Banner Image Description

އަފްޒަލް (ހަވަނަ ބައި)

ފަތުޙުﷲ އަޙުމަދު ރަޝީދު

“ސަވީއަށް ނޭނގުނަސް އަހަންނަށް މިވަނީ ސަވީ ދެކެ ހަޤީޤީ ލޯބިވެވިފަ. އަހަރެން ޤަބޫލުކުރާ ގޮތުގަ އަދި އަހަންނަން ކުރެވިފައިވާ ތަޖުރިބާތަކަށް ބުރަވެ ބުނާނަމަ ބުނެވޭނީ ސަވީ ވެސް….” ފިޔާޒު ސަވީތާގެ މޫނަށް ނަޒަރު ހުއްޓާލި އެވެ. ސަވީތާ ހީވަނީ ޖެހި ބުދެއް ހެންނެވެ. އެސްފިޔަ ވެސް ޖަހާނުލާ އިންގޮތަށް އިނީ އެވެ. ހީވަނީ އޭނާގެ ވަށައިގެންވާ މާހައުލު އޭނާއާ އެކު ހުއްޓުން އަރައިފައިވާހެންނެވެ. ސަވީތާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު ބަދަލެއް ނައުމުން ފިޔާޒު ހާސްވާގޮތްވި އެވެ.

“ސަވީ… އޭތް! ކީއްވެ އެއްޗެކޭ ނުބުނެ ބަސްހުއްޓިފަ…” ބަސްހުއްޓިފައިވާ ސަވީތާގެ މޫނަށް އިނގިލިން ޗޮކެއް ކަނޑާލަމުން ފިޔާޒު ގޮވާލި އެވެ.

“ހޫނ… ކީކޭ” ސަވީތާ ދިޔައީ ސިއްސައިގެންނެވެ.

“ކޮން ޚިޔާލެއްގަ؟”

“ނުކުރަން!”

“ދެން ކީއްވެ ހުއްޓުން އަރާފަ؟”

“ކަމެއް ނުވޭ! އަޑުއަހަން!”

“އެހެންވީއިރު، އަހަންނަށް ދޭނީ ކޮން ޖަވާބެއް؟”

ފިޔާޒުގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ސަވީތާ ބަލާލީ ފިޔާޒުގެ ލޮލަށެވެ. އެލޮލުގެ ފުންކަމުގެ ތެރެއަށް އޭނާ ގެނބިގަތުމުގެ ކުރިން އެއީ ކިހާވަރެއްގެ ފުންކަމެއް ލިބިވާ ލޮލެއްތޯ އޭނާ ވަޒަންކޮށްލަން ބޭނުންވީ ކަންނޭގެ އެވެ. ސަވީތާގެ ނަޒަރު ފިޔާޒަށް ހުއްޓާލިކަން އެނގުމުން ފިޔާޒު ވެސް ކަޅި ޖަހާނުލާ ސަވީތާގެ އެ ހިމަ ދިގު ދެލޮލަށް ނަޒަރު ހުއްޓާލާ ހަތަރު ކަޅި ހަމަ ކޮށްލި އެވެ. ސަވީތާގެ ނޭވާ އަވަސްވަމުން ދިޔަ އެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ބޯތަޅުވާލެވުނެވެ. ހިތް އެކަމަށް ބޭނުންވެފައިވާތީ އެވެ. ފިޔާޒުގެ ތުންފަތަށް ލުއި ހިނިތުންވުމެއްގެ އަސަރުވެރިވި އެވެ. މަންޒިލު ނުފެނި ދަތުރުކުރަމުން އައި މުސާފިރަކަށް މަންޒިލުފެނުމުން ކުރެވޭފަދަ އިޙްސާސެއް ފިޔާޒަށް ކުރެވެން ފެށުނެވެ. އެއާއެކު ސަވީތާއާ ދިމާއަށް އޭނާ ލެނބެމުން ލެނބެމުން ދިޔަ އެވެ. ފިޔާޒުގެ ކޮންމެ ހަރަކާތަކަށް ސަވީތާ މަރުޙަބާ ކިޔަމުން ދިޔައީ ހިތުން ރުހުމުންނެވެ. އެކަމަށް ފެންބޮވައިގެންފައިވާ މީހަކު ފަދައިންނެވެ.

ހުޅަނގު ފަރާތު އުދަރެސް މަތީ ތަރުތީބުވަމުން ކުލަބަދަލުވަމުން ދިޔަ ވިލާތަކުން ފުރޭނިގެން ފޮނުވަމުންދާ ރަންދޯދިތަކުން ފަޒާ ނޫކަން ރީނދޫކުލައަށް ބަދަލުވެ، އެ ރީނދޫކަން މަޑުމަޑުން ބަދަލުވަމުން ކަޅުވަމުން ދިޔަ އެވެ. ސިއްޙީ މަރުކަޒުގައި ހުރެ ގެއަށް ދިއުމަށް ނިކުތް އަފްޒަލް ސަވީތާގެ ގެއަށް ދިޔުމަށްފަހު މިސްރާބު ޖެހީ ތުނޑީކޮޅަށެވެ. ސައިކުގެ ދުވެލި ބާރުކުރަމުން ދިޔައީ ހިތުގެ ތެޅުމާ އެއްވަރަށެވެ. މޫނުމަތިން ހާސްކަމާއި މާޔޫސްކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. އަފްޒަލަށް ތުނޑީ މަގުކޮޅަށް ދެވުނު ވަގުތުވީ ފިޔާޒާއި ސަވީތާ ކަނޑީގެ މިޔަމަޅާލި ވަގުތަށެވެ. ތުނޑީގެ ހޭޅިފަށުން މޫދަށް ބޯދީގެން ތުނޑީމަގާ ދޮޅަހަކަށް ފޫޓު ދުރުގައިވާ މިދިލި ގަހުގެ ބުޑުމަތީގައި ތަތްވެގަނެގެން ތިބި ދެމީހުން ފެނުމުން އަފުޒަލު ތަރިބުރައިގެން ދިޔަ އެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހާލެވުނީ ހަޤީޤަތެއް ކަމަށް އޭނާގެ ސިކުނޑި ޤަބޫލުނުކުރުމުންނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން ދަތްކުނޑި ވިކާލެވުނެވެ. ދެއަތް މުށްކަވާލެވުނެވެ. އެހެނަސް އޭނާގެ ހިތުގައި އަނދައިގަތް ނަފުރަތުގެ އަލިފާނުގެ މައްޗަށް ސިކުނޑިބާރުވެރިވި އެވެ.

މަންޒަރު ބަލަން ހުރިކަމެއް ސަވީތާއަކަށް އަދި ފިޔާޒަކަށް ވެސް ނޭނގެ އެވެ. އެދެމީހުން އަހުދުތަކާއި ވަޢުދުތައްވުމުގައި އެކަތިގަނޑެއްގެ ގޮތުގައި ތިއްބެވެ. ފިޔާޒުގެ އުނގުތެރޭގައި ބޮނޑިވެގަނެގެން ސަވީތާއިނެވެ.  ދުރުން ބަލަން ހުންނަމީހަކަށް ހީވާނީ އެއީ އެކަކުހެންނެވެ. އަފުޒަލް ފޯނު ނަގާ އެކި ގޮތްގޮތަށް ފޮޓޯ ނަގަމުން ދިޔަ އެވެ. ބޭވަފާތެރިކަމުގެ ނިޝާންތައް އޭނާގެ ލޮލުން ދެކެ އަތުން ހިފިކަން ހާމަވާނެ ހެކިތަކެއްގެ ގޮތުގަ އެވެ. މޫނު އަނދިރިވުމުން ދުރު ސާފު ނުވާވަރުވުމުން ފޮޓޯނެގުން ހުއްޓާލާ ސައިކަލް ރޯކޮށްލި އެވެ. ގިއަރު ކަނޑާލައިގެން އިނދެ އަފްޒަލްގެ ރުޅިގަނޑު ބޭލީ ސައިކަލަށެވެ. މުއްގަނޑު ފެލަމުންނެވެ. މަންޒަރުބަލަން މީހަކު ހުރިކަން އަންގާލުމަށެވެ. ސަވީތާ އާއި ފިޔާޒު ސިއްސައިގެން ގޮސް އެދިމާ ބަލާލެވުނީ އެކުއެކީގަ އެވެ. ސައިކަލުގައި އިނީ ކާކުކަމެއް އެދެމީހުންނަކަށް ނޭނގުނެވެ. އަފްޒަލު ބާރުބާރަށް އެއްގަމަށް މިސްރާބު ޖެހި އެވެ. ސަވީތާ އާއި ފިޔާޒް ބޭނުންވީ އެ އުފާވެރި ވަގުތުއިތުރަށް ދިގުދަންމާލާ އެ ބަގީޗާއިން ހިތްފުރާލާށެވެ.

“ހޭ.. ކޮބާ އަދިވެސް ދޫކޮށް ނުލާތަ؟” ހައްޖަ ފޯނުން ވާހަކަދައްކަމުން ދިޔައީ ފަޔާޒު އާ އެވެ.

“ހޫނ! ގުޅަން ހަމަ ފޯނު ނެގީ ތިގުޅީ… ވަރަށް އިއްތިފާޤުދޯ” ފަޔާޒު ހިނިތުންވެލަމުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

“ތިވަރަކުން ނާރާދޯ”

“ސީ ކޮންނޭ”

“ހޫނ. ކޮބާ އަފުރޭ އޯކޭތަ މިހާރު. ކޮބާ އަފޫ!”

“ވެއްޖެ ގަދަކަމުން ފެންވަރަން ފޮނުވާލާފަ…! ގުޅަން ފޯނު ވެސް މި ނެގީ އެކަމާއޭ”

“ކޮންކަމެއް؟”

“އަފޫގެ… ސަވީ ކިހިނެއް ހަދައިގެންތަ އެއުޅެނީ؟”

“ކިހިނެއްވީ؟”

“ނޭގެވީގޮތެއް! އަފޫ ވެސް އެހުންނަނީ އެކަމާ ގޮވާވަރުވެފަ… މި ދޯ އަފޫއަށް ވެސް މީހެއްގެ އެހީތެރިކަން އެންމެ ބޭނުންވާނެ ދުވަހަކީ…”

“ހޫނ… މަވެސް ނިކަން އަހައިފިން… އަސްލު ވަރަށް ބޮޑު މައްސަލަތަކެއް އެބައުޅޭ… ފޯނުން ކިޔައިދެވޭ ވަރަށްވުރެ މާ ސީރިއަސް ކަންތައްތަކެއް… ހީވަނީ ސަވީ ބޭނުންވަނީ އަފޫއާ ރުޅިވާންހެން! އޭނާ އެކަހަލަ ވާހަކައެއް ދެއްކި މިއަދު ވެސް… އަބަދު އޮންނަނީ ކޮޓަރީ އަޅާފަ… އެހެންވެ އެއްކަލަ އިރު އަހަރުމެން ތުނޑިއަށް ދިޔައީ ވެސް! މަ ހަމަ ދާއިރަށް މަންމަ ގުޅާފަ ބުނެފި އަންނާށޭ! އެހެންވެ މަ އައީ… އަސްލު އުޅުނީ އެ ވާހަކަދައްކަން… މިއަދު އެކަން ވާގޮތެއް ނުވި” ސަވީތާގެ ވާހަކަތައް ޚުލާޞާކޮށްލަމުން ފަޔާޒަށް ކިޔައިދެމުން ދިޔަ އެވެ.

“އެހެންވީމަ އަފޫ އައީމަ މަ ދާނަން ފެންވަރާލައިގެން ތިކަން އެބަޖެހޭ މިހާރު ބަލަން… އަފޫ މިހާރު އެހުރީ ނިކަން ނާޒުކު ފައްތަރެއްގަ” ފަޔާޒު ސީރިއަސްކަން އިތުރުވަމުން ދިޔަ އެވެ.

“ދާންކަމަށޭ މިގުޅީ… އޯކޭ ދޯ! މިދަނީ ތިތަނަށް! އެއްވެސް އެއްޗެއް ބޭނުންވެފަ އެބަ އޮތްތަ؟ މަންމަ އެބަހުރި ފަޔާއަށް ބަނބުކެޔޮ ބޮނޑިބަތް ކައްކާދީފަ… ގެންދަންވީތަ؟ ނޫނީ މިރޭ އައިސް ކާނީތަ؟”

“މިރޭ ގޮސް… އެހެން އެއްޗެއް ބޭނުމެއްނޫން… އަފުރޭ އަށް ކެވޭނެ ކަހަލަ އެއްޗެއް ގެނައީމަ އޯކޭވާނެ… ސައިކްގަ އަފޫ ދިޔައީ… އަފޫ ވެސް އަންނާނީ ނައިން ކަންހާއިރު، މިހާރު މިއިނީ ފޫހި ވެސް ވެފަ… ވޯޑުގަ ނެތް އެކަކުވެސް”

“އޯކޭ… މިދަނީ… ބައި” ހައްޖު ފޯނުބާއްވަމުން ހިނިތުންވެލި އެވެ. އޭނާއަށް ފަޔާޒުގެ ފަރާތުން ލިބެމުންދާ ލޯތްބާއި އަޅާލުމަށް އޭނާ ފަޚްރުވެރިވެ އެވެ. އޭނާ ފަޔާޒަށްޓަކައި ހިތްހަމަޖެހެނީ އެހެންވީމަ އެވެ.

 ހަމަ އެވަގުތެވެ. އަފްޒަލް ސައިކަލްގައި އެދިޔަ ބާރުމިނުގައި ގެއަށް ވަދެވުނު ކަމެއް ނޭނގެ ކޮޓަރިއަށް ވަދެ ބާރުބާރަށް ދޮރުފަތް ލައްޕާލި އެވެ. އޭނާއަށް އިޙްސާސްކުރެވެމުން ދިޔައީ ހާސްކަމާއި މާޔޫސްކަމެވެ. ހިތުގައި ދައުރުވަމުންދާ އުދާހުގެ އަސަރާއި އެ ހޫނު މޫނުމަތިން ފާޅުވަމުން ދިޔަ އެވެ. އެކަމުގެ ސަބަބުން މީހާގެ ހަރަކާތްތައް އަވަސްވެ ތުރުތުރުލަމުން ދިޔަ އެވެ. މޫނުމަތި ރަތްވެ މުށްކަވާލެވުނެވެ. ގޭތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން ވެސް އަފުޒަލަށް މަލާމަތް ކުރަމުންދާހެން ހީވަމުން ދިޔަ އެވެ. މަޑުމަޑުން ކޮޓަރީގެ ހަތަރުފަރާތަށް ބަލާލި އެވެ. ފާރުތައް ވެސް އޭނާއަށް ކުދިކިޔަމުން ޖޯކު ޖަހަމުންދާ ކަމުގެ އިޙްސާސް އޭނާއަށް ކުރެވެމުން ދިޔަ އެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގެ މަގަތުގައި ހުރި ކަފޭރާ މަތީގައި ހުރި ފޮޓޯ ފުރޭމެވެ. އެ ފޮޓޯގައިވަނީ ހުދުކުލައިގެ ފޭރާމުން ޖަރީވެވިގެން ތިބި ދެ ޒުވާނުންނެވެ. ފަރި ހިނިތުންވުމަކުން އެކަކު އަނެއްކަކަށް ބަލަހައްޓައިގެންނެވެ. ސަވީތާ އާއި އަފުޒަލެވެ. އެމަންޒަރު ދިރޭހެން އަފުޒަލަށް ހީވި އެވެ.

“ހައްހައްހާ…. ބަލާބަ އަދި މާ ހިނިތުންވެގެން ބަލަހައްޓައިގެން އެބަ އިނެއްނު! ކަލޭ ތީ ކާކު އަހަރެންގެ ހަޔާތަށް އަންނަން… ކަލެއާ ބަލާފަ ފިޔާ އެއީ ކިހާ ސްމާޓް ކިހާ ކެއަރ ކުރާ މީހެއް! ކަލޭއަތުގަ އަހަންނަށްޓަކައި އޮތީ ކޮން އެއްޗެއް…!” ފޮޓޯގައިވާ ސަވީތާގެ ތަސްވީރު އަފުޒަލްގެ ތަސްވީރަށް މަލާމަތްކުރަމުން ހެމުންދާކަމުގެ އިޙްސާސް އަފުޒަލަށް ކުރެވެމުން ދިޔަ އެވެ. އެއަޑު އޭނާގެ ހިނދުރީގައި ގުގުމަމުން ދާން ފެށިކަހަލަ އެވެ. ހިތްވަރާއެކު އޮބަހައްޓަމުން ކޮންޓްރޯލު ކުރަމުން ދިޔަ ނަފުސު ހަމައިން ނެއްޓުނީ އެހެންވީމަ އެވެ. ރުޅިއައިސް ރަތްވެފައިވާ މިނިކާވަގެއް ފަދައިން އަފްޒަލް އެފޮޓޯ ލޯގަނޑަށް ބަލާލި އެވެ. އޭނާގެ ވަރުގަދަ މުލައްދަނޑީގެ ޝިކާރައަކަށްވީ އެއްވެސް ކުށެއް ނެތް އެ ފޮޓޯ ލޯގަނޑެވެ.

އަފުޒަލް ސިއްސައިގެން ދިޔައީ އޭނާ ހޫރާލި ފޮޓޯ ލޯގަނޑު ފާރުގައި ޖެހުމުން ފާރުގައިވާ ފޮޓޯ ލޯގަނޑު ބިންމައްޗަށް ވެއްޓި ކުދިކުދިވި އަޑަށެވެ. މަޑުމަޑުން އެދިމާއަށް ނަޒަރު ހުއްޓާލި އެވެ. ފުން ނަޒަރަކުން އެ ފޮޓޯ ލޯގަނޑަށް ބަލާލި އެވެ. އޭނާގެ މަންމައާއި ބައްޕަގެ އިތުރުން ނިހާއާއި އަފްރާޙު ހިމެނޭ އާއިލީ ފޮޓޯ އެކެވެ. ފޮޓޯ ފުރޭމުގެ މަތީގައި ކުދިކުދިވެފައިވާ ބައެއް ބިއްލޫރިތައް ހުއްޓެވެ. އެ ފޮޓޯ ލޯގަނޑުގެ މަތީގައި ހުރަހަށް އަފުޒަލާއި ސަވީތާގެ ފޮޓޯލާފައިވާ ފުރޭމު އޮތެވެ. އެމީހުންގެ ފޮޓޯ އޮތީ މުށިގަނޑުމަތީގަ އެވެ. ކުރެވުނު މޮޔަކަންތައް ހިތަށް އައުމުން އިންތިހާއަށް ދެރަވި އެވެ. ބޭއިޚްތިޔާރުގައި ބޮލުގެ އިސްތަށިގަނަޑަށް ދަމާލެވުނެވެ. ދެކަކޫ މައްޗަށް ތިރިވި އެވެ. ހިފެހެއްޓިފައިވާ ކަރުނަތައް ކޯތާފަތްމަތިން މުށިގަނޑަށް ތިކިޖަހަމުން ދިޔަ އެވެ. މަޑުމަޑުން ފޮޓޯ ފުރޭމުނަގާ ބަލާލި އެވެ. އޭނާގެ މަންމައާއި ބައްޕަގެ ތަސްވީރުގެ މަތީގައި އިނގިލި ކާއްތާލަމުން ދެލޯ މަރާލި އެވެ. ކައިރީ އޮތް ސަވީތާއާއި އޭނާގެ ފޮޓޯ ލާފައިވާ ފުރޭމު ނަގާ ބަލާލި އެވެ. ހުސް ފުރޭމެކެވެ. ރަންކުލައިން ޖަރީކުރެވިފައިވާ ފުރޭމެކެވެ. އެކަމަކު އެ ފުރޭމު އޮތީ ހުހަށެވެ. އެއްކަން އޮތީ ނެއްޓި ކަންކުތިވެފަ އެވެ. ކުޑައިރުކޮޅެއް ކުރިން ރީތިކޮށް ވިދަވިދާ ހުރި ފުރޭމެކެވެ. ކަޅިޖަހާނުލާ ފުރޭމަށް ބަލަން އިނުމަށްފަހު އޭނާގެ ވައަތުގައި އޮތް އާއިލީ ފޮޓޯ ހިމެނޭ ފުރޭމަށް ބަލާލި އެވެ. ލަކުޑިން ކައިރި ހަދާފައިވާ ވަރަށް އާދައިގެ ފުރޭމެކެވެ. މުސްކުޅި ފޮޓޯއެކެވެ. ކުލަރަތްވެ ފޮޓޯގެ އަސްލު ގެއްލެން ކައިރިވެފައިވާ ފޮޓޯ އެކެވެ. އެހެނަސް ފޮޓޯ އޮތީ ފުރޭމުގެ ތެރޭގަ އެވެ. ބިއްލޫރި ލައްވާފައިވާ ފުރޭމެއް ނޫންކަމުން ކުދިކުދި ވެފައިވާ ބިއްލޫރިތަކެއް ނެތެވެ. އޭނާ ހިތާހިތާ ކިޔާލެވެނެވެ.

“ހަޤީޤަތަކީ މިއީ! އަގުބޮޑުވެފައި ކިތައްމެ ރީއްޗަސް އެއީ އެއްވެސް އެއްޗެއް ނޫން! ބޭވަފާތެރިއެއްގެ ޙައްޤުގައި އެންމެ ކަރުނަތިއްކެއް ވެސް އެޅުން އެއީ މޮޔަކަމެއް! އަހަރެން ދެކެ ލޯބިވި މީހެއް ނަމަ އަހަރެން މިހާލުގަ ޖެހުނު ހިނދު ދޫކޮށްފައި ނުދާނެ! މިއަދު އަހަންނަށް މުހިއްމީ އާއިލާ! އާއިލީ ގުޅުމަކީ ކެނޑިގެންދާނެ ގުޅުމެއް ނޫން! މާދަމާ ވެސް މިއަށްވުރެ ރަނގަޅު ރީތި ޙުލްޤުހެޔޮ އޯގާތެރި ކުއްޖަކު ވެސް ލިބިދާނެ! ހިތާމަކޮށް ކަރުނަ އެޅުން އެއީ މިއަދު އަހަރެން ކޮށްގެންވާނެ ކަމެއްނޫން! މިއަދު އަހަރެން ހިތްވަރު ދެރަވެއްޖެ ނަމަ…”

އަފްޒަލް ޚިޔާލީ ދުނިޔެއިން ހޭލައްވާލީ ޢިޝާނަމާދުގެ ބަންގީގެ އަޑެވެ. ކުއްލިއަކަށް ލިބުނު ސިހުމާއެކު ފުން ނޭވާއެއް ދޫކޮށްލި އެވެ. އަދި ވަށައިގެން ހޯދާލުމަށްފަހު ކޮޓަރި ސާފުކޮށްލުމަށް އަވަސްވި އެވެ.

“ހާދަވަރަކަށް ތި ސާފުކުރަނީ! މިހާރު ވެސް ހަޑިއެއް ނޫނޭ!” ފަރީދާ ގޭތެރެއަށް ވަންނަމުން ވާހަކަދެއްކީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ހައްވާމަނިކެ އާއެކެވެ.

“ހޫނ! މިއުޅެނީ މިގޭ ކުޑަކުއްޖާ އަތުން އައިސްކުރީމު ތަށި ބަންޑުން ޖަހައިގެންނެއްނު”

“ކޮބާތަ؟ އެމަންޖެ؟”

“ވެއްޖެ އެ ފަރާތަށް މޮއްޕުބަލައިގޮސް”

“ކަމަކުތަ؟ މާ ނުގަޑިއެއްގަ؟”

“ނޫނޭ! މިހެން ދަމުން ހަމަވަދެލީ! އެމަންޖެގެ ޚަބަރެއް ނުވާތާ ދެތިން ދުވަސްވީމަ! ވާހަކައެއް ދައްކާލަން ވެސް ވެފަ އޮތީމައާ އެކު!”

“ކިހިނެއްވީ؟ މިހާރު ތިޔަ މީހެއްގެ ތަނަކީ ކޮޓަރި! ދުވާލަކަސް ރޭގަނޑަކަސް އަބަދު ތަނަކީ ކޮޓަރި. އަހަރެން ވެސް މިތާ އެކަނި އިނދެ ފޫހިވެގެން ގޮވިއަސް ނިކުންނަނީކީ ނޫން”

“އެހެންތަ؟ ކުރިން ދުވަހު ވެސް ތިގެއަށް މުރަނގަ ތޮޅިއެއް ހޯދަންދާން ބުނީމާ ވެސް ނުދިޔަ! އަބަދު ކަމަކީ ނިދުން”

“ނަސީބެއްނު ނުދިޔަކަން. އަހަރެން ވެސް ޤަބޫލެއް ނޫން އެމަންޖެ އެހާ ދުރަށް އެކަނި ފޮނުވާކަށް. ދައްތައަކަށް ނޭނގޭތަ އެމަންޖެ ސަލާމަތްވެފަ އެހުރީ ހަމަ ކިރިޔާ!” ފަރީދާ ނިކަން ގަޔާވެގެން ވާހަކަ ފެށި އެވެ.

“އޭނ! ކިހިނެއްވީ؟” ހައްވާމަނިކެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ.

ފަރީދާއަށް ފެނުނު މަންޒަރުތަކާއި ކަންކަން ހިނގާދިޔަ ގޮތުގެ ވާހަކަތައް ހައްވާމަނިކެއަށް ކިޔައިދެމުން ދިޔަ އެވެ. ހައްވާމަނިކެއަށް ކަންކަން ހިނގާދިޔަ ގޮތް އެނގުމުން އޭނާ ހިތުގައި ޖެހުނެވެ. ދަރިފުޅަށްޓަކައި ފަޚުރުވެރިވި އެވެ. އެހުރިހާ ކަމެއް ހިނގާދިޔައިރު ކެތްތެރިކަން އިސްކުރީތީ އެވެ. އެ ވާހަކަތައް އެހެން މީހަކަށް ނާންގާ ސިއްރުކުރީތީ އެވެ. ހަމަ އެއާއެކު އޭނާއަށް ރުޅި ވެސް އާދެވުނެވެ. ފުރާނައަށް ގެއްލުންވާ ޒާތުގެ އެފަދަ ބޮޑު ކަންތައްގަނޑެއް ހިނގިއިރު އެވަރު އޭނާއަށް ހިއްސާނުކުރީތީ އެވެ.

“ތިކަހަލަ އެއްވެސް ކަމެއް އެމަންޖެ އަހަންނަށް ކިޔާނުދޭ! ދޮންތަ ތިބުނާހެން އަހަންނަކަށް ވެސް މިހާރު ޤަބޫލެއް ނުވެވޭނެ އެމަންޖެ އެސޮރާ ދެވައިގެން އެގެއަށް ފޮނުވާކަށް!” ހައްވާމަނިކެ ވެސް އެންމެފަހުން އަފުޒާލާ ނުޤަބޫލުވީ އެވެ.

“އަހަނ! އާދޭ! ދޮންތަ މިއިނީ ޚަބަރެއް ނުވާތީ ދެކިލަން އައިސް! ކޮބާ މިހާރު ދޮންތަ ބުނި ކަންތަކާ ވިސްނައިފިންތަ؟ ދޮންތަ ވެސް އެސޮރު ކުރެން ވެސް އިއްޔެ އަހާލިން…!” ސަވީތާ ފެންބާލިދީއަކަށް މޮއްޕުލައިގެން ގޭތެރެއަށް ވަންނަތަން ފެނުމުން ފަރީދާ ވާހަކަދައްކަން ފެށި އެވެ.

“ދަރިފުޅު ކީއްވެތަ؟ އެވަރުކަމެއް ވީއިރު މަންމަ ކައިރީ ނުބުނީ! ދޮންތައަށް އެތަނަށް ނުދެވުނު ނަމަ… ކިހިނެއް؟” ހައްވާމަނިކެ ޝަކުވާކުރަމުން ސަވީތާއަށް ބަލައިލި އެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“މަންމާ! މަންމާ!” ސަވީތާ ފެންކަޅިވި އެވެ. އަތުގައި ހުރި ފެން ބާލިދީ މުށިގަނޑުމަތީ ބެހެއްޓުމަށްފަހު ސޯފާގައި އިށީނދެލި އެވެ.

“މަންމާ! އަހަރެން ކެތްކުރަމުން މިއައީ އެއީ މޮޔައަކަށްވާތީ! މޮޔައިން ކުރާ ކަންތައްތަކަކީ މީހުން ޤަބޫލުކުރާނެ ކަންތައްތަކެއް ނޫން! އެފަދަ މީހަކަށް…. އެހެން ނޫނަސް އަހަރެން އެކަން ސިއްރުކުރީ… ސިއްރުކުރީ އަފުޒަލަށްޓަކައި… އަފުޒަލް ދެކެވީ ލޯބީގެ ސަބަބުން… މަންމައަށް ވެސް އެނގޭނެ މި ދުނިޔޭގަ ހުރި އަހަރެން ލޯބިވި އަދި އެންމެ ލޯބިވާ ހަމަ އެކަނި އިންސާނަކީ އަފުޒަލްކަން… އެކަމަކު…” ސަވީތާއަށް ގިސްލެވެން ފެށުނެވެ.

“އަދި ރޯކަށް ނުވޭ ދަރިފުޅާ… ދަރިފުޅުތީ ހިތްވަރު ގަދަކުއްޖެއް… ދަރިފުޅު…” ހައްވާމަނިކެއަށް ވެސް އަސަރުކުރަން ފެށި އެވެ. އެހެނަސް އޭނާ ބޭނުންވީ ދަރިފުޅަށް ހިތްވަރުދޭށެވެ.

“ދެން އެވާހަކަ ހުއްޓާލާ! މިހެން މިކަން އޮއްވަ ދައްތަ އެސޮރާ ޤަބޫލުވާނަންތަ؟” ފަރީދާ ފުރުޞަތުގެ ބޭނުން ހިފި އެވެ. ސަވީތާ ހައިރާންވި އެވެ. ހިސާބަކަށް އަނގަހުޅުވާލެވުނެވެ. އެއްފަހަރު އޭނާގެ މަންމަގެ މޫނަށް، އަނެއްފަހަރު ފަރީދާގެ މޫނަށް ބަލައިލެވުނެވެ. ސުވާލުން ފުރިގެންވާ ގޮތަކަށެވެ.

“ކިހިނެއް އެފަދަ ތަނަކަށް ދޫކޮށްލާނީ؟” ޖަވާބުގައި ހައްވާމަނިކެއަށް ކުރެވުނީ ސުވާލެކެވެ.

“ދޮންތަ ވެސް މި ދޭ ނަސޭހަތަކީތީ… އެހެރަ ފިޔާޒު ވެސް އެހުންނަނީ މިމަންޖެއާ ހެދި މޮޔަވެފަ. ގައިމު އެ އަފުޒަލަށްވުރެ އެސޮރު އެތައްތަނެއް ރަނގަޅުވާނެ… އެހެންނޫނަސް ބޮޑައްތަގެ ދަރިންނަކީ ނުލާހިކު މޮޅު ކިޔަވައިގެން ތިބި ދަރިންތަކެއް… ނުވިތާކަށް އާއިލީގުޅުން އިތުރަށް ބަދަހިވެ ތިޔަ ޒާތުގެ އެއްވެސް ކަމެއް ނުހިނގާނެކަން ޔަޤީން” ފަރީދާ ލިބުނު ފުރުޞަތުގެ ބޭނުންކުރަމުން އެއްފަހަރާ ވާހަކަތައް އަމުނާލި އެވެ.

“އެސޮރު އެކަމާ ޤަބޫލުވާނެތަ؟ މިކަމާ ދަރިފުޅު ވިސްނަންތަ އެބަ؟” ހައްވާމަނިކެ ލިބުނު ހައިރާންކަމާއެކު ސުވާލު ފަށްފަށްކޮށްލި އެވެ.

“އަހަރެން ތިކަން ފަށައިފިން… ފިޔާ ވެސް ބޭނުންވެގެން… އެކަމަކު އަހަރެން މިދުނިޔޭގައި ހުރި ހަމައެކަނި ލޯބިވާ މީހަކީ އަފްޒަލް… އަފްޒަލާ ވަކިވުން އެއީ ފަސޭހަކަމެއް ނޫނަސް އެކަން ކުރަން މިއަދު މަޖުބޫރުވުމުން…. އަހަރެން ތިކަމާ ވިސްނާ ވިސްނާ… މިކަމުގަ ދޮންތަ ތިދޭ ޚިޔާލުން ކިރިޔާ މިވަރު ވެސް މިވަނީ….” ސަވީތާއަށް މަޑުމަޑުން ގިސްލެވެން ފެށުނެވެ. އަޑު ކުރަކިވެ ބެދެން ފެށުނެވެ.

“ދޮންތަ ދެކެނީ ތީ ދޮންތަގެ ވެސް ދަރިއެއްކަމަށް… ދޮންތަ ވެސް އެދެނީ ދަރިފުޅަށް ހެޔޮގޮތްތައްވުން… އެދުވަހު އެ ފެނުނު މަންޒަރުން ދޮންތައަކަށް ދެން އެ އަފުޒަލްގެ މީހަކާ ވައިއެޅޭކަށް ވެސް ނުރުހެވޭނެ… އެ ގޭގެ އެހުންނަ ފަޔާޒުގެ އަތަށް ވެސް އެ އަފުރާހު މިއަދު ވަޅި ހަރައިގެން އުޅޭ! ދޮންތަ ވެސް އެ މަގުންދިޔައިރު ފުލުހުން އެތަނަށް ގޮސްގެން އެންމެން އެ ގޭ ވަށާލައިގެން އުޅޭ! މޮޔައެއްވީމަ ކުރެވޭނެ މާބޮޑުކަމެއް ވެސް ނޯވެ! ކުށްވެރި ވެސް …! އަނެއްކާ އަނެއް ކުއްޖާ، ނިހާ ވެސް މޮޔަވެއްޖޭ ބުނާތީ އިވޭ… ކިހިނެއް ހުސް މޮޔައިން އުޅޭ ތަނަކަށް ދަރިފުޅު ދޫކޮށްލަން ރުހެވޭނީ” ފަރީދާ ސޯފާގައި ހަމަޖެހިލި އެވެ.

“އޭނ މޮޔަވީޔޭ! އެ ކުއްޖާ ވެސް….” ހައްވާމަނިކެ ލިބުނު ޚަބަރުން ހައިރާންވެ އަންތަރީސް ވި އެވެ.

“އާނ! މަންމާ! އެ އާއިލާއަށް މީހަކު ފަންޑިތަ ހަދައިގެން ވެފަ ހުންނަ ކަމެކޯ! އެހެންވެގެން…. ނިހާ ވެސް ހަމަ ކުއްލިއަކަށް މޮޔަވީއޯ… އެކަމަކު އަފްރާޙުވަރެއް ނުވޭ އަދި ހައްޖު މިއަދު އެކަހަލަ އެއްޗެއް ކީ… އެހެންވެ ޑޮކްޓަރަށް ދައްކަން ގޮސްގެން އެގޭމީހުން އެއުޅެނީ…” ސަވީތާގެ ވާހަކާއެކު ވާހަކައިގެ މިސްރާބު ބަދަލުވަމުން ދިޔަ އެވެ. ތިންމީހުން ވެސް ވާހަކައިގެ ތެރެއަށް ގެނބި ތުންގުޅުވާލި އެވެ.

“ހައްޖު އިހަށް މަޑުކޮށްލަންވީނު އަފުރޭ ކައިރީ… އަފޫ ފޯނެއް ވެސް ނުނަގާ! އެބައަންނަން ކޮބައިތޯ ބަލާލައިފަ… ނިދިފަ ވެސް އޮވެދާނެ… މިހާރު އެހެރަ ނުވަގަޑި ބައިވަނީ” ފަޔާޒު ގަޑިއަށް ބަލާލަމުން ހައްޖައާ ވާހަކަ ދެއްކި އެވެ.

“ހޫނ! މަ ވެސް ސަވީއަށް ވެސް ގުޅައިފިން! ނިއްވާލާފަ އޭ ބުނަނީ! އަފޫ އަށް ގުޅީމަ ވެސް… އަނެއްކާ ކަމެއްވީބާ! ނިދުނީ ކަމަށް ވެސް ވެދާނެ! ނޫނީ ދެމީހުން ގަނޑެއް…” ހައްޖަ ހިނިތުންވެލަމުން ފަޔާޒުގެ އަތުގައިވާ ބެންޑޭޖްގެ މަތިން ފިރުމާލި އެވެ. މަޑުމަޑުން ފަޔާޒުގެ މުޅައްދަނޑީގައި ހިފާލި އެވެ. ދެމީހުން ގާތްވެލި އެވެ. މޫނު ކައިރި ކޮށްލަމުން ނޭފަތް ޖައްސާލި އެވެ. އެކެއްގެ ނޭވާ އަނެއްކަކަށް އިހްސާސް ކުރޭވޭ ވަރަށެވެ. ދެމީހުން ވެސް ސިއްސައިގެން ދިޔައީ އަފުރާހް އެމީހުންނާ ދިމާއަށް އެނބުރިލުމުންނެވެ. ހީވަނީ މަންޒަރު ބަލަން އޮވެ އެނބުރިލިހެންނެވެ. ފަޔާޒް ސިހިފައި ކޮޅަށް ތެދުވެވުނީ އެހެންވެ އެވެ. ވަށައިގެން ނަޒަރު ހިންގާލީ މީހަކު ފެންނަން ހުރިތޯ ބަލާލުމަށެވެ. އަފުރާހް އޮތް އެނދު ފިޔަވައި އެހެން އެނދުތައް ހުރީ ހުހަށެވެ. އެ އެނދުގެ ވަށައިގެން ދަމާލެވިފައިވާ ނޫކުލައިގެ ފޮތިގަނޑު ފިޔަވައި އެހެން އެއްވެސް ހުރަހެއް އެ ވޯޑުގެ ތެރޭގައި ނެތެވެ. ނޫކުލައިގެ ފޮތިގަނޑުގެ މަތިން ފަޔާޒް ބޯއަރުވާލި އެވެ. ނަރުހުންގެ ކޮށިގަނޑުގައި ޑިއުޓީގައި އިން ނަރުސް ކުއްޖާ ފޯނާ ކުޅެލަ ކުޅަލާ އިނެވެ. ދެފަހަރަކު އާފުރިލަމުން އަނގަމަތީ އަތްއަޅާލި އެވެ.

“އޯކޭ އިނގޭ… އެބައަންނަން” ފަޔާޒު ގުދުވެލަމުން ހައްޖަގެ ކޮލުގައި ތުންފަތް ޖައްސާލި އެވެ.

“ހޫނ… ފެންވަރައިގެން އަޔަސް އޯކޭ އިނގޭ… އަފޫ އައީމަ ދާނީ ދޯ! ގެއިން ދޯ ކާނީ…!” ފަޔާޒުގެ މޫނުގައި މޫނު ކާއްތާލަމުން ބާރުކޮށްލި އެވެ.

“ހޫމް… އަން މީ އަފްރޭގެ ކާޑު” އަފްރާޙުގެ އައިޑީ ކާޑު ދިއްކޮށްލަމުން ފަޔާޒު ހީލި އެވެ.

ފަޔާޒް އަވަސް ހިނގުމެއްގައި މިސްރާބު ޖެހީ އަފުޒަލްގެ ޚަބަރެއް ނުވެގެން ލަސްވުމުން ގެއާ ދިމާއަށެވެ. ސިއްހީ މަރުކަޒުގެ ގޯތިތެރެއިން ނުނިކުމެވެނީސް އޭނާގެ ފޯނު ރިންގުވާން ފެށި އެވެ. ޖީބުން ފޯނުނަގާ ބަލާލަމުން ސްކުރީނުގައި އިނގިލި ޖައްސާލި އެވެ.

“ކީކޭ ބައްޕާ!” ފަޔާޒު ވާހަކަދެއްކީ އޭނާގެ ބައްޕަ ސާބިރު އާ އެވެ.

“ބައްޕަ މިބުނީ ނިހާގެ ބަލި ކުޑަކޮށް މިހާރު ރަނގަޅޭ… ބައްޕައަށް ހީވަނީ އެކުއްޖާއަށް ކޮންމެވެސް އެހެން ކަމެއްވާހެން… މިތާތިބި ޑޮކްޓަރުންނަކަށް ވާނުވާއެއް ނޭނގޭ! ކިހިނެއްވަނީ ތިކޮޅު… ދަރިފުޅުގެ އަތް މިހާރު؟”

“ރަނގަޅު… މާ ބޮޑުކަމެއް ނުވެޔޭ! މިރަށު މީހުން މާ ބޮޑުވަރުކޮށްލައިގެން ޚަބަރު ފަތުރަނީ…! އަފުރާހު އޮތީ އެޑްމިޓްކޮށްފަ…”

“ކިހިނެއް ކެއުމުގެ ކަންތައް ތި ހަމަޖައްސަނީ؟”

“އަފޫގެ ބޮޑުބޭބެ ސަމަދުބޭ އިންމީހާ ދެން ހައްޖަ!”

“ފަޔާޒު ވެސް މިކޮޅަށް އަންނަންވީނު އަފުރާހުއާ އަފުޒަލާއެކު… ބައްޕައަށް މިފަހަރު ލިބުނު ފުލެޓުން ތިޔަ ދެކުދިންނަށް ކޮޓަރިއެއް ބަހައްޓާފަ ހުންނާނެ… ނަތީޖާ ލިބުނީމަދޯ ދެން ކިޔެވުމުގެ ކަންތަކާ އުޅޭނީ… އިހަށް ހަމަ ރެސްޓުކޮށްލަނީ”

“އެންމެ ރަނގަޅު… މިރަށް ވެސް ހަމަ ރެސްޓު ކޮށްލަން އެންމެ ރަނގަޅޭ ބައްޕާ! އަހަރެން ނެތް މާލެ ދާހިތެއް! އެހެން ނޫނަސް އަފޫމެން އެހާ ހާލުގަ އުޅެނިކޮށް ނުވާނެ އެމީހުން ދޫކޮށްފަ ދާކަށް ވެސް…” ފަޔާޒުގެ ހިތުގައި އަފުޒަލްގެ އާއިލާއާ މެދު އުފެދިފައިވާ ލޯބި އޭނާގެ ބައްޕައަށް ފާޅުކުރި އެވެ.

“އެންމެ ރަނގަޅު! ދަރިފުޅު ހިތްހަމަ ޖެހިގެން އުފަލުގައި އުޅޭކަމަށްވާނަމަ ބައްޕައަށް އެންމެ ރަނގަޅު! ބައްޕަދޭ ހަދިޔާއެއްގެ ބޭނުން ހިފަންވާނެ!” ސާބިރު އަޑުގައި އުފާވެރިކަމުގެ ރާގު އެކުލެވިގެންވެ އެވެ.

“ކޮން؟”

“ސަޕްރައިޒް! އިހަށް ހަމަޖެހިލާ!”

“އޯކޭ! ބައްޕަ ދޭ އެއްޗަކަށް އަހަރެން ހިންހަމަ ނުޖެހިފައެއް ނޯންނާނެ އަދި! ބައްޕައަކު ދަރިއަކަށްދޭ ކޮންމެ އެއްޗަކީ ވެސް ނިކަން އަގުހުރި އެއްޗެއް! އެކަމަކު މިއަދު އަހަރެން… އަހަރެން އެންމެ ބޭނުންވާ ހަދިޔާ އެކަކަސް ވެސް ދެވޭކަށް ނެތްކަން ބައްޕައަށް އެނގޭނެ…” ފަޔާޒު އަޑުގައި ހުރި އުފާވެރިކަން ގެއްލެމުން އަޑުފަނޑުވަމުން ދިޔަ އެވެ.

“ދަރިފުޅާ! އެއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް! ދަރިފުޅު…”

“އެކަމަކު ބައްޕާ! އަހަރެން ވެސް މަންމައެއްގެ ފިރުމުންތައް… މަންމައެއްގެ އޯގާތެރިކަން…. މަންމައެއްގެ ލޯބި… އެ އުފާވެރިކަން….” ފަޔާޒު ހުއްޓާލީ  އަޑުބެދި ދެ ލޮލުން ކަރުނަ ހިލެން ފެށުމުންނެވެ. ގެއަށް އާދެވުމުން އިންފާރުގައި ލެނގިލި އެވެ.

“ދަރިފުޅާ! މިއަދު ބައްޕަ އަތުގަ ކިތައްމެ ފައިސާއެއް ހުއްޓަސް ކިތައްމެ މުދަލެއް ހުއްޓަސް… ދަރިފުޅުގެ ތިޔަ އެދުމަކަށް… ދަރިފުޅު ތިޔަރަށަށް ފޮނުވީ ވެސް ބައްޕަ ބޭނުންވެގެންނެއް ނޫން! ހަމަ ދަރިފުޅުގެ އެދުމަކަށް! އަފުޒަލްގެ ރަޙުމަތްތެރިކަން ދަރިފުޅަށް މުހިއްމުވެގެން! އެ ބޭނުމުގަ!”

“އާނ ބައްޕާ! އަހަންނަށް އަފުޒަލާ މިއާއިލާގެ ފަރާތުން ލޯތްބާއި އޯގާތެރިކަން ލިބެމުންދޭ! އެކަމަކު މި ދުވަސްކޮޅު މިހާލުގައި މިއާއިލާ އުޅެން ޖެހުމުން މަންމައެއްގެ ލޯބި ހަނދާންވީ… އަފުޒަލުގެ އާއިލާއަކީ އަހަރެންގެ ހުރިހާ ވެސް އުފަލެއް… އަހަރެންގެ މިއަދު މިތަނަން އާދެވުނީތީ ޝުކުރުކުރަން! މާލޭގެ ހަލަބޮލި މާހައުލުން އަހަންނަށް އެއްވެސް އުފަލެއް ނުލިބުނުތާ ލިބުނު އަނިޔާތައް…. ތިޔަތަނަކީ މިއަދު އިންސާނުން އުޅެން ހެޔޮވާވަރުގެ ތަނެއް ނޫން… މީހުންމެރުމާ ފޭރުމާ ވައްކަން…” ފަޔާޒު ހުއްޓާލި އެވެ.

“މި ބައްޕަ މިއަދު ފަޚުރުވެރިވަން… މި ބައްޕަގެ ދަރިފުޅު އެފަދަ ނުބައި މަގަކުން ނުގޮސް ހެޔޮމަގުން ދިއުމަށް… މިއަދު ބައްޕައަށް ވިސްނިއްޖެ ކިޔަވައިދޭން ގެންނަންވީ މާލެ ނޫންކަން… ރާއްޖެތެރޭގައި ކިޔާވާ ކުއްޖަކަށް ހުރިހާ ވަސީލަތްތަކެއް ލިބިފައި ހުންނަ ނަމަ މާލެއިން ކިޔަވާ ކުއްޖަކަށްވުރެ އެތައްކަމެއް ރޯފިލާނެކަން! ބައްޕަ ބޭނުންވަނީ ދަރިފުޅަށް ޔުނިވަރސިޓީން ކިޔެވުމުގެ ފުރުޞަތު ހޯދާދޭ އިރު އަފުޒަލަށް ވެސް އެއް ޔުނިވަރސިޓީއަކުން ޗާންސް ހޯދަން”

“ޝުކުރިއްޔާ… ބައްޕަގެ ތިޔަ ހެޔޮކަން އަހަރެންގެ ހިތުން ފިލައިގެން ނުދާނެ! ދެން ބާއްވަނީ މިއައީ އަފުޒަލްގެ ޚަބަރެއް ނުވެގެން ގެއަށް! ނިދަންވީމަ ގުޅާނަން! ލަވްޔޫ ޑޭޑް” ފަޔާޒް އާދައިގެ މަތިން ފޯނުން ބައްޕައަށް ލޯބިކޮށްލި އެވެ. ކިތައްމެ ދުރުގައި ހުއްޓަސް އޭނާއަށް ބައްޕަގެ ފުރިހަމަ ލޯބި ލިބޭތީ ހުންނަނީ އުފަލުންނެވެ. އިންފާރުން އެތެރެއަށް ވަންނަމުން ފޯނުން ގަޑި ބަލާލި އެވެ. ނުވަގަޑި ސާޅީސް ފަހެއް ހިނގަނީ އެވެ.

ގޯތިތެރޭގައި ރަސްކަން ކުރަމުން ދަނީ ހަމަހިމޭންކަމެވެ. ގެއަށް ވަންނަން އޮތް މަގުގައި ވަނީ ބަގީޗާ ގަސްތައް ތަރުތީބުން ހައްދާ އެއްވަރަކަށް ކޮށާލާފަ އެވެ. ގޭގެ ގޯތިތެރޭގައިވާ ފޭރުގަސްތަކުން ބިމަށް އެޅިފައިވާ ކޮކާހަނދުވަރުން ބިން ޖަރީވެފައިވާ އިރު، ދޮރުމަތީ ހައްދާފައިވާ ހުވަނދުމާގަހުގައި ފޮޅިފައިވާ ހުވަނދުމާތަކުގެ ވަހުން މުޅި ތަންވަނީ އެއްވަސް ކުރުވާފަ އެވެ. ފަޔާޒު ގޭގެ ދޮރާ ދިމާއަށް ބަލާލި އެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެ އެވެ. ބޮޑުދޮރު ހުރީ ހުޅުވާފަ އެވެ. އެހެނަސް އެއްވެސް އަލިކަމެއް ނެތެވެ. ހަނދުވަރުގެ އަލިން ގޯތިތެރެ ޖަރީވެފައި ވީނަމަވެސް ގޭތެރެއިން ފެންނަނީ ކަނުއަނދިރިކަމެވެ. ފަޅުކަމެވެ. ގޭގެ އަސްކަނިދޮށުގައި ސައިކަލް ހުރުމުން އަފުޒަލް އެތެރޭގައި އުޅޭކަމަށް ފަޔާޒު ޔަޤީންކުރި އެވެ. އެހެންވެ އޭނާ މަޑުމަޑުން ގޭތެރެއަށް ވަނެވެ. މައިގޭތެރެ ދިއްލާލި އެވެ. ސޯފާއަށް ނަޒަރު ހިންގާލި އެވެ. އެއްވެސް އާދަޔާ ޚިލާފުކަމެއް ފާހަގައެއް ނުކުރެވުނެވެ. ދެ ފަރާތަށް ބޯހުރާލަމުން ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހި އެވެ. ދޮރުފަތް ހުރީ ހުޅުވާފަ އެވެ. އެހެނަސް އެއްވެސް އަލިކަމެއް ނެތެވެ. ތަޅުގައި ހިފާލަމުން އެތެރެއަށް ކޮށްޕާލި އެވެ. ދޮރުފަތް ހުޅުވުމާއެކު މައިގެތެރޭގައި ދިއްލާފައިވާ ހޮޅިބުރީގެ އަލިކަން ކޮޓަރި ތެރެއަށް ފޭދިގަތެވެ. މީހެއްގެ ހިލަމެއް ނެތެވެ. އޭނާގެ ލޯ އަޅަގަތީ ފާޚާނާ ދިއްލާފައި ހުރުމުންނެވެ. ދޮރުފަތާއި ދޮރާދެމެދުން ފުރޭނިގެން ފާޚާނާއިން ނިކުމެފައިވާ އަލީގެ ރޮނގުން ކޮޓަރިއަށް ހިސާބެއްގެ އަލިކަމެއް ވެރިވެފައިވެ އެވެ. މަޑުމަޑުން ބޮކިދިއްލާލި އެވެ. ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ ރީތިވާ ސާމާނު ބަހައްޓާ މޭޒެވެ.

ރީތިވާ ސާމަނު ބަހައްޓާ މޭޒުމަތީ ސައިކަލުގެ ތަޅުދަނޑި އޮތެވެ. ތަޅުދަނޑިކައިރީ އަފްޒަލްގެ ވޮލެޓް އޮތެވެ. ވޮލެޓުގެ ބިއްދޮށުގައި އާފުޓަރ ޝޭވް ފުޅީގެ މަތި ނެގިގޮތަށް ހުއްޓެވެ. އެފުޅި ކައިރީގައި ދެ ފޮޓޯ ފުރޭމެއް އޮތެވެ. އެއް ފުރޭމަކީ ފަޔާޒް ނިކަން ދަންނަ ފުރޭމެކެވެ. އަބަދު އެ ފުރޭމަކަށް ޖޯކުޖަހާ ފުރޭމެކެވެ. ފުރޭމުގެ މަތީގައި މަތި ނަގާފައިވާ ކަޅުކުލައިގެ ލޯޝަންފުޅި އެއް އޮތެވެ. ލޯޝަންފުޅިން ލޯޝަންތައް މުށިގަނޑު މައްޗަށް އެޅެމުން، ލަސްލަހުން ތިކިޖަހަމުން ދިޔަ އެވެ. މުށިގަނޑުމަތީގައި ތުވާލިގަނޑެއް އޮތެވެ. އަފުޒަލްގެ ތުވާއްޔެވެ. ތުވާލިގަނޑު ގައިދަށުވެ އޭގެމަތީގައި އޮތީ އަފުޒަލެވެ. އެއްވެސް ނިވާކަމެއް ނެތެވެ. އުއްޑުން އޮތް އިރު އޭނާ ނޭވާލާކަމެއް ނުލާކަމެއް ނޭނގެ އެވެ. އަފުޒަލްގެ އެއްވެސް ހަރަކާތެއް ހުވާހެއް ނެތެވެ.

= ނުނިމޭ =