ސިޔާސީ ހަރަކާތް

މުޙައްމަދު ފިރާޟް

އެއީ ޤަބޫލުކުރާ ޤަބޫލުކުރުމެއް ކަމަށް ހީކުރެވޭ ފަހަރު އާދައެވެ. އެއީ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ހެދޭ ފަހަރުވެސް އާދެއެވެ. އަދި އެއީ، ވަކި ފަރުދަކަށް ކުރެވޭ ތާޢީދެއްގެ ގޮތުގައިވެސް ދެކެއެވެ. މިފަދަ ހަރަކާތް އާއިލާތެރެއިންވެސް އުފަންވާ ކަމަށް މީހުން ބުނެއެވެ. މި ފަދަ ހަރަކާތެއް ގައި އިންސާނާއަށް ގިނަ ފަހަރަށް އުޅެން މެދުވެރިވާ ސަބަބަކީ، ދިރިއުޅުމުގެ ހާލަތެކެވެ. ނުވަތަ އެ ހާލަތު މެދުވެރިވާން ކުރުވި ސަބަބު ތަކެކެވެ. ކޮންމެ ގޮތަކަށް ކަންއޮތް ނަމަވެސް، އަމަލާއި ބަހުން މި ބުނާ “ސިޔާސީ ހަރަކާތް” ނުހިންގާ/ އެކަމުގައި ސާމިލް ނުވާ ދިވެއްސެއް ހުރުމީ ނާދިރު ކަމެކެވެ. ބައެއް ފަހަރު، މިހާގެ މަސްހޫރުކަން މީހުންގެ ތެރޭގައި ފެތުރުމަށް މި ދެންނެވުނު “ސިޔާސީ ހަރަކާތް” ތަކުގައި ބާރަށް ފަލި ޖަހާ ޒުވާނުން މިއަދު މަދެއް ނޫނެވެ.

ތިމާއަށް މާތް ﷲ ދެއްވާފައިވާ ބުއްދީގެ ހެޔޮވިސްނުމުގެ ތެރެއިން، ހަމައާއި އުޞޫލުތައް ޤަބޫލު ކުރުމަށް ފަހު، ވަކި ސިޔާސީ ފިކުރެއްގެ އަވާގައި ޖެހި މީހާ ޣަރަގުވެ، ކުރިން ޤަބޫލު ކުރި ޤަބޫލުކުރުންތައް ޢަމަލުން ތިމާގެ ޒަމީރު ދައްކަން ބޭނުން ނޫން ނަމަ، އެ ކުރެވެނީ ސިޔާސީ ހަރަކާތް ތޯއެވެ؟ ވަގުތާއި ހާލަތަށް ބަލައި ނުރަނގަޅު ރަނގަޅަށް ހެދުމުން، އެ ކުރެވެނީ ސިޔާސީ ހަރަކާތް ތޯއެވެ؟ ތިމާ ބޭނުންވާ ގޮތަށް ކަމެއް ނުނިމޭހާ ހިނދު އެކަމަށް ފާޑު ކިޔައި މުޒާހަރާ ކުރުމުން، އެ ކުރެވެނީ ސިޔާސީ ހަރަކާތް ތޯއެވެ؟ އަދި މީހުންގެ އަބުރާއި ބެހި، އިންސާނާގެ ޢިއްޒަތާއި ކަރާމާތަށް ހުތުރުކޮށް ޢަމަލު ކުރުމުން، އެ ކުރެވެނީ ސިޔާސީ ހަރާކާތް ތޯއެވެ؟ މުދަލާއި މީހުން ޒާތީ ދިރިއުޅުމަށް އަރައިގަނެ، ފުރާނައަށް ނުރައްކާ ކުރުމުން، އެ ހިންގެނީ ސިޔާސީ ހަރަކާތް ތޯއެވެ؟ ބުމަރެއް އެބުރޭ ގޮތަށް، އެހެން މީހުންގެ ހިޔާލަށް ތިމާގެ އަޤީދާ ގަދަކަމުން ލެއްބުމުން، އެކުރެވެނީ ސިޔާސީ ހަރަކާތް ތޯއެވެ؟

ކަންމިހެން އޮތް އިރު، ހެޔޮ ވިސްނޭ ޒުވާނުންގެ ހާލަތު ގޮތް ނޭގޭ “ސިޔާސީ ހަރަކާތް” ހިންގުމުގައި އަދި މާ ބޮޑެވެ. މިއަދުގެ ޒުވާނުން، މަސައްކަތުގެ މާހައުލުގައި ތިބެ، ހިތުން ސިޔާސީ ޕޯސްޓުތައް ފޭސްބުކުގައި ލިޔެ، ކަމުން، ދަންނަ އެންމެން ޓެގް ކޮށް ލައިކު ހޯދަން ރަށްޓެހިންނަށް ގުޅައި، ޕޯސްޓު ޝެއަރ ކުރުމުން އެ ހިންގެނީ ސިޔާސީ ހަރަކާތް ތޯއެވެ؟ ކަންކަންމަތީ، ނަމާދު ވަގުތަށް ކޮފީގައި ދުއްވާލައި، އަރާމުގެ ނިދި ގެއްލުވާލައެވެ. ނަތީޖާއަކީ، އަނެއް ދުވަހުގެ ފެށުން، ވަރުބަލިކަމާއެކު، އޮފީހުގެ މަސައްކަތްތަކުގައި އުޅެން ޖެހުމެވެ. ދުޅަ ހެޔޮ ޒުވާނުން ބަޔަކު ގުބޯހައްދައި ދެވޭ މަދު މާލީ މަންފާއަކަށް އެމީހުން ސިކުޑި ހިސޯރު ކުރަނީ މަދަކުން ނޭނެވެ. މިބުނާ “ސިޔާސީ ހަރަކާތް” ފައިސާ އަށް / އުޖޫރައަށް ހިންގަނީއެވެ. ތިމާގެ އަމިއްލަ ނަފުސާ ސީދާ ދެކޮޅަށެވެ.

ވީމާ، ސިޔާސީ ހަރަކާތަކީ ކޮބައިތޯއެވެ؟ މިފަދަ އެންމެ ފަރާތްތަކަށް ސިޔާސީ ހަރަކާތަކީ ކޮބައިކަން އެނގެން ޖެހެއެވެ. ސިޔާސީ ހަރަކާތަކީ ފިތުރަތުގެ ރިވެތި އުޅުމާއި ގުޅުމެވެ. އެއީ، މަޑުމައިތިރި ކަމާއިއެކު އެންމެންނަން އިޙްތިރާމު ކުރުމެވެ. އިންސާނީ ކަރާމާތް ހިފެހެއްޓުމެވެ. ނަފުރަތުން ދުރުވެ، މީހުންގެ ހައްޤުތައް ހިމާޔަތް ކުރުމެވެ. މުޖުތަމަޢުގެ މަސްލަހަތަށް އިސްކުރުމުވެ. ޢަދުލާއި އިންސާފު ކުރިއަށް ނެރުމެވެ. ހެޔޮކަންތައްތަކަށް ބާރު އެޅުމެވެ. އަމިއްލަ ނަފުސު ހިމާޔަތް ކުރުމާއި އެކު، މީހުންގެ ޒާތީ ދިރިއުޅުމުގެ ސިއްރުތައް ހިފެހެއްޓުމެވެ. ކުށްކުރާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމެވެ. ދަޢުލަތުގެ މުދަލަށާއި، ތަކެއްޗަށް ރައްކާތެރިވުމެވެ.

މިދެންނެވުނު ކަންތައް، ދަޢުލަތުގެ ސިޔާސަތައް ފާޑުކިޔުމުގެ ހަރަކާތްތަކުގައި ގެންގުޅެވޭނަމަ، ހަޤީޤަތުގައި އެހިންގެނީ ސިޔާސީ ހަރަކާތެވެ. ދަޢުލަތުގެ ސިޔާސާތުތައް ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތައް އެއީވެސް، ސިޔާސީ ހަރަކާތެވެ.

ވީމާ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި އުޅޭއިރު “ނަފުސުގެ މުއްސަނދިކަން” އެބައިމީހުންނަށް ވިސްނެންޖެހެއެވެ. ތިމާގެ “ނަފުސުގެ މުއްސަނދިކަން” ވިއްކާ ނުލައްވާށެވެ!.