މިނިވަންކަން

މުޙައްމަދު ފިރާޟް

މިނިވަންކަން އެއީ އަޅުވެތި ކަމުގެ އިދިކޮޅެވެ. އަޅުވެތިކަމެއްނެތުމުގެ އިހްޞާސްތަކާއި  އަދި އަމިއްލަކަމުގެ އިހްޞާސްތައް އުފައްދަނީ މިނިވަންކަމުގެ ފޮނި އިހްޞާސްތަކެވެ. ދިވެހިރާއްޖޭގެ ފަހްރުވެރި 52 ވަނަ މިނިވަންދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެ ކިޔުންތެރިންނަށް އަރިސްކުރަމެވެ. ނަމަވެސް، މި ދުވަސް އަޅުގަނޑުމެންނާއި ބައްދަލު ކުރި އިރު، ހާލަތު މިއަދު މި ވަނީ ބަދަލުވެފައެވެ. ޙަޤީޤީ މިނިވަންކަމުގެ އިހްޞާސް ކުރެވެނީ ތިޔައިން ކިތައްބޭފުޅުންނަށް ތޯއެވެ؟

ދިވެހި ދިދައިން އަބަދުވެސް މިނިވަންކަން ރަމްޒު ކޮށްދެއެވެ. ދިދައިގެ ދެކަން ދަޑިއަށް އެއްސިފައިވާ އިރު އަނެއް ދެކަން އެހުންނަނީ ވައިގެ ތެރޭގައި ވިހުރެން ތާ އަބަދަށް އެއްވެސް ހުރަހެއް ނެތި ދޫކޮށްލެވިފައެވެ. އެހާވެސް، މިނިވަންކަމާއެކު ގައެވެ. މިމަންޒަރު ފެންނަ ކޮންމެ ފަހަރަކުމެ އަޅުގަނޑުމެންގެ ހިތްތަކުގައި މިނިވަންކަމުގެ ޖޯޝް އުފައްދައެއްނޫންތޯއެވެ؟ އެހެންނޫންތޯ؟ ވުމާއެކު، މި އިން ބުނެ އަންގަނީ މިނިވަންކަމުގެ ހުދޫދެއް ވާކަމެވެ. އަދި މުޖުމަތަމަޢުގެ މަސްލަޙަތަށްޓަކައި މި ހުދޫދުތަކުގެ މުހިއްމުކަމެވެ. އަދި މި ހުދޫދުތައް އެއީ ފަހަނަ އަޅައި ނުދެވޭނެ ކަންތައްތަކެއް ކަމެވެ.

އަސާސީ ޙައްޤުތައް ހިމާޔަތް ކުރެވިފައި އޮތުމީ މިނިވަންކަން އޮތުމެވެ. އަސާސީ ހައްޤުތައް ރައްޔިތުންނަށް ކަށަވަރު ނުވާ ކޮންމެ ހިނދެއްގައި އުފެދެނީ ބިރުވެރިކަމާއި މާޔޫސްކަމެކެވެ. ބިރުވެރިކަމާއި މާޔޫސް ކަމުގެ އިހްސާސްތައް އުފެދުމުން، މިދެންނެވުނު މިނިވަން ކަމަށް ބުރޫ އަރައެވެ. މިނިވަންކަން އަތުން ބީވެގެންދާ ކަމަށް ރައްޔިތުން ދެކެއެވެ. އުމުރާނީ ތަރައްޤީ އާއި، އިޤްތިޞާދީ ފުދުންތެރިކަން ވަނީ މިނިވަން ކަމާއި ގުޅި ލާމެހިފައެވެ. އުމުރާނީ ތަރައްޤީ ލިބެނީ މިނިވަން ހިޔާލުތަކާއި، މިނިވަން ވާހަކަ ތައް ޙިއްޞާކުރެވިގެން ނެއެވެ. މަސައްކަތް ކުރުމުގެ މިނިވަންކަމާއި، ވިޔަފާރިތައް ހިންގުމުގެ މިނިވަންކަން، އިޤްތިޞާދީ ފުދުންތެރިކަމުގެ މިޞްރާބަށް ގައުމުގެ ދުވެލި ބަދަލު ކޮށްލަދެއެވެ.

މި ދެންނެވުމުގެ މިނިވަންކަމުގެ ފޮނިކަން ގޮސް ނިމެނީ ޤައުމުގެ ވެރިކަން ހިންގުމުގެ ނިޒާމަށާއި އެ ނިޒާމުގެ އޯގާތެރިކަމުގެ މައްޗަށެވެ. ދާހިލީ އަދި ހާރިޒީ ގުޅުންތައް ގެތުމަށް ޤައުމަކުން ގެންގުޅޭނެ ސިޔާސަތު ތަކުގެ މައްޗަށެވެ. ކުރުކޮށް ދަންނަވަނީ ނަމަ، ހެޔޮވެރިކަމުގެ މައްޗަށެވެ. އެހެންކަމުން، ޤާނޫނު އަޞާޞީ ނެގެހެއްޓުމާއި، އެއަށް ކިޔަމަންތެރިވެ، ފުރިހަމައަށް ބޯލެބުމުގައި ދަޢުލަތް ކުޑަކޮށް ނަމަވެސް، އިހްމާލު ވެއްޖެނަމަ، ދިވެހިން ބޭނުންވެގެން ވާހަކަ މި ދައްކާ “މިނިވަންކަން” ކަފުން ކުރެވުނީއެވެ. އިސާހިތަކު، ޤައުމުގެ އިޖްތިމާޢީ ފޭރާންވީދި، ރައްޔިތުން ވެގެންދާނީ ރެފިޔުޖީންނަށެވެ.