Banner Image Description

އަފްޒަލް (ހަތްވަނަ ބައި)

ފަތުޙުﷲ އަޙުމަދު ރަޝީދު

ފަޔާޒް އަވަސްވެގަތީ އަފުޒަލްގެ ޚަބަރެއް ބެލުމަށެވެ. ތުވާލިގަނޑުން ނިވާކޮށްލަމުން އެނދުމައްޗަށް އަފުޒަލް ނެގުނީ ހަމަ ކިރިޔާ އެވެ. އަފުޒަލްގެ ވިންދުހުރިތޯ ބަލާލި އެވެ. ދެފަހަރަކު އަފްޒަލުގެ މޫނުގައި ޖަހާލަމުން ގޮވާލި އެވެ. ފަޔާޒް އަވަސް އަވަހަށް ފާޚާނާއަށްވަދެ ކުޑަ ޖަގަކުން ފެންފޮދެއް ގެނެސް އަފްޒަލްގެ މޫނަށް ބުރުވާލި އެވެ. ދެފަހަރަކު ގޮވާލާ ފެން ބުރުވާލުމުން އަފުޒަލް ބޯ ދެފަރާތަށް ގުޑުވާލަމުން މަޑުމަޑުން ލޯ ހުޅުވާލި އެވެ.

“އަފޫ… އަފޫ… ކިހިނެއްވީ؟” ފަޔާޒް އަވަސް އަވަހަށް ސުވާލުކޮށްލި އެވެ.

“ކިހިނެއްވީ؟ ކާކު އެތާ؟” ފަޔާޒުގެ ސުވާލަށް އަފުޒަލް ކުރިމަތިކުރުވީ ސުވާލެކެވެ. ތެދުވަން އުޅުމުން ފަޔާޒް އަތުގެ އިޝާރާތުން އެކަން މަނާކުރި އެވެ.

“ހައްޖު! އަފޫގެ ޚަބަރެއް ނުވެގެން މިއައީ! ވަރަށް ގުޅައިފިން! އާއިރު އަފޫ އޮތީ މުށިގަނޑުމަތީ! ކިހިނެއްވީ؟ އެނބުރެނީތަ؟” ފަޔާޒު ކަންހިގިގޮތް ކިޔައިދެމުން ހިނިތުންވެލި އެވެ. ނިތުން ތުވާއްޔަށް އިޝާރާތްކުރަމުންނެވެ.

“ސަވީ… ސަވީ… އަހަރެން… އަހަރެން….” އަފުޒަލް އަޑުބެދެން ފެށި އެވެ. ބޮލަށް އަތް ނަގަމުން އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލި އެވެ. ދެފަރާތަށް ތެޅެން ފެށި އެވެ. ފަޔާޒް ސަމާލުވެލަމުން އަފުޒަލްގެ ގައިގާ ހިފަހައްޓަން މަސައްކަތްކުރި އެވެ. އަފުޒަލްގެ ވަރުގަދަ ހަށީގަނޑާ އަޅާބަލާފަ ފަޔާޒު ނިކަމެއްޗެވެ. އެހެންވެ އަފުޒަލްގެ ބާރުވެރިކަމުން ފަޔާޒު ފޮޅުވާލި އެވެ. އެނދުމައްޗަށް ގުޅައަކަށްވި އެވެ. ފަޔާޒް ހިތްވަރުކޮށްފައި ތެދުވި އެވެ. އަފުޒަލްގެ ގައިގާ ބާރުބާރަށް ހިފަހައްޓަން މަސައްކަތް ކުރި އެވެ. ނަމަވެސް މިފަހަރު ވެސް އޭނާ ފޮޅުވާލީ އެވެ. ފަޔާޒުގޮސް ޖެހުނީ މުށިގަނޑުމައްޗަށެވެ. މުށިގަނޑުމަތީގައި ހުރި ލޯޝަންތަކުގެ މައްޗަށެވެ. އެއާއެކު ދުރަށް ސޮއްސައިގެން ދިޔަ އެވެ. އޭނާގޮސް ލައްވީ އަލަމާރިބުޑަށެވެ. އަލާމާރީގައި ޖެހުނުލެއް ބާރުކަމުން އޭނާއަށް އިރުކޮޅަކު އޮވެވުނެވެ. މުށިގަނޑުގައި އަނގަވަތަށް ޖެހުމުން ތުންފަތަށް ދަތްވަދެ ފަޅައިގެން ދިޔަ އެވެ. އޭނާއަށް އެކަން އިޙްސާސްކުރެވުނީ އަނގައިގާ ލޭރަހަ ލުމުންނެވެ. މަޑުމަޑުން ދެއަތުން ތުންފަތް ފުހެލި އެވެ. އަދި ބަލާލި އެވެ. ލޭފެނުމުން އޭނާ ކަންބޮޑުވި އެވެ. ނަމަވެސް، މަޑުމަޑުން ތެދުވި އެވެ. އަފުޒަލް އޮތީ ހިމޭންވެފަ އެވެ. އަޑެއް ބަޑެއް ނީވެ އެވެ. އަފުޒަލަށް ބަލާލަމުން ޖީބުން ފޯނު ނަގާ ގުޅާލި އެވެ.

“ހައްޖު ނިކަން އަވަހަށް އެންބިއުލަންސް ގެއަށް ފޮނުވާލާށޭ ކައުންޓަރުގަ ބުނެބަ؟” ފަޔާޒުގެ އަޑުގައި މަޑުމަޑު ތުރުތުރެއް އެކުލެވެން ފެށި އެވެ.

“ކިހިނެއްވީ؟” ހައްޖަ ދިޔައީ ސިއްސައިގެންނެވެ.

“އަވަސްކުރޭ… ފަހުން…” އެއްވެސް އެއްޗެއް ނުބުނެ ފަޔާޒު ފޯނު ކަނޑާލީ އެވެ. ހައްޖަ ގޮވަ ގޮވާ ހުއްޓަ އެވެ. ހައްޖަގެ ހިތަށް އެތަކެއް ސުވާލުތަކެއް ވެރިކުރުވަމުންނެވެ. އެހެންވެ ދެތިން ފަހަރަކު ޑައިލްކުރުމުން ވެސް ފަޔާޒު ޖަވާބެއް ނުދެ އެވެ. ފޯނު ބިޒީކޮށްލަނީ އެވެ.

ފޯނުބޭއްވުމަށް ފަހު ފަޔާޒް މަސައްކަތްކުރީ އަފްޒަލް ނިވާކޮށްލެވޭތޯ އެވެ. އެނދުމައްޗަށް އަރުވަން އޮޅާލި ތުވާލި ވެސް ދޫވެ އެނދުމަތީގައި އޮތުމުންނެވެ. އަވަސް އަވަސްކޮށްލާފައި ސޯޓެއް ލައްވާލި އެވެ. އެންބިއުލަންސް އައިސް ބަރުގޮނު އަޅަން ފެށުމުން އޭނާ ބޭރަށް ނިކުތެވެ. ޑްރައިވަރުގެ އެހީގައި އަފްޒަލްގެ ހޭނެތިފައިވާ ހަށިގަނޑު އެންބިއުލަންސަށް އެރުވުމަށްފަހު ކޮޓަރިއަށްވަދެ އަފުޒަލްގެ ވޮލެޓާ ސައިކަލުގެ ތަޅުދަނޑި ހިފައިގެން ނިކުމެވެ ސައިކަލު އިސްޓާޓުކޮށްލި އެވެ. އޭރު އެންބިއުލަންސް ގޯޅިއަޅަނީ އެވެ. ފަޔާޒު ސައިކަލުގެ ސްޕީޑް ބާރުކޮށްލަމުން އެންބިއުލަންސާ އަރާ ހަމަކުރި އެވެ.

“ހަލޯ ސަވީ… މީ ފަޔާ… ފަޔާއަށް ކަމެއް ކޮށްދެންޏާ ނިކަން އަވަހަށް ސިއްޙީ މަރުކަޒަށް އައިސްދީބަލަ މިއުޅެނީ އަފޫ ވަރަށްބޮޑަށް ސަކަރާތްވެގެން… ސަވީ ގެނެސްދޭން ގޮވާތީ މިގުޅީ ވެސް” ފަޔާޒު ވާހަކަދައްކަމުން ދިޔައީ ސަވީތާއާ އެވެ. މަރުކަޒުގެ ބޭރުގައި ހަދާފައިވާ ސިމެންތި ގޮނޑިއެއްގެ މަތީ އިނދެ އެވެ.

“ކީއްވެ؟ އަހަރެން؟ އަހަރެންގެ… އަހަރެންގެ؟” ސަވީތާއަށް ކުރެވުނީ ސުވާލުތަކެކެވެ.

“އާނ! ސަވީއަށް ނޭގުނަސް މިއީ ސަވީއާ ގުޅުން ހުރިކަމެއް އަހަންނަށް ވެސް މިއުޅެނީ ތިޔަ ސުވާލުގެ ޖަވާބު ނޭނގިގެން! ސަވީއަށް މި ކަމުގެ ހުރިހާ ކަމެއް އެނގޭނީ! އަހަރެން އެދޭ ވަރަށް ބޮޑު އެދުމެއް މީ ސަވީ މިގަޑީ މިތަނަށް އައިސްދިނުން!” ފަޔާޒުގެ ވާހަކަ އަވަސްވެފައި ސީރިއަސްކަން ބޮޑުކަން ވާހަކަދައްކާ ރާގުން ހާމަވަމުން ދިޔަ އެވެ.

“ބަލާނަން… އެކަމަކު؟” ސަވީތާ ހުއްޓާލި އެވެ.

“އެންމެ ރަނގަޅު! އަހަރެން އިންތިޒާރުކުރާނަން!” ސަވީތާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ފަޔާޒު ފޯނުބޭއްވި އެވެ. ފޯނުބޭއްވުމަށް ފަހު ދެފަރާތަށް ބޯހޫރުވާލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. އަފުރާހާއި އަފުޒަލްގެ ހާލު ހުރިގޮތް ހިތަށް އެރުމުން ފެންކަޅިވި އެވެ. އޭނާ ވޯޑުން ބޭރަށް ނުކުތީ ވެސް އެހެންވެގެންނެވެ. އަފުޒަލް ހިފަހައްޓާލެވެނީ ކިރިޔާ އެވެ. މުޅި މަރުކަޒުގެ މުވައްޒަފުން ކޮޅުކޮޅުމައްޗަށް ދުވަމުން ދިޔައީ އަފުޒަލަށް ފަރުވާ ދިނުމުގެ ކަންކަމުގަ އެވެ. ޑިއުޓީގައި ތިބި ނަރުހުންގެ އިތުރުން އިތުރު ދެ ނަރުހަކާއި އޮފް ޑިއުޓީގައި ހުރި ޑޮކްޓަރު ވެސް ގެނައީ އަފުޒަލް މައިތިރި ނުވާތީ އެވެ. ޚަބަރު ލިބިގެން އަފުޒަލްގެ ބޮޑުބޭބެގެ އާއިލާއާއި ތިއްތިބޭގެ އާއިލާގެ އެންމެން ވެސް މަރުކަޒަށް ޖަމާވަމުން ދިޔަ އެވެ.

އެންމެން ވެސް ފަޔާޒުގެ މަސައްކަތާއި އޭނާގެ ހިތްވަރުގަދަ ކަމަށް ތައުރީފުކުރަމުން ދިޔަ އެވެ. ފަޔާޒު ބޭރަށް ނިކުތީ އަފްޒަލްގެ ބޮޑުބޭބޭގެ އަބުދުއްޞަމަދުގެ އެދުމުގެ މަތިން ހަމަޖެހިލާށެވެ. ބޭރަށް ނިކުމެ އެންމެ ފުރަތަމަ އޭނާ ފޯނު ކުރީ ސަވީތާއަށެވެ. އެއަށްފަހު އޭނާ ވިސްނަމުން ދިޔައީ އަފުޒަލާއި އަފުރާހް ގޮވައިގެން މާލެ ދެވޭނެ ގޮތެއް ވޭތޯ އެވެ. އެހެންވެ އެކަމާގުޅޭގޮތުން މަޝްވަރާކުރުމަށް އޭނާގެ ބައްޕައާ ގުޅި އެވެ. ފަޔާޒުގެ ބައްޕަގެ ޚިޔާލު ވެސް ހުރީ ވީހާ އަވަހަކަށް ދެމީހުން ގޮވައިގެން މާލެ ދިޔުމުގެ ޚިޔާލެވެ. ކަންކަން ވާނުވާ ބެލުމަށްފަހު މާލެއިން ފަރުވާ ނުކުރެވޭނަމަ ބޭރަށް ގެންގޮސްގެން ނަމަވެސް އަފްޒަލަށް ފަރުވާ ކުރާށެވެ. ސާބިރު ވެސް އެއާއިލާއަށް ދިމާވަމުންދާ ހިތްދަތިކަމާމެދު ހުންނަނީ ހާސްވެ ކަންބޮޑުވާވަރުވެފަ އެވެ. ޑޮކްޓަރުންނަށް ބައްޔެއް ނުފެންނާތީ އެވެ.

“ބައްޕަ ތިހުރިހާ ކަމަކާ ރުހި ޤަބޫލު… އިހަށް މިރޭ އަފުޒަލް ހަމައަކަށް އެޅޭތޯ ބަލާ… މާދަމާގެ މެންދުރުފަހު ފުލައިޓުން ޖާގަ ހަމަޖައްސަން ބައްޕަ މި ގުޅަނީ… ދަރިފުޅު މިދަނޑިވަޅު ހިތްވަރު ގަދަކުރާތި! މި ފަދަ ދަނޑިވަޅެއްގަ ހިތްވަރު ނުކޮށްފި ނަމަ ދަރިފުޅުވެގެންދާނީ އެންމެންގެ ނަފުރަތު އަމާޒުވާ ފިނޑި މީހަކަށް! ދެން އެހާބޮޑަށް ކަންބޮޑު ނުވެދޭ އެތެރެއަށް! މޫނުމަތިން ހާސްކަމުގެ މިންވަރު ނުދައްކާތި! ހިތްވަރު ގަދަކޮށް ފިރިހެނަކަށްވާތީ! ފިސާރި ކެރޭކަން ދައްކާދޭތި! އަވަހަށް ތެދުވޭ!” ސާބިރުގެ ހިތްވަރުގެ ބަސްތަކުން ފަޔާޒު ހަމައަކަށް އެޅުވި އެވެ. އޭނާއަށް އިތުރު ތާޒާކަމާއި އިތުރުއެތަކެއް ހިތްވަރެއް ސާބިރުގެ ފަރާތުން ލިބުމުން ހަމަ ޖެހިލަމުން ތެދުވެ ވޯޑާ ދިމާއަށް ހިނގައިގަތެވެ.

ބޭރު ދޮރުކައިރީ ހައްޖަ ކަންބޮޑުވެފައި ހުރިތަން ފެނުމުން ފަޔާޒު މަޑުކޮށްލި އެވެ.

“ކޮބާ އަފުރޭ އަދިވެސް ނިދާފަތަ؟ އަފޫ ކިހިނެއްވަނީ؟” ފަޔާޒު އަޑުގައި މާޔޫސީގޮތްގަނޑު ހުއްޓަސް އަޒުމު ވަރުގަދަކަން ހާމަވެ އެވެ.

“ނިދާފަ! ސަމަދުބޭ އިންމީހާ އެބައިން އަފުރޭ ކައިރީ! ސަމަދުބޭ އާ އަފުރޭގެ ތިއްތިބޭ އަފޫ ހިފަހައްޓާނުލެވިގެން އެބަ އުޅޭ! ބޯ ސަކަރާތްވެގެން މި ނުކުތީ! ދައްކަބަލަ ފަޔާގެ ތުންފަތް ބަލާލަން އަދިވެސް ލޭ އާދޭތަ އެބަ؟” ފަޔާޒުގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ހައްޖަ އަނގަހުޅުވާލަން އެދުނެވެ.

“ތަދެއް ނުވޭ! އެއީ ދަތްވަނީމަ ލޭއައީ! މިހާރު އޯކޭ! މިކަހަލަ ކަންކަމަކީ މާބޮޑުކަންކަމެއް ނޫން! ހައްޖު އިހަށް ބޭރުގަ މަޑުކޮށްލާ! އެތެރެއަށް އަންނާނީ ފަހުން!”

“ފަޔާ ތިހުރީ ނުވެސް ކައެއްނު މިހާރު އެހެރަ ބާރަ ޖަހަނީ! މަންމަ ގުޅަން ވެސް ގުޅައިފި!”

“އަދި ނުކެވިފައެއް ނެތެއްނު! އިހަށް މިކަން ހަމައަކަށް އެޅުވޭތޯއެއްނު މިބަލަނީ! މަޑުކޮށްލާ މިތާ ޖޯލީ” ބޭރުގައިހުރި ޖޯލިފައްޗަށް އިޝާރާތްކުރަމުން ފަޔާޒު އެތެރެއަށް ހިނގައިގަތެވެ.

ފަޔާޒު މަޑުކޮށްލީ އަފުޒަލް ބާއްވާފައިވާ އެނދުކައިރީގަ އެވެ. އެނދުގެ ވަށައިގެން މީހުން އެއްވެފައި ވުމުން އަފުޒަލް ނުފެނެ އެވެ. ދެ ކޮޑްޓަރުން ހޭލަ މޭލަ އަށް އުޅެމުންދާއިރު ތިން ނަރުހުން އަތްގާތްކޮށްދިނުމުގައި އަވަދި ނެތި އުޅެމުން ދިޔަ އެވެ. ކަނާއަތްފަރާތުގައި އަފުޒަލްގެ ބޮޑުބޭބޭ، ސަމަދު ކޮޅަށް ހުއްޓެވެ. އެއާ ޖެހިގެން އޭނާގެ ދޮށީ ފިރިހެން ދަރި ނާޝިދު އެނދާ ދިމާއަށް ގުދުވެލައިގެން އަފުޒަލްގެ އަތުގައި ހިފަހައްޓައިގެން އޮތެވެ. ވައަތްފަރާތުގައި ޑޮކުޓަރުންނާއި ނަރުހުންނެވެ. ފައިކޮޅުގައި އަފުޒަލްގެ ތިއްތިބޭ، އައްބާސްގެ ދެމަފިރިން ވާނުވާ ބަލަން ތިއްބެވެ. ފަޔާޒްގޮސް މަޑުކޮށްލީ ނާޝިދުގެ ކައިރީގަ އެވެ.

“މިހާރު ކިހިނެއްވަނީ؟” ފަޔާޒު ސުވާލުކޮށްލީ ނާޝިދަށެވެ.

“ދޭތެރެއަކުން ނުހިފޭއްޓޭ! ޑޮކްޓަރުބުނީ ކޮންމެވެސް ކަމަކާ މާބޮޑަށް ފިކުރު ބޮޑުވެގެންވާ ކަމެކޭ! އަނެއްކާ ކަމެއްވީތަ؟”

“ދެން ކަންތައްތައް މިހިރަ ދިމާވަނީދޯ! ކަމެއް ނުވެޔެކޭ ވެސް ނުބުނެވޭނެ!” ފަޔާޒު ވާހަކަދެއްކީ އަފުޒަލްގެ އަތުގައި ހިފަހައްޓާލަމުންނެވެ.

“އިހަށް ފަނަރަވަރަކަށް މިނެޓް ބަލާފަ އިތުރު އިންޖެކުޝަނެއް ޖަހަން ބޭނުމޭ ޑޮކްޓަރ އެބުނީ!”

“ދެން ކީކޭ ބުނާނީ! ޖަހަން ޖެހުނީމަ ޖެހޭނީ ޖަހަންދޯ! ޖަހައިގެން ވެސް މި ކަމުން މިންޖުވޭތޯ ބަލަން…!” ކައިރީ ހުރި ޞަމަދު ވެސް އެމީހުންނާ ބައިވެރިވެލި އެވެ.

އަފުޒަލް ބާރުބާރަށް ތެޅެންފެށީ އެހާ ހިސާބުންނެވެ. ކުއްލި ކުއްލިއަށް ތެޅެމުން މީހާ ދެ ފަރާތް ދެފަރާތަށް އެނބުރެން މަސައްކަތްކުރަމުން ދިޔަ އެވެ. ގަޔަށް ފާޑެއްގެ ބާރުތަކެއް އަރުވަމުން ދެފައި ކުރުކޮށްލަމުންނެވެ. ދެލޯ މަރާ އޮވެ ދަތްކުނޑި ވިކައިގެން އޮވެ އެވެ. ބާރުބާރަށް ނޭވާލަމުން ދޫ ނުވީއްލި އޮވެ ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔަ އެވެ. ތުންފަތް އިރުއިރުކޮޅާ ތަޅުވާލަ އެވެ. އެހެނަސް ކިޔަނީ ކީކޭ ކަމެއް ފަހުމެއް ނުވެ އެވެ. ނޭވާލާން އުނދަގޫވާ ގޮތް ވާންފެށުމުން ނަރުހުން އެކަމަށް ސަމާލުވެ އޮކްސިޖަން ގުޅުމަށް ތައްޔާރުވި އެވެ. ޑޮކްޓަރުންގެ ހުއްދަ އާއެކު އަފުޒަލްގެ ނޭފަތާއި އަނގަބަންދުވާހެން އޮކްސިޖަން މާސްކު އަޅުވާ ނޭވާލާން ފަސޭހަވާނޭގޮތް ހަދައި ދިނެވެ.

ސަވީތާއަށް އެތަނަށް އާދެވުނީ އެގަޑީގަ އެވެ. އޭނާއަށް ހުއްޓެވުނީ ފަޔާޒާއި ނާޝިދުގެ ދެމެދު އަފުޒަލްގެ މޫނު ފެނުމުން އޭނާގެ ހާލަތު އިޙްސާސް ކުރެވުމުންނެވެ. ނޭވާ ނުލެވި އެފަކީރު ތެޅޭ މަންޒަރު ފެނުމުން ބޭއިޚުތިޔާރުގައި އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. އޭނާގެ ފަހަތުން ހައްޖައައިސް ކޮނޑުގައި ހިފަހައްޓާލަމުން ކޮނޑަށް ބާރަށް ފިތާލި އެވެ. އޭރުވެސް އަފްޒަލަށް ނޭވާ ނުލެވިގެން ތެޅިފޮޅެނީ އެވެ. އޮކްސިޖަން ގުޅާފައި އޮތަސް އޭނާއަށް އެއިން މާބޮޑު އަސަރެއް ކުރާހެން ހިއެއް ނުވެ އެވެ. ސަވީތާއަށް ދުރުގައި ބަލަހައްޓައިގެން މަންޒަރުބަލަން ހުރެވުނީ އެވެ. ފަރާތަކަށް ގުޑިވެސް ނުލަ އެވެ. އޭނާގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން ދެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ސަވީތާ ހައްޖަގެ ގައިގައި ލައްވެލި އެވެ.

ހިނދުކޮޅެއް ފަހެވެ. އަފުޒަލަށް ނޭވާލެވެން ފެށި މީހާ ހަމައަކަށް އެޅެން ފެށުމުން އޮކްސިޖަން މާސްކު ނައްޓާލުމަށް ފަހު ޑޮކުޓަރުން ހިނގައި ގަތެވެ. އެހެނަސް ނަރުހުން އޭނާގެ ޚިދުމަތުގައި މަޑުކޮށްގެން ތިއްބެވެ. އަފްޒަލް މަޑުމަޑުން ލޯ ހުޅުވާލި އެވެ. ކަނާއަތްފަރާތަށް މޫނު އަނުބުރާލި އެވެ. ނުސާފުގޮތަކަށް ނަމަވެސް ސަވީތާގެ މޫނު އޭނާއަށް ހަނި ދޭތެރެއަކުން ފެނުމުން އަނެއްކާ ގަޔަށްބާރު އަރުވާލަމުން ގޮވާލި އެވެ.

“ސަވީ! ސަވީ! ސަވީ! އަހަންނަށް! ސަވީ! ސަ.. ސަ… ވީ!” އެއާ އެކު މީހާ ހިނދިގެން ދިޔަ އެވެ. ސަވީތާގެ ބަޑި ފަޅައިގެން ދިޔައީ އެހާ ހިސާބުންނެވެ. އަވަސް އަވަހަށް ވޯޑުން ނިކުތެވެ. އަފުޒަލްގެ ކައިރީތިބި މީހުންނަށް އޭނާ އެތާ ހުންނަކަން ނޭނގެނީސް އެތަނުން ދެވޭތޯ އެވެ. ސަވީތާގެ ފަހަތުން ހައްޖަ ނިކުތެވެ. ބާރު ހިނގުމެއްގައި ދެމީހުން ދިޔައީ މަރުކަޒުގެ ބޭރަށެވެ. މަރުކަޒުގެ ގޯއްޗާ އިންވެގެން އޮތް ޕާކަށެވެ. ސަވީތާ ގޮސް ޕާކުގައި އިށީނުމަށް ހަދާފައިވާ ގޮނޑީގައި އިށީނދެ މޭޒުމަތީގައި ބޯ އަޅާ ރޯން ފެށި އެވެ.

“ސަވީ! ކިހިނެއް ވެގެންތަ މިއުޅެނީ؟ ސަވީއަށް އެނގޭނީ ވީގޮތެއް ވެސް…! ސަވީ ނިކަން ތެދުވެބަލަ! އަދި ރޯކަށް ނުވެ އެއްނު!” ހައްޖަ ބޭނުންވީ ވެގެން އުޅޭގޮތް ސާފުކޮށް އޮޅުން ފިލުވާށެވެ. ހައްޖަ މަޑުމަޑުން ސަވީތާގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ސުވާލު ކުރި އެވެ. ސަވީތާގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނާ ހިމޭންވެލި އެވެ. ސަވީތާއަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.

ސަވީތާގެ ގިސްލުމުގެ އަޑު ހިނދެމުން ގޮސް އަޑު ކެނޑުނެވެ. އޭނާގެ ބޯ ހިއްލާލަމުން ދެލޯ ފޮހެލި އެވެ. ރުއިމުގެ ސަބަބުން ނޭފަތުން ފައިބައިމުންދިޔަ ދަވަތައް އެތެރެއަށް ދަމާލި އެވެ. އަދި ކުރިމަތީ އިން ހައްޖައަށް ނަޒަރު ހުއްޓާލި އެވެ. ފެންކަޅިވެ އިނދެ އެވެ.

ގަސްތަކުން ފުރޭނިގެން އޭނާގެ މޫނަށް އެޅިފައިވާ މިލަހަނދުވަރާއި ޕާކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިން އެ މޫނު ހިސާބަކަށް ފާހަގަވަމުން ދިޔަ އެވެ. އެ މޫނު ވަނީ ސުވާލުން ފުރިފަ އެވެ. ހައްޖައަށް އެކަން ފާހަގަކުރެވުނެވެ. ސަވީތާގެ ލޮލުގައި ހިލެމުން ފާޅުވަމުން ދިޔަ ކަރުނަތައް ފެނި މަޑުކޮށްލި އެވެ.

“ކިހިނެއްވީ؟ އަވަހަށް ބުނޭ؟” ހައްޖަ އިނީ ކެތްމަދުވެފަ އެވެ. ސަވީތާ ވާހަކައެއް ބުނަ އުޅޭކަން އެނގުމުންނެވެ.

“އަހަރެން އަފޫ… އާ ރުޅިވެއްޖައިން؟” ހުއްޓަމުން ހުއްޓަމުން ސަވީތާ ފުރިހަމަ ކުރި އެވެ.

“ކޮންއިރަކު؟ ކީއްވެ؟ އޭނާއަށް އެކަން؟” ހައްޖަގެ ހިތުގައި އެތަކެއް ޚިޔާލުތަކެއް އުފެދުނެވެ. އެކަން އޭނާ ބޭރުކޮށްލީ ސުވާލުތަކަކުންނެވެ.

ސަވީތާ އަނގައިން ބުނަން އުޅުނެވެ. ނަމަވެސް އޭނާގެ ދެލޮލުން ކަރުނަ އޮހިގަތުމުން ހުއްޓާލީ އެވެ. ގިސްލެވެން ފެށުމުން އަޑު ބޭރު ނުވީ އެވެ.

“ބުނެބަ! އަހަރެންނަށް ނުވެސް އަންގަ…!” ހައްޖަ ކައިރިވެލަމުން ސަވީތާގެ ބޮލުގައި ފިރުމާލަމުން ބުރުގާ ރަނގަޅު ކޮށްލަދިނެވެ.

“މިއަދު އެއްކަލައިރު…. ފިޔާ…. އަހަރެން…. އެތަނުން ދެމީހުން….. ގެއަށް އައިސް އަފޫއަށް މެސެޖުކުރީ! މަންމައަށް ވެސް ދޮންތަ…؟ ދޮންތަ ހުރިހާ ވާހަކައެއް ކިޔައިދިނީމަ މަންމެ ވެސް ޤަބޫލެއްނޫން މިހާރު!” ތަންކޮޅުކޮޅުން ބުރިކުރަމުން ބުރިކުރަމުން ސަވީތާ ހައްޖައަށް ކިޔައިދިނެވެ.

“ފިޔާޔާ ދެމީހުން ރައްޓެހިވީތަ؟ ކޮންއިރަކު؟ ހަވީރުތަ؟”

“ހޫންނ…. ފިޔާ ޕްރޮޕޯސް…. އަހަރެން ވެސް އެކަން ބޭނުންވީ… އެކަމަކު އަދިވެސް…. އަދިވެސް އެންމެ ލޯބިވަނީ…. އަފޫ… ހައްޖައާ ފަޔާއަކާ ނޫންތަ އަހަރުމެން އެތާތިއްބަ ސައިކުގަ އައީ” ސަވީތާ މަޑުމަޑުން ވާހަކަކުރިއަށް ގެންދިޔަ އެވެ. ކުރަކިވެފައިވާ އަޑަކުންނެވެ.

“ކޮން އިރަކު؟”

“އިރުއޮއްސުނު ގަޑީ!”

“އެގަޑީ ސައިކުގަ އުޅުނީ އަފޫ! އެހެންވީމަ ތިވާނީ… އަފޫއަށް ތިތަން ފެނުނީކަމަށް! ހޫނ….! މީތާ މިވީގޮތަކީ!” އެއްޗެއް ފަހުމުވުން ބޯޖަހާލާ ގޮތަށް ހައްޖަ ބޯޖަހާލަމުން ފުންނޭވާއެއް ދޫކޮށްލި އެވެ.

“ފަހުން ގެއަށް އައިސް މެސެޖުކުރީ!” ސަވީތާ ކަންހިނގިގޮތް ކިޔައިދިނެވެ.

“އެހެންވީމަ! މިހާރު ސަވީ! ސަވީ! ތިހުރީ އަފޫއާ ދުރުގަ ދޯ! ކޮބާ އޭނަގެ ކުށަކީ! މީހަކު ކުރި ކުށުގެ ސަޒާ އޭނައަށް ދިނުމުން…! ތިހެން ނަހަދާ އެފަކީރު އެ ހަނާވަނީ ސަވީގެ ހައްޤުގަ! ސަވީއަށް އެކަމުގެ ޒިންމާ ނެގޭނެތަ؟” ހައްޖަ ހިތްހަމަ ނުޖެހިގެން ސަވީތާއަށް ކުދިކިޔަން ފެށި އެވެ.

ސަވީތާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ހައްޖަ ފެށި އެވެ.

“ތީ އަހަރެން މީގެ ކުރިން ދުށް ސަވީއެއް ނޫން! އެ އާއިލާ އެހާލުތުގައި އޮއްވާ ސަވީ ނުވާނެ ތިޔަފަދަ ނިންމުމެއް ނިންމާކަށް! އަނެއްކާ ތިޔަ ނިންމި ނިންމުމަކީ އަފޫގެ އެއްވެސް ކުށެއް ނެތި ނިންމި ނިންމުމެއް! މިއަދު… އަހަރުމެން ވަކި އަފޫއަށް ދައްކާނީ ކޮން މޫނެއް! ސަވީއަށް ނުވިސްނުނުކަން އެއީ އަހަރެން އެންމެ ކަންބޮޑުވި ކަމަކީ! މިހާރު އެބަހީވޭ ތިހާއަވަހަށް ކަންކަން ބަދަލުވަމުންދާތީ ތީގަ އަޑީގަ ނުބައެއް އެބައުޅޭޔޭ! އާނ! އަފޫއާ ރައްޓެހިވެ ހުރެ ފިޔާއާ ރައްޓެހިވެ ނިންމާފަ… އަފޫއަށް މެސެޖުކުރީ! ކޮބާ އިންސާފު! ކޮބާ އަހަރުމެން އަންހެނުންގެ އަގު! ކޮބާ އިތުބާރު! ލަދުން ބޯހަލާކު! އެންމެންވެސް ބުނާނެ ހާލުގަ ޖެހުނީމަ އެއްލާލީއޭ!” ހައްޖަގެ ހިތުގައި އުފެދުނު ޖަޒުބާތުތައް ސަވީތާގެ ކުރިމައްޗަށް ބަންޑުންކޮށްލި އެވެ. އޭނާއަށް ވިސްނައިދިނުމުގެ ބޭނުމުގަ އެވެ.

“ހައްޖު އަކަށް ނޭނގޭނެ އަހަރެން ކަންކުރަންވީ ގޮތެއް! އެހެން ނޫނަސް މީ އަހަރެންގެ ދިރިއުޅުން! މިކަމާ ހައްޖައާ ކޮންމެ ބެހޭކަމެއް! އަހަރެން ހީކުރީ މިހުރިހާ ދުވަހު ކަންވީގޮތް ކިޔައިދެމުން އައީމަ ހައްޖަ ވެސް އަހަރެންނަށް ހަމްދަރުދީވެ އަހަންނަށް އަޅާލާނެކަމަށް! ހައްޖަ ވެސް ތީ އަހަރެން ހީކުރިކަހަލަ ރައްޓެއްސަކަށް ނުވިއެއްނު! ހައްޖަ ވެސް ތީ…. ވަކި ސަހަލު…!” ސަވީތާ ދެރަވާކަން ނުދައްކަ އެވެ. އޭނާ އިސްކުރީ ރުޅިވެރިކަމެވެ.

ހައްޖަގެ ހަމަހިމޭންކަން ފެނުމުން ސަވީތާ އަނެއްކާ ވެސް ފެށި އެވެ.

“ކިހިނެއްތަ އަހަރެން ފުރާނަ އަތްމައްޗަށް ލައިގެން އަފޫއާ އެކު އުޅޭނީ؟ ކިހިނެއްތަ އަހަރެން މޮޔައިންގެ މަރުކަޒަކަށް ކައްކަން ވަންނަނީ؟ އެއްކޮޅުން އެ އަފްރާޙު އެހުންނަނީ އަހަރެންނާ ވިއްދާފަ! ދާ ކޮންމެ ތަނަކަށް އަހަރެން މަރަން އެ ދުވަނީ! ކިހިނެއްތަ އަހަރެން މި ހުރިހާކަމަކަށް ކެތްކޮށްގެން އަފޫއަށްޓަކައި ޤުރުބާންވާނީ؟ އެއީ ލައިފެއްތަ؟ އެއަށްވުރެ އަރާމުގަ މާލޯބިން އުޅެވެން އޮއްވަ އަހަރެން އެ މޮޔައިން ކައިރިއަށް ދާންވީތަ؟ ނިކަން ބުނެބަލަ! އަޑު އިވޭތަ އެބަ؟ ނިކަން އަހަންނަށް ވިސްނަދީބަލަ! ހައްޖަ ބޭނުންތަ އަހަރެން ގަނަތެޅޭތަން ދެކެން؟ ހައްޖަ ބޭނުންތަ އަހަރެން ގެވެށި އަނިޔާގެ ހާއްޔެއް މަތީ ނިދާތަން ދެކެން؟ އަފޫ ކިތައްމެ ރަނގަޅަސް ކިހިނެއްތަ އަހަރެން….” ސަވީތާ ދެލޯ ކަރުނުން ތެމެމުން ދިޔަ އެވެ. އޭނާ އަށް ވާހަކަ ނުދެއްކިގެން އެންމެ ފަހުން ހުއްޓާލީ އެވެ. ރައްދުގައި ހައްޖަ ވެސް އަނގައިން ވެސް ނުބެނެ މަޑުމަޑުން އިނީ އެވެ. އެއިރު ވެސް ސަވީތާ ގިސްލަ ގިސްލާފައި ރޮމުން ދިޔަ އެވެ.

“ހައްޖާ…. ޕްލީޒް…” ހައްޖަ މަޑުމަޑުން ސަވީތާގެ ކޮނޑުގައި ހިފާ ބާރު ކޮށްލުމުން އޭނާގެ ގައިގާ ސަވީތާ އޮޅުލައިގަތެވެ.

އަފުޒަލްގެ ހާލު މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔަ އެވެ. އަފުޒަލްގެ ބޮޑުބޭބޭ، ސަމަދުގެ އެދުމުގެ މަތިން ފަޔާޒު ފެންވެރުމަށާއި ކެއުމަށް ދިއުމަށްޓަކައި ބޭރަށް ނިކުތެވެ. ބޭރުން ހައްޖަގެ ޚަބަރެއް ނުވުމުން ފޯނުނަގާ ގުޅާލި އެވެ. ހައްޖަގެ ފޯނު ރިންގުވާން ފެށުމުން ކޮޅަށް ތެދުވެ މަރުކަޒާ ދިމާއަށް އެނބުރިލި އެވެ.

“އަހަރެން ދަނީ؟ އަދިވެސް ތި ކުރެވުނު ކަންތައްތަކާ މެދު ފުންކޮށް ވިސްނާލާ! މީހަކަށް ދެރައެއް ދީފަ އެއްވެސް މީހަކަށް އުފަލަކު ނޫޅެވޭނެ! މީހަކަށްޓަކައި އުފާތައް ޤުރުބާންކުރަން ކެރޭ މީހަކީ ދިރިއުޅުމުގެ އެންމެ ކާމިޔާބު މީހަކީ… ފަޔާޒު އަދި އެއުޅެނީ ނުކައި! އޭނާ އަށް ކާން….” ހައްޖަގެ ޖުމުލަ ފުރިހަމަ ނުކޮށް ހިނގައިގަތީ ސަވީތާވެސް ގެއާދިމާއަށް މިސްރާބު ޖެހުމުންނެވެ. މޫނުމަތީގެ މާޔޫސްކަން ފޮރުވުމަށް މަސައްކަތް ކުރަމުން ލޮލުން ކަރުނަތައް ފުހެމުންނެވެ. މަންޒަރު ބަލަން ހުރެ ހައްޖަ ދެ ފަރާތަށް މަޑުމަޑުން ބޯހޫރުވާލީ ސަވީތާ ކަންތައްކުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

“ވަރަށް މީރު ބޮނޑިބަތް! ހޫނާ ހުއްޓާ ލިބުނު ނަމަ މާ މީރުވީސް!” ފަޔާޒު ވާހަކަދެއްކީ ހައްޖަމެންގެ ގޭގެ ކާގޭގައި އިނދެގެންނެވެ.

“ހޫނާ ހުއްޓާ ކާން އުޅެގެން ހަންދާނީ ތަލިން…! މިހާރުވެސް ތަލިން ހަންނުގޮސް ހުންނަ ކަން ނަސީބެއް! އެހެންނޫނީ އަހަރެންވެސް…” ހައްޖަ މައުޟޫޢު ބަދަލުކޮށްލީ އެހެން ދިމާލަކަށެވެ.

“އިރާދުކުރެއްވިއްޔާ ހައްޖު ނުޖެހޭނެ ތަލިން ހަންގޮސްގެން އެވަރުވާކަށް!” ހައްޖަގެ މައުޟޫޢު ފަޔާޒް ދެނެގަތެވެ.

“އެހެންތަ! މިހާރު ކިހިނެއް މިވަނީ؟” ހައްޖަ ޔަޤީންކުރަން ބޭނުންވާކަންތައް ހާމަވުމުން އަނެއްކާ އަނެއް ދިމާލަށް މައުޟޫޢު ބަދަލުކޮށްލި އެވެ.

“މާދަމާ ނައްޓާލާގޮތަށް! ބައްޕަ ބޭނުންވަނީ ދެމީހުން ގޮވައިގެން ދާން! އެކަމަކު ސަމަދުބޭ ބޭނުންވަނީ އަފުރޭ…! ކޮންމެ ގޮތެއް ހަދައިގެންވެސް އަފޫއަށް ފަރުވާދޭން އަހަރެން ބޭނުން! އަފޫގެ ފަރުވާއަށް ފަހު މިކޮޅަށް އައިސް ދެން ސަވީގެ ކަންތައްގަނޑުގެ ތެރެއަށް ވަދެވޭނީ…! ހައްޖަ ތި ކިޔައިދިން ކަންތައް އެބަޖެހޭ ބަލަން! މަށަށްވެސް ހީވަނީ މީގަ ގޯސް ހަދާ އެހެން މީހަކު އެބައުޅޭހެން!”

“އާނ! ބޭރަށް ގޮސްގެން ފަންޑިތަ ހަދަންތަ ނިންމަނީ!”

“ނޫނޭ! އަފޫމެން އާއިލާއަށް މިދިމާވާ ކަންތައް ދިރާސާކޮށްލީމަ މަށަށް އެބަ އެހެން އެއްޗެއް ހީވޭ”

“އެއީ؟”

“ފަހުން ދެން އެވާހަކަ ދައްކާނީ؟ ޑޮކުޓަރުންގެ ބަސް އެނގި އެކަން ޔަޤީންވީމަ! އޭރުން ޔަޤީން ކަމާއެކު ސަވީތާގެ ތިޔަ ކަންތައްގަނޑު ހަމައަކަށް އަޅުވާލެވޭނެ!”

އަނެއް ދުވަހުގެ އިރު ދުނިޔެމައްޗަށް ފާއްދާލީ ރަށުތެރޭގައި އައު ޚަބަރެއް ފަތުރަމުންނެވެ. ދެމީހަކު އެއްވިއްޔާ ދައްކަނީ އެވާހަކަ އެވެ. އަފުޒަލްމެންގެ އާއިލާއަށް ދިމާވެގެން އުޅޭ ކަންތައް ގަނޑުގެ ވާހަކަ އެވެ. މީހުންގެ ތުންތުންމަތިން އަފުޒަލާއި ސަވީތާ ރުޅިކުރުވުމަށް ބަޔަކު ފަންޑިތަ ހަދާ ވާހަކަވެސް ދެކެވެމުން ދިޔަ އެވެ. އެކަކު ތުނބުން އަނެއްކެއްގެ ތުނބުން އެވާހަކަ އެންމެ ފަހުން ފަޔާޒާއި ހައްޖައަށްވެސް އިވުނެވެ.

އެދުވަހުގެ އިރު އެރިއިރު ވެސް އަފުޒަލް އޮތީ މަރުކަޒުގަ އެވެ. އަފުރާހު ގެއަށް ދޫކޮށްލި ނަމަވެސް އޭނާ ގެންދިޔައީ އަފުޒަލްގެ ބޮޑުބޭބޭ ސަމަދެވެ. ސަމަދުގެ ގެއަށެވެ. ހާލަތު ހުރިގޮތުން ފަޔާޒަށް ނުބެލޭނެތީއާ ވެސް އެކުގަ އެވެ.

“މި ފުޅި ހުސްވީމަ ފޮނުވާލާ ގޮތަށް! ފުޅި ހުސްވާނޭ ބުނި ނައިންކަންހާއިރު! އަހަރެން ސައިބޯނީ އަފޫ ފޮނުވައިލީމަ! އަފޫ އޮތީ އަދިވެސް ނިދިފަ” ފަޔާޒު ވާހަކަދައްކަމުން ދިޔައީ ފޯނުންނެވެ.

“އާނ! މިއަދު މެންދުރު ފަހު ފުރާގޮތަށް! މިހާރު ޑޮކްޓަރުގެ ލިޔުންތައް ވެސް ލިބިއްޖެ! އަފްރާހުގެ ކަންތައް ސަމަދުބޭ ބަލާގޮތަށް! އަފޫގެ ބައްޕަ ބޭނުންވަނީ އެގޮތް! ސޯ…!” ފަޔާޒްގެ މޫނު މަތިން ފާޅުވަމުން ދިޔައީ ސީރިއަސް ކަމެވެ. އޭނާ އިނީ އަފުޒަލް އޮތް އެނދުގެ މަގަތުގައި ހުރި ގޮނޑީ އިށީނދެ އެވެ. ފަޔާޒް އިނީ އަފުޒަލަށް ފުރަގަސްވާގޮތަށް ކަމުން އަފުޒަލްގެ މޫނެއް އޭނާއަކަށް ނުފެނެ އެވެ. އަފުޒަލްގެ ކަޅި ދެފަރާތަށް ގުޑުވާލި އެވެ. މަޑުމަޑުން ދެލޯ ހުޅުވާލި އެވެ. އޭނާއަށް މަންޒަރު ފެނުމުގެ ކުރިން ކަންފަތުގައި ޖެހުނީ ފަޔާޒުގެ އަޑެވެ. ފޯނުގައި އިނދެ ދައްކަމުން ދިޔަ ވާހަކަތަކެވެ. އެކޮޅުން ވާހަކަދައްކަމުން ދިޔައީ ކާކު ކަމެއް އަފުޒަލަށް ސާފެއް ނުވެ އެވެ. އެހެންވެ ލޯ ހުޅުވާލުމުގެ ބަދަލުގައި ލޯމަރާލި އެވެ. އަދި ފަޔާޒުގެ ވާހަކަތަކަށް ސަމާލުވެލި އެވެ.

“އާނ! ބައްޕަ ބޭނުންވަނީ ޔޫ އެސްގެ ސޯލްޓް ލޭޓް ސިޓީ އަށްދާން! އެތަނުގަ ހުރެޔޯ އިންޓަރ މައުންޓައިން ހެލްތްކެއަރ ކިޔާ، އެކަހަލަ ކަންކަމަށް ވަރަށް ރަނގަޅު ފަރުވާދޭ ތަނެއް! އަހަންނަށް މިކަހަލަ ޝައްކެއް ވާތާ ދުވަސްކޮޅެއް ވެއްޖެ! ޔަޤީން ނުވަންޏާ ކިހިނެއް އެކަހަލަ ވާހަކައެއް ދައްކާނީ! ހީވަނީ މިބުނާ ތަނަށް ދެވިއްޖެ ނަމަ އަފޫ ރަނގަޅު ކޮށްލެވޭނެހެން! އެއީ އަދި އަފޫ އޮންނާނީ ފަސްޓް ސްޓޭޖްގަ! ކޮންމެ ގޮތެއް ވިޔަސް މި ސިޓުއޭޝަންގަ ރަނގަޅަށް ޓްރީޓްކުރެވިއްޖެ ނަމަ އަފުރޭއަށް ވާވަރެއް ނުވާނެ!” ފަޔާޒް ދައްކަމުން ދިޔަ ވާހަކަތައް ކިތައްމެ މަޑުވެފައި ސީރިއަސް ނަމަވެސް އަފުޒަލަށް އެހުރިހާ ވާހަކަތަކެއް ސާފުވަމުން އެއަޑު އޭނާއަށް ބާރުވަމުން ދާހެން ހީވި އެވެ. ފަޔާޒް ދައްކަމުން ދިޔައީ އޭނާއާ ގުޅުން ހުރި ވާހަކައެއް ކަމަށްވާތީ އޭނާ ހަނުއޮތީ ނިމެންދެންނެވެ.

“ނޫން! އަފްރޭގެ މައްސަލަ އަކަށް އަހަންނަން ހީވަނީ އެއީ ބައިޕޯލަ ޑިސްއޯޑަރ އެއްހެން! އޭގަ ވާގޮތަކީ އަންނާނީ އެޕިސޯޑްތަކެއް! ރަނގަޅަށް ހުންނަ ފަހަރު ވެސް އަންނާނެ! އެހެން ހުރެލާފަ ދިމާވާ ކަމަކުން މީހާ މާ ބޮޑަށް ވިސްނަން ފަށާއިފިއްޔާ މީހާގެ ސްޓްރެސް މާ ބޮޑުވެއްޖެއްޔާ ދެން ހަމައިން ނެއްޓޭނެ! އަފުރޭ ވެސް އެކަހަލަ ގޮތަކަށްނު އެވަނީ! އޭނާ ވެސް ބައެއް ދުވަސްދުވަހު ވަރަށް ނޯމަލްކޮށް އުޅެފަ ދެން ދުވަސްގަނޑެއް ފަހުން ހަމަ ކަޑަވަނީނު! އެބަލީގަ ބައެއް ފަހަރު ދިމާވާ ގޮތުން އެއީ އަދި އެބަލި ޖެހިފަ ހުންނަ މީހެއްކަން ނޭނގި ވެސް ހިނގައިދާނެ! ބައެއް މީހުން މިހެން އުޅޭ އިރު ވެސް ހުރެއެއްނު ވާނުވާ ނޭނގި ނެގިމަޑުވެފަ! އަނެއްބައި މީހުން ތިބެއެއްނު ހިސާބަށްވުރެ އަނގަގަދަވެފަ! ދެން އަބަދު ވެސް މީހުންކުރާ ގޯސްކަންތައްތަކުގެ ވާހަކަދައްކާ މީހުން ވެސް ތިބެ އެއްނު! މިކަހަލަ މީހުންނަކަށް މީހުންގެ ރަނގަޅު ކަންތައްތައް ކިޔައި ނުދެވޭނޯ! އަބަދު ދައްކާނީ ގޯސްކޮށް ކުރެވޭ ކަންތައްތަކުގެ ވާހަކަޔޯ! އެއީ ވެސް މިބަލީގެ އަލާމަތްތައް! އަސްލު މި ބުނާ ސްޓޭޖްގަ ތިބޭ މީހުންނަށް ޓްރީޓްކުރެވިއްޖެ ނަމަ ކޮންމެވެސް ވަރަކަށް އޯކޭވާނެ! އެކަމަކު މައްސަލައަކީ އެވަރަށް އަހަރުމެން އެވެއަރ ނުވާތީ! މީހަކު މިކަހަލަ އެއްޗެއް ބުންޏަސް އެ ބުނާ މީހަކަށް ޖޯކު ޖަހާނީ! އަހަރުމެން ވިސްނާލީމަ ވެސް އެބަ އެނގޭ، އެކަކު ވެސް ގަސްތުގައި އެފާޑަކަށް ނޫޅޭނެކަން! މި ބުނީ މޮޔަ ހެދިގެން..” ފަޔާޒް އިރުކޮޅަކަށް ހިމޭންވެލީ އޭނާ ފޯނުން ވާހަކަދައްކަމުންދާ މީހާގެ އަޑުއެހުމަށެވެ.

“އަސްލު ބައިޕޯލަރ ޑިސް އޯޑަރއެއް އަންނަނީ ސީދާ ކީއްވެގެން ކަން އަދި ހޯދިފައެއް ނުވެޔޯ! އެކަމު މި ވެސް އާއްމުކޮށް ދިމާވެފައި ހުންނަނީ ފެމެލީ ތެރެއިންނޯ!” ފަޔާޒު ހުއްޓާލި އެވެ. އަފުޒަލްގެ ލޮލުން ކަރުނަ ހިލެމުން ދިޔަ އެވެ. ލޯމަރާފައި އޮތް އިރުވެސް އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ އެވެ.

“ނޫނޭ ހަމަ ސައިންސް ކިޔެވީމަ އެކަންޏެއް ނޫންދޯ! މިހާރު ވަރަށް ފަސޭހަދޯ މައުލޫމާތު ހޯދަން! ނެޓުން ސަރޗްކޮށްލިޔަސް މިވަރު އެނގޭނެ! ނިކަން ގޫގުލްގަ ޖަހާބަ ބައި ޕޯލާ ޑިސްއޯޑަރ ސިމްޕްޓަމް އެންޑް ޓްރީންމަންޓް! އަންނާނެ! ނިހާ ވެސް އެއީ ހަމަ އެކަން! އޭގަ ވާގޮތުން އެކި މީހުންނަށް ދިމާވާނީ އެކިގޮތް! އުމުރުގަ ވަކި ހިސާބަކުން ވެސް އިފެކްޓްކޮށްފާނެ ކަމަށްވަނީ! އާއްމުކޮށް ޓީން އޭޖުން ނުނީ ބޮޑެތިވެގެން އަންނަ ދުވަސްވަރު ކަމަށްވަނީ! ނިހާ ކުއްލިއަކަށް ބްލައިންޑްވެ އަޑުއިވުމުގަ މައްސަލަ އެދިމާވީ ވެސް…! އޭނަ ވެސް އަދި ކިރިޔާނު އެ ބޮޑު… އެހެންވީމަ ހަމަ އެވެސް މީކަމަށް…!” ފަޔާޒް ތަފުސީލުކުރަމުން ވާހަކަތައް ކިޔައިދެމުން ދިޔަ އެވެ. އަފުޒަލް ދެލޮލަށް ބާރުކޮށްލި އެވެ. މަޑުމަޑުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ގައިން ހީބިހި ނަގައިގަތެވެ. ފަޔާޒު ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. ފަޔާޒަށް ފޯނުކޮށްގެން ހުރީ ކާކުތޯ ޔަޤީންކުރަން އޭނާ ބޭނުންވި އެވެ. ހިތުގައި ސުވާލުތަކެއް އުފެދުނީ އެހާ ތަފުސީލުކޮށް އެވާހަކަތަކާއި އެމައުލޫމާތުތައް ހިއްސާކުރަނީ ކާކަށްކަން ނޭނގޭތީ އެވެ.

“ނޫނޭ! ހަމަ ކޮންމެ މީހަކަށް ވެސް މިބުނާ ބައިޕޯލަރ ޑިސްއޯޑަރ އެއް އަތުވެދާނެ! އެއީ އަދި އެހެންކަމެއް! އެކަމަކު އެކަހަލަ ކަމެއް ހުންނަ މީހަކަށް މި ބުނީ ހަށިގަނޑުގަ ވީކްނެސް އެއް ހުންނަ މީހަކަށް އަބަދު ވެސް ޗާންސް ބޮޑުވާނެތާދޯ! އަފުރޭ ހިއެއް ނުވޭ ހިސްޓީރިއާ ހެންނެއް! ފަހަރެއްގަ އެވެސް ހުރެދާނެ! ބަލަންތާ ޖެހޭނީ! ފުރަތަމަ މިބަލަނީ އަފޫ އަށް ރަނގަޅު ގޮތެއްވޭތޯ! އެއީ ބައިޕޯލާއެއް ވެއްޖެ ނަމަ އެއްކޮށް ރަނގަޅު ނުކުރެވޭ ކަމަށްވަނީ! އަފުރޭއަށް ފަހުން…” ކަނާއަތު ކަންފަތުގައި ޖައްސާފައިވާ ފޯނު ވައަތު ކަންފަތަށް ފަޔާޒު ބަދަލުކޮށްލި އެވެ.

“ސަވީ ދޯ! ކީކޭ ބުނާނީ! ވިސްނޭތޯ…! ހާލުގަ ޖެހުނީމަ އެއްލާލާފަ ދިޔުން އެއީ އަހަރެންގެ ގޮތެއް ނޫން! ސަވީ ޔަކަސް މިފަހަރު އަހަރެން ކުށްވެރިކުރާނީ ހަމަ ސަވީ! ރޭގަ ކިޔައިދިން ކަންކަމަށް ބަލާފަ އެއްޗެކޭ ބުނާނަމަ ހަމަ ބުނެވޭނީ އަފޫގެ އެއްވެސް މައްސަލައެއް ނެތޭ! ފަންޑިތައޭ ސިހުރޭ ކިޔައިގެން ކޮންމެވެސް މީހަކު…!” ފަޔާޒް ހުއްޓާލި އެވެ.

ފަޔާޒުގެ ވާހަކަތައް އަޑުއަހަން އޮތް އަފުޒަލްގެ ހިތަށް ތަފާތު ޝުޢޫރުތަކެއް އަރާފައިބަމުން ދިޔަ އެވެ. ފަޔާޒު ދައްކަމުން ދިޔަ ބަލިތަކުގެ ވާހަކައިން ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވަމުން ދިޔަ އެވެ. އެއާ ވިދިގެން ސަވީތާގެ ނަން އިވޭ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ބަޔާންކުރަން ނޭނގޭ ރުޅިވެރިކަމެއް އުފެދެމުން ހިތުގައި ނަފުރަތުގެ ހުޅު ރޯވަމުން ދިޔަ އެވެ. އެއްވެސް ކުށެއް ނެތި އޭނާއަށް ބޭވަފާތެރިވުމުންނެވެ. ލޯތްބާއި އޯގާތެރިކަން އެންމެ ބޭނުންވި ދުވަހު މައިދާން ދޫކޮށް ފިލީމަ އެވެ. ހަނގުރާމައަށް ނުފަށަނީސް ކުޅިފަސް ގެއްލުވާލީމަ އެވެ. ހިތުގައި ބިނާކުރަމުން އައި ހަޔާތުގެ ކުލަތަކުގެ ގަނޑުވަރު އެއްވެސް ހައްޤަކާ ނުލާ ފުނޑުފުނޑު ކޮށްލީމަ އެވެ. ފަޔާޒުގެ ވާހަކަތަކުން އިތުރަށް އޭނާ ހާސްވަމުން ދިޔަ އެވެ. ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔަ އެވެ. އެކަން އޭނާގެ މަރާލެވިފައިވާ ލޮލާއި ނިތްކުރިމަތިން ހާމަވަމުން ދިޔަ އެވެ. ބޭއިޚްތިޔާރުގައި އައިވީ ނުގުޅާ އޮތް، ކަނާއަތް ނަގާ ފަޔާޒުގެ ގައިގާ ޖައްސާލި އެވެ. ފަޔާޒަށް ލިބުނު ކުއްލި ސިހުމާއެކު ފަހަތަށް އެނބުރިލި އެވެ. އަދި ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލަމުން ބުނެލި އެވެ.

“ހައްޖު، އަފޫ ހޭލައިފި! ދެން ބޭއްވީ!” ފޯނު ބާއްވަމުން ފަޔާޒް އަފުޒަލަށް ބަލައިލަމުން ހިނިތުންވެލި އެވެ. ހަމްދަރުދީން ފުރިގެންވާ ފަދަ ގޮތަކަށެވެ. ފަޔާޒްގެ މޫނު މަތިން ފެންނަނީ މައުސޫމުކަމުގެ ނިޝާންތަކެވެ. ދެލޮލުން ފެންނަނީ އޯގާތެރިކަމެވެ. ހިނިތުންވުމުން ދައްކައިދެނީ އެކުވެރިކަމަށްވުރެ ގާތް ބަދަހި ކަމެކެވެ. އަފުޒަލަށްޓަކައި ޤުރުބާންވުމަށް ތައްޔާރަށް ހުރީމޭ ބުނާފަދަ އަސަރު ތަކެކެވެ.

އަފުޒަލް ދެ ލޯ ހުޅުވާލި އެވެ. އޭނާއަށް ފެނުނީ ކުލަފަނޑުވެފައިވާ ފުސް ދުނިޔެ އެކެވެ. ކުރިން އޭނާއަށް ފެނުނު ކުލަތަކުގެ ބަދަލުގައި އެއްކުލަވެފައިވާ އަނދިރި މަންޒަރުތަކެކެވެ. ކުރަހަން ނޭނގޭ މީހަކު ކުލަޖައްސާފައިވާ މަންޒަރުތަކެއް ފަދައިންނެވެ. މީހުންގެ ހިޔަނިވާހެން ހީވަމުން ދިޔަ އެވެ. މަންޒަރު ސާފުނުވިޔަސް ކައިރީ ހުރީ ކާކުކަން އޭނާއަށް ޔަޤީންވެ އެވެ. އަފުޒަލްގެ ހިތް އެ ހިތްހެޔޮ އެކުވެރިޔާއަށް ޝުކުރުން ބަންޑުންކޮށްލަން ބޭނުންވި އެވެ. އަނގައިން ބަހެއް ނުބުނެވެނީސް އަފުޒަލްގެ ލޮލުން ކަރުނަ ހިލިގަތެވެ. ފެންކަޅިވެ ކަރުނަތައް ބާލީހަށް ފައިބަން ފެށި އެވެ. ފަޔާޒަށް ވެސް ވީ އެވަރެވެ. އެހެނަސް އޭނާ މިއަދު އުފާކުރަނީ އަފުޒަލަށް ހޭހަން ކޮށްދިނުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކަ އެވެ. އޭނާއަށް އަފުޒަލް ކޮށްދީފައިވާ ޚިދުމަތާއި ބެހެއްޓި އޯގާތެރިކަމަކީ އެފަދަ އެއްމެ ކަމަކުން ފަރުޖައްސާލެވޭނެ ކަމެއް ނޫންކަމަށް ފަޔާޒު އަބަދުވެސް ޤަބޫލުކުރެ އެވެ. ފަޔާޒް ދެލޯ ފޮހެލަމުން ހިނިތުންވެލި އެވެ. ހަޤީޤަތުގައި ވެސް އޭނާ އަށް ރޮވުނީ އުފަލުންނެވެ. އަފުޒަލް ހަމައަކަށް އެޅެމުން ދާތީ ހިތްހަމަ ޖެހިގެން ހުރެ އެވެ.

“ފަޔާ އަހަންނަށް! އައިނު… އައިނު! ކުރިން ފެންނަވަރަށް ވެސް މިހާރު… މިހާރު…!” ބަލިއަޑަކުން އަފުޒަލް ވާހަކަދައްކަން ފެށި އެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ބަލި އެނދުގައި އޮތް މީހަކު ވާހަކަދައްކާ ހެންނެވެ.

 = ނުނިމޭ =