ބެރު ގުރޫޕާއެކު ބޮޑުބެރު ޖެހުމުގައި ނަގައިފައިވާ ފޮޓޯތައް ފެނުމުން ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތަށް ސަވާރުވި އެވެ. ހިމޭޝް އާއި އައިޝަމް ނަށަނިކޮށް ނަގައިފައިވާ ފޮޓޯ ފެނުމުންނެވެ. ކުރު ސޯޓަކާއެކު ހުސްގަޔާ ހުއްޓިހުރި ހިމޭޝްގެ ހަރަކާތްތައް ފެނުމުންނެވެ. ބަލައިބެލުމަށް ހީވަނީ މޮޔައެއް ހެންނެވެ. މީހާވަނީ ދާހިއްލާ ފޯވެފަ އެވެ. މޫނުމަތީގައި ހުރީ އެފަދަ އަލާމާތެކެވެ. ދޫ ވަނީ ދަތްދޮޅިއާހަމައަށް ތިރިއަށް ނެރެ އޫކޮށްފަ އެވެ. އަނގަވަނީ ތަންމިނަން ހުޅުވިފަ އެވެ. ދެއަތްވަނީ ލެނބެންހުރި ހުރިހާ ހުޅަކުން ލަނބާލެވި ބަޅުކޮށްލެވިފަ އެވެ. އިނގިލިތައް ވަނީ ބުޅިކޮށްލެވިފަ އެވެ. އައިޝަމްއަށް ބަލައިލެވުނީ ފޮޓޯގަނޑުގައިވާ އޭނާގެ ތަސްވީރަށެވެ. ހިމޭޝްއާއި ފޫޓެއްހައި ދުރުގައި ހުރި އޭނާގެ ތަސްވީރު ފެނުމުން ހިނިތުންވެވުނީ ބޭއިޚްތިޔާރުގަ އެވެ.
ޒާތެއްގެ ހަރަކާތްތަކެއް ބަލައިބެލުމަށް ފާހަގަ ކުރެވުނަސް، ނޫކުލައިގެ ޖީންސަކާއި ދޫ ޓީޝާޓެއް ލައިގެން ހުރި އޭނާގެ މޫނުމަތީގައިވަނީ މުޅިން ތަފާތު އަސަރުތަކެކެވެ. ޖަޒުބާތުގެ ވާރޭ ކަނިޖަހަޖަހާހުރި ކަމުގެ ނިޝާންތަކެވެ. މީހާގެ ހިއްސުތައް ފުރިހަމައަށް މަސައްކަތްކުރަން ފަށައިފައިވާ ކަމުގެ ކުލަވަރުތައް ތަސްވީރަށް ފުންކޮށް ބަލައިލުމުން ހާމަވަމުން ދިޔަ އެވެ. އައިޝަމްގެ ސަމާލުކަން ފޮޓޯގަނޑަށް އިތުރުވީ އެހެންވީމަ އެވެ. އޭނާއަށް އެ ވަގުތުކޮޅުގެތެރޭގައި އެކަހަލަ އިޙްސާސެއް ވެރިވި ހަނދާންނެއް ނުވާތީ އެވެ. ނަމަވެސް އޭނާއަށް ޔަޤީންވާކަމެއް އޮތެވެ. އެދުވަހަށް ފަހު އޭނާއަކީ މޮޅު ނެށުންތެރިއަކަށްވީ ކަމެވެ. އޭގެކުރިން ލަވައެއްގެ ތާލަށް އެއް ހަމަޔަށް ފައިހިއްލާލަން ނޭނގޭ އޭނާ ކުއްލިއަކަށް މަޝްހޫރު ނެށުންތެރިއަކަށް ވާންވީ އެއްވެސް ސަބަބެއް އޭނާގެ ސިކުނޑިއަށް މިއަދާހަމައަށް ނުވިސްނެ އެވެ. އޭނާގެ ޚިޔާލުގެ މިސްރާބު ދަތުރުގެ ހަނދާންތަކަށް ގަންބާލި މައިގަނޑު ސަބަބަކީވެސް އެއީ އެވެ. އައިޝަމްގެ ހަނދާނުގެ ދުރުމީގެ ލެންސް އަމާޒުވީ ދަތުރުގެ އުފާވެރި، އެ މަޖާނެގި ހަނދާންތަކަށެވެ. މަޑުމަޑުން ފޮޓޯ ގަނޑުން ފެންނަމުން ދިޔަ މަންޒަރުގެ ތެރެއަށް ސިކުނޑިގެބެމުން ދިޔައީ އިޚްތިޔާރުން ބޭރުގަ އެވެ.
މުޅި މާހައުލުގައި ގުގުމަމުން ދިޔައީ ބޮޑުބެރުގެ ބުން އަޑުތަކެވެ. އެއާއެއްވަރަށް ވަށައިގެންތިބި ލަވަކިޔުންތެރިންގެ ލަވައިގެ އަޑާއި އެއްވަރަށް އަތްޖަހާ ހޯބޯ ލަވާ އަޑުތައް ގުގުމަމުންދިޔަ އެވެ. އިވެމުންދިޔައީ ޒަމާނީ ބޮޑުބެރުގެ އަޑުތަކެވެ. ޒަމާންވީ ފަރިހީގެ ރާގަށް ތައްޔާރުކޮށްލެވިފައިވާ އަމިއްލަ ފަރިއްސެއްގެ އަޑުތަކެވެ.
“ސައި އަޑު ނުކިޔާ އެޖެހީ މަންތިރި
ހަނިގޮތަށް އަސް ސީދާވެ ބޮނދު ގޮޅި”
***** ******* ******
ބެރުގެ ބުންތަކާއި ފޮނައިގައި ހުރި ފަންވަރާ އެއްވަރަށް ޒުވާބު ކިޔަމުންދިޔަ ކުދިންނާއި ކުޅިބަލަމުން ނަށަމުން ދިޔަ ގުރޫޕުގަނޑުގެ މެދުގައި ހިމޭޝް ހުސްގަޔާ ހުރިތަން ފެނި އައިޝަމް ވެސް ލަވައިގެ ތާލަށް އަތްޖަހަމުން ދިޔަ އެވެ. ކައިރީގައި ފަރުޙާނާއި ހަނީފުގެ އިތުރުން ދެތިން ރަޙްމަތްތެރިންނާއި އެމީހުންގެ ރަޙްމަތްތެރިންގެ ރަޙްމަތްތެރިންނާއި ދެކެފަރިތަ މޫނުތައް ލަވައިގެ ފޯރީގައި ބައިވެރިވަމުން ދިޔަ އެވެ. ނަށަމުން ދިޔަ ލާނެތް ފުރައިގެ ސޮރެއް ގެންގުޅުނު ރުމާފަޅި ގެނެސް އައިޝަމްގެ މޫނަށް އެއްލުމުން، ވަށައިގެން ނަށަމުންދިޔަ އެންމެން އެކުގައި އައިޝަމްއާ ދިމާކޮށްލި އެވެ. ހިމޭޝް އާއި ދެތިން ސޮރުންވެގެން ވަށްބުރުގެ އެތެރެއަށް އޭނާ ދަމާގެނުވި އެވެ. މަޑުމަޑުން ބެރާއި ލަވައިގެ ތާލާ އެއްވަރަށް އޭނާއަށް ނެށެން ފެށުނީ ބޭއިޚްތިޔާރުގައި ކަމަށް އޭނާވެސް ޤަބޫލުކުރެ އެވެ. އައިޝަމްގެ ހަރަކާތްތައް އަވަސްވެފައި ހިމޭޝް އާއި ދެމީހުން ބަބުރު ލަވައިގައި ނަށާ އުޞޫލުން ކޯޅޭގޮތަށް ނެށުން ކުރިއަށް ދާންފެށުމުން ނަށަން ތިބި އެހެން ހުރިހާ ބައިވެރިން އެއްކައިރިވެލައި ލަވައަށް އިތުރަށް އަލިފާން އަޅަމުން ބެރުގެ އަޑުން މުޅިތަން ފަތަޙަކުރަމުން ދިޔަ އެވެ. ދުރުގައި މަންޒަރުބަލަން ތިބި އެންމެން ބެރުގެ ފޯރި ނަގަމުންދިޔަ ދޮންވެލި ތުނޑިއަށް، އެ ގުރޫޕުގެ ކައިރިން ޖަމާވަމުން ދިޔައީ ނަގަމުންދިޔަ ފޯރި ބަލައިލުމުގެ ނިޔަތުގައެވެ. އެންމެންގެ ދުލުން އައިޝަމްގެ ނެށުމަށް ތަޢުރީފުގެ ބަސްތައް އޮހެމުން އޭނާއަށް ހުޝާމަތު ކުރަމުން ދިޔަ އެވެ.
“ސީކޮށް މަ ހިޔެއް ނުކުރަން! ނޭނގެ ކުރިން އެއްގޮތަކަށް ވެސް! ހިމޭ ކަންނޭނގެ ޤަބޫލުކުރިޔަސް މި ކަން ޤަބޫލުކުރާނީ! އެއްކަލަ ދުވަހުގެ ހޮވި ސަންގު ކަހަލަ ހަމަ އެކުލައިގެ އެގޮތަށް އޮތް ސަންގެއް، އޭތި އޮތީ މިދިމާ ފަޅުތެރޭގަ ކަންނޭނގެ، އޭތި މަޑުމަޑުން ފިރުކެމުން ފިރުކެމުން އައިސް ދިޔަރެސް މައްޗަށް އަރަން ފެށުމުން އަހަރެންގެ ލޮލުގައި އަޅައިގަތީ! އެހެންވެ ވާނުވާ ބަލަން ބީޗުގަ ހަމަޖެހިލައިގެން އޮތީ! އޭރު މިތާ ކައިރީ ފަރޭމެންގެ ގުރޫޕުން ވޯޓަރ ބޯލް ކުޅެން އުޅުނު! އެ ގުރޫޕުން އެއްލި ބޯޅައެއް ސަންގުގެ ކުރިމައްޗަށް ޖެހުނުތަން ވެސް ފެނުނު! ބޯޅަ އޭތިގެ ކައިރިއަށް ދިޔުމުގެ ކުރިން އޭތި ދިޔަރެސް ހުރަސްކޮށް އެއްގަމާވީ ކޮޅަށް މިސްރާބު ޖެހި! އަހަރެން ހީކުރީ ބޯޅަ ބަލައި އައި ހަނިޗަށް އޭތި ފެންނާނެކަން އެގޮލައި ބޯޅަ ހިފައިގެން ދިޔަ ގޮތަށް ދިޔައީ، ހިޔެއް ނުވޭ ފެނުނުހެންނެއް!” އައިޝަމް އިނީ ކުޑަބަނޑޮހުގެ ހުޅަނގު ދެކުނު ފަރާތުގެ ގޮނޑުދޮށުގައިވާ ގަސްތަކުގެ ތެރޭގައި މޫދާ ދިމާއަށް ބަލަހައްޓައިގެން އެދުވަހު ދިމާވި އާދަޔާ ޚިލާފު ވާހަކަތައް ހިމޭޝް އަށް ހިއްސާކުރާށެވެ. އެމީހުންގެ ކުރިމަތިން މޫދުގައި އެމީހުންނާ އެކު ދަތުރު ގޮސްއުޅޭ ގުރޫޕުގަނޑު ސަކަރާތްޖެހުމާއި އެކިއެކި ކުޅިވަރު ކުޅުމުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
“ދެން! އޭތި މިހާރު ކޮބައި!” ހިމޭޝް ބޭނުންވީ ކަންވީގޮތް ސާފުކުރާށެވެ.
“އިހަށް ކެތްކޮށްބަލަ، ވީ ގޮތް މި ކިޔައިދެނީނު!”
“އޯކޭ! އަވަސް!” ހިމޭޝްގެ ކެތްތެރިކަން ކޮޅުން ލަމުންދިޔަ އެވެ.
“ދެންވީ ގޮތެއް ނޭނގުނު! ވަރަށް ސަމާލުވެ އޮއްވާ ފަރޭ ކޮންމެވެސް އެއްޗެއް ގެއްލިގެން އަހަރެންގެ ފަހަތުން އައިސް ގޮވާލުމުން ފަހަތް ބަލައިލެވުނީ! ފަރޭ ދިއުމުން ސަންގު ފެނޭތޯ ދެތިން ފަހަރަކު ބަލައިވެސް ލީން، ނުފެނުނީމަ އެ އެންމެފަހުން އޮތްތަނަށް ގޮސް ހޯދަންވެސް ހޯދިން! ނަސީބަކުން އޭތީގެ ހަރަކާތްތައް ބިންމަތީގައި ކުރެހިފައިހުރި! އެ މަގުން މަޑުމަޑުން އަހަރެން އެއްގަމަށް އެރިން! ހޭޅި ގަނޑާހަމައަށް ދެވެންދެން އޭގެ ފިޔަވަޅުތައް ހުރީ! ދެން ނެތް! އެހެންވެ މަޑުމަޑުން ހޭޅިގަނޑަށް މިސްރާބު ޖެހިއިރު ކަމަކުދާކަށްނެތް! ރީތި ރީތި ދޮން ބައްޓެއްފަދަ ފަތްމިންޏެއް! ހޭޅި ގަނޑުގެ ކައިރީ އިސްޖަހައިލައިގެން! އަހަރެންގެ ހިޔަނި ފެނުމުން އިސްއުފުލައިލާ ބަލައިލަމުން ހިނިތުންވެލީ! ދުވަހަކުވެސް….. ދުވަހަކުވެސް އެކަހަލަ އެވަރުގެ ރީތި، އެހާމެ ފުރިހަމަ މޫނެއް، އެކަހަލަ ޖާޒުބީ ބެލުމެއް، އެފަދަ ހިތްގައިމު ހިނިތުންވުމެއް، އެކަހަލަ ރަން ފަން އިސްތަށިގަނޑެއް އަހަރެން ނުދެކެން! އެމޫނު ފުރަތަމަ ފެންނަ އިރަށް ބުނެދޭން ނޭނގޭ އަސަރުތަކެއް އަހަންނަށް ކުރަންފެށި! އަހަރެންގެ… އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތް…” އައިޝަމްގެ މޫނުމަތިން އުފާވެރިކަމުގެ އަސަރުތައް ފާޅުވަމުން އެކަމަށް ލޮނުހެޔޮވަރުކުރަމުން ދިޔައީ އޭނާގެ ނަފުސަށް ލިބިފައިވާ ހަމަ ޖެހުމެވެ.
“އޯ ޔާރު! ލަވް އެޓް ފަސްޓް ސައިޓްތަ! ހެއް ހެއް! ފިކްޝަނަލް ސްޓޯރީއެއްތަ! ނޫނީ ހިންދީ ޑްރާމާއެއްތަ! ފަންމިނި އެ ކޮން އެއްޗެއް؟ ހައްހައް! މިހާރު ތިބެނީ އާޓިފިޝަލް ފަތްމިނިން! ނޫނޭ! އާޓިފިޝަލް ކުލަމިނިން!” ހިމޭޝް ޖޯކު ޖަހައިލީ އައިޝަމް ހަދަހަދައިގެން ވާހަކަ ދައްކާކަމަށް ހީކޮށެވެ.
“ހިމޭ ޕްލީޒް ޤަބޫލުކޮށްބަލަ!”
“ކިހިނެއް! ކޮބައި ހެކި! ކޮބައި އެމަންޖެ! ކޮންތާކަށް އޭނާ ވަނީ!” ހިމޭޝް ބޭނުންވީ އެއީ ހިނގައިދިޔަ ކަމެއްކަން ޤަބޫލުކުރެވޭ ވަރުގެ ހެކިތައް އައިޝަމްގެ ފަރާތުން ހޯދާށެވެ. ހިމޭޝްގެ ޖުމުލަތައް ނުނިމެނީސް އައިޝަމް ލައިގެން އިން ޕޮކެޓް ފަޓުލޫނުގެ ބޭރު ޖީބަށް އަތްކޮށްޕާލަމުން އެއްޗެއް ނަގާ ހިމޭޝްއަށް ދިއްކޮށްލި އެވެ. ސުނާމީ ބިނާ ކައިރިން އޭނާ ހޮވި ކަހަލަ، އެ ބައްޓަމަށް އޮތް ސަންގެކެވެ. ހަމަ އެކުލަ އެވެ. އެ ނިޝާންތައް ހުރިތަންތަނުގައި އެފަދަ ނިޝާންތަކެއް ފެވިފައި ހުއްޓެވެ.
“އޯހް! ހަމަ އެ ސަންގުތަ! ހަމަ އެކުލައިގެ ސަންގެއްދޯ!”
“ހިމޭ އަހަރެން އަހަރެން….” އައިޝަމް އާގަންނަގޮތްވުމުން ހުއްޓާލި އެވެ. ކުޑަކޮށް ކަރުކެހިލަމުން ހިމޭޝް އަށް އޮޅުވައިލެވޭތޯ މަސައްކަތްކޮށްލި އެވެ.
“ކިހިނެއްވީ؟ އެމަންޖެ ކީކޭ ބުނީ؟ ވާހަކަ ދެއްކިންތަ؟” ސުވާލަކަށްފަހު ސުވާލަކުން ހިމޭޝް ބޭނުންވީ ކަންވީގޮތް ސާފުކޮށް އޮޅުންފިލުވާށެވެ.
“އޭނާ ދިއްކޮށްލީ ތި ސަންގު! އަހަންނަށް ފާހަގަކުރެވުނީ އޭނަގެ މޫނުމަތިން ހިތާމައިގެ ކުލަވަރު، ދެމިޔަކަނުން ހަނދު އޮއްސިފައިވާކަމުގެ ނިޝާންތަކެއް! އަހަންނާ ދިމާއަށް އޭނަ ބަލަހައްޓައިގެން ހުރިގޮތުން ވާހަކަތަކެއް ކިޔައިދޭން ބޭނުންވާ ކަމުގެ ހެކިތައް ހާމަކަން ބޮޑުގޮތެއްގަ ފާހަގަވި!”
“ދެން ނާހަންތަ؟” ހިމޭޝް ސީރިއަސްވެވޭތޯ މަސައްކަތްކުރަމުން ހަމަޖެހިލި އެވެ.
“އަހަރެން ނަން ބުނެލާ އަމިއްލައަށް ތަޢާރަފުވީން! ސަލާމަތް އަތްދިއްކޮށްލަމުން އޭނާވެސް ތަޢާރަފުވި،”މިކާޝް” އަދި ލޯބިން ކިޔަނީ “މިޝް” ކަމަށް ބުނެދިން، އަހަރެން ކޮންމެވެސް ތަނަކުން އަޑު އެހި ނަމެއް ހެން ހީވި މާބޮޑަށް ހަނދާނެއް ނުވި އެހެންވެ އަޅާނުލަން… އޭނާގެ އަތުގައި އަތްޖެހި ސަލާމް ކޮށްލި ވަގުތު ބުނެދޭން ނޭނގޭ ގޮތްތަކެއް ވާންފެށި! އެއްކަލަ ދުވަހު މޫދުގައި އުޅެނިކޮށް ފައިގަ ނިޝާންތައް ހަރުވި ގަޑީ ކުރެވުނު ކަހަލަ އާދަޔާ ޚިލާފު ގޮތްތަކެއް ވާންފެށީ! މުޅިމީހާގެ ވަށައިގެން ފާޑެއްގެ ހިމުން ބާރު އަޑުތަކެއް އިވެމުން، ހޮޅިއެއްގެ ތެރެއިންލާފައި ބާރު ދުވެއްޔެއްގައި ދުރު ރާސްތާއަކަށް ދަތުރުކުރެވެމުން ދިޔަހެން ހީވަނީ! ގަސްގަހުގެ ކުލައާއި މާހައުލު ފެންނަނީ ފެހިކުލައިން އެއްކުލަވެފަ ހުއްޓާ! އެއްވެސް ތަނެއް ވަކިވާވަރެއް ނުވި! ހިމުން އަދި ބާރު ހުދުކުލައިގެ އަލިތަކަކާއެކު އަހަރެންވެސް ހަލުވި ދުވެއްޔެއްގައި ދަމާ ގެންދާކަހަލަ ގޮތެއްވާންފެށީ! އެއްވެސް އެއްޗެއް ބުނާނެ ފުރުޞަތެއް ނުލިބުނު! ދެންވީ ގޮތެއް އެއްގޮތަކަށްވެސް ނޭނގުނު!” އައިޝަމްގެ މޫނުމަތިން އަބުއިކަމުގެ ނިޝާންތައް ހާމަވަމުން ދިޔައެވެ.
“ދެން!” ހިމޭޝް ބޭނުންވީ ސާފުކޮށް ކަންވީގޮތް އޮޅުންފިލުވާށެވެ.
“ދެންވީގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނު! އަހަރެން ލޯހުޅުވުނު އިރު އަހަރެން އޮތީ މިޝްގެ އުނގުތެރޭ! މަޑުމަޑުން ދެލޯ ހުޅުވާ ބަލައިލީން މިޝް އޯގާތެރިކަމާއެކު މަޑުމަޑުން ފިރުމަމުން އަހަރެންގެ އިސްތަށިގަނޑުގައި އިނގިލިން ފުނާއަޅަމުން އިސްތަށިގަނޑު ފުރާނަމުން ދިޔަ! އެފިރުމުންތަކުން އަހަރެންގެ ހިތް އޭނާގެ މައްޗަށް ލެނބެމުން، ދިޔަ!” އައިޝަމް ކަންވީގޮތް މަޑުމަޑުން ކިޔައިދެމުން ތަފުސީލުކުރަމުން ދިޔައެވެ. ހިމޭޝް ވެސް މަންޒަރުގެތެރެއަށް ގެނބެމުން އައިޝަމްގެ ވާހަކައިގެ ތެރޭ ފީނަމުންދިޔައީ ހިމޭންކަމާއި މަޑުމައިތިރިކަމާއެކު ބަސްއަހަން އިން ތުއްތު ކުއްޖެއް ފަދައިންނެވެ.
“މިޝް ކިހިނެއް؟ އަހަންނަށް ކީއްވީ؟” އައިޝަމްގެ އަޑުމަޑުވެފައި އޯގާތެރި އެވެ.
“އެއްވެސް ކަމެއް ނުވޭ! ޝަމް އަނބުރައިގަތީ! އަހަރެން ކުރަންވީ ސުވާލު ޝަމް ތި ކުރީ!” މިކާޝް މަޑުމައިތިރިކަމާ އޯގާތެރިކަމާއެކު އެނާގެ ހަރަކާތްތައް ތަކުރާރުކުރަމުން ވާހަކަދައްކަން ފެށި އެވެ.
“މީ ކޮންތަނެއް؟ ކިހިނެއް؟ އަހަރެން ކޮންތާކު…؟” އައިޝަމް ވަށައިގެން ހޯދާލަމުން މިކާޝްގެ އުނގުން ތެދުވެ ކޮޅަށް ތެދުވަމުން ސުވާލުތަކުން ފުރިގެންވާ ރާގެއްގައި ސުވާލަކަށްފަހު ސުވާލެއް ތަކުރާރުކުރަމުން ދިޔައީ ވީނުވީ އެއް ނޭގުމުންނެވެ.
“އަހަރެން ޝަމް މިތަނަށް ގެނައީ! މީ އަހަރުމެންގެ ރަށް! ޝަމް އަނބުރައިގަތީމަ! ހާސްނުވޭ މިތަނުން އެއްވެސް ނުރައްކަލެއް ޝަމްއަށް ކުރިމަތި ނުވާނެ!” މިކާޝްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. އޭނާ ހުރީ ހަމަޖެހިލައިގެން އައިޝަމްގެ މޫނަށް ބަލާށެވެ. އެތޫނު ނަޒަރުގެ ސަބަބުން އައިޝަމްގެ މުޅި ޝަޚްޞް ކަތިލަމުންދާ ކަހަލަ އެވެ. އައިޝަމް މިކާޝްއާ ހަތަރުކަޅި ހަމަކޮށްލި ވަގުތު ބުނެދޭން ނޭގޭފަދަ ބާރަކުން މިކާޝްއާ ދިމާއަށް ދަމައިގެންދިޔަ ކަހަލަ އެވެ. މުޅިމީހާގެ ނަފުސުން އަމިއްލަ ބާރުވެރިކަން ނެތި މީހާގެ ބާރުވެރިކަން މިކާޝް ކޮންޓްރޯލް ކުރަމުންދިޔަ ކަހަލަ އެވެ.
“ޕްލީޒް ތިވަރަށް ނުބަލަބަ! އަހަރެން މޮޔަވެދާނެ!” މިކާޝް ވައިއަޑުން އައިޝަމްއަށް މުޚާތަބުކުރަމުން އައިޝަމްގެ ކޯތާފަތުގައި ފިރުމާލި އެވެ.
“ތިޔަ ދެލޮލުން އަހަރެން މަސްތުކޮށްފި! ތިޔަ ފުން ބެލުމުން އަހަރެން ދީވާނާވެއްޖެ! ތިޔައީ ސިހުރެއްފަދަ މަސްތީބެލުމެއް! އަހަރެން ތިޔަ ސިހުރުން ފަނާކޮށްލައިފި!” އައިޝަމްގެ އަޑުގައި ޖަޒުބާތީ ރާޅުބާނިތައް ދައުރާނާވަމުން އެކަން ހިނދުންހިނދަށް ގަދަވަމުން ދިޔަ އެވެ.
“ތިޔަ ލޯތްބަށް އެދި މިހިތް ތެޅެމުންދާކަން ކަލާއަށް ނޭގެނީތަ؟ މިހިތް ދީވާނާވެފައިވާ ވަރު ކަލާއަށް ވަޒަން ނުކުރެވެނީތަ؟ ކަލާގެ ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތް ކަލާއަށް އެދެންފެށި! އަހަރެން ކަލާގެ މިލްކަކަށް ހަދައިދޭނަންތަ!” މިކާޝް ވެސް އައިޝަމްގެ ޖާދޫގައި ރަނގަޅަށް ޖެހި ހައްޔަރުވި ކަހަލަ އެވެ. އައިޝަމްގެ ކޮންމެ ހަރަކާތަކަށް މިކާޝް ލެނބެމުންދިޔައީ ހިތުން ރުހުމުން އެކަމަށް އެދި އެދި ހުރި ހާލުގަ އެވެ.
“މީ ކަލާގެ މިލްކެއް! މީ ކަލާގެ ޙައްޤެއް! ކަލާގެ ފުން ދެ ލޮލުން އަހަރެންގެ ޖިސްމު ކަތިލައިފި! ކަލާގެ މަސްތުގައި އަހަރެން ދީވާނާ ކުރުވައިފި!” އައިޝަމް މަޑުމަޑުން މިކާޝްގެ ކޮލުގައި ހިފައި ގާތްކޮށްލި އެވެ.
“އޯޙް! މިއަދު އަހަރެން ވަރަށް އުފާވެއްޖެ! ވަރަށް ހިތްހަމަ ޖެހިއްޖެ! ބުނެދޭން ނޭގޭހާ އުފާ އަހަންނަށް ލިބިއްޖެ!” މިކާޝް އައިޝަމްގެ މޭގައި ބޯއަޅައިގެން އޮވެ މަޑުމަޑުން ކުރިއަށްގެން ދިޔަ އެވެ.
“މީ ޓޫ! ވަރަށް އުފާވެރި ދުވަހެއްދޯ! އަހަރެން އެންމެ އުފާވަނީ މިޝް ކަހަލަ ރީތި ކުއްޖެއް އަހަންނަށް ލިބުނީތީ!” އައިޝަމްގެ މިސްރާބު ހުރީ އެހެން ދިމާއަކަށެވެ.
“ޝަމް ވެސް ވަރަށް ރީތި! އަހަރެން ބޭނުން ހުރިހާ ސިފައެއް ޝަމްގެ އެބަހުރި!”
“ދެން ބުނެދީބަ! މިޝް ތީ ކޮންރަށެއްގެ ކުއްޖެއް! އަހަރެން ދުވަހަކުވެސް މިޝް އެއް ނުދެކެން! އަހަންނަށް ޔަޤީން މާލޭގަ ތިހާ ރީތިކުދިން ނޫޅޭނެ!”
“އަހަރެން ހައްދަނީތަ؟”
“ނޫނޭ! ހަމަ ސީކޮށް! މިޝް ވަރަށް ރީތި! ތިޔަ ފުން ދެލޯ… ޖަންބެއްފަދަ ނިޔަނެތި ކޯތާފަތް… ދެން ބުނެބަލަ ކޮންރަށެއްތަ؟”
“އަސްލު ރަށެއް ނޭނގެ! އަހަރެން އުޅެނީ މާލޭގަ! މަންމަމެން ބުނާ ގޮތުން އަހަންނަކީ އެމީހުންގެ ދަރިއެއް ނޫން! އެމީހުން ދަރިފުޅު ނިޔާވީމަ، އެކަމާ ހިތާމަކޮށްކޮށް މަންމަ އެޑްމިޓްކޮށް ވަރަށް ބަލިވިކަން ރައްޓެއްސަކަށް އެނގުމުން، ޔަތީމެއްގެ ގޮތުގަ އަހަރެން މަންމައަށް ދިނީ މަންމަގެ ވަރަށް ގާތް ރައްޓެއްސެކޭ ބުނީ! އެކަމަކު މަންމަޔާ ބައްޕަޔާ ވަރަށް ހެޔޮ ވަރަށް އޯގާތެރި! އެއީ އަހަރެންގެ އަސްލު މައިބަފައިން ނޫންހެން ހީވެސްނުވޭ! އެހައިވެސް އޯގާތެރި”
“އޭނ! މިޝްގެ ބައްޕަ…! ބައްޕަ ނެތީތަ!” އައިޝަމް ހައިރާންކަން އިންތިހާއަށް ދިޔަ އެވެ.
“ނޫން! ބައްޕަހުރޭ! އެކަމަކު ދިމާވި ހާދިސާއެއްގަ އަހަރެން ބައްޕަ ވަނީ ގެއްލިފަ! ބައެއް މީހުން ބުނޭ އަހަންނަކީ އިންސާނެއް ނޫނޭ ވެސް! އެކަމަކު ކިހިނެއް އެހެންވާނީ!”
“އޭނ! ކީއްވެ އެހެން ކިޔަންވީ!”
“ނޭނގެ! ދުވަހަކުވެސް އަހަރެން ކުރަން ބޭނުން ކަމެއް ނުވެފަ އެއް ނެތް! އަހަރެން ބޭނުން ކޮންމެ ކަމެއް އަހަންނަށް ވާނެ! ދެން…!”
“ދެން!” އައިޝަމް ދެލޯބޮޑުކޮށްލަމުން އިށީނދެލި އެވެ.
“އަހަންނަކީ ސުޕަނެޗްރަލް ޕަވަރ ލިބިފައި ހުންނަ މީހެއް! ބަލައިބަ! ފައިތިލަ! މިހިރި ލަކުނުތައް!” މިކާޝްގެ ފައިގަ ކުޑަކަޅުވާގައި އުފުލިފައިވާ ނިޝާންތައް ދައްކާލި އެވެ.
އައިޝަމްގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. ބޭއިޚްތިޔާރުގައި އޭނާ އަށް ކޮޅަށް ތެދުވެ ވެވުނީ އެހެންވީމަ އެވެ. މީހާ ބިރުން ތުރުތުރުލާން ފެށި ކަހަލަ އެވެ.
“ޝަމް ހަމަ ޖެހިބަލަ! އަހަންނަށް އެނގޭ ޝަމްގެ ފައިގަވެސް މިކަހަލަ ދެ ލަކުނު އިން ކަން! ހާސް ނުވެބަލަ އަހަރެން މިއަދު ޝަމް އަށް މިވާހަކަތައް ކިޔައިދޭނަމޭ!” މިކާޝް އައިޝަމްގެ ފުރަގަހުންގޮސް އޭނާގެ ގައިގައި ބައްދާލި އެވެ.
=ނުނިމޭ=