ދިޔޯ ކޮލަމް:ކީއްކުރާ ކޮން އަތޮޅުވެރިކަމެއް ހެއްޔެވެ؟

މުޙައްމަދު ޢަބްދުއްލަޠީފް

ތެދުތެދަށް ދަންނަވަނީނަމަ އަތޮޅުވެރިކަމަކީ އަތޮޅުގެ އެހެން ރަށްރަށުގެ ތަރައްގީއާއި ކުރިއެރުމަށް އޮތް ހުރަހެކެވެ. އެހެނީ އަތޮޅުވެރިކަމުގެ ފަރާތުން އަތޮޅަށް ކޮއްދޭ އެއްވެސް ކަމެއް  ނެތެވެ. ކޮށްދިން ކަމެއް އަދި ކޮށްދެވޭނެ ކަމެއްވެސް ނެތެވެ. ވީއިރު ކިއްކުރާ ކޮން އަތޮޅުވެރިކަމެއް ހެއްޔެވެ.

އަތޮޅުވެރިރަށް އުފެދުނީވެސް އަތޮޅަށް އަދި އަތޮޅުގެ ރައްޔިތަކަށް ކަމެއް ކޮށްދޭކަށް ނޫނެވެ. ދިވެއްސަކަށްވީތީ، ދިވެހި ޖައްވަަށް ނޭވާލާތީ، ހަމަ ކޮންމެ ރައްޔިތަކުވެސް ޓެކުސް ދައްކާން ޖެހުނު ޒަމާނެއް ރާއްޖެ ވަނީ ދެކެފައެވެ. ދިވެހިދައުލަތުން ނުވަތަ ސަރުކާރުން ރައްޔިތުންނަށް ދިން ސަލާމަތެއް ރައްކާތެރިކަމެއް ނެތިއެވެ. ފޯރުކޮށްދިން އިލްމެއް ލުޔެއް ފަސޭހައެއް ނެތިއެވެ. މިދެންނެވި ޒަމާނުގައި މިޓެކުސް ނަގާ އެއްތަންކުރުމަށް ކުރެވުނު އެއްކަމަކީ އަތޮޅު ވާރުގެ(އަތޮޅު ޓެކުސް އޮފީސް) ނަމުގައި ކޮންމެ އަތޮޅެއްގައިވެސް ވަކި ރަށެއްގައި ވާރުގެތަށް ހަދާ އެތަންތަނަށް ވެރިން އައްޔަންކުރުމެވެ. އަދި އަތޮޅުގެ ވާރު އޮތް ރަށުގައި ހުރި މިދެންނެވި ވާރުގެ، އަތޮޅުއޮފީސް ކަމުގައިވެ، އަތޮޅުވާރުގޭގެ ވެރިޔަކީ އަތޮޅުވެރިޔާ ކަމުގައި ވިއެވެ. އާދެ އަތޮޅު އޮފީހާއި އަތޮޅުވެރިޔާ އުުފަންވީއެވެ. އަތޮޅުގެ ރައްޔިތުންނަށް، އަތޮޅުގެ ރަށްރަށަށް، ކަމެއް ކޮށްދޭކަށްނޫނެވެ. ދިވެހި ސިންގާސަނާގެ ޝާނާއި ޝައުކަތަށްޓަކައެވެ. ރަދުންނާއި އެރަދުންގެ ވަށައިގެން ތިބި ބޮޑުންގެ ބަނޑުފުރާނަ މުއްތިކުރުމަށެވެ. އެވެރިންގެ އިއްޒަތާއި ޝަރަފައްޓަކައެވެ.

މިގޮތުން އުފެދުނު އަތޮޅުވެރިރަށް އުފެއްދީވެސް އެއްވެސް ވަރަކަށް އެއްވެސް ކަހަލަ ބެލުމެއް ނެތިއެވެ. އަތޮޅެއްގެ ވެރިރަށް ކަމުގައި ރަށެއް ހަމަޖެއްސުމުގައި ބަލާންޖެހޭ އެއްވެސް ކަމަކަށް ނުބަލައެވެ. މި އަތޮޅަށް ބަލާއިރު ވާރުގެ ޒަމާނުގައި ވެރިކަން އުތީމަށް ފަހުން ބާރަށަށްވެސް ބަދަލުވި ކަމަށް ބުނެވެއެވެ. އުތީމަށް އޮތީވެސް އަތޮޅުވެރިޔާ ދިރިއުޅެން އެދޭ ރަށަކީ އެއީ ކަމަށްވާތީއެވެ. ބާރަށަށް ބަދަލުވީ އެވަގުތު ހުރި އަތޮޅުވެރިޔާ ހުންނާން ބޭނުންވި ރަށަކީ އެއީ ކަމަށްވުމުންނެވެ. އޭގެފަހުން ހޯރަފުއްޓަށްވެސް ބަދަލުވިއެވެ. އަދި އެއަށްފަހު ދިއްދޫއަށް ބަދަލުވިއެވެ. ހޯރަފުށިން ދިއްދޫއަށް އަތޮޅުވެރިކަން ބަދަލުވީ ކީއްވެތޯ އެދުވަސްވަރުގެ މީހަކު ގާތުން ވަރަށް ކުރިން އަހާލީމެވެ. ޖަވާބުގައި ބުނީ އަތޮޅުވެރިމަކުގައި ހުރީ އުތީމު މީހެއްކަމަށާއި އޭނާގެ ރަށާއި ކައިރިޔަށް ބަދަލުކޮށްލީ ކަމަށާއި އެއީ ވަރަށް ދަތުރުފަތުރު ދަތި ޒަމާނެއްކަމަށެވެ. ޖެއްސުމުގެ ރާގެއްގައި ސީދާ އުތީމަށް ބަދަލު ނުކޮށްލީ ކީއްވެތޯ އަހުރެން އަހާލީމެވެ. ދެން އޭނާގެ ޖަވާބަކަށްވީ އަމިއްލަ އެދުންވެސް ފާޅުކުރާން ކެރޭނީ ވަކިވަރަކަށް ނޫންހޭ އެރަށާއި އެންމެ ކައިރިން އޮތް ކިރިޔާވެސް ރަށަކަށްވާ ރަށް މާލޭ ސަރުކާރަށް ދެއްްކީކަމަށެވެ. މީ ހަމަ އެކަނި މިއަތޮޅުގެ، ކަން އޮތް ގޮތެއް ނޫނެވެ. މުޅިރާއްޖޭގައިވެސް މިކަން ހިނގި މަގެވެ.

މިފަދައިން އުފެދުނު އަތޮޅުވެރިކަން ފަހުގެ ތާރީހެއްގައި ސަރުކާރުތަކުން ބޭނުންކުރީ އަތޮޅުގެ އެހެން ރަށްރަށުގެ ކުރިމަރާ ބޭހެއް ގޮތުގައެވެ. ރީތި ބަހުން ބުނާނަމަ ނަމުން މިތުރު ކަމުން ހަތުރެއް ގޮތުގައެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކާއި ޝަކުވާއެއްގެ މެދުވެރި އަކަށްވެ އެއިން ކޮންމެ ކަމެއް މަޑުޖެހި ހިފެހެއްޓޭ އޮޔާއި ވައި ބާރު ކަނޑުއޮޅިއެއްގެ ގޮތުގައެވެ. މާލޭ ސަރުކާރުން އަތޮޅުތެރެއަށް ފޯރުކޮށްދޭ މަދު ފައިސާކޮޅަށް ދަހިވެތިވެ ތައްޔާރުވެ އަނގަމަޅައިގެން އޮންނަ މިޔަރެއްފަދއިންނެވެ. އެގޮތުން ސަރުކާރުން ފޯރުކޮށްދޭ ކޮންމެ އަސާސީ ހިދުމަތަކާއި ކޮންމެ ލުއި ފަސޭހައެއް އެންމެ ފުރަތަމަ ލިބިދެވޭ ރަށަކީ އަތޮޅުވެރިރަށް ކަމަށް ހަދާ އެހެން ހުރިހާ ރަށެއް އިނދެ ޖައްސާލީއެވެ. އެއްވެސް ހިދުމަތެއް ދިނުމުގައި އެހިދުމަތެއް އެވަގުތަކަށް އެންމެ ބޭނުންވަނީ ކޮންރަށަކަށްތޯ އެއް ނުބަލައެވެ. ހުރިހާކަމެއްވެސް ހަމަ އަތޮޅުވެރި ރަށަށެވެ. ކުޑަމިނުން އެބުނާ އަތޮޅު އޮފީހުން ވަޒީފަގަނޑެއްގެ މިންވަރުވެސް އަތޮޅުގެ އެހެން ރަށެއްގެ މީހަކަށް ލިބިފައި އެބައޮތް ހެއްޔެވެ.

މަގުހަދާ ތާރުއެޅުމުގެ މަޝްރޫއެއް އަތޮޅަކަށް ހަމަޖެހޭއިރު އެއަތޮޅުގައި އެންމެބޮޑަށް މަގު ހަލާކުވެ ފެންބޮޑުވެ ޗަކަވެ ޗަކަގަނޑުން ކަހާލައިގެން އެންމެ ގިނަ މީހުންވެއްޓޭ ރަށަކީ ކޮބައިކަން ނޭނގޭ އަތޮޅުއޮފީހެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ. އެއަތޮޅު އޮފީހަކަށް އެއަތޮޅުއޮފީސް ހުރިރަށެއްގައި ނޫނީ އެއްވެސް ކަމެއްކުރާން ނުފެންނަ އަތޮޅު އޮފީހަކާއި އަތޮޅުވެރިކަމެއްގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ހުސް އެކަނި އަތޮޅުވެރިރަށް ހިންގާ އެރަށް ކުރިއަރުވާ އަތޮޅު އޮފީހަކަށް އަތޮޅުއޮފީހޭ ކިޔުން ހެޔޮވާނެ ހެއްޔެވެ.

ހަގީގަތުގައި އަތޮޅުވެރި ރަށޭ އަތޮޅޭ ކިަޔއިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނެތެވެ. މިސާލަކަށް ހއ އަތޮޅު ހޮސްޕިޓަލަށް “ދިއްދޫ ހޮސްޕިޓަލް” އޭ ކިޔައި ނަންދީ އެއީ ދިއްދޫ ހޮސްޕިޓާ ގޮތުގައި ހިންގީމާ އެ ހޮސްޕިޓަލަށް އިހަވަންދޫ ، ހޯރަފުށި ރައްޔިތުން ނުދާނެހެއްޔެވެ. ނުގޮސް ކުރާނެ ކަމެއް އޮންނާނެހެއްޔެވެ. ނޫނީ ދިޔައިމާ ތިޔައީ ދިއްދޫ މީހުންނެއް ނޫނޭ ކިޔައި ހިދުމަތް ނުދީ ފޮނުވާލާނެހެއްޔެވެ. ދެން އެހެންނޫނަސް އެއީ އަތޮޅު ހޮސްޕިޓާ ކަމަށްވާތީ އެތަނުގެ ވަޒީފާގައި ތިބީ ތަކަންމާރަންދޫގެ ކިތަށް ރައްޔިތުންތޯވެސް ބަލާލާކަށް ނުޖެހޭހެއްޔެވެ. އަތޮޅު ހޮސްޕިޓާވިއްޔާއެވެ.

އެންމެ ގިނަ ކުދިން ތައުލީމު ހާސިލުކުރަނީ ކޮން ރަށެއްގެ ކޮން ސުކޫލެއްގައިތޯ ބަލައިލުމެއްނެތި އަތޮޅުގެ ރައްޔިތުން ތައުލީމު ހާސިލްކުރުމަށް ގޮސްތިބޭން އެންމެ ހިތްއެދޭ ރަށަކީ އަދި އެންމެ ފަސޭހަރަށަކީ ކޮބައިތޯ ބަލައިލުމެއްނެތި އަތޮޅުވެރި ރަށޭ ކިޔައި ވަކި ރަށެއްގައި “އަތޮޅުތައުލީމީ މަރުކަޒު” ގެ ނަމުގައި ސާޅީހަކަށް ކުލާސްރޫމާއި އެއާއިވާނެ އެހެންހުރިހާކަމެއް އެރަށަކަށް ސަރުކާރުން އޮއްސާލީމާ ފަނުފުލުން ދަނީ އެހެން ރަށް ރަށުގެ ރައްޔިތުން އެރައްޔިތުންގެ އަމިއްލަ ރަށަށްޓަކައި ވި ގުރުބާނީއެވެ. އެމީހުން އެމީހުންގެ ރަށަށްޓަކައި އެމީހުންގެ ދަރިންނަށްޓަކައި އޮހޮރި ދަލާއި އުފުލިބުރަޔާއި ލިބިގަތް ވެނާއި ކެކުޅުމެވެ. ކުރުކޮށްބުނަނީނަމަ އާދައިގެ ރަށެއްގެ ރައްޔިތުން މައި ސަރުކާރާއި ވާދަ ކުރުމަކީ ކިހިނެއް ކުރާނެ ކަމެއް ހެއްޔެވެ.

ސަރުކާރަށް އެންމެ ގިނައިން ޓެކުސްދައްކާ ރަށް ބާއްވާފައިފައި އަތޮޅުވެރި ރަށޭ ކިޔައިފައި އެރަށުގައި މީރާގެ ގޮތްޕެއް ހެދުމަކީ ސަރުކާރަށް ޓެކުސް ދައްކާ މިދެންނެވި މީހުންނަށް ކުރެވޭ މަލާމާތެއް ނޫންހެއްޔެވެ. އެންމެގިނަ ފައިސާ ވަދެ ނިކުމެވާ އެންމެގިނަ ލޯނާއި ބޭންކިންގެ ހިދުމަތް ބެނުންކުރާ ރަށް ދޫކޮށްލާފައި އަތޮޅުވެރިރަށޭ ކިޔައި ވަކިރަށެއްގައި ބޭންކު ހިދުމަތްދޭންފެށުމަކީ އެރަށުގެ މޫނުމަތީ ޖެހޭ ތަފާލެއް ނޫން ހެއްޔެވެ. މިހެން ދެން ދިގުކުރާން ކިޔާނެ ކަމެއް ނެތްތާއެވެ. އެންމެ ގިނަ ފަޅުއޮޑިފަހަރާއި ނާލުބައްތެލި ގެންގުޅޭ ރަށުންވެސް ރަޖިސްޓްރީއާއި ގުޅޭ އެތަށް ކަމެއްގައި އަތޮޅުވެރި ރަށަށް ، އަތޮޅުއޮފީހަށް ދަތުރު ކުރާން ޖެހުމަކީ ކިހާ ފައްކާ ކަމެއް ހެއްޔެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަތޮޅުވެރިކަމަކީ ގައިދެކެވެ. ހައްޔަރެކެވެ. މިހައްޔަރުން ނެއްޓި މި ގައިދުން މިންޖުވެގެން ނޫނީ އަތޮޅުގެ އެހެން ރަށްރަށުގެ ތަރައްގީއާއި ކުރިއެރުން އޭގެ ހަގީގީ މާނާގައި ލިބިގަނެވޭކަށް ނެތެވެ.

ޚިޔާލު ފައުޅުކުރުން

ދިއްދޫގަ ކުރި އަތޮޅުވެރިކަން ހޯރަފުޓަށް ބަދަލުވިކަން ލިޔުތެރިޔާގެ ހޯދުންތަކުން ނުދަެްކާ ލިޔުތެރިޔާ އަދި އިތުރަށް މަޢުލޫލާތު ހޯފަވާ