ދިޔޯ ކޮލަމް: އެމްޑީޕީގެ ރިޔާސީ ޕުރައިމަރީގެ ނަތީޖާ އަކީ ކޮބާ؟

މުޙައްމަދު ޢަބްދުއްލަޠީފް

އެމްޑީޕީގެ ރިޔާސީ ޕުރައިމަރީ ފެށިގެން ކުރިއަށްދާއިރު އެޕާޓީގެ ތެރެއިން ލައްކަ ގިނަ ގޮންޖެހުންތަކާއި ރައީސް މުހައްމަދު ނަޝީދަށް ވަނީ ކުރިމަތިވެފައެވެ. އިއްޔެ މުޅިން ފަހިކޮށްހުރި ހުރިހާކަމެއްހެން މިއަދުވަނީ އެކޮޅުކޮޅުން ޖެހިފައެވެ. އަމީން ދީދީ ވިދާޅުވާ ފަދައިން ދުނިޔެ އަކީ ވަރަށް ފާޑެއްގެ ތަނެކެވެ. ދުނިޔެ މިއަދު މިވަނީ އެމަނިކުފާނައި މެދުވެސް ތުން ފިއްތާލާފައެވެ.  އާދެ! ދުނިޔޭގެ ތަބީއަތުގައި ދުނިޔެ ހިނގާ މަގެވެ. އުސްގަނޑަކަށް ފަހު އަޑިގަނޑެކެވެ.

އެމަނިކުފާނަކީ ވެސް އާދަމުގެ ދަރިއެއްކަމުން ހެއްދެވިފައި ހުރި ގޯސްތަށްވެސް އެބަހުއްޓެވެ. އޭގެ ނާޖާއިޒު ފައިދާ ނަގާ އިއްޔެގެ ވިދުން ކަނޑުވާލުމަށް މިއަދު ފޫގަޅައިގެން ތިބީ އިއްޔެ އެމަނިކުފާނު ވިދާޅުވި ކޮންމެ ބަސްފުޅަކަށް އާދެ! މަ ސާހިބު، ކިޔުއްވި ފަރާތްތަކެވެ. ތައުރީފާއި ހުޝާމަދުގެ ހިފެހެއްޓުމެއްނެތް ބަސްތަކުން އެމަނިކުފާނުގެ ސިޔާސީ ޝަހުސު ޖަރީކޮށްދިން ފަރާތްތަކެވެ.

މިއިން އެއްވެސް ކަމަކީ އެމަނިކުފާނަކަށް މާބޮޑު އަޖައިބަކަށް ވާނޭ ކަންކަމެއް ނޫނެވެ. އެހެނީ އެމަނިކުފާނަކީ ދުނިޔެއާއި ރާއްޖޭގެ ސިޔާސީ ކަނޑު ވަރަށް ރަނަގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެކަނޑުގެ އޮޔާއި ވައި ބަދަލުވާ ގޮތްތަކާއި ވަގުތާއި ހާލަތާއި ސަބަބުތަކަކީ އެމަނިކުފާނު ހަމަ މުޅިންހެން ހިތްޕުޅުން ދަސް ކަންކަމެވެ. އެހެންކަމުން އެފަރާތްތަކުން އެމަނިކުފާނަށް އެރުވި ފެންކައްކާ ބޮލީގެ އިއްޒަތާއި އެކުވެސް އެމަނިކުފާނު މި އިންތިހާބަށް ކުރިމަތި ލައްވާފައި މިވަނީ ވަރަށް ރަނގަޅަށް ހަލާދަނޑީގެ ދެކޮޅަށްމެ ސަމާލުވެހުރެ ވަރަށް މުހިންމު ބޭނުމެއްގައިކަން ކަށަވަރެވެ. ވަރަށް މުހިންމު މަގުސަދެއްގައިކަން ޔަގީނެވެ.

ދެހާސް އަށާރައިގެ ރިޔާސީ ޓިކެޓް ތަބަކުން ލިބިވަޑައިގެންނެވި ދުވަހު އުކުޅަހުގައި ހުރެ އަޑަށް ބާރުލައްވާ އަޅުގަނޑު މިޔަދުވެސް ދެކެން ބޭނުންވާ، އެންމެ އުފާ ވާނެ ދުވަހަކީ ރައީސް މުހައްމަދު ނަޝީދު އަޅުގަނޑުމެންގެ ވެރިއެއްގެ ގޮތުގައި މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމާއި ވީހާވެސް އަވަހަކަށް ހަވާލުވެގެންދާނޭ ދުވަހޭ ވިދާޅުވި، ރައީސް ސޯލިހު މިޔަދު އެހުންނެވީ ސިޔާސީ ގޮތުން ކުޅެވެން އޮތް ކޮންމެ ކުޅިއެއް ކުޅެގެންވެސް ރިޔާސީ ޓިކެޓު ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ. އެމަސައްކަތް ކޮށްދޭން ދާއިރާތަކުގެ ރައީސުންނާއި ވަޒީރުންނާއި މަޖިލީހުގެ މެންބަރުން އެތިބީ ކަމަރު ބަނދެގެންނެވެ. ވުމާއި އެކު ރައީސް ސޯލިހުވެސް މާކަ ބައްޔެއް ނުވާނެއެވެ. އިންތިހާބަކީ ވަރަށް ވާން އިންތިހާބަކަށް ވާނެއެވެ.

ރައީސް ސޯލިހަށް ޓިކެޓް ހޯދައިދޭން ނިކުތް މީހުން ފުރަތަމަ ހިންގާލި އެތިފަހަރުންވެސް ރައީސް ނަޝީދު އެހުންނެވީ ގަތުލުވުމަކާއި ގާތަށް ވަޑައިގެންނެވިފައެވެ. އެގޮތުން ޕާޓީގެ މެމްބަރުންގެ ލިސްޓަށް ގެނައި ބަދަލާއި އެކު އެމަނިކުފާނަށް ތާއިދު ކުރާ ގިނަބަޔަކަށް ވަނީ ވޯޓް ލުމުގެ މަގު ބަންދުވެފައެވެ. އަނެއްބަޔަކު ތިބީ ދާއިރަތަކުގެ މަޖިލިސް މެމްބަރުންނާއި ރައީސުންގެ މުށުތެރޭގައި ވަރަށް ރަނަގަޅަށް ފިތިފައެވެ. ދެންތިބިބަޔަކުވެސް ތިބީ އެދުންތަކާއި ބޭނުންތަށް ނުފުދިދާނެތީ ހިތް އެދޭ ގޮތަށް ވޯޓެއްލާން ޖެހިލުންވެފައެވެ.  ވުމާއި އެކު ރައީސް ނަޝީދަށް ވޯޓެއް ހޯދުން ވާނީ ހަތްމުގޯލިން ގާނެގުން ކަހަލަ ކަމަކަށެވެ.

ކޮންމެއަކަސް ކުރިއަށް އޮތީ ރައީސް ނަޝީދަށް ދަތި އުނދަގޫ އިންތިޚާބެކެވެ. އެއާއި އެކުވެސް ޔަގީންވާ ކަމެއް އެބައޮތެވެ. އެމަނިކުފާނަކީ އެމް ޑީ ޕީ އާއި ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ރުހުމާއި ލޯތްބާއި ތާއިދު އޮތް ފަރާތެވެ. މަސް ދާނީ ފެން އޮތް ތާކަށޭ ބުނާ ބީދައިން ދުނިޔެވީ  ކޮންމެވެސް އަމިއްލަ އެދުންފުޅެއް، ނިޔަތުގައި  އޮތް ބަޔަކު ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުމެއް ނޯންނާނެތީ މިޔަދު އެމަނިކުފާނު ދޫކޮށް ދިޔަޔަސް އެއީ  އާންމުންގެ މެދުގައި އެމަނިކުފާނަށް އޮތް ލޯތްބާއި ތާއިދަށް ކުޑަވެސް ބަދަލެއް އަންނާނޭ ކަމެއް ނޫނެވެ. އެމަނިކުފާނުގެ އެ ދިހުންގަދަ ސިޔާސީ ލިބާހުގެ ފަސްބައިގައި ހިފުނު ގޮތަކަށް ހިފައި ބަނޑު ބިންމަތީ ދަމައިގެން ހޯދި މަތީ މަގާމުތަކާއި ވަޒިފާތަކުގައި ތިއްބެވި ފަރާތްތަކަށް އެމީހުންގެ މަގުސަދާއި ބޭނުން ހާސިލްވެ ނިމިފައިވިޔަސް އެމަނިކުފާނާއި ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައިވާ އެދުމެއްނެތް އާއްމުން، އަދި އެމަނިކުފާނު ދޫކޮށެއް ނުލައެވެ. ދޫކޮށެއް ނުވެސް ލާނެއެވެ.

މިއިންތިހާބުން އެނގި ކަށަވަރުވާނޭކަމަކީ އެއީއެވެ. އިންތިހާބުގެ ވޯޓު ކޮންމެ ކޮޅަކަށްވެސް ބަރުވުމުގެ ފުރުސަތު އެބައޮތެވެ. ކޮންމެ ކޮޅަކަށް ވޯޓު ބުރަވިޔަސް މިއިންތިހާބުން އަނެއްކާވެސް ސާފުވެ އެނގިގެން ދާނީ ރައީސް ނަޝީދަކީ އަދިވެސް ރާއްޖޭގެ އެންމެ މަގުބޫލު ލީޑަރުކަމެވެ. އެމަނިކުފާނަށް އެމްޑީޕީގެ މެންބަރުންގެ ހިތުގައި އޮތް މަގާމާއި ލޯތްބެވެ. ފަނޑުވުމެއް ބަދަލުވުމެއް ނެތް ހިތާއި ހިތުގެ ގުޅުމެވެ.

މިއާއި އެކު އެމްޑީޕީގެ ރައީސް ސޯލިހުގެ ވައަތުފިޔައިގެ ގުރޫޕްތަކުން ރައީސް ނަޝީދުގެ ވަރަ ކޮށާލާ އެމަނިކުފާނު، ދިވެހި ސިޔާސީ މައިދާނުން ނަގާލުމަށް ކެނޑިނޭޅި ކުރި މަސައްކަތަށްވެސް އޮންނާނީ ޖަވާބު ލިބިފައެވެ. އިންތީހާބުގެ ހަގީގީ ނަތީޖާއަކީ އެޔެވެ. އެމް ޑީ ޕީން ރައީސް ނަޝީދު ބޭރުކޮށް މާދުރުން އެހެންބަޔަކު ގެނެސްލައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ ވާނޭ ކަމައް ނޫންކަން ޔަގީންވުމެވެ. ރައީސް ސޯލިހުގެ ވައަތު ފިޔައިގެ ގުރޫޕުތަކުން ކުރި މަސައްކަތް ކާމިޔާބުވެފައި ނެތްކަމާއި ރައީސް ނަޝިދަކީ އަދިވެސް އެމްޑީޕީއާއި ރާއްޖޭގެ ރައްޔިތުންގެ އެންމެ މަގުބޫލު ސިޔާސީލީޑަރުކަން ސާބިތުވެ ޔަގީންވުމަކީ މި އިންތިހާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާއެވެ.