“ހޫމް… މިރޭ ވަރަށް އުފާވެއްޖެ” ނަޖުމާގެ އިސްތަށިގަނޑާކުޅެން އޮވެ ރާޒް ބުނެލި އެވެ.
“ކީއްވެ؟” ރާޒްގެ ބައިމަތި ފުޅާ ތަނަވަސް މޭމަތީގައި ބޯއަޅައިލާގެން އޮވެ ގައިމަތީ އަޅާފައިވާ ރަޖާގަނޑުން ހަށިގަނޑުގެ ކަޝްފުވެފައިވާ ބައި ނަޖުމާ ނިވާ ކޮށްލި އެވެ.
“އަސްލު ނަޖޫ ދެކެ އަހަރެން ލޯބިވާ މިންވަރު ބުނެދޭންވެސް ނޭނގޭ. އެކަމަކު”
“އެކަމަކު ކިހިނެއްވީ”
“ނަޖޫ އާ އެކު މިގޮތަށް އަބަދު އުޅެވޭނެ…”
“އަހަރެން ޝަކުވާއެއް ނުކުރަމެއްނު. އަހަރެން ހުރިހާ ކަމަކާ ޤަބޫލުވީމެއްނު. އެހެންވީމަ ކޮބާ މައްސަލައަކީ”
“ނުބުންޏަސް މަށަށް އެނގޭ ނަޖޫ މަށަށް އެދޭވަރު. ބޭނުންވާ މިންވަރު، މަހަކު 4 ފަހަރު މި ބައްދަލުވަނީ. ބައްދަލުވާ ކޮންމެ ފަހަރަކު ނަޖޫގެ ބޭނުންތައް ފުއްދައި ނުދެވޭ…” ރާޒްގެ އަޑުގައި ތުރުތުރުލުމެއް އެކުލެވުނީ މިހާ ހިސާބުންނެވެ.
“ރާ… އަހަންނަށް އެންމެ ރަނގަޅޭ މިވަރު… މިވަރުން ފުދި އިތުރުވޭ… ރާގެ ފަރާތުން އަހަރެން ބޭނުންވާ ހުރިހާކަމެއް ހާސިލުވޭ.” ނަޖުމާ ރަޖާގަނޑުން ނިވާވެލަމުން ތެދުވެ ރާޒްގެ ބޮލުގައި އަތްފިރުމައި ދެމުން އޭނާގެ އުނގުތެރެއަށް ރާޒްގެ ބޯ ލައިދިނެވެ. ލޯތްބާ އޯގާތެރިކަމުން ފުރިގެންވާ ބަސްތަކުން ވިސްނައިދެމުން ބޮލުގައި ފިރުމައިދޭން ފެށި އެވެ.
“އަނެއްކޮޅުން މިގެއަށް ބޭނުންވާ ހުރިހާ ކަމެއް ބަރާބަރަށް ފުރިހަމަ ކޮށްދެނީ ހަމަ ރާގެ މީހުންނެއްނު… ރާ އަށް ނާދެވުނަސް އެމީހުން އެތިބެނީ އަހަރުމެންގެ ޚިދުމަތުގަ. އަނެއްކާ ޝަމް ކޮންމެ ތާކު އުޅުނަސް ޝަމް އަށް ތި އާއިލާގެ ފަރާތުން ޙިމާޔަތްތެރިކަން އަބަދުމެ ފޯރުކޮށްދޭ. މީ އެހެން އެއްވެސް މީހަކަށް ހުވަފެނުންވެސް ނުލިބޭނެ ހިތްހަމަ ޖެހުމެއް. ދެން މިކާގެ ކަންތައް. މިކާގެ ކަންތައްތަކާމެދު އަހަރެން ޝައްކެއް ނުކުރަން. އެ މަންޖެގެ ބޭނުންތައް ރާގެ މަންމަމެން ބަރާބަރަށް ފުއްދާނެކަން އަހަންނަށް އެނގޭ” ނަޖުމާ ބޭނުންވީ ރާޒް ހިތްހަމަ ޖައްސައިދޭށެވެ.
“ތޭންކްސް އިނގޭ. މާދަމާ ޝަމް ގޮވައިގެން ޕާކަށް ދައްޗެ. އަހަރެން އެތަނުން ޝަމް އަށް ފެންނާނަން… އަދި ޝަމް އަށް އޮތް ހަދިޔާއެއް.”
“ކިހާއިރަކު” ރާޒްގެ ވާހަކަ ނުނިމެނީސް ނަޖުމާ ފެށި އެވެ.
“ފަހެއް ޖަހާއިރު. ޝަމްގެ މާމަގެ ހަދިޔާއެއް. މި ފަހަރު އެއްވަނަ ހޯދީމަ.” ރާޒް ހިނިތުންވެލީ ނަޖުމާގެ މޫނުމަތިން ފެނުނު ކުލަވަރުންނެވެ.
“އޯކޭ. ކޮންބައެއް އަންނާނީ.”
“އަހަރެން އެކަނި. ޝަމް ނާހާތަ ބައްޕަގެ ވާހަކައެއް”
“ހޫނ ނާހަ. އެއްކަލަ އިރު އެހި އޭރު އެހިޔަސް އަހަރެން ޖަވާބެއް ނުދެން، އެހެންވެ ކަމަށްވެދާނެ މިހާރު ނާހަނީ” ރާޒްގެ ނޭފަތުގައި ހިފާ އަނބުރާލަމުން ނަޖުމާ ރާޒްއާ ސަމާސާކޮށްލި އެވެ. ދެމީހުން އެކަކު އަނެއްކަކަށް ސަމާސާކޮށް މަޖާކުރުމުގެ ތެރެއަށް ގެނބިގެން ދިޔަ އެވެ.
ކަލަންޑަރަކަށްފަހު ކަލަންޑަރެއް ހުސްވެ ދުވަސްތަކާއި ރޭތައް ދައުރާނާވަމުން ދިޔައީ އުފާވެރިކަމާއި ވޭނާ ހިތްދަތިކަމުގެ ކުލަވަރުތައް ދުނިޔޭގެ ޖައްވުން އުދަވަމުންނެވެ. ހަޔާތުގެ މަގުގައި ދުނިޔެ ނުދައްކާ އެތަކެއް ކުލަތަކެއް ދައްކަމުން ނެވެ. ވާން އުޅޭގޮތުގެ އިލްހާމުތައް އުދަރެހުން ފާއްދާލަމުންނެވެ.
*** *** *** ***
“ޝަމް މިފަހަރު ފުލްމާކުސް ލިބިއްޖެއްޔާ އައިސްކުރީމް ދޭނަންދޯ” އައިރީން އައިޝަމްގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ.
“ހެއް… މިއޮއް ފަދަ ދުވަސްވަރުވެސް އައިސް ކުރީމް ބޭނުންވެގެންތަ ތިއުޅެނީ” އައިޝަމް ފަރުވާކުޑަ ރާގެއްގައި ބުނެލި އެވެ.
އެވަގުތު ކައިރީ ތިބި ފިރިހެން ދެ ކުދިންގެ ލާނެތް ހުނުމުގެ އަޑުތަކުން ޔުނިވަރސިޓީގެ ގޯތިތެރޭގެ ބެންޗުތަކުގައި ކޯޅި ކޯޅިއަށް ތިބި އެންމެންގެ ސަމާލުކަން އެ ގުރޫޕަށް އަމާޒުވި އެވެ.
“އައިޝަމް ދޭން ބޭނުން ނުވާ އައިސްކުރީމެއް ހޯދަން ރީން މާ ވަރަކުން އުޅޭނެ ކަމެއް ނެތް، އަހަރުމެނަށް ތިއަށްވުރެ މާ މީރު މާފުރިހަމަ އައިސްކުރީމް ލިބިދާނެ” އައިރީންގެ ބެސްޓު ފުރެންޑް ނަވީނާ ރައްދުދިނެވެ.
“ބުނެބަ ނުލިބޭނޭ އައިސްކުރީމު ދޭކަށް، އަންހެން ކުއްޖަކު އެވަރު ލޯބިން އައިސްކުރީމަށް އެދުނީމަ ގަޓު ހުންނަ ނަމަ ލަދުންވެސް ދޭނެ، ޝަމްގެ ރީތީ ހަމައެކަނި ބޭރުފުށް އެކަނި.” ކައިރި ހުރި އައިރީންގެ ކުލާހު ކުއްޖެއް އައިޝަމަށް މަލާމަތްކޮށްލި އެވެ.
“ނޫން ސިޔާ. ޝަމް އަށް އެއްޗެހި ނުކިޔާ. އޭނަ ދެރަވާނެ އެއްވެސް އެއްޗެއް ނުބުނާތި. އަހަރެން އޭނައަށް ވަރަށް….” އައިރީން އަށް ކެތްނުކުރެވުނީ ކަންނޭނގެ އެވެ. އޭނާގެ ހިތުގައި ބުނެދޭން ނޭނގޭފަދަ ޖަޒުބާތުތަކެއް ހިނގަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އައިޝަމް ފެންނަނިކޮށް ބުނެދޭން ނޭނގޭ ފަދަ ދަމާ ބާރެއް އޭނާގެ މައްޗަށް ހުންނަކަމަށް އޭނާވެސް ޤަބޫލުކުރެ އެވެ. ދެގަޑީގެ ދެމެދުން ލިބުނު ހުސްވަގުތުގައި އައިޝަމްގެ ބޯކޮޅު ބަލައިގެން އެތަނަށް އެ ގުރޫޕު ގެނުވި ބާރަކީވެސް އެ ބާރެވެ. އެކަން ނަވީނާވެސް ވަނީ އަހާފަ އެވެ. އައިޝަމްގެ މިޒާޖާއި އެނާގެ ގޮތް ނަވީނާއަށް ރަނގަޅަށް އެނގެއެވެ. އެނާއަށް އެކަން ހިމޭޝްވަނީ ހިއްސާކޮށްފައެވެ. އައިރީންގެ ފަރާތުން ވަކާލާތު ކުރަމުން ދަނީ އެހެންވީމަ ކަމަށް ވެދާނެ އެވެ.
“ޚާއްޞަ ކަމެއް ނެތި އައިސްކުރީމު ދޭކަށް ނުޖެހޭ ދޯ. ކިޔަވައިގެން ބުރަ މަސައްކަތުން ފުލް މާކުސް ލިބުނީމާ އަނެއްކާ މަގޭ ޖީބުން ޚަރަދު ކުރުން. މަ ޤަބޫލުކުރާ ކަމެއްނޫން. އަމިއްލައަށް ލިބޭ ކާމިޔާބު އަމިއްލައަށް ސެލެބްރޭޓްކޮށް ޕާޓީ ދިނުން އެ މަޤަބޫލުކުރާ ސަގާފަތެއް ނޫން. ހެޔޮއެދޭ މީހުން އެމީހެއްގެ ގާތް މީހަކަށް ކާމިޔާބެއް ލިބުނީމަ ސެލެބްރޭޓް ކުރާނެ. އެވެސް ބުނެ ކިޔައިގެންނެއް ނޫން” އައިޝަމްގެ ޤަބޫލުކުރުންތައް އެންމެގެން ކުރިމައްޗަށް ބަންޑުންކޮށްލި އެވެ.
“ވާ…އޮ. އަސްލުވެސް! އައި ޑޫ ބިލީވް ޔޫ!” ނަވީނާ ތަޢުރީފުކުރުމުގެ ރާގެއްގައި އައިޝަމަށް މިފަހަރު ތާއިދުކުރި އެވެ.
“ތި ސަޅިއޭ” ކައިރީ އިން ސިނާހުވެސް އައިޝަމްއާ ބައިވެރިވެލި އެވެ.
“އޯކޭ އަސްލުވެސް ތިގޮތަށް ޝަމް އަހަރުންނާ ވާހަކަދެއްކީމަދޯ އެނގޭނީ. އަހަރުންވެސް ތި ޚިޔާލަށް ވަރަށް ތާއިދުކުރަން. ކުލާހުގަ މަޑުމަޑުން އިނަކަސް ނޭނގޭނެ.” އައިރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ނޭވާއިން އަމުނާލި އެވެ.
“އަހަރުން މިތާ ޝަމް މެން ތިބިކަން އެނގުނީމަ މިއައީވެސް މި ވާހަކަދައްކަން. އަހަރުން ވަރަށް ބޭނުން ޝަމް އާ ގުޅުން ބަދަހި ކުރަން. ޝަމް އެކަމަކު ތި އުޅެނީ މާ އަބުއި ވެގެން. ކޯސް ފެށި އެއް ސެމް ނިމޭއިރުވެސް އަހަރުންނާ ވާހަކަ ނުދައްކާ. އަބަދު މޫނު މަތިން ސީރިއަސް ބޯޑު އަޅުވައިގެން” ނަވީނާ ބޭނުންވީ އައިޝަމްއަށް މަޖުބޫރުން ނަމަވެސް ވާހަކަދައްކުވާށެވެ. އައިރީނަށްޓަކަ އެވެ.
“އަހަރެން ނޫޅެންދޯ ބޯޑެއް އަޅުވައިގެންނެއް. ތަނަކުން މީހަކު ފެންނައިރަށް ނުޖެހޭ ދޯ އެމީހަކާ މާ ވެގަނެގެން އުޅޭކަށް އެހެންނޫނަސް ނޭނގެ ތި މީހުން ފެނުނީމަ ވަރަށް…” އައިޝަމް އޭނާއަށް ކުރެވޭ އިހްސާސްތައް ކިޔައިދެވޭތޯ ބެލި އެވެ.
“ކީއްވެ؟ އަހަރުމެން ނޫޅެން ޝަމް އަށް ކަމެއް ކުރާކަށް. އަސްލު ކުލާހުގަ ތިބޭ މޮޅެތި ކުދިންނާ ގުޅުން ބަދަހި ކުރީމަ ދޯ އެނގޭނީ އެކުދިން ކިޔެވުމަށް މޮޅުވާ ސަބަބު. ޝަމް ތި ކުލާހުގަ އިން އެންމެ އިންޓެލިޖަންޓް އެންމެ މޮޅު ކުއްޖާ. އަހަރުންނަށް ކުރިޓިކް ނުލާހިކު އުނދަގޫ. ހިތަށް އަރާ ޑްރޮޕްކޮށްލާފަ އެހެން އެއްޗެއް ހަދަންވީއޭވެސް. ޝަމް ހީ ކުރަނީ އަހަރުންމެ މީ ޝަމްގެ ދުޝްމަނުން ކަމަށްތަ” ސިޔާ ދެތަނުން ދެވާހަކަ ނަގާ އެއްކޮށްލި އެވެ.
“އަހަރެން އެހެން ނުބުނަންދޯ. އަހަރެން ބުނީ ޖެހިލުންވާ ވާހަކަ އަންހެނުންނަށް”
“ކީއްވެޔޯ” އައިރީން އަކަށް ކެތެއް ނުކުރެވުނެވެ.
= ނުނިމޭ =