Banner Image Description

ދެފުރާނަ އެކުވެފައިވާ (22 ވަނަ ބައި)

ފަތުޙުﷲ އަޙުމަދު ރަޝީދު

“ހެއި ލަވިން ސުނާމީ… ކޮން ފިކުރެއްގަ! އެނގޭ އިންތިޒާރުގައި ކަން!” އައިޝަމް ސިހިފައި ފަހަތް ބަލައިލީ މިކާޝްގެ އަޑު އިވުމުން ނެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އެހެނަސް އަޑުއައީ ފަހަތުންނެވެ. އައިޝަމް ވަށައިގެން ހޯދައިލީ ވެސް އެހެންވީމަ އެވެ.

“މަތި ބަލައިބަ!” މަޑުމަޑުން އިސްއުފުލާ ސުނާމީ ބިނާގެ ދަގަނޑު ބޯޅަތަކަށް ނަޒަރު ހުއްޓައިލި އެވެ. މިކާޝް އިށީނދެލައިގެން އިނީ އެއިން ބޯޅައެއްގަ އެވެ. ދެފައި ތިރިއަށް އެލުވައިލައިގެން ފައިން އުނދޯލި ހެއްލަމުންނެވެ.

“ކިހިނެއް ތިތަނަށް އަރައި ތި އިނީ! ވެއްޓިދާނެއްނު!” އައިޝަމް ދެއަތް މައްޗަށް ދިއްކޮށްލި އެވެ.

“އާދޭ ޝަމް ވެސް މި ތަނަށް! މިކާޝް ހިނިތުންވެލި އެވެ.

“އަހަރެން ކިހިނެއް! ކޮޕުންނަށް ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ! މާދަމާ ނޫސްތަކުގެ ފަލަ ސުރުޙީތަކަށް އަރާނެ!” އައިޝަމް ދެކޮޅު ހެދި އެވެ.

“އަހަރެން ބުނާގޮތެއް ހަދައިބަ! އޭރުން އެއްވެސް ކަމެއް ނުވާނެ!”

އާއެކޭ ބުނުމުގެ ގޮތުން އައިޝަމް ބޯޖަހައިލި އެވެ.

“ލޯ މަރައިފަ ދެއަތް ތިރިއަށް ހުޅުވައިލާ! ހުދުހަން ބިންގަނޑާ ދިމާއަށް ވާގޮތަށް! ދެން ދާން ބޭނުންވާތަން ހިތުލަމުން ކަކުލުން ހަރަކާތްކޮށް ކުޑަކޮށް ފުންމާލާ ގޮތް ހަދައިލަ! އޭރުން އޯކޭ ވާނެ!” މިކާޝް ބޯޅައިގެ މަތީގައި ބަނޑުޖަހައިލަމުން ކަންކުރަންވީ ގޮތް އައިޝަމް އަށް ކިޔައިދިނެވެ. އައިޝަމް ވެސް ބޭނުންވީ އަޖުމަ ބަލައިލާށެވެ. ކަމެއް ވޭތޯ އެވެ. އޭނާ ދެލޯ މަރައިލީ އެކަން ވާނެކަމުގެ އެއްވެސް އުއްމީދެއް އޮވެގެންނެއް ނޫނެވެ. ދެލޯ މަރައިލަމުން ދެ އަތުގެ ބަނޑުފުށް ހާމަވާނެހެން ބިމާ ދިމާކޮށްލި އެވެ. ކަކުލަށް ގެނައި ހަރަކާތާއެކު މަޑުމަޑުން މައްޗަށް އަރާކަހަލަ ގޮތަކަށް ކުރު ހަރަކާތެއް ގެނަ އެވެ. އެއާއެކު އޭނާގެ އަތުގެ ބަނޑުފުށުން ޒާތެއްގެ ހުދު ނޫ އަލިކަމެއް ނުކުތެވެ. މައްޗަށް އަރަމުން ދިޔަދިޔަހެން އަލިކަން ފަނޑުވަމުން ދިޔަ އެވެ. އެހެނަސް މީހާ ވަށައިގެން ޒާތެއްގެ ނޫއަލި ކަމަކުން ދިއްލިފައިވެ އެވެ. ހަށިގަނޑަށް ވައިގެ ތެތްކަމުގެ އަސަރު ކުރަމުން ދިޔުމުން އޭނާއަށް ލޯހުޅުވައިލެވުނީ ބޭއިޚްތިޔާރުގަ އެވެ. މަޑުމަޑުން ތިރި ބަލައިލި އިރު މާލެ އޮތީ އޭނާގެ ފައިގެ ތިރިން ކުޑަކުޑަ ދަނޑެއް ވަރަށް ކުޑަވެފަ އެވެ. ކުލަ ބޮކިތަކުން ދިއްލާ އަޅައިފަ އެވެ. އައިޝަމް ބިރު ގަތީ އެއްވެސް އެއްޗަކާ ނުލައި އޭނާ މައްޗަށް އަރަމުންދާތީ އެވެ. މީހާ ބިރުން ތުރުތުރުލާން ފެށި އެވެ.

“ބިރު ނުގަނޭ! އަމިއްލައަށް ސްޕީޑް ދަށްކުރޭ! ސްޕީޑް ދަށްކުރަން އަތުގެ އިނގިލިތަކުން މަސައްކަތްކުރޭ! އަތް ބޮޑަށް ހުޅުވި ވަރަކަށް ބާރަށްދާނެ! މަޑުކުރަން ބޭނުންނަމަ މަޑުމަޑުން މުށްކަވާ!” މިކާޝް އޭނާގެ ކުރިމަތީ ވައިގެ ތެރޭގައި ހުރެ މައްޗަށް އަރަމުން އިރުޝާދު ދެމުން ދިޔަ އެވެ. އެއާއެކު އައިޝަމް މަޑުމަޑުން މުށްކަވާލި އެވެ. އެއާއެކު އޭނާ ވައިގެ ތެރޭގައި ހިފެހެއްޓުނެވެ.

“ތިރިއަށް ދާން ބޭނުން ނަމަ ދެ އަތުގެ ކުޑަވައި އިނގިލި ހުޅުވައިލާ! އެކި ފަރާތް ފަރާތަށް ދަތުރުކޮށް މިސްރާބު ބަދަލު ކުރަން ބޭނުންނަމަ ދެ އަތުގެ ޝަހާދަތް އިނގިލިން ކޮންޓްރޯލްކުރޭ! ހުރިހާ ކަމެއް ދަސްވެ އަމިއްލަ ގޮތްތައް އެނގެންދެން މި ގޮތްތައް ބޭނުންކުރޭ!” މިކާޝް ހީވަނީ ކިޔަވައިދޭ އެދުރުދައިތަ އެއްހެންނެވެ. އެހައިވެސް ސާފުކޮށް ކަންކުރަންވީ ގޮތް ހަރަކާތާއެކު ދައްކައިދެމުން ދިޔަ އެވެ. ވައިގެ ތެރޭގައި ކޮޅަށް ހުރެ އެވެ. އައިޝަމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލި އެވެ. މިކާޝްގެ އިރުޝާދަށް ތަބާވަމުން ހަރަކާތްތައް ބަދަލު ގެންނަމުން ދިޔަ އެވެ. އައިޝަމްގެ ފަހަތުން މިކާޝް ވެސް ދަތުރު ކުރަމުން ދިޔަ އެވެ. އިރުޝާދު ދެމުން ކަންކުރަންވީގޮތް ދައްކަމުންނެވެ. އައިޝަމް އާއި މިކާޝް ހީވަނީ މާލެ މަތީ އުދުހޭ ދެ މަތިންދާ ބޯޑު ހެންނެވެ. އެކި ދިމަދިމާއަށް ދަތުރުކުރަމުން އަޑުއަޑު ލައްވަމުން ދިޔަ އެވެ. އައިޝަމް އަށް ލިބިފައިވަނީ އާދަޔާ ޚިލާފު އުފަލެކެވެ. އިރުއިރުކޮޅާއި އުފަލުން ހަޅޭއްލަވައިލަ އެވެ. ބައިގަނޑިއެއްހާ އިރު އެކި ދިމަދިމާލުގައި އުދުހުމަށް ފަހު އައިޝަމް އާއި މިކާޝް އައިސް ތިރިކޮށްލީ ސުނާމީ ބިނާގެ އެންމެ މަތީ ބޯޅަ އަށެވެ.

“ވަރަށް ޓަޔަރޑް! ތޭންކްސް މިޝް! އައިމް ސޯ ލަކީ!” އައިޝަމް މިކާޝްގެ ގައިގާ ބައްދާލަމުން މޫނަށް ބޮސްދިނެވެ.

“ނޯ ތޭންކްސް! ކޯޒް އައި ލަވް ޔޫ އަ ލޮޓް!… ފަހުން މޫދުގެ ކަންތައް ދޯ! މިހާރު ޤަބޫލުކުރަންތަ ތީ އެހެން މީހުންނާ ތަފާތު މީހެއްކަން! ދެން އަމިއްލައަށް ތިޔަ ހުނަރު ބޭނުންކުރޭ! ހަނދާންކުރާތި ބާރުވެރިކަމެއް ލިބުނީމަ އެކަން ކުރަންވާނީ ހެޔޮގޮތުގަ! ބޭކާރު ގޮތުގަ ބޭނުމެއް ނެތްކަންކަމުގަ ބާރުބޭނުން ނުކުރާތި! މީހުންގެ ތެރޭގައި ހާމަކަން ބޮޑުގޮތެއްގަ ބާރު ބޭނުން ކުރަން ފަށައިފި ނަމަ އެހާ ހިސާބުން އެ ނިމުނީ! ދެން ވިސްނައިގެން އުޅޭތި! ހިނގައިދަމާ މިހާރު މާދަންވެއްޖެ، ޝަމްގެ މަންމަ އެބައިން އިންތިޒާރުގަ!” މިކާޝް ނަސޭހަތްދެމުން ކޮޅަށް ތެދުވެލި އެވެ.

“ޔަޕް ބޭބީ! މަވެސް ވިސްނާނެތާ ތިކަމަށްދޯ! ހިނގާ! ދެން ހިނގާނެ ކަމެއް ނެތެއްނު!” އައިޝަމްގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު އުފާވެރި ކަމެކެވެ. އައިޝަމް މިކާޝްއަށް ތަބާވަމުން ދިޔައީ ބަސްއަހާ ތުއްތު ކުއްޖަކު މަންމައަށް ކިޔަމަންވާ އުޞޫލުންނެވެ. އެހެންވެ، މިކާޝްގެ ޖުމުލަ ނުނިމެނީސް މަޑުމަޑުން ތެދުވެ  އައިޝަމް އާއި މިކާޝް ބޯޅައިގެ މަތިން ފުންމާލި އެވެ. ވައިގެ ތެރޭގައި އުދުހެމުންދާ މަތިންދާ ބޯޓެއް ފަދައިން ހޯރަ ދަމައިލައިގެން ނެވެ.

**** **** **** ****

މެންދަމުގެ ހިތްގައިމު ވަގުތެވެ. އިންސާނީ އާލަމުގައި ފަތުރާލެވިފައިވާ އަނދިރިކަމުގެ ރަޖާގަނޑުގެ ދަށުވެ މީސްތަކުން ތިބީ ހުވަފެނީ އާލަމެއްގައި މަސްތުވެފަ އެވެ. އެހެނަސް އައިޝަމް އިނީ ލެޕްޓޮޕު ހުޅުވައިގެން އިންޓަނެޓްގެ އަވާގައި ޖެހިފަ އެވެ. އޭނާގެ ވިސްނުމާއި ފިކުރުގެ އަމާޒު ހުރީ އެހެންޏާ ނުކުރާ ކަމެއް ކުރުމަށެވެ. ދުވަހަކުވެސް ނުވަންނަ އެތަކެއް ސައިޓުތަކުން އެކިއެކި ޓެބްތައް ހުޅުވަމުން ފަހަރަކު ޓެބެއް ބަލަމުން ދިޔަ އެވެ. އެކިއެކި ފަރުމާކުރުން ތަކާއި ހެދުން ޑިޒައިން ކުރާ ފަރާތްތަކުގެ މަޤްބޫލު ސައިޓްތަކެވެ. ހޮލީވުޑާއި ބޮލީވުޑްގެ މަޤްބޫލު ފިލްމީތަރިންގެ ފޭސް ބުކު އެކައުންޓްތަކެވެ. މަޤްބޫލު ސްޕަރނެޗްރަލް ކެރެކްޓަރސްތަކުގެ ފޮޓޯތަކަށް ފަރުވާތެރިވަމުން އެ ފޮޓޯތަކަށް ފުންކޮށް ވިސްނަމުން ދިޔަ އެވެ. ސްޕައިޑަރމޭނާއި ބެޓްމޭނެވެ. އަޔަންމޭންނާއި ސުޕަމޭން ފަދަ ތަފާތު މަޤްބޫލު ކަރެކްޓަރސްތަކުގެ ހެދުންތަކާއި އެމީހުންގެ ފޮޓޯތަކަށެވެ. ކަމުދާ އެއްވެސް ހެދުމެއް ނުފެނުމުން އަމިއްލަ އަށް ޑިޒައިނެއް ތައްޔާރުކުރުމަށް ނިންމައި ކުރަހަންފެށި އެވެ. އަމިއްލަ ހިތްބުނަމުން ދިޔަ މަންޒަރުތައް ކުރަހަމުން ކުލަޖައްސަމުން ދިޔަ އެވެ. އެކަމަށް ބޭނުންވާ ސޮފްޓްވެއަރ އެއްގެ އެހީގަ އެވެ. ހެދުން ފަރުމާކޮށް ނިންމާލުމަށް ފަހު އަމިއްލަ ފޮޓޯއެއް ނަގާ ތައްޔާރުކުރި ހެދުމާއި ގުޅޭތޯ ބަލާލުމަށް ފޮޓޯގައިވާ އޭނާގެ ތަސްވީރަށް ހެދުން ހެޔޮވަރުކޮށްލި އެވެ. މަޑުމަޑުން ބޯޖަހައިލުމަށްފަހު، ހެދުމުގެ ކުލަ ބަދަލުކޮށްލި އެވެ. ގެނެވުނު ބަދަލުން ހިތްހަމަޖެހޭކަން މޫނުމަތިން ހާމަވަމުން ދިޔަ އެވެ. ހިނިތުންވެލަމުން ބޯޖަހައިލެވުނީ އޭނާގެ ބޭއިޚްތިޔާރުގަ އެވެ.

ފޮޓޯއަށް ފަރުވާތެރިވެލި އެވެ. ގަދަ ނޫކުލައިން ފަރުމާކުރެވި ފައިވާ ރީތި ބައްޓަމަށް ފެތޭ ހެޔޮވަރު ހެދުމެކެވެ. މޫނުން ފެށިގެން މުޅި ހަށިގަނޑު ޑިޒައިން ކޮށްލެވިފައިވަނީ އެއް ހެދުމެއްގެ ގޮތުގަ އެވެ. ގަޔަށް ބާރުވުމުގެ ސަބަބުން އެރީތި ހަށިގަނޑުގެ ވަނާތައް ހަމާވީ ނަމަވެސް ބަލާބެލުމަށް ޗާލުވެފައި ނަލަކަމަށް ދައްކަ އެވެ. މޫނުމަތި ވަނީ ކުރެހުންތަކަކުން ޑިޒައިން ކޮށްލެވި ފަ އެވެ. އެއްވެސް ތަނަކުން މީހާގެ ހަމުގެ ކުލަ ފެންނާކަށް ނެތެވެ. ދެލޮލާއި ދިމާލުން ހުދުކުލައިގެ އެތެރެ ފެންނަ ޒާތުގެ ކަވަރެއް ލެވިފައިވެ އެވެ. ފޮޓޯގައިވާ ތަސްވީރުން ކަމެއް އުނިވާކަމަށް އައިޝަމްގެ ހިތް ބުނަމުން ދިޔަ އެވެ. އޭނާ ބޭނުންވީ ހެދުމުގެ މޭމަތީ މަރުކާއަކުން ފަޅުފިލުވާލާށެވެ. އެހެދުން ލުމުން އެހެން ނަމަކުން އޭނާއަށް މީހުން މުޚާތަބުކުރާނީ އޭރުންކަމަށް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔުމުގެ ސަބަބުންނެވެ. އޭނާއަށް ދޭނެ މަރުކާއަކާމެދު ފިކުރުކުރުމަށް ހަމަހިމޭންވެލި އެވެ. ތަފާތު އެކި ޚިޔާލުތައް އޭނާގެ ވަށައިގެން އެނބުރެމުން ސެނބުރެމުން ދިޔަ އެވެ. އެކި އެކި ނަން ނަން ލިޔަމުން ނޯޓުކުރަމުން ދިޔަ އެވެ. “I MAN”، “SHAM”، “I SH” ފަދަ ތަފާތު ނަންތަކެވެ.

އެއިން އެއްވެސް ނަމަކާ އެނާ ގަޔާވާގޮތެއް ނުވި އެވެ. އޭނާއަށް ލިބުނު ހުނަރުތަކާއި އެކަމުގެ ހިއްސާ އޭނާ އެންމެބޮޑަށް ދޭން ބޭނުންވަނީ އޭނާގެ ލޯބިވެރިޔާ އަށެވެ. އެހެންވެ އެނާއަށް ވިސްނުނީ އޭނާގެ ލޭބަލް ނުވަތަ މަރުކާއެއްގެ ގޮތުގައި މިކާޝް އާއި ގުޅޭ ކޮންމެވެސް ނަމެއް އިޚްތިޔާރު ކުރުމަށެވެ. އެންމެ ފަހުން، ގޮތެއް ނިންމި އެވެ. އެއީ އައިޝަމް ފަރުމާކުރި ހެދުމުގައި ޖަހާނެ ނަމެއްގެ ގޮތުގައި އަންޔަންކުރި އަކުރުތަކުން ލޯގޯއެއް ޑިޒައިންކޮށްލުމަށްފަހު ހެދުމާއި ގުޅޭތޯ ބަލައިލި އެވެ. ހެދުމުގެ ފަޅުކަން ފިލައިގޮސް އާދަޔާ ޚިލާފު ރީތިކަމެއް ހެދުމަށް ލިބިގެން ދިޔަ ކަމަށް އައިޝަމްއަށް ޤަބޫލު ކުރެވުނެވެ. އޭނާ ބޭނުންވަނީ އެ ހެންދުން ވީ އެންމެ އަވަހަށް ފެހުމަށެވެ. އެހެންވެ ފަރުމާކުރެވުނު ހެދުމުގެ ޕްރިންޓެއް ނެގުމަށް ފަހު ކޮޓަރީގެ ނޯޓިސް ބޯޑްގައި ހަރުކޮށްލާ ދެތިން ފަހަރަކު އެއަށް ބަލައިލި އެވެ. ހިތްހަމަޖެހިލަމުން ތުންފަތަށް ހިނިތުންވުމެއް ގެނުވަމުން ފާޚާނާއަށް ވަނެވެ.

= ނުނިމޭ =