެވެ.
މިދުނިޔެއާއި މެދު ޝަކުވާ ކުރުމުގެ ކުރިން – ދުނިޔެއަށް އުފަންވެ ކުޑަހިނދުކޮޅެއްގެތެރޭ ސުވަރުގެ ލިބިފައިވާ ކުއްޖަކާއި މެދު ވިސްނާލާށެވެ.
ވަރުބަލިވެ، ވަޒީފާއާއި މެދު ޝަކުވާ ކުރުމުގެ ކުރިން – ވަޒީފާއެއް ނުލިބިފައިތިބި، ތިބާގެ ވަޒީފާ ބޭނުންވެފައިވާ މީހުންނާއި މެދު ވިސްނާލާށެވެ.
ތިބާދެކެ ލޯބިވާ މީހަކާއި ވަކިވުމުގެ ކުރިން – ލޯފަންއަންހެންކުއްޖާގެ ވާހަކަ ހިތައް ގެންނާށެވެ.