ދެފުރާނަ އެކުވެފައިވާ (ފުރަތަމަ ބައި)

ފަތުޙުﷲ އަޙުމަދު ރަޝީދު

އަނދިރިކަމުގެ ސާލެއް ފަތުރާލައިގެން، އެ ސާލުގެ ހިތްގައިމުކަމުގައި ދުނިޔެމަތީގައިވާ އެންމެހާ ދިރުމެއް ނިންދަވަމުން ދުނިޔޭ އޭގެ ދުވަހީ ކަލަންޑަރުން ގަނޑެއް އެއްލުމަށް ހޭރިޔާކޮށްލި  އެވެ.  މެންދަމަށް ފައިބާ މޫސުމީ ދުންފިނިތަކުން ޖައްވުގައި ރަސްކަންކުރަމުންދާ ތެތް ފިނިކަމާއި ރަތްއަލިކަމުން ވިދުވާލެވިފައިވާ މާހައުލުން، ރާޅުގެ ހަމަހިމޭން މިއުޒިކާއެކު އެހެން އަޑެއް ގުގުމަމުން ދިޔަ އެވެ.  ފުން ޚިޔާލެއްގެ މަސްތުގައި ދީވާނާވެފައިވާ ޕަރުވާނާއެއް ފަދައިން، އެ މަންޒިލަކުން ހިތަށް އުފާކަމާއި ފާގަތިކަން ލިބިގަންނަ މަންޒިލުގައި، ދަތްދޮޅީ އަތްވިދެލައިގެން އައިޝަމް އިނެވެ. ސުނާމީ ބިނާގެ އެތެރެ ކޮށިގަނޑުގެ ބުރުމަތީގައި އިށީނދެގެންނެވެ. އެ ބިނާގެ އެންމެ ތިރީގައިވާ ދަގަނޑު ބޯޅާގައި ބޯ ޖެހުމާއެކު އައިޝަމް ސިއްސައިގެން ދިޔަ އެވެ.  އޭނާއަށް ހީވީ މީހަކު އޭނާ އިދިފުށަށް ދަމާލިހެންނެވެ. އެކަހަލަ އިޙްސާސެއް އޭނާއަށް ކުރެވުނެވެ. އޭނާއަށް ޔަޤީންކުރެވުނު އެއްކަމަކީ އާދަޔާ ޚިލާފު ވައި ރޯޅިއެއް އޭނާ ވަށައިލިކަމެވެ. ޖައްވުގައިވާ ތެތް ފިނިކަން ކަނޑުވާލައި އެ ވައިރޯޅިން މަޑުމަޑު ހޫނުކަމެއް އޭނާއަށް ކުރުވީތީ ވަށައިގެންވާ މާހައުލު އޭނާއަށް ބަލައިލެވުނެވެ. މީހެއްގެ ހިލަމެއް ނުވެ އެވެ.  ހުޅުލެއާ ވީ ދިމާލަށް އެއްލުން ކަޅިން އާދަޔާ ޚިލާފު ކަމެއް ފާހަގަވި އެވެ. ކަނޑުގެ ލޮނުގަނޑުން ޒާތެއްގެ ރެނދަން ކުލައެއް ފާލުވި ކަމުގެ ކުލަވަރެވެ. އެއާއެކު އިވެމުން ދިޔައީ ރާޅުގެ މިއުޒިކީ އަޑުތަކެވެ. ބޭއިޚްތިޔާރުގައި ޗޮކެއް ކަނޑާލެވުނެވެ. ކުރެވުނީ ހީއެއްކަމަށް އެއްބަސްނުވި އޭނާގެ ހިތާއި ސިކުނޑީގެ ހަނގުރާމަ ނިންމާލުމަށް މުހުލަތެއް ދެމުންނެވެ. އަނެއްކާވެސް އިހު އިން އުޞޫލަށް އައިޝަމް ރުޖޫޢަވި އެވެ.  އޭނާގެ ހިތުގެ އުދާސްތަކަށް ހައްލެއް ލިބޭތޯ އެވެ. ހިނދުކޮޅެއް ނުވަނީސް މިޔުޒިކީ އަޑެއް ފަދައިން “އަ..އި..ޝަ..މް” އޭ ބުނެލި އަޑު އޭނާ އަށް އިވުނެވެ. ކުރިން ކުރެވުނު ހީ އާއި މިފަހަރު ކުރެވުނު ހީ އެއްކޮށްލުމަށްފަހު އެކަމަށް ފަރުވާލެއް ނުބަހައްޓާ އެއިން ގޮތަށް އައިޝަމް އިނީ އެވެ. މިފަހަރު އިވުނީ ތަންކޮޅެއް ބަރު އަޑަކުން “ދަރިފުޅާ އައިޝަމް” އޭ ކިޔާ ގޮވާލިއަޑެވެ. ފިރިހެން އަޑެކެވެ. އެސްލޯނު ހޮޅިއެއްގެ ތެރެއިން ފުރޭނިގެން އަންނަފަދަ ގޮތަކަށެވެ. މިފަހަރު އެ އަޑު އިވުނުކަން އޭނާ ޔަޤީންކުރި އެވެ. ކުއްލި ސިހުމަކާއެކު ކޮޅަށް ތެދުވެ ވަށައިގެން ހޯދާލެވުނީ ވެސް އެހެންވެ އެވެ.  ދަރުބާރުގެއާ ވީކޮޅުން ފަންސާހަކަށް ފޫޓު ދުރުން ހޯބޯލަވަމުން ގުރޫޕުގަނޑެއް ދުވެފައި އަންނަތަން ފެނުނެވެ. ގައިގެ ހަންދަމާލާ ޖީންސަށް ހަދާލާފައިވާއިރު ވިހުރެމުން ދިޔަ އިސްތަށިގަނޑުތައް ފެނުމުން، ހިންދީ ފިލްމެއްގެ މަންޒަރެއް ސިފަވާކަމަށް އޭނާ އަށްހީވި އެވެ.  ދެފަހަރަކު ލޯ ހުޅުވާ ބަލާލެވުނީވެސް އެހެންވެ އެވެ. ލަޓިބުރިތަކާއި ކަނޑިފަދަ ހަތިޔާރުތައް އަތުގެ ކޮޅަށް ހިއްލާލާފައިވުމުން އެއީ މިހާރުގެ “ޒުވާން” ކުދިންކަން އައިޝަމް ޔަޤީންކުރި އެވެ.  ގުރޫޕުގެ ކުރީގައި ޒުވާން ފިރިހެން ކުއްޖަކު ސަލާމަތަށް އެދި ރޮއެ އާދޭސް ކުރަމުން ސުނާމީ ބިނާ އާ ދިމާއަށް ދުވެފައި އަންނަތަން ފެނެ އެވެ.  ރޯލު ލަސްވެފައިވާ މަންޒަރެއް ފަދައިންނެވެ. ޒުވާނާ އާއި އެ ގުރޫޕާ ދެމުދުގައިވަނީ ދެތިން ފޫޓެއްހާ ދުރުމިނެވެ. އެޒުވާނާގެ ޓީޝާޓާއި ޖިންސުވަނީ ލެއިން ކަޅިވެފަ އެވެ. ހުސްފައިގާ ދުވެފައި އައިގޮތުންނާއި ގައިގައި އެތައް މިތަނުން ފައިބަމުން ދިޔަ ލޭތަކުން އެ ޒުވާނާ އެމީހުންގެ ކިބައިން ސަލާމަތްވުމަށް ލައްކަ މަސައްކަތް ކުރަމުންދާކަން ހާމަވެ އެވެ. ފަހަތުގައި ތިބި ގުރޫޕުގައި ވިއްސަކަށް މީހުން ތިބޭނެކަމަށް އައިޝަމް ޔަޤީންކުރި އެވެ. ދުވެފައި އަންނަ ގުރޫޕު ސުނާމީ ބިނާ އާއި ކައިރިވި ކައިރިވިހެން އައިޝަމްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ.  މޭގަނޑު ނަގާޖެހޭކަމުގެ އިޙްސާސް ކުރެވެމުން ދިޔަ އެވެ.  ނޭވާ އަވަސްވެ މީހާ ފިނިވާން ފެށުނެވެ. ވަށައިގެން ހޯދާލެވުނެވެ. ސަލާމަތްވާނެ ގޮތެއް ފެނޭތޯ އެވެ. މަޑުމަޑުން ސުނާމީ ބިނާގެ އެންމެ ތިރީ ބޯޅަ އާއި ނިވާވެވޭތޯ މަސައްކަތް ކުރި އެވެ. އެހިނދު ގުރޫޕުގަނޑު އައިސް ސުނާމީ ބިނާއަށް އަރަން ހަދާފައިވާ ސިޑިއާ ހަމަވަނީ އެވެ. އެމީހުން ފަހަމުން އައި ޒުވާނާ ސިޑީގައި އަޅަގެން ދުވާރު މައްޗަށް ގުޅަވި އެވެ. ރުޅިއަރައިގެންފައިވާ ވަލު ޖަނަވާރުތަކެއް ފަދައިން ތިބި ޒުވާނުންތައް އެ ޒުވާނާއަށް ހަމާލާދޭން ފެށި އެވެ. ލަޓި ބުރިތަކުން މުޅިގެ އެތަން މިތަނުގައި ތަޅަމުން ދިޔަ އެވެ. ޒުވާނާއަށް މަރުގެ އިންޒާރު ދެމުން ހޯބޯލަވަމުން ދިޔަ އެވެ. “ކައޭ ކައޭ…” ކިޔާ ފާޑުފާޑުގެ ބުއިންތަކުން ޒުވާނާއަށް ވެދުންކުރަމުން ދިޔަ އެވެ. ޒުވާނާ ސަލާމަތަށް އެދި އާދޭސްކުރަމުން ދިޔަ އެވެ.  އެފަކީރަށް އެހެން ނުހެދުމަށް ގޮވާ ނަގަމުން ދިޔަ އެވެ. އިންސާނިއްޔަތުކަމުން އެއްކިބައިވެފައިވާ ގްރޫޕުގެ އެންމެން ޒުވާނާގެ ވޭނީ ގޮވުންތަކަށް އެއްވެސް އިޖާބައެއް ނުދީ ހަމާލާ ދެމުން ދިޔަ އެވެ. ޒުވާނާގެ ބާރު ދޫވާން ފެށުމުން، ގުރޫޕްގެ ބޮޑަކަށް ހުރި “ދާދާ” ނިކުމެ އޭނާގެ ތޫނު ހަންޖަރުގެ އަމާޒަކަށް ޒުވާނާގެ މޭ ހަދާލި އެވެ. ދުނި ޖަހާލާފައި ލޭތައް ބުރަބުރައިންގެ ދިޔަ އެވެ. މުޅިތަން ލެއިން ކަޅިވި އެވެ. އެ ހަށިގަނޑު ބިންމަތީ އޮވެ ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔަ އެވެ. ހަށިގަނޑާއި ފުރާނަ ވަކިވީ ހިނދުކޮޅެއް ފަހުންނެވެ. ވޭނީ އަޑަކުން ޖައްވު ގުގުމަމުންނެވެ. ޒުވާނާ ހިމޭންވި އެވެ. މަންޒަރު އެންމެ ގާތުން ބަލަން ހުރި އައިޝަމަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. އެހިނދު ގްރޫޕުގަނޑުގެ ކަޅި އަމާޒުވީ އޭނާއަށެވެ. އައިޝަމަށް ހަދާނެގޮތް ހުސްވި އެވެ. އޭނާ ހަތަރު އުދަރެސް ބެދުނުހެން ހީވި އެވެ. ފަހުވަގުތު އަތުވެއްޖެ ކަމަށް ނިންމި އެވެ. ރުޅިއަރައިގެންފައިވާ ސިންގާތަކެއް ފަދައިން އައިޝަމް އަތުލުމަށް ބިނާގެ އެތެރެ ކޮށިގަނޑުތެރެއަށް ވަދެގަތެވެ. އައިޝަމަށް ބާރަށް ހަޅޭލަވާގަނެވުނެވެ. އާދޭސްކުރަން ފެށުނެވެ. ސަލާމަތަށްއެދި ސަލާން ޖަހަން ފެއްޓުނެވެ. “ދޫ ކުރޭ… އަހަރެން ދޫކުރޭ… އަހަރެންގައިން ދޫކުރޭ… މަންމާ… ބައްޕާ… އަހަރެން… ސަލާމަތް ކުރޭ… އަހަރެން މިއޮށް މަ…ރަ…..ނީ”

= ނުނިމޭ =