“އެންމެ ރަނގަޅު! އަހަރެން މަންމަގެ ތިޔައެދުން ފުރިހަމަ ކޮށްދޭނަން! އެކަމަކު ތިޔަކަން ތިގޮތަށް ކޮށްގެން އެއްވެސް ނުރައްކަލެއް އެއްވެސް އަދަބެއް ކުރިމަތިވެއްޖެ ނަމަ…. ދައްތައަށްވެސް އަދި ރާޒްއަށްވެސް އަހަންނަކީ ކާކުކަން އޮޅިފައެއް ނޯންނާނެ. އަހަރެންގެ ޔާރެއް އިޔާރެއް އަހުލެއް ވަހުލެއް މިދުނިޔޭގައި ނެތް… އަހަރެންމީ ވަންނާނެ ތަނެއް ނެތި ބިކަވެފައިވާ މީހެއް… އަހަރެން އަދި ކިޔަވަން ބޭނުން… އެކަމުގައި އެހީތެރިވާނެ އެކަކުވެސް ނެތް… އަހަރެން…” ނަޖުމާ އިއުރާޒްގެ މޫނަށް ނަޒަރު ހުއްޓާލަމުން އޭނާގެ ފުން ދެލޮލަށް ބަލާލި އެވެ.
“އެކަމާ ހާސްނުވޭ މިއަދުން ފެށިގެން ނަޖޫގެ ހުރިހާ ކަމަކާ އަހަރެން ހަވާލު… އަހަރެން ބޭނުންވަނީ ހަނދުމަހުން ދެ ވަނަ ދުވަހު ކައިވެނިކުރަން… ކައިވެންޏަށްފަހު އަހަރުމެން އުޅޭނީ މާލޭގަ… ނަޖޫގެ ގޭގަ.. މާލެ ގެނެސް އަހަރެން ނަޖޫ ބެހެއްޓި ގޭގަ… އެކަމަކު ހަނދާންކުރަންވާނެ އަހަންނަށް ނަޖޫ ކައިރިއަށް ދެވޭނީ ހަނދުމަހުގެ ފުރަތަމަ ފަސް ދުވަހު… އޭގެ ފަހުން އަހަރެންގެ ބަދަލުގައި ނަޖޫއަށް ލޯތްބާއި އޯގާތެރިކަން މަންމަގެ ފަރާތުން ލިބެމުންދާނެ… އެކަމަކު މަންމައަށްވެސް އެގޮތުގައި ހުރެވޭނީ ނަޖޫ މިކަންތައް ސިއްރެއްގެ ގޮތުގައި ބާއްވަދީގެން… ނަޖޫއަށްވެސް އެނގޭނެ އިންސާނުންނަކީ ވަރަށް ފާޑެއްގެ ބައެއްކަން. ކިރިޔާވެސް ހިލަމެއް ވެއްޖެނަމަ އުޅޭނީ… އުޅޭނީ ދުވަސް ދުއްވާލަންކަން… އަހަރުމެންމީ އިންސާނުންނާ އަވަލައިގެން އިންސާނުންނަށް ގެއްލުންދޭނެ ބައެއް ނޫން… އަހަރުމެންނީ އިންސާނުން ފަދަ މުސްލިމު ބައެއް… އަހަރުމެން ތެރޭގައި އުޅޭ ކާފަރުންނާ އަހަރުމެންނާ ތަފާތުވާނެ” އިއުރާޒް ވާހަކަދައްކަމުން ދިޔައީ އޯގާތެރިކަމާއެކު މަޑުމަޑުންނެވެ. ހީވަނީ އެހެން ނަސްލެއްގެ ދިފާޢުގައި ވަކާލާތު ކުރާހެންނެވެ.
ނަޖުމާ ހިމޭންވެލަމުން ފުންނޭވާއެއް ދޫކޮށްލި އެވެ. އައިޝަމް މޫނުމަތިން ސުވާލުގެ ކުލަވަރު ފާޅުވަމުން ދިޔައެވެ. ހިމޭޝްވެސް އިނީ އިވެމުންދިޔަ ވާހަކަތަކުން އަންތަރީސްވާ ވަރުވެފައެވެ.
“އެކަމަކު…” އައިޝަމް އަށް ޤަބޫލެއް ނުކުރެވުނެވެ.
“ދައްތާ ތިވާހަކަތައް… ކިހިނެއް؟” ހިމޭޝް އަށް ވެސް ޤަބޫލުކުރަން ދަތިވި އެވެ.
“ތިހެންވާނެތީ މިވާހަކަތައް ކިޔައިނުދީ ލަސްމިކުރީވެސް… ދަރިފުޅު ކުރިން މަންމަ އާ ކުރި ސުވާލުތަކަށް މިހާރު ޖަވާބެއް ލިބޭނެ… ކުޑައިރު މަންމައާ ސުވާލުކުރަމެއްނު… ހައްވަތަ އެއީ ކާކުހޭ… ކީއްކުރަން ގޭގައި ގެންގުޅޭ މީހެއްހޭ… ހައްވައްތައަށް މާމަ ކިޔާށޭ މަންމަ ބުނަނީ ކީއްވެހޭ! އެއީ ދަރިފުޅުގެ މާމަ އެއީ ދަރިފުޅުގެ ބައްޕަގެ …” ނަޖުމާ އޮޅުން ފިލުވައިދިނެވެ.
“މަންމާ ކިހިނެއް އަހަރެން… އަހަރެން…” އައިޝަމް ބޭނުންވީ އެ ދެއްކީ ތެދުވާހަކަތަކެއްކަން ޔަޤީންކުރާށެވެ. އޭނާއަށް އެކަންކަން ހަޖަމު ނުކުރެވިގެންނެވެ.
“އާނ! ދަރިފުޅަށް ޤަބޫލު ނުކުރެވެންޏާ… މަޑުކޮށްލާ!” ނަޖުމާ ލޯ މަރާލަމުން އަތުގައި އަޅާފައިވާ އަނގޮޓީގައިވާ އެހުގައި ފިރުމާލި އެވެ. އެއާއެކު އަނގޮޓިން މަޑުމަޑުން އަލިކަމެއް ނިކުމެ ފާރަށް އެޅެމުން ދިޔައެވެ. ވައިރޯޅިއާއެކު އުދުހެމުންދިޔަ އަޑިފެންނަ ޒާތުގެ މަޑު ނޫ އަލިކަމެއް އަނގޮޓިން ނުކުންނަމުން ގަހެއްފަދައިން ބޮޑުވަމުން ދިޔަ އެވެ. ކުއްލިއަކަށް އެ އަލިކަން އޮބި އަލިކަން އުފެދުނު ފާރުކައިރިން މީހަކު ފާޅުވި އެވެ. އައިޝަމާއި ހިމޭޝް ދިޔައީ އެއްލިގެންނެވެ. ހައިރާންވެ އަންތަރީސްވެ ތިބިހާލު އެމީހާގެ މޫނަށް ކަޅިޖަހާނުލައި ބަލަން ތިބީ ބުޅާ މަސްގަނޑަށް ބަލަން ތިބިފަދަ ބީދައަކުންނެވެ.
“ދަރިފުޅާ ކިހިނެއްވީ!” ދެބައި އުމުރުގެ އެ އަންހެން މީހާ މަޑުހިނގުމެއްގައި އައިސް އޯގާތެރިކަމާއެކު ނަޖުމާއަށް ސުވާލުކޮށްލި އެވެ.
“މަންމާ ޝަމް… ޝަމް އަހަރެން އެވާހަކަތައް ކިޔައިދިނުމުންވެސް… ކިޔައިދިނުމުންވެސް ޤަބޫލެއް ނުކުރި… އެހެންވެ” ނަޖުމާ މަޑުމަޑުން އެމީހާ، ހައްވަ އަށް ބަލާލަމުން އައިޝަމްގެ މޫނަށް ނަޒަރު ހުއްޓާލި އެވެ.
“އެ ތެދެއް! ދަރިފުޅާ މިހާރު ޤަބޫލު ކުރެވިއްޖެތަ! ދަރިފުޅާ މަންމަ އެދެއްކީ ތެދުވާހަކަތަކެއް! ދެން ދަރިފުޅު… ދަރިފުޅު… އާދޭ މާމަ ކައިރިއަށް އާދޭ… މާމަ މިހާ ދުވަސްވަންދެން އިންތިޒާރުކުރަމުން އައި ދުވަހަކީ މީ… މިހުރިހާ ކަމެއް ދަރިފުޅަށް އެނގި ދަރިފުޅުގެ ފަރާތުން މާމަމެންގެ އާއިލާއަށް އުފާވެރިކަން ލިބޭނެ ދުވަސް…” ހައްވަ މަޑުމަޑުން ތެދުވެލަމުން ދެ އަތް ހުޅުވާލަމުން އައިޝަމް އަށް އެދުނެވެ.
ބޭއިޚްތިޔާރުގައި އައިޝަމް ތެދުވެލި އެވެ. އަވަސް އަވަހަށް އައިސް ހައްވަގެ ގައިގާ އޮޅުލައިގަންނަމުން ޝަކުވާ ކުރަން ފެށިއެވެ.
“މާމަ ކީއްވެތަ އަހަންނާ… އަހަންނަށް ފިލައިގެން… ކޮބައިތަ ބައްޕަ… ބައްޕަ އަހަންނަށް ފެންނާނީ ކިހިނެއް ކިހިނެއް ހަދައިގެންތަ… ކީއްވެތަ ބައްޕައަށް ބައްޕައަށް އިންސާނުންގެ ތެރޭގައި ނޫޅެވެންވީ… ކީއްވެތަ؟ ކޮބައިތަ ދުޝްމަނުންނަކީ؟ ކޮންބައެއްގެ ނުފޫޒުތަ ބައްޕަގެ މައްޗަށް…” އައިޝަމް ހައްވަގެ ގައިގައި އޮޅުލައިގަނެ އޮވެ ޝަކުވާގެ ރާގުގައި ސުވާލުތައް އަމުނާލި އެވެ.
“އެންމެ ސަބަބެއް…” ހައްވަ ހުއްޓާލީ ނަޖުމާގެ އިޝާރާތެއް ވުމުންނެވެ.
“އެއީ ކޮން؟” އައިޝަމް އިސްއުފުލައިލަމުން ސުވާލުކޮށްލި އެވެ. އައިޝަމް ވެސް ހައިރާންކަމާއެކު ނަޖުމާގެ މޫނަށް ބަލައިލި އެވެ.
“ސުނާމީ ބިނާ… ފަހުން އެ ވާހަކަތައް ދަރިފުޅަށް މަންމަ ކިޔައިދޭނަށް…” ނަޖުމާ ފުންނޭވާއެއް ލަމުން ހަމަޖެހިލި އެވެ.
އެތަކެއް ދުވަހަކު ފޮރުވައިގެން ގެންގުޅުނު ބޮޑު ސިއްރެއް އަމާނާތްތެރިކަމާއެކު އޭގެ ޙައްޤުވެރިޔާއަށް ފޯރުކޮށްދެވުމުން ލިބުނު ހިތްހަމަ ޖެހުމާއެކު ގައެވެ.
***
އައިރީން މަޑުމަޑުން ދެލޯ ހުޅުވާލި އެވެ. އޭރުވެސް އަނގޮޓިން ކެނޑެމުންދާ ރެނދަންތައް ސުނާމީ ބިނާއާ ގުޅިފައި ހުއްޓެވެ. އެކަމަކު އެ އަޑުތަކާއި އެ މަންޒަރުތައް ދިޔައީ ހިނދެމުން ކުލަ ފަނޑުވަމުންނެވެ. އައިރީންނަށް ހިސާބަކަށް ސިހުންލިބުނަސް އޭނާ އެކަމެއް ނުދައްކަ އެވެ. ހީވަނީ މާކުރިން އެކަމަށް ތައްޔާރުވެފައި ވާހެންނެވެ. އައިޝަމް މަޑުމަޑުން އައިރީންގެ ގައިގާ ބައްދާލި އެވެ. އެ ރީތި މޫނުގައި ބޮސްދެމުން ލޯތްބާއި އޯގާތެރިކަމާއެކުގަ އެވެ. އައިރީން ވެސް އައިޝަމްގެ ހަރަކާތްތަކަށް މަރުޙަބާ ކިޔަމުން ދިޔައީ އުފަލާ އެކުގަ އެވެ.
“ސޮރީ މާ ބޮޑަށް ދެވުނީ… ދެން ނުކުރާނަން” އައިޝަމް ކުއްލިއަކަށް ހިމޭންވެލި އެވެ. ބޮލުގައި އަތްފިރުމާލަމުން ތުންފަތް ފޮހެލިއެވެ.
“އިޓްސް އޯކޭ… އަހަރެންވެސް ބޭނުންވެގެން ދޯ” އައިރީން ހިނިތުންވެލި އެވެ.
“ޝަމް އަހަރެން… އަހަރެން ވަރަށް ހިތްވަރު ކުރާނަން ޝަމް ބޭނުންވާ ކަހަލަ މީހަކަށް ވެވޭތޯ ވަރަށް މަސައްކަތް ކުރާނަން. އަހަރެން ބޭނުމީ ޝަމްގެ ލޯބި” އައިރީން ހިތް ހަމަޖެހިލަމުން އައިޝަމްގެ މޭގައި ތަތްވެލި އެވެ.
“އައި އަށް އަދި ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިވާނެ… ހަނދާންކޮށް މި އަގޮނޓި ނުނަގާތި! އައި އަށް ތިޔަ އެނގުނީ އަދި ކުޑަމިންވަރެއް! ދެން މި ކަމުގަ ހުރިހާ ކަމެއް ދިމާވާނީ އައި އަށް! އެކަމަކު ފިނޑި ނުވާތި! މާޔޫސް ނުވާތި! ކެތްތެރިކަމާ އެކު ކުރިމަތިލާތި! ޖެހިލުންވުމަކީ ބަދުނަސީބެއް ކަން ހަދާންކުރާތި!” އައިޝަމް އައިރީން އަށް ވިސްނައިދީ ހިތްވަރު ދެމުން ދިޔައެވެ.
“އެންމެ ރަނގަޅު! ތިޔަ ލޯބީގެ ޙައްޤުގައި އަހަރެން ކޮންމެ ފަދަ ޤުރުބާނެއް ވާން ޖެހުނަސް އެކަމަކާ ކުރިމަތިލާނީ އުފަލާއެކު! އަހަރެންގެ އެންމެ ފަހުގެ ނޭވައި ވެސް ދޫކޮށްލާނީ ޝަމްގެ ލޯބީގެ ޙައްޤުގައި! މިރޭ އަހަރެން ވަރަށް އުފާވެއްޖެ ޝަމްގެ ހިތް ފަތަޙަ ކުރެވުނީތީ! ތިޔަ ހިތުން އަހަންނަށް ޖާގައެއް ލިބުނީތީ! އަދި ތިޔަ ހިތުގެ ޞަފްޙާތަކުގެ އަޑު އިއްވައިދިނީތީ! މިހާރު ޤަބޫލުކުރަން ޝަމް ކުރިން ދެއްކީ ތެދުވާހަކަތަކެއްކަން” އައިރީން މަޑުމަޑުން އައިޝަމްގެ އަތްތިލައިގައި ބޮސްދިނެވެ.
“ދެން މި ޙަޔާތުގެ ކުރިއަށް ހުރި ކަންކަން ދިމާވާނީ އައި އަށް! އައި ވާނެ އަހަންނާ އެކު މި ކަމުގެ ކުޅިފަސް ހޯދަން! އަހަރެންގެ ލޯބީގެ ޙައްޤުގައި.. އަހަރެންގެ ބައްޕަ ހޯދައިދީ ގެއްލިފައިވާ އަހަރުމެންގެ އާއިލީ ލޯބި އަނބުރާ ގެނެސްދީ މަންމަގެ ހިނިތުންވުން ގެނުވައިދޭން! މިކަން ކުރެވޭނީ މި ދެފުރާނަ އެކުވެގެން! ރެޔާ ދުވާލު މި ލޯ އެދޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިގެން! އޭރުން އަހަރުންމެ ލޯ އެދޭ ހުރިހާ ހުވަފެނެއް ރެޔާއި ދުވާލު އަހަރުމެންގެ މައްޗަށް ތަކުރާރުވަމުންދާނެ! އޭރުން އުޑުގައި ދައުރާނާވަމުންފާ ވިލާތައްވެސް ކަލާގެ ނަން ފަވަމުން، ތިޔަ ނަމަށް ސަނާ ކިޔަމުންދާނެ!” އައިޝަމްގެ ފިރުމުންތަކުން އައިރީންގެ ޝަޚްޞަށް ހަމަޖެހުން ގެނުވަމުން ހިތްވަރު ދެމުން ދިޔައެވެ. އުފާވެރިކަމުގެ ބަގީޗާއިން ހިތްފުރަމުން ލޯބީގެ ގުލްޝަނުން މީރުކަން ހޯދަމުންދާ މުވާޠިނުންތަކެއް ފަދައިންނެވެ.
***
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. އައިރީން އޮތީ އެނދުގައި އޮށޯވެ ދެއަތަށް ފުރޮޅިލަ ފުރޮޅިލާ އެވެ. ދެ ފަހަރަކު ފޯނަށް ބަލާލަމުން އިންބޮކްސް ޗެކުކޮށްލި އެވެ. މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު އަރަމުން އެ އުފާވެރިކަން މުޅި މީހާގެ ޖިސްމަށް ކުރަމުން ދިޔަ އެވެ. ހީވާ ކަހަލަ އެވެ. އައިރީންގެ އުއްމީދީ ހުޅުކޮޅު އަބަދަށްޓަކައި ދިއްލުނީ އެވެ. އޭނާ އެތަކެއް ރޭރޭ ނުނިދާކުރަމުން އައި ފޮނި އިންތިޒާރުގެ ނިމުން ސަވާބެއްގެ ގޮތުގައި ޙަޤީޤަތަކަށްވީ އެވެ. ކޮޓަރީގެ ކުޑަދޮރު ތަކުން ބޭރުބަލާލުމަށް ހިތް ބޭނުންވަމުން ދިޔަ އެވެ. ފަސްބުރީގެ އެ ޢިމާރާތުގެ ކުޑަދޮރުން މާލެ ބަލައިލާއިރު ފެންނަނީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ވަށައިގެންވާ ކޮންކްރީޓް ޢިމާރާތްތަކުން ދިއްލިފައިވާ ފަނޑު އަލިކަމެވެ. ތަރިތަކުގެ ވިދުން ފަނޑުކޮށްލައިފައިވަނީ ޖައްވުތެރެއަށް ވިދުވާލެވިފައިވާ ރަތްކުލައި މަސްނޫޢީ ކުލަ އަލިކަމެވެ. މުޅި މާހައުލުން ފެންނަމުން ދިޔައީ ހިމޭން ކަމެވެ. ދުވަހުގެ ބުރަތަކަށް ފަހު އެންމެ ނިދާމަރުވެފައިވާ ކަހަލަ އެވެ. އައިރީން ބެލްކަނިން ބޭރަށް ނިކުމެލީ ޖައްވުގެ ހިތްގައިމުކަން ވަޒަންކޮށްލާށެވެ. އޭނާ އެހެން ރޭރޭ ފިކުރުބޮޑުވެ ނުނިދާ އޮތަސް މިރޭ އެ ކަންކަމާ ފިކުރު ކުރާކަށް ނުޖެހެ އެވެ. އެކަމަކު ނިދިނާންނަންވީ ސަބަބެއް ޚުދު އޭނާއަށް ނުވިސްނުނެވެ. ނިދީގެ ކަންފުޅެއް އެ ހިމަ ދެލޮލުން ފެންނާކަށް ނެތެވެ. އެހެނަސް އެމޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އުއްމީދުގެ އަލިކަމެވެ. އެ ކަމުގެ ކުލަވަރެވެ.
މަޑުމަޑުން ބެލްކަނީގެ ތެރެއަށް ނިކުމެލާ ޢިމާރާތާ އިންވެގެން އޮތް މަގުގެ ދެކޮޅަށް، ތިރިއަށް ނަޒަރު ހިންގައިލި އެވެ. ދުވާލުގެ ހަލަބޮލި ކަމުގައި ފުރިބާރުވެ ތޮއްޖެހިފައި އޮތް މަޖީދީ މަގުގައި މީހެއްގެ ހިލަމެއް ހުވަމެއް ނުވާތީ މަންޒަރު ފެންނަނީ ވަރަށް އަމާންކޮށްނެވެ. އެއްވެސް ހުރަހެއް ނެތި ކަނޑުން ފޮނުވަމުން ދިޔަ ވައިރޯޅިތައް އައިސް ޢިމާރާތްތަކުގައި އެޅުމުން އިވޭ މަޑުމޮޅި މިޔުޒިކު ފިޔަވައި އެހެން އަޑެއް އިވެނީ ހާލަކުން ފަހަރަކު އެވެ. މަޑުމަޑުން އައިރީންގެ އިސްތަށިގަނޑު ހާމަކޮށްލަމުން ވައިޖެހޭ ދިމާއަށް މޫނު ދިއްކޮށްލި އެވެ. ކުއްލިއަކަށް އައި ތެތްފިނި ވައިރޯޅިއަކުން މީހާ އެކުގައި ރޫރޫ އަޅުވާލި އެވެ. ފިނިވެ އަތްފައި ގަނޑުވާ ވަރުވި ކަހަލަ އެވެ. އެއާއެކު އިވުނު މަޑުމަޑު އަޑު ބާރުވަމުން ދިޔަ އެވެ. އައިރީން ހީކުރީ ޖެހިގެން ހުރި ޢިމާރާތުން ހުޅުވިފައިވާ ކުޑަދޮރުފަތެއް ވައިރޯޅީގެ ސަބަބުން ލެއްޕުނީ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ދުރުން އިވެމުން ދިޔަ އަޑު މަޑުމަޑުން ކައިރިވަމުން ދިޔަ އެވެ. ފަހަރަކަށްވުރެ ފަހަރެއް އަޑު ބާރުވަމުން ބާރުވަމުން ދިޔަ އެވެ. އެއާއެކު އޭނާއަށް ބަލައިލެވުނީ ޖެހިގެން ހުރި ހަތަރު ބުރީގެ ޢިމާރާތަށެވެ. އެ ޢިމާރާތުގެ ޓެރަސް މަތިން ފެނުނު އަދާޔާ ޚިލާފު މަންޒަރަށެވެ.
= ނުނިމޭ =