Banner Image Description

ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ނުކޮށް، ކައުންސިލްތަކަށް ފާޑުކިޔަން ތިބެންވީބާ؟

މުޙައްމަދު އަކުރަމް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކައުންސިލްތަކުން އަހަރަކު ދެފަހަރު ރައްޔިތުންނާއި ބައްދަލުކޮށް ކަންކަމުގައި މަޝްވަރާ އަހަންޖެހެއެވެ. މީގެއިތުރުން ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކުރަންޖެހެއެވެ.

ޤަބޫލުކުރާންޖެހޭ ހަޤީގަތަކީ ލާމަރުކަޒީ ޤާނޫނާއި އެއްގޮތަށްހިންގަމުންދާ ކައުންސިލެއް އަދި އިހަވަންދޫއަށް ލިބިފައިނުވާކަމެވެ. އިހަވަންދޫ ކައުންސިލްގެ ތިންވަނަ ދައުރު ގުނަމުންދާއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާތައް ބޭއްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާތަނެއް ނުފެނެއެވެ. ސަބަބުތައްވެސް އެބަހުއްޓެވެ! ކުރީސަރުކާރުން ކުރިހާވެސްކަމަކީ ދެއިރު ދެދަޅަޔަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރުމެވެ. ކައުންސިލަރުން ސަސްޕެންޝަނުގައިތިއްބައި މިދިޔަ އަހަރު، ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްނަގައިގެން ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއެއް ބާއްވަން މަސައްކަތްކުރިއެވެ. ނަމަވެސް އެޖަލްސާ ކުރިޔަށްގެންދެވޭގޮތެއް ނުވިއެވެ.

މިއަދު މިވަނީ ހާލަތު ބަދަލުވެފައެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތުގެ މަތީން އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ކައުންސިލުން އެވަނީ ގޮވައިލާފައެވެ. މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި އިހަވަންދޫ ރައްވެހި ހިޔާގައި އޮންނަ ބައްދަލުވުމަށް ރައްޔިތުންނަށް އެވަނީ ދައުވަތު ދީފައެވެ.

މިއީ ރައްޔިތުންނަށް ކައުންސިލް ޖަވާބުދާރީ ކުރުމަށް ލިބޭ މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ. ވޯޓްދިނުމަކުން ރައްޔިތުންގެ މަސްއޫލިއްޔަތު ނިމުނީއެއްނޫނެވެ. ވޯޓަކުން ކައުސިލަރުންގެ ބޮލުގައި ރައްޔިތުންނާއި ރަށުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަޅުވާފަދައިން، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭ ކައުންސިލްތައް ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. ކައުންސިލަރުންގެ ޒިންމާއެކޭ އެއްގޮތަށް ރައްޔިތު މީހާގެ ޒިންމާ އަދާނުކުރާނަމަ ޒިންމާދާރު މުޖުތަމައެއް ބިނާކުރެވޭނެތޯއެވެ؟ ހިތާމަޔަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުން ފެންނަ ރައްޔިތުންގެ އަދަދު އިންތިހާއަށް މަދުކަމެވެ.

ރަށްހިންގާ ޖޯލިގަޔާއި ހޮޓާހޮޓަލާއި ކަންކަންމަތީ، ކައުންސިލަރުންކުރާ ކަންކަމުގެ ވާހަކަ ދައްކާ އެމީހުންގެ ކިބައިން ފެންނަ ގޯސް ކަންކަން ފާހަގަކޮށް ފާޑުކިޔުމަކީ ރަސްމީ ކަމަކަށް ނުވާއިރު، ރައްޔިތުންގެ ބައްދަލުވުމަށް ގޮސް ސީދާ ކައުންސިލަރުންނާއި ރަސްމީ ހައިސިއްޔަތުން ސުވާލުކުރުމުގެ ފުރުސަތު ލިބޭއިރު، އެ ފުރުސަތުގެ ބޭނުން ހިފަންނުޖެހޭ ސަބަބެއް އެބައޮތްތޯ އެވެ؟ އެފުރުސަތުގެ ބޭނުން ނުހިފައި ކައުންސިލަށް ފާޑުކިޔުމުގެ ހައްޤު އަޅުގަނޑުމެނަށް އެބައޮތްތޯއެވެ؟

ރައްޔިތު ބައްދަލުވުމަށްގޮސް، ރަށުން ގެވަޅު ދޫކުރުމުގެ ކަންތައް މަޑުޖެހިފައިވަނީ ކީއްވެތޯ ސުވާލުކުރަން ޖެހެއެވެ؟ ކައުންސިލަރުން އިންތިހާބުގައި ދެއްކި މެނިފެސްޓޯގެ ކަންކަން ކުރިޔަށްދާ ގޮތުގެ ތަފްސީލް ހޯދާންޖެހެއެވެ. ޕްރީސްކޫލް ވީރާނާ ވަމުންދާދިއުމުގައި ކައުންސިލަރުން ޖަވާބުދާރީ ކުރުވަން ޖެހެއެވެ. ހައްލުނުވެ އޮތް ކުނީގެ މައްސަލާގައި ކައުންސިލަރުން ހޫނުފެނަށް ލާންޖެހެއެވެ. މިހެން އެތައް އެތައް ކަމެކެވެ!

ރައްޔިތުނާއި ގާތުން ހިދުމަތްތައް ލިބޭ ލާމަރުކަޒީ ފުރިހަމަ ނިޒާމަކަށް ޤައުމު ފައްކާ ކުރަމުންދާއިރު އެ ނިޒާމުން ލިބިދޭ އެންމެހާ ލުއިފަސޭހަތާކާއި ހައްގުތަށް ލިބިގަތުމަކީ ރައްޔިތު މީހާގެ ވެސް ޒިންމާ އެކެވެ. ލާމަރުކަޒީވުމަކީ ހަމައެކަނި އިތުރުބަޔަކަށް މުސާރަ ދީފައި ބޭތިއްބުމެއްނޫނެވެ.

ކައުންސިލަރުން ޖަވާބުދާރީކުރުވަން ރައްޔިތުންނަށް ލިބޭ މިފަދަ ރަނުގެ ފުރުސަތުތައް ނަގައި ނުލާށެވެ. ފަރުދީ ޒިންމާ އިސްކޮށް ޒިންމާދާރު މުޖުތަމައުއެއް ބިނާކުރުމަށް ފަރުދީ ގޮތުން ތިމާ އަދާކުރަންޖެހޭ ރޯލް އަދާކުރުމުގައި އަޅުގަނޑުމެން އަތުކުރި އޮޅާލުން މުހިއްމެވެ.